މުޞްޙަފް - 10

(9 މޭ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"މެހެމަލް އެދުނީ ކޮން ކަހަލަ ސްކޮލަރޝިޕަކަށް؟ ކޮންމެވެސް ތަނަކަށް ސިޓީ ލީ ވާހަކަ މެހެތާބް ބުނި؟ އެއީ ތެދެއްތަ؟" ކުއްލިއަކަށް ހަނދާންވީ ކަހަލަ ގޮތަކަށް އާޣާ ކަރީމް އަހައިލިއެވެ.

"ސްކޮލަރޝިޕޭ؟" އާރްޒޫ އަހައިލިއެވެ. ނިދާއާއި ސާމިޔާއާ ދެމީހުން ވާހަކަ ދައްކަދައްކައި ތިބެފައި ހުއްޓައިލިއެވެ. ފިޒާ އަތުގައި ހުރި ފެންތަށި މޭޒުމަތީގައި ބަހައްޓައިފިއެވެ. ފަވާދް އަނގަޔަށް ލާން އުޅުނު ބަތް ސުވާ ނުލައި ހުއްޓައިލިއެވެ.

މޭޒުދޮށުގައި ތިބި އެންމެން ކެއުން ހުއްޓައިލައިފައި މެހެމަލާ ދިމާއަށް ބަލާން ފަށައިފިއެވެ.

"އެއީ ތެދެއް އާޣާޖާން. ބްރިޓިޝް ހައި ކޮމިޝަނުން ސްކޮލަރޝިޕްތަކެއް އިއުލާނު ކުރީ. އެއީ މާސްޓަރސް އަށް ކިޔަވަން ދާން ހުޅުވައިލީ ފުރުސަތުތަކެއް. އަޅުގަނޑުވެސް ސިޓީ ލައިފިން." އޭނާ ހަމަޖެހިލައިގެން ކަމުން ގެންދިޔައެވެ. "އުއްމީދު ކުރަނީ ވަރަށް އަވަހަށް ހަމަޖެހިދާނެ ކަމަށް. ހަމަޖެހުނީމާ އަޅުގަނޑު ދާނީ އިނގިރޭސިވިލާތަށް. ހިތަށް އަރަނީ އެތާގައި ވަޒީފާއެއްވެސް އަދާ ކުރާނީއޭ. ޚަރަދު ކުރާނެ ގޮތެއްވެސް އޮންނާން ވާނެއެއް ނޫންތޯ؟" އޭނާ ފަރުވާކުޑަ ރާގަކަށް ބުނެލިއެވެ. އެކަމަކު ހީކޮށްގެން ހުރި ކަހަލަ ހަރުކަށި ކަމެއް އާޣާޖާންގެ ފުށަކުން ފެންނަ ގޮތެއް ނުވިއެވެ.

"އާނ. ވަރަށް ރަނގަޅު. ކުރިއަށް ގެންދޭ." އާޣާ ކަރީމް އަނެއްކާވެސް ކެއުމުގެ މައްޗަށް ސަމާލުކަން ދިނެވެ. މި ފަހަރު ހައިރާންވީ މެހެމަލެވެ. އެކަމަކު އެކަން މާ ބޮޑަށް ހާމަވާ ވަރެއް ނުކުރިއެވެ.

"ޝުކުރިއްޔާ އަޣާޖާން."

އާޣާ ކަރީމްގެ ރައްދު އަމަލު ހުރި ގޮތުން އެންމެ ބޮޑު ހިތްހަމަ ޖެހުމެއް ލިބުނީ މުސްރަތަށެވެ. އޭނާ އުފަލުން އިނދެ ކާން ފަށައިފިއެވެ. އެހެން މީހުން މާނަ ފުން ގޮތަކަށް އެކަކު އަނެކަކާ ދިމާއަށް ބަލާން ފަށައިފިއެވެ.

މެހެމަލް ހިމޭނުން އިނދެގެން ކާން ފަށައިފިއެވެ. އޭނާ ހީކޮށްގެން ހުރީ ބޮޑު ޠޫފާނެއް އަރާނޭ ކަމަށެވެ. އެކަމަކު އެހެންނެއް ނުވިއެވެ. އެހެން ނުވީ ކީއްވެގެންކަން އޭނާއަށް ވަރަށް ރަނގަޅަށް ވިސްނެއެވެ. އޭނާ ފުރައިގެން ދިޔައީމާ މުދަލާއި ފައިސާގެ ހިއްސާއަށް އެދޭނޭ މީހަކު ނުހުންނާނެއެއް ނޫން ހެއްޔެވެ؟ އެހެންވީމާ އެމީހުންނަށް ރަނގަޅީ އޭނާ އަވަހަށް ދިޔައިއްޔާއެވެ.

"ތިޔަހެންނެއް އަދި ކަލޭމެން ދުލެއް ނުކުރާނަމެވެ. އިނގިރޭސި ވިލާތަށް ދިޔަ ނަމަވެސް އެނބުރި އާދެވުނު ދުވަހަކުން އަހަރެންގެ ހިއްސާ އަތުލާނަމެވެ. ކަލޭމެން އެންމެން ކޯޓަށް ދަމާނަމެވެ. ކަލޭމެން އެންމެ ބޮޑަށް ބިރު ގަންނަ ތަނަކީ އެއީކަން އަހަންނަށް އެނގެއެވެ." އޭނާ ހިތާހިތާ ކިޔައިލިއެވެ.

ފެން ޖަގު ނަގާން އޭނާ އިސް އުފުލައިލީ ވަގުތު ލިބުނީ ކުއްލި ސިހުމެކެވެ. ފަވާދް އިނީ އޭނާޔާ ދިމާއަށް ބަލަހައްޓައިގެންނެވެ. އޭނާ ބަލައިލީމާ އިސް ޖަހައިލުމަށް ފަހު ކުއްލިއަކަށް ތެދުވެއްޖެއެވެ. ރަޒިއްޔާ ހުއްޓައިނުލައި ޕުޑިން ހެދީ ފާއިޤާއޭ ކިޔަމުން ދިޔައެވެ.

"އަހަރެން ކުރަން ޖެހޭ މަސައްކަތެއް އެބައޮތް. ދަނީ."

"އާނ. ދަރިފުޅާ. މަސައްކަތް ކުރަން ވާނެ. އަވަހަށް ދޭ." މެހެތާބް އަވަސްއަވަހަށް ބުނެލިއެވެ. ރަޒިއްޔާ އަނގަ ހުޅުވިފައި ބަލަހައްޓައިގެން އިނީއެވެ. ފަވާދް ދިގު ފިޔަވަޅުތަކެއް އަޅަމުން ނުކުމެގެން ހިނގައްޖެއެވެ. މެހެމަލްގެ ހިތަށް ބާވަތެއްގެ އުދާސްކަމެއް ވެރިވިއެވެ. ކީއް ވެގެން ކަމެއް ނޭނގެއެވެ.

ހަތަރެއް

ކަޅު އަންހެން ކުއްޖާ ދިގުގޮނޑީގައި އިށީނދެން އިންދައި ފެނުނީމާ އޭނާގެ ފިޔަވަޅުތައް ހަލުއި ވެއްޖެއެވެ. އެ އައި ގޮތަށް ހުއްޓުނީ އެ ކުއްޖާގެ ގާތަށެވެ.

"ސަލާމް."

އެ ކުއްޖާ ސިހިފައި އިސް އުފުލައި ބަލައިލިއެވެ. އަދި ހިނިތުންވެލުމަށް ފަހު ސަލާމުގެ ޖަވާބު ދިނެވެ. "ވަޢަލައިކުމުއްސަލާމް." މިހާރުވެސް އޭނާ އިނީ ފޮތުގައި ބާރަށް ދެ އަތުން ހިފަހައްޓައިގެންނެވެ.

"އަހަރެން... އަހަރެން..." މެހެމަލް އެ ކުއްޖާގެ ކައިރީގައި އިށީނދެއްޖެއެވެ. "'އަހަރެން... އިއްޔެ ކަންތައް ކުރީއަކީ ރަނގަޅަކަށް ނޫން. ވަރަށް ބޮޑަށް ލަދުން މި ހުންނަނީ. އަހަރެން މީގެ ކުރިން ދުވަހަކުވެސް އެކަހަލަ ކަމެއް ނުކުރަން. އެހައި ހަރުކަށިކޮށް މީހަކާ..."

"އެ ވާހަކަ ބާއްވާ. އަހަރެން ހިތަކު ނާޅަން."

"ނޫނޭ. އަހަންނަށް މައާފު ކުރޭ. އިއްޔެއެއްސުރެ އަހަރެން މި ހުންނަނީ ކަންބޮޑުވެފައި."

"ހުރިހައި ކަންބޮޑުވުމެއްގެ ހައްލު އަހަރެން ކިޔައިދިނީމެއްނު؟ ހައްލަކާ ދިމާއަށް ނާންނާން ވެގެން ތިޔަ އުޅެނީ މެހެމަލެއްނު؟"

"ނޫނޭ. އެއީ..." އޭނާ އެ ކުއްޖާޔާ ދިމާއަށް ސީދާ ނުބަލަން ވެގެން އިސް ޖަހައިލިއެވެ. "ތިޔަ ފޮތަކަށް އަހަރެންގެ އެއްވެސް ޝައުގުވެރިކަމެއް ނެތް."

"އެކަމަކު މެހެމަލްގެ މައްޗަށް މި ފޮތުގެ ޝައުގުވެރިކަން އެބައޮތް. މި ފޮތް އަހަރެން ގާތު ބުނަނީ ފޮތް މެހެމަލަށް ދޭށޭ."

މެހެމަލް ދިޔައީ ސިއްސައިގެންނެވެ. އެންމެ ފުރަތަމަ އެ ކުއްޖާޔާ ވާހަކަ ދެއްކި ދުވަހުވެސް އެކަހަލަ އެއްޗެކޭ ބުންޏެވެ.

"ތިޔަ... ތިޔަ ފޮތް އަހަރެން ދަނޭތަ؟"

"ސަތޭކަ އިންސައްތައަށް ދަނޭ. މެހެމަލްގެ ދިރިއުޅުމުގެ ހުރިހައި ވާހަކައެއް މި ފޮތުގައި ލިޔެފައި އެބަހުރި. ފާއިތުވެދިޔަ ކަންތައްތަކާއި ވާން ހުރި ކަންތައްތަކުގެ ވާހަކަވެސް."

"ހަމަ ރަނގަޅަށްތަ؟" އޭނާ އެއްވެސް ޔަގީންކަމެއް ނެތް ކަހަލަ ގޮތަކަށް އަހައިލިއެވެ.

"އާނ. މި ފޮތުގައި ހުރިހައި ވާހަކައެއް ލިޔެފައި އެބަހުރި."

"އަހަރެންގެ... އަހަރެންގެ ވާހަކަ ކިޔައިފިންތަ؟"

"ނޫނޭ. އަހަންނަކަށް އެ ވާހަކައެއް ނުކިޔޭނެ."

"އެއީ ކީއްވެގެން؟ ތިޔަ ފޮތް އަދި އެކީގައި ނުކިޔަންތަ؟"

"އަހަރެން މުޅި ފޮތް އެކީގައި ކިޔައިފިން. އެކަމަކު ކިޔައިލީމާ އަހަންނަށް އެނގެނީ އަހަރެންގެ ދިރިއުޅުމުގެ ވާހަކަ. މެހެމަލްގެ ދިރިއުޅުމުގެ ވާހަކަ ފެންނާނީ ހަމައެކަނި މެހެމަލަށް."

"ތިޔަ ކިޔާ އެއްޗެއް އަހަންނަކަށް އެއްގޮތަކަށްވެސް ނުވިސްނޭ." މިހާރު ހަމަ ހަގީގަތުގައިވެސް އޭނާ ކަންބޮޑުވާން ފަށައިފިއެވެ.

"ވިސްނިދާނެ. ހުރިހައި ކަމެއް ވިސްނި އޮޅުންފިލައިފާނެ. އަދި ކުޑަ ވަގުތުކޮޅެއް ހޭދަ ވާނެ."

މެހެމަލް އަނގައިން ނުބުނެ އެ ކުއްޖާއާ ދިމާއަށް ބަލަހައްޓައިގެން އިނީއެވެ. މިއީ ކޮން ތަނަކުން އައި ކާކު ބާވައެވެ؟ އޭނާ އެ ގެންގުޅޭ ފޮތަކީ ކޮންމެވެސް މީހަކު މީގެ އެތައް ގަރުނެއް ކުރީން ލިޔެފައި އޭނާއަށްޓަކައި ބާއްވައިފައި އޮތް ފޮތެކޯލައެވެ. އެއީ އޭނާއަށް ވިސްނޭ ކަހަލަ ވާހަކައެއް ނޫނެވެ.

ބަހުގެ ބަރުގޮނުގެ އަޑު އިވުނީމާ އޭނާ އަނގައިންވެސް ނުބުނެ ގޮސް ބަހަށް އަރައިފިއެވެ.

ކަޅު އަންހެން ކުއްޖާ އޭނާ ބަހަށް އެރިތަން ބަލަން ހިނިތުންވޭވޭ އިނެވެ.

* * *

"ފަވާދް ގެ ސައި ކޮޓަރިއަށް ގެންގޮސްދީ. މެހެމަލް... ކަލޭ ގާޑިޔާ ބޭރަށް ނެރޭ." މެހެތާބް އޭނާގެ އާދައިގެ މަތީން ޝާހީ އަމުރުފުޅު ހިންގައިލައިފައި ހިނގައިގަތީމާ މެހެމަލް ޚިޔާލެއްގެ ތެރޭގައި އިނދެފައި ހޭވަރިކަން ވެއްޖެއެވެ.

"މެހެމަލް. ފަވާދްގެ ސައި ވަކިން ތައްޔާރުކޮށްލާ. އަހަރެން ގެންގޮސް ދީފާނަން. ދަރިފުޅު އެހެން މީހުންގެ ސައި ގާޑިޔާ ގެންދޭ."

"އަހަރެން ގާޑިޔާ ނުގެންދާނަން. މި ލަދުކުޑަ މީހުންގެ ކަންތައް ކޮށްދީދީ އަހަރެން މިހާރު ވަރުބަލި ވެއްޖެ."

"އެންމެ ރަނގަޅު. އަނގަ ނުތަޅާ." މުސްރަތު ކުޑަކޮށް ކަންބޮޑުވެފައި ކުރިއަށް ޖެހިލައި ގާޑިޔާގެ އުޅަކުގައި ހިފައިލިއެވެ. "އަހަރެން ގާޑިޔާ ގެންގޮސްފާނަން. ދަރިފުޅު ފަވާދްގެ ސައި އޭނާގެ ކޮޓަރިއަށް ގެންގޮސްދީ."

އެއީ އޭނާ ބޭނުންވާ ގޮތެވެ. އެކަމަކު ފަރުވާކުޑަ ގޮތަކަށް ދެކޮނޑު ހިއްލައިލިއެވެ. އަދި ސައި ތަބައް ހިފައިގެން ގޮސް ސިޑިން މައްޗަށް އަރާން ފަށައިފިއެވެ.

"ފަވާދްބޭބޭ." އޭނާ ދޮރުފަތުގައި މަޑުމަޑުން ޓަކި ޖަހައިލިއެވެ.

"އާނ... ވަދޭ."

އޭނާ މަޑުމަޑުން ދޮރު ހުޅުވައިލިއެވެ. ފަވާދް ނިތްކުރިމައްޗަށް އެއް އަތް އެއްލައިގެން އެނދުގައި އޮށޯވެގެން އޮތެވެ.

"ފަވާދްބޭބޭ. ސައި."

"އާނ. ބަހައްޓާ." އޭނާ ތެދުވެއްޖެއެވެ. ހީވަނީ ކުޑަކޮށް ވަރުބަލިވެފައި ހުރި ހެންނެވެ.

"ކިހިނެއްވީ ފަވާދްބޭބޭ؟ ކުޑަކޮށް ކަންބޮޑު ވެފައި ހުރިހެން ހީވޭ." މެހެމަލް ތަބައް މޭޒުމަތީގައި ބަހައްޓައިފައި ސައި ތަށި ހިފައިގެން ގޮސް ފަވާދަށް ފޯރުކޮށްލިއެވެ.

"މާ ބޮޑު ކަމެއް ނޫން. އޮފީހުގެ ކަމެއް." ފަވާދް ސައިތަށި އަތުލައިފިއެވެ. އެ ވަގުތު އޭނާގެ އިނގިލި މެހެމަލްގެ އަތުގައި ބީހިލިއެވެ. މެހެމަލް އަތް ދަމައިގެންފިއެވެ. ފަވާދް ހިނިތުން ވެލައިފައި ސައި ކޯވަރެއް ބޮއިލިއެވެ.

"ހޫނ... ސައި ވަރަށް މީރު."

"ސައި ހެދީ މަންމަ." އޭނާ ބުނެލިއެވެ.

"ގެނައީ މެހެމަލެއްނު؟ އެހެންވީމާ މީގައި މި ލަނީ މެހެމަލްގެ ރަހަ."

"އެހެންތަ؟" އޭނާ ހިނިތުންވެލިއެވެ.

"އިނގިރޭސި ވިލާތަށް ދާ ވާހަކައަކީ ކޮން ވާހަކައެއް؟"

"އަހަރެން... އަހަރެން މޮޅަށް ކިޔަވަން ބޭނުން." މެހެމަލް އިސްޖަހައިލައިގެން ހުރެ ބުނެލިއެވެ.

"އެކަމަކު އިނގިރޭސި ވިލާތަށް ގޮސް ވަޒީފާ އަދާކުރާ ވާހަކަވެސް ބުނީމެއްނު؟ އެއީ އަހަންނަށް ވަރަށް ކަމުނުދިޔަ ވާހަކައެއް." ފަވާދް ސައިތަށި މޭޒު މަތީގައި ބަހައްޓައިފައި މެހެމަލާ ދިމާއަށް ބަލައިލިއެވެ.

"އަހަރެން ވަޒީފާ އަދާ ކުރަން ބޭނުން ވަނީ އަމިއްލަ ޚަރަދުތައް ހަމަޖައްސަން."

"މިއޮތް ބޮޑު ވިޔަފާރިޔާ ހަވާލު ވާނީ ކާކު؟ ބަލަހައްޓާނީ ކާކު؟"

މެހެމަލް އިސް އުފުލައި ބަލައިލިއެވެ. އޭނާއަށް އެ އިވުނު ވާހަކަތައް ގަބޫލު ކުރަން ދަތިވިއެވެ.

"ކޮން ވިޔަފާރިއެއް؟"

"އަހަރެމެން މި ކުރާ ވިޔަފާރި. މެހެމަލަކީ މި ވިޔަފާރީގެ އެއް ހިއްސާދަރެއްނު؟ ދަރިއެއްގެ ހައިސިއްޔަތުން ބައްޕަގެ ވިޔަފާރި ބެލެހެއްޓުމަކީ މެހެމަލްގެ ވާޖިބެއް ނޫންތަ؟ ކޮންމެވެސް އެއް ދުވަހަކުން މި ވިޔަފާރިއާ ހަވާލުވާން ވާނެއެއްނު؟"

"ކީކޭ؟" އޭނާ ޔަގީންކަމެއް ނެތް ގޮތެއްގައި ފަވާދާ ދިމާއަށް ބަލައިލިއެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.