ރިސޯރޓެއްގެ ގޮތުގައި ތަރައްޤީކުރަމުންދާ ބ. އަތޮޅު ބޮޑު ފިނޮޅުގައި ބިދޭސީން ޓެރެފިކްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކުންފުނީގެ ވެރިޔާ، ށ. މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ މިރޭ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކުރައްވައިފިއެވެ.
ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތާ ހަވާލުވެފައިވާ އާރުއައިއެކްސް (ރިޒް) ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ވަނީ ހިޔުމަން ޓްރެފިކިންގެ ސީރިއަސް ތުހުމަތު ތަކެއްކޮށްފައެވެ. އެތުހުމަތުތަކުގެ ތެރޭގައި ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކުރުން ހިމެނެއެވެ. އަދި ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީއާއި ފައިސާ ނުދައްކާ މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާކަމަށް ވެސް ވަނީ ތުހުމަތުކޮށްފައެވެ.
ރިސޯޓް ތަރައްގީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ އެކުންފުނިން ހަވާލުވެ މީހުން ޓްރެފިކް ކުރުން ކަމަށް ތުހުމަތުކުރެވޭ ގޮތަށް ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސިންނަށް އޮޅުވާލައި މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައިވާކަމަށް އެ ކުންފުނީގެ މައްޗަށް ތުހުމަތު ކުރެއެވެ.
"ޓްރެފިކް ކުރެވިފައިވާ ކަމަށް ބެލެވޭ ބިދޭސީ މަސައްކަތްތެރިން ރާއްޖޭގެ ރަށްތަކުން ހޯދައި، އެ ބިދޭސީންނާ ހަވާލުވެ، އެކުންފުނީގެ ބެލުމުގެ ދަށުން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ގެންގޮސް، ބިދޭސީ މަސައްކަތްތެރިންގެ ނިކަމެތިކަމާއި މަޖުބޫރީ ހާލަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ޤާނޫނާ ހިލާފު މަޖުބޫރުކުރުވުމެއް ކުރިމަތިކުރުވައިގެން މަސައްކަތްތެރިންނަށް ދޭންޖެހޭ މުސާރައާއި އުޖޫރަނުދީ ގިނަ ދުވަސްތަކެއްވަންދެން މަސައްކަތްކުރުވާފައިވާކަން އެ ކުންފުނީގެ މައްޗަށް ތުހުމަތު ކުރެވެއެވެ. އަދި އެ މަސައްކަތްތެރީންގެ ތެރެއިން މުސާރައާއި އިނާޔަތް ހޯދަން އަޑުއުފުލާ މީހުންނަށް ބިރުދައްކައި ވަޒީފާއިން ވަކިކޮށް އަނބުރާ މާލެ ސަރަހައްދަށް ފޮނުވާފައިވާކަމަށްވެސް ތުހުމަތު ކުރެވެއެވެ." މެމްބަރ ރިޒާގެ ކުންފުންޏަށް ކުރާ ތުހުމަތު ތަކާ ބެހޭ ގޮތުން ފުލުހުން ހާމަކޮށްފައި ވެއެވެ.
ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސީންތަކެއް މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެރިސޯޓްގައި ތިބި ދިވެހިން ރަހީނުކޮށް ހަމަނުޖެހުން ހިންގާފައެވެ. އެމީހުން ހަމަނުޖެހުން ހިންގީ 6 މަސް ދުވަހުގެ މުސާރަ ނުލިބޭ ކަމަށް ބުނެއެވެ. ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ފުރަތަމަ ދިޔަ ފުލުހުންނަށްވެސް ބިދޭސީން ވަނީ ހަމަލާދީފައެވެ. އެމިހުން ކޮންޓްރޯލްކޮށްނ ރަހީންކޮށްފައިވާ ދިވެހިން ސަލާމަތްކުރީ މާލެއިން ފުލުހުން ގޮސް ކުރި މަސައްކަތުންނެވެ. ހަމަނުޖެހުން ހިންގި ބިދޭސީން ވަނީ ރިސޯޓްގެ ތަކެއްޗަށް ވެސް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އެމައްސަލައިގައި 19 ބިދޭސީއަކު ހައްޔަރުކޮށް އެމީހުންގެ ބަންދަށް ވަނި 15 ދުވަސް ޖަހާފައެވެ.