އެޑިޓޯރިއަލް: ސިޔާސީ ވުމާއި މީހުން ކަަނޑައިލުން

ސިޔާސީ ވުމަކީވެސް އެ ބަޔަކު ރުހޭ ކަހަލަ ގޮތަކަށް ވެއްޖެއްޔާ އެންމެ ރަނގަޅު ކަމެކެވެ. އަދި ރުހޭ މީހަކު ކުރާ ސިޔާސީ ކަމެއްވެސް މާ ބޮޑު ކަމަކަށް ނުވެއެވެ.

ބްރޯޑްކާސްޓް ކޮމިޝަންގެ ރައީސް މަރިޔަމް ވަޙީދާ ސިޔާސީ ޖަލްސާއެއް ހޯސްޓު ކުރުމުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމީ ގަވާއިދު އިސްލާހު ކުރާށެވެ. މަރިޔަމް ވަޙީދާ ކަނޑައިލާކަށް ނޫނެވެ.

ސިވިލް ސަރވިސްގެ މުވައްޒަފުން މަސައްކަތަށް ދަތި ކުރާ ކަމަށް ހުރިހައި ވަޒީރުން ވިދާޅުވީމާ ކޮމިޓީން ނިންމީ ސިވިލް ސަރވިސް ކޮމިޝަންގެ ރައީސާއެކު ހަތަރު މެންބަރުން ކަނޑައިލާށެވެ. ސިވިލް ސަރވިސް މުވައްޒަފުން މަސައްކަތަށް ދަތިކުރާ ކަމަށް ސާބިތުވީ ހަމައެކަނި ވަޒީރުންގެ ބަސްފުޅުގެ މައްޗަށެވެ. އެ ވިދާޅުވާ ދަތިކުރާ މުވައްޒަފުންނަކާ މީހަކު ސުވާލެއްވެސް ނުކުރެއެވެ. ސައިންސާ ބެހޭ ވަޒީރު ވިދާޅުވީ ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ސިޔާސީ ވެވަޑައިގެންފައިވާ ކަމަށެވެ. ހެއްކަކީ ރާއްޖޭގެ ކުރީގެ ނާއިބު ރައީސާއި އިސްލާމިކް ޔުނިވަރސިޓީގެ ކުރީގެ ވައިސް ޗާންސެލަރާއެކު ނެންނެގެވި ފޮޓޯއެކެވެ. އެއީ އެ ހުރިހައި ބޭފުޅުން ހުވަދު އަތޮޅުގެ ރަށެއްގައި ހުކުރުން ފައިބައިވަޑައިގެން ނެންގެވި ފޮޓޯއެކެވެ. އެ ދުވަސްވަރަކީ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ދުވަސްވަރަށް ވާތީ ކަމާ ލައިގަތީއެވެ.

ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން ހޮވާ މަޖިލީހެކެވެ. އެއީ ރައްޔުތުންނަށްޓަކައި މަސައްކަތް ކުރާން ހޮވާ މަޖިލީހެކެވެ. އެ މަޖިލީހުގެ މައިގަނޑު މަސައްކަތަކީ ގާނޫނު ހެދުމެވެ. ދެން އޮންނަނީ ދައުލަތް ޒިންމާދާރު ކުރުވުމެވެ. ޒިންމާދާރު ކުރުވުމުގެ ނަމުގައި ބަދަލު ހިފުމުގެ މަސައްކަތް ކުރަމުން ގެންދިއުމަކީ ދެރަ ކަމެކެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ފިޔަވައި ދެން ތިބި ހުރިހައި ރައްޔިތުންނަކީ ގަމާރުން ކަމަށް ހިއްތެވުމަކީ އެއަށްވުރެ މާ ދެރަ ކަމެކެވެ. މެންބަރުން ކުރައްވާ މަސައްކަތްޕުޅާއި އަޅުއްވާ ފިޔަވަޅުތައް ވިސްނޭ މީހުންވެސް މި ހަތަރުލައްކައެއްހައި މީހުންގެ ތެރޭގައި އުޅޭނޭ ކަމަށް ގަބޫލު ކުރައްވާން ވަނެއެވެ.

ވޯޓަކުން ކަންކަން ނިންމެވުމުގެ ބަދަލުގައި ފިޔަވަޅު އަޅާ އިޖުރާތެއް ހައްދަވައިގެން އޭގެ ތެރެއިން ކަންކަން ގެންދަވާ ނަމަ ރަނގަޅު ވީހެވެ. ވަކި މީހަކަށް ވަކި ގޮތެއް ހެދި ކަމުގެ ތުހުމަތުން ސަލާމަތް ވެވޭނޭ ހަމައެކަނި ގޮތަކީ އެއީއެވެ. މިނިވަން މުއައްސަސާއަކަށް ހޮވޭ މީހަކު ކޮށްގެން ނުވާނެ ކަންތައްތަކާއި ކުރަންވާ ކަންތައްތައް ވަރަށް ސާފުކޮށް ލިޔެ ފާސްކޮށްފައި އެބޭފުޅުންނަށް އަރުވަންވީ ނޫންތޯއެވެ؟ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފެނިވަޑައިގަތުމާއެކު ނުބައި ވެފައި ފެނިވަޑައިގަތީމާ ރަނގަޅުވާ އުސޫލަކީ ގަބޫލު ކުރަން ދަތި އުސޫލެކެވެ. މިނިވަން މުއައްސަސާއެއްގެ ވެރިއަކަށް ވާތީ ރާއްޖޭގެ ނައިބު ރައީސް ފެނިވަޑައިގަތީމާ ފިއްލަވައިގެން ޖެހިގެން އޮތް ގޯޅި އަޅުއްވައިގެން ވަޑައިގެންނެވުމަކީ އަމަލު ކުރައްވާން ޖެހޭ ގޮތް ކަމުގައި ވަނީނަމަ އެހެންވެސް ގަވައިދުގައި ލިޔެވިދާނެއެވެ. އެކަމަކު އެއީ ބައެއް މެންބަރުގެ ހިތްޕުޅުގައި އޮންނަ ގަވާއިދަކަށް ވެގެން ނުވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަމުގައި ވިޔަސް އެއީ މުޅީން ވީއްލިފައިވާ އަދި ހަމަޔާއި އުސޫލުތަކުން ބޭރުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ ބޭފުޅުންކޮޅަކަށް ވެވަޑައިނުގަންނަވާށެވެ. ރައްޔިތުންގެ އިތުބާރު ގެއްލުމަށް ވުރެ ބޮޑު ގެއްލުމެއް ނޯންނާނެއެވެ. އެ ގެއްލުމުގެ ހިތި ފެނިވަޑައިގަންނަވާއިރު މާ ބޮޑަށް ލަސްވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

3 ޚިޔާލު

  1. ރައްޔިތުން އެމީހުންގެ ވަޒީފާތަކަށް ކަންކަން ކުރަންވީ ރަގަޅުގޮތް ދެނެގަންނަން އެގޭ ބަޔަކު ނޮހޮވަންޏާ ހުރިހާ ކަމެއްވެސް ދާނީ ގޯހުން ގޯހަށް. ގައުމުގައި އޮތީ ޝޯޝަލް މީޑިޔާ މެނޭޖުމަންޓު. ހުރިހާ ކަމެއްވެސް ހިނގާނީ އަލިފާން ނިއްވަން ފެންހޮޅިހިފައިގެން ތައްޔާރަށޭ ތިބޭގޮތަށް. އެހެން އުޅެނިކޮށް ބައެއްފަހަރު އަލިފާން ނިއްވަން ތެޔޮވެސް ޖެހޭ. މިކަމުގައިވެސް ވީ އެހެން. އަދުން ހުސައިނުގެ ފަހަރިޔަކަށްވީމާ ކޮންމެކަމެއްކުރިޔަސް އޯކޭ. އެހެންވީމާ ގަވާއިދު ބަދަލުކުރަންވެސްޖެހެނީ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.