އިމިގްރޭޝަން ޑިޕާޓްމަންޓާއި އިކޮނޮމިކް މިނިސްޓްރީއާއި ލޭބްރ ރިލޭޝަންސް އޮތޯރިޓީއާ ގުޅިގެން ބޮޑުފިނޮޅުގައި މަސައްކަތް ކުރަން ތިބި ބިދޭސީންގެ މައުލޫމާތު ނަގަން ފަށައިފިއެވެ. ފުލުހުން ޚަބަރުދޭ ގޮތުގައި މި މުއްސަސާތަކުގެ އިތުރަށް އަމިއްލަ ގާނޫނީ އިދާރާއެއް ކަމުގައިވާ ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރުންވެސް ވަނީ ބޮޑުފިނޮޅަށް ގޮސް މައުލޫމާތު ނެގުމުގައި ބައިވެރި ވެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ގާނޫނީ އިދާރާއިން މަސައްކަތް ކުރަނީ މުސާރައާއި އެހެނިހެން ހައްގުތައް ނުލިބޭ ކަމަށް ބުނާ މީސްމީހުންނަށް ކޯޓުގައި ވަކާލާތުކޮށްދޭށެވެ. ނުވަތަ އެމީހުންނަށް ބޭނުންވާ ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭށެވެ.
ބޮޑުފިނޮޅުގައި ދިވެހިންގެ ބަޔަކު ރަހީނުކޮށްގެން އުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެނެވ. މި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި 19 ބިދޭސީއަކު ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި 15 ދުވަހަށް ބަންދުގައި ބޭތިއްބުމުގެ ހުއްދަ މާފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ ދީފައެވެ.
ބޮޑުފޮނޮޅުގައި މުޒާހަރާކޮށް ހަމަނުޖެހުން ހިންގި ބިދޭސިންނަކީ ހަމަސް ދުވަހުގެ މުސާރަ ނުލިބޭ ކަމަށް ބުނެ އިހިތުޖާޖު ކުރަމުން ގެންދިޔަ ބައެކެވެ. އެމީހުންއިހުތިޖާޖު ކުރަމުން ދަނިކޮށް ދިވެހި ރަށުން ފުރަން އުޅުމުން ފުރިޔަ ނުދީ ހިފަހައްޓާއިގެން ތިބީއެވެ. މައްސަލަ ހައްލު ކުރަން ފުރަތަމަ ދިޔަ ފުލުހުންނަށްވެސް އެމީހުން ވަނީ ހަމަލާ ދީފައެވެ.
މަސައްކަތް ކުރުވާ ރިޒް ކުންފުންޏަކީ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާގެ ކުންފުންޏެކެވެ. ރިޒާ ވިދާޅުވެފައި ވަނީ މުސާރަ ނުދެވި އޮތީ އެ މަސައްކަތް ރިޒް ކުންފުންޏާ ހަވާލުކުރި ސީލް ކުންފުނިން ފައިސާ ނުދީގެންނެވެ. އެކަމަކު ސީލް ކުންފުނިން ބުނެފައި ވަނީ އެއީ ދޮގެއް ކަމަށާއި ދޭންޖެހޭ ވަރަށްވުރެ އިތުރަށްވެސް ފައިސާ ދީފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ފުލުހުން ތަހުގީގު ކުރަމުން ގެންދިޔަ ނަމަވެސް ރައްޔިތުންގެ މަޖިލީހުންވެސް ވަނީ މި މައްސަލަ ބަލަން ނިންމައިފައެވެ.