ބޮޑުފިނޮޅުގެ ހަމަނުޖެހުމާ ގުޅިގެން 19 ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި ނަވާރަ މީހުންނަކީ ހަމަނުޖެހުމުގައި ޝާމިލުވާ ކަމަށް ބެލެވޭ މީހުން ކަމުގައި ފުލުހުން ހާމަކުރިއެވެ.
ބޮޑުފިނޮޅު މައްސަލައާ ގުޅިގެން ފުލުހުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި މި ނަވާރަ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނީ ބަނގްލަދޭޝްގެ ހައިކޮމިޝަންގެ އޮފިޝަލުންގެ އެހީތެރިކަމާއެކު އެރަށުގައި ތިބި މީހުންނާ މުއާމަލާތްކޮށްގެންނެވެ.
ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގާފައިވަނީ ޖުލައި މަހުގެ ދެވަނަ ދުވަހު އެރަށުގައި މަސައްކަތްކުރާ 15 ދިވެއްސަކު ރަށުން ފޭބުމަށް މަސައްކަތްކުރުމުން އެރަށުގައި ތިބި ބިދޭސީންތަކެއް އެކަމަށް ހުރަސް އެޅުމުންކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެރަށުގައި އެވަގުތު 203 ބިދޭސީއަކު މަސައްކަތް ކުރަމުން ގެންދިޔަ ކަމަށް ފުލުހުން ހާމަކުރެއެވެ.
މައްސަލަ ހައްލުނުވެ ދިގުލައި ގޮސް އިތުރަށް ގޯސްވުމުން ބަނގްލަދޭޝް ހައިކޮމިޝަންގެ ދެ އޮފިޝަލަކާއި ފުލުހުންގެ ޕަބްލިކް އޯޑަރ ޔުނިޓްގެ ޓިމަކާއި ތަހުގީގު ޓީމެއް ބޮޑުފިނޮޅަށް ގޮސްފައިވަނީ ރޭގެ ފަތިހުގެ ވަގުތެއްގައެވެ. މި ޓީމުން ގޮސް ކުރެވުނު މުއާމަލާތުން ރަށުގައި ރަހީނުކުރެވުނު ދިވެހި ސަލާމަތް ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ފުރަތަމަ މަސައްކަތްކޮށްފައިވަނީ ބ. ތުޅާދޫގެ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން މެދުވެރިކޮށް މައްސަލަ ހައްލުކުރުމަށެވެ. ނަމަވެސް އެ ފުލުހުން އެރަށަށް ދިއުމުން މަސައްކަތްތެރީން ރުޅީވެރިކަން އިސްކޮށް ފުލުހުންނަށް ދެކޮޅުވެރިކަން ދެއްކިއެވެ. އެކަމާ ގުޅިގެން ދެން މަސައްކަތް ކުރީ އިތުރު ފުލުހުން ފޮނުވައިގެން މައްސަލަ ހައްލުކުރުމަށެވެ. އެގޮތުން ފުލުހުން އެ ރަށަށް ދިއުމުން މަސައްކަތްތެރީން އޮށްގަލާއި ދަނޑިބުރި އުކައި ހަމަނުޖެހުން ހިންގިއެވެ.
މި ހަމަނުޖެހުމުގައި ފުލުހެއްގެ ބޯފަޅައިގެން ގޮސް ސީރިއަސް އަނިޔާ ލިބި، އޭނާއަށް ބ. އަތޮޅު ސިއްހީ މަރުކަޒުން ފަރުވާދީފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މީގެ އިތުރަށް އެހެން ފުލުހެއްގެ އިނގިލި ބިންދައިގެން ދިއުމުގެ އިތުރުން ގިނަ އަދަދެއްގެ ފުލުހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
މިހާރު ފުލުހުންގެ ޓީމުން މަސައްކަތް ކުރަމުންދަނީ ރަށު ތެރޭގައި ހުރި ތަކެއްޗާއި ތަންތަނަށް ލިބުނު ގެއްލުން ބަލައި މައުލޫމާތު އެއްކުރުމަށް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓާއި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓު ގުޅިގެން މި މައްސަލައިގެ ތަހުގީގުކުރިއަށްދާ ކަމަށް ވެސް މައުލޫމތު ދެއެވެ.
އުޖޫރު ނުދީ މަސައްކަތް ކުރުވާތީ ބޮޑުފިނޮޅުގައި މަސައްކަތްކުރާ މަސައްކަތްތެރިންވަނީ މީގެ ދެ މަސްކުރިންވެސް އިހުތިޖާޖުކޮށްފައެވެ.