އެޑިޓޯރިއަލް: ޙުސައިން މުޙައްމަދުގެ ވަކިވުމަކީ ހިތާމައެއް

އާފަތިހުގެ ބޭރުގެ ޚަބަރު ލިޔުއްވުމުގައި އެންމެ ގިނަ ދުވަސް ހޭދަކުރެއްވި އެއް ބޭފުޅަކު ކަމުގައިވާ ޙުސައިން މުޙައްމަދު އަވަހާރަވުމަކީ އަޅުގަނޑުމެން އާފަތިހުގެ ހުރިހައި ބައިވެރިންނަށް ލިބުނު ފުން ހިތާމައެކެވެ. އާފަތިހުގައި މިހައިތަނަށް މަސައްކަތް ކުރެއްވި އެއްވެސް ބޭފުޅެއްގެ ހިތްޕުޅުން އޭނާގެ ހަނދާންތައް ފިލައިގެންނެއް ނުދާނެއެވެ. އޭނާގެ ނަންފުޅު އާފަތިހުގެ ތާރީޚުގައި ބިންވަޅު ނެގިފައި ތާއަބަދަށް އޮންނާނެއެވެ.

އަލްމަރްޙޫމް ޙުސައިން މުޙައްމަދު ވަނީ 1980 ގެ އަހަރުތަކުގެ ކުރީކޮޅުން ފެށިގެން 2009 ވަނަ އަހަރާ ހަމައަށް އާފަތިހުގެ ބޭރުގެ ޚަބަރުތައް ލިޔުއްވައިފައެވެ. ދެތަނަކަށް ބޭރުގެ ޚަބަރުލިޔާ މީހަކު ނަމަ ކުދި ބަދަލުތަކާއެކު ދެތަނަށްވެސް އެއް ޚަބަރެއް ލިޔާގޮތް ބައެއް ފަހަރަށް ވެއެވެ. އެކަމަކު ޙުސައިން މުޙައްމަދަކީ އެހެން ހެއްދެވި ބޭފުޅެއް ނޫނެވެ. އާފަތިހަށް ލިޔުއްވި ދުވަސްވަރު ދިވެހިރާއްޖޭގެ އަޑަށް ބޭރުގެ ޚަބަރުތައް ލިޔުއްވި ނަމަވެސް ދެތަނަށް ލިޔުއްވަނީ މުޅީން ތަފާތު ޚަބަރެވެ.

އޭނާއަކީ ވަރަށް އަވަހަށް ލިޔުއްވާވެސް ބޭފުޅެކެވެ. އާފަތިހުގެ ސަފުހާއެއް ފަނަރަ ނުވަތަ ވިއްސަކަށް މިނިޓުގެ ތެރޭގައި ލިޔުއްވައިލެއްވުމަކީ އޭނާއަކަށް އެއްވެސް ކަމެއް ނޫނެވެ. އަތު ލިޔުއްވުންވެސް އެހައިމެ ރީއްޗެވެ. އޭނާގެ ލިޔުއްވުމަކުން ވަކި އެއްޗެއް އޮޅުންނުފިލާތީ ޓައިޕުކުރާ ކުއްޖަކު ސުވާލުކުރި ކަމެއް އެނގިފައެއް ނެތެވެ.

އަލްމަރްޙޫމް ޙުސައިން މުޙައްމަދަކީ އޭނާގެ އުމުރުފުޅަށްވުރެ މާ ހަގު ކުދިންނާވެސް ވަރަށް ގާތްކޮށް ވާހަކަފުޅު ދައްކަވައި، ސަމާސާ ކުރައްވައި، ގާތްކަން ބާއްވަވާ ހިތްޕުޅު ހެޔޮ ބޭފުޅެކެވެ. ވަރަށް ބޮޑެތި ކަންތައްތަކާމެދުވެސް ލުއިކޮށް ވިސްނަވާ އަދި އެހެން މީހުންނަށް އެހެން ކަންތައް ކުރައްވަން ނަސޭހަތް ދެއްވާ ބޭފުޅެއްވެސް މެއެވެ.

ޙުސައިން މުޙައްމަދަށް މާތް ﷲ ރަޙްމަތް ލައްވާށިއެވެ. އޭނާއަށް ސުވަރުގެ މިންވަރު ކުރައްވާށިއެވެ. އަދި އޭނާގެ އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ.

1 ޚިޔާލު

  1. إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ‎
    އާފަތިހުގެ ބައިވެރިންނަށް ލިބުނު މި ފުން ހިތާމައިގައި ބައިވެރިވަމެވެ.
    ގެއްލިގެން އެދިޔައީ އަޅުގަނޑަށް ވެސް ވަރަށް ކަމުދާ ޝަޚްސިއްޔަތެކެވެ.ޙުސައިން މުޙައްމަދަކީ ޤައުމަށް ވަރަށް ގިނަގުނަ ޚިދުމަތް ތަކެއް ކުރެއްވި އަގުހުރި ޚިދުމަތްތެރި އެކެވެ.ބިނާކުރަނިވި ވިސްނުމުގެ ބޭފުޅެކެވެ. ހިކުމަތްތެރިއެކެވެ. ޢުސޫލުތަކުގައި ހިފެހެއްޓެވި،ނަމޫނާ ސިޔާސީ ލެޖެންޑެކެވެ. ތާހިރު ދިރި އުޅުމެއް އުޅުއްވި،ހެޔޮލަފާ،ސާދާ ބޭފުޅެކެވެ
    ޙުސައިން މުޙައްމަދުގެ އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ.މާތް ﷲ މަރުހޫމުގެ ފާފަފުއްސަވައި، ރަޙްމަތް ލައްވާށިއެވެ.ސުވަރުގެ މިންވަރު ކުރައްވާށިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.