އިއްޔެއިން ފެށިގެން މާލޭގެ ފުރަބަންދަށް މި ވަނީ އިތުރު ލުއިކަމެއް ދީފައެވެ. ގޭގައި ބަންދު ވެގެން އެތައް ދުވަހަކު ތިބުމަށް ފަހު ބޭރަށް ނުކުމެ އުޅުމުގެ މިނިވަންކަން މުޅީން ލިބިއްޖެއޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. ސަބަބަކީ މިހާރު ބޭރަށް ނުކުމެ އުޅުން ހުދަކޮށްފައިވާ ގަޑިތަކަކީ އާއްމުކޮށް މީހުން ބޭރުގައި އުޅޭ ނުވަތަ އުޅޭނޭ ގަޑިތަކަށް ވުމެވެ. އެއީ ފަތިހު 5 އިން ފެށިގެން ރޭގަނޑުގެ 11 އާ ހަމައަށެވެ.
ބޭރުގައި އުޅުން ހުއްދަ ކުރެވި މިސްކިތުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްދަވެ، ހޮޓާތައް ހުޅުވުމަކީ ކޯވިޑް-19 އިން ރާއްޖެ ސަލާމަތް ވުމެއް ނޫނެވެ. އަޅުގަނޑުމެންގެ ބޯމަތީގައި އޮތް ކަޅު ވިލާގަނޑު އަދިވެސް އޮތް ގޮތަށް އެބައޮތެވެ.
ޑޮކްޓަރ ނަޒްލާ ވިދާޅުވި ގޮތުގައި އަޅުގަނޑުމެން ފަރުވާކުޑަ ކޮށްލައިފިނަމަ ބަލި މިހާރަށްވުރެ ބޮޑަށް ފެތުރޭގޮތް ވުމަކީ އެކަށީގެންވާ ކަމެކެވެ. މާލޭގެ މަގުމަތީގެ މަންޒަރުތަކަށް ބަލާއިރު އަޅުގަނޑުމެން މިތިބީ ނުރައްކަލެއްގެ ތެރޭގައި ކަމަށް ގަބޫލު ކުރެވޭ ކަމަކަށް ނުފެނެއެވެ. ގައިގޯޅިކޮށް އުޅޭތަނާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅައި އުޅޭ މަންޒަރު ފެނެއެވެ.
ކޯވިޑް-19 އިން ސަލާމަތްވާން އަޅާން އޮތް މުހިއްމު އެއް ފިޔަވަޅަކީ ގައިދުރުކަން އިސްކުރުމެވެ. އެއްވެސް މީހަކު އަނެކަކާ ހަތަރު ފޫޓަށްވުރެ ކައިރި ނުވުމެވެ. ބައެއް ފަހަރަށް ފެންން މަންޒަރުތަކަށް ބަލާއިރު މާސްކު އެޅީމާ ހުރިހައި ކަމެއް ފުރިހަމަވެ ނިމުނީއެވެ. އެކަމަކު ސިއްހީ މާހިރުންގެ ލަފާފުޅަކީ ހަމައެކަނި އެޔެއް ނޫނެވެ.
ޑޮކްޓާރުން ވިދާޅުވާ ގޮތުގައި އަދި ރާއްޖެއިން އެނގި ކަށަވަރު ވެފައިވާ ގޮތުގައި ކޯވިޑް-19 ގެ އެއްވެސް އަލާމާތެއް ނުފެންނަ މީހެއްގެ ގައިގައި އެބަލި ހުރެދާނެއެވެ. އެހެންވީމާ އަލާމާތެއް ނެތް މީހެއްގެ ގައިން އެހެން މީހެއްގެ ގަޔަށް ބަލި އެރރުމަކީ ނުވާނޭ ކަމެއް ނޫނެވެ. މާސްކު އެޅުމުގެ އިތުރަށް އަތް ދޮވުމަކީ މުހިއްމު ކަމެކެވެ. އަދި ބޭރަށް ނުކުމެފައި ގެއަށް ވަނުމާއެކު ލައިގެން ހުރި ހެދުން ބާލައި ދޮވެލުމަކީވެސް އެހައިމެ މުހިއްމު ކަމެކެވެ.
މިހާރު މިތިބަ ހާލަތަށް އައީ އެތައް ބައެއްގެ ބުރަ މަސައްކަތުންނެވެ. އޭގެ ތެރޭގައި ސިއްހީ ދާއިރާގެ ބޭފުޅުންނާއި، ސަލާމަތީ ބާރުތަކުގެ ބޭފުޅުންނާއި، އެތައް ސަތޭކަ ދަރުމަވެރިން ފާހަގަ ކުރަން ޖެހެއެވެ. އާއްމު ރައްޔިތުން އެޔެއް މިޔެއް ނުބަލައި ތެޅޮފޮޅިގެންފިނަމަ ބަލި އިތުރަށް ފެތުރިދާނެއެވެ. ފެތުރިއްޖެނަމަ މި ދެންނެވި ހުރިހައި ބޭފުޅުންގެ ޤުރްބާނީ ފެނަށް ދާނެއެވެ. ރާއްޖެ އަނެއްކާވެސް ބޮޑު ނުރައްކަލެއްގެ ތެރެއަށް ވެއްޓިދާނެއެވެ. ސިއްހީ ނުރައްކަލުގެ އިތުރަށް އަތްމަތި ދަތިކަމާއި އިގްތިސާދީ ދަތިކަމެއްގެ ތެރެއަށް އަނބުރައި ވަންނާން ޖެހިދާނެއެވެ.
އެހެންވީމާ އަދިވެސް ދުވަސްކޮޅެއް ވާންދެން ހިތްވަރު ކޮށްފައި ޒާތީ ހިތްހަމަޖެހުމާއި އުފަލާއި މަޖާތައް ޤުރްބާންކޮށްލާން އެބަޖެހެއެވެ. އަދިވެސް ގޭގައި މަޑުކުރައްވާށެވެ. މުހިއްމު ބޭނުންފުޅަކު ނޫނީ ނުކުމެވަޑައިނުގަންނަވާށެވެ. އެންމެންގެ ރައްކަލަށްޓަކައެވެ.