ސަރުކާރުގެ ޚަރަދު ކުޑަ ކުރުމުގެ ވާހަކައަކީ މި ސަރުކާރު އުފެދުނު ފަހުން އަބަދުވެސް އަޑު އިވޭ ވާހަކައެކެވެ. އެއީ ކުރަން ޖެހޭ ކަމެއްވެސްމެއެވެ. ފުރަތަމަ ސަބަބަކީ ސަރުކާރުން ޚަރަދު ކުރާ ފައިސާއަކީ ރައްޔިތުންގެ ފައިސާއަށް ވުމެވެ. ރައްޔިތުންގެ ފައިސާ ޚަރަދު ކުރުމުގައި ވީ ވަރަކުން ބޭކާރު ނުކޮށް ވޭތޯ ބެލުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ދެވަނަ ސަބަބަކީ ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރަން ޖެހޭ ޚަރަދުތަކަށް ބޭނުންވާ ވަރަށް ފައިސާ ރައްކައު ކުރެވޭނޭ ގޮތެއް ހޯދުމެވެ.
ސަރުކާރުން ޚަރަދު ކުޑަ ކުރުމުގެ ގޮތުން އެޅި އެއް ފިޔަވަޅަކީ ސިވިލް ސަރވިސް މުވައްޒަފުންނަށް ދޭ އިތުރު ގަޑީގެ ފައިސާ ދިނުން ހުއްޓައިލައި މުވައްޒަފުން ލައްވައި އިތުރު ގަޑީގެ މަސައްކަތް ނުކުރުވާން އެންގުމެވެ. މިއީ ދައުލަތުގެ ހުރިހައި އޮފީހަކާއި މުއްސަސާއެއްގެ ޚަރަދު ކުޑަ ކުރުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ. ދެން ބުނި އަޑު އިވުނީ މުދައްރިސުންގެ މުސާރަ ބޮޑު ނުކުރެވޭނޭ ވާހަކައެވެ. އެއީވެސް ޚަރަދު ކުޑަ ކުރުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ.
މިފިޔަވަޅުތަކާއެކު އެހެން ކަމެއްވެސް ދިޔައީ ހިނގަމުންނެވެ. އެއީ އިންތިޚާބާ ދިމާކޮށް ކައުންސިލަރުންގެ މުސާރަ ބޮޑު ކުރުމާއި ސިޔާސީ މަގާމުތަކަށް މީހުން ލެއްވުމެވެ. ސިޔާސީ މަގާމުތައް އުފެއްދުމަކަށް ހުއްޓުމެއް ނާދެއެވެ. (ޚަރަދު ކުޑަ ކުރުމުގެ ފިޔަވަޅު އެޅި ފަހުންވެސް ސިޔާސީ މަގާމުތަކަށް މީހުން ލައްވައިފިއެވެ.) ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައަކުން އަދި ސިޔާސީ އެކި ބޭފުޅުންގެ މުސާރައަކުންވެސް އެންމެ ލޯ ލާރިއެއްވެސް ވަގުތީ ގޮތުން ނަމަވެސް ކަނޑައިލާ ވާާހަކައެއް ނުދައްކައެވެ.
ފިނޭންސް މިނިސްޓަރު ވިދާޅުވި ގޮތުގައި ދައުލަތުގެ އާމްދަނީ މަދު ވިޔަސް ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއް ނައިސް ކުރިއަށް ދާނެއެވެ.
ޚަރަދު ކުޑަ ކުރުމުގެ ގޮތުން ސިވިލް ސަރވިސްގެ މުވައްޒަފުންގެ އާމްދަނީ މަދު ކުރުމާއި މުޅި މުޖުތަމައު ބިނާ ކުރުމުގައި ރެޔާއި ދުވާލު ބުރަކޮށް މަސައްކަތްކުރާ މުދައްރިސުންގެ މުސާރަ ބޮޑު ކުރުން މަޑު ޖައްސައިލުމަކީ ހަރުދަނާ ގޮތަކަށް ކުރެވުނު ކަމެއްކަމަކަށް ނުފެނެއެވެ.
ޚަރަދު ކުޑަ ކުރަން ބޭނުން ނަމަ މަޑު ޖައްސައިލާންވީ ރަައްޔިތުންނަށް ސީދާ ގެއްލުމެއް ނުވާނޭ މަޝްރޫއުތަކެވެ. މިސާލަކަށް ރަށެއްގައި ފުޓްސެލް ދަނޑެއް އެޅުން މަޑު ޖައްސައިލުމަކުން ރައްޔިތުންނަށް ލިބޭނޭ މާ ބޮޑު ގެއްލުމެއް ނެތެވެ. މާލެއާއި ގުޅިފަޅާ ދެމެދު އަޅަން ރާވައިފައިވާ ބުރިޖުގެ މަސައްކަތް މަޑު ޖައްސައިލުމަކުން ވާނޭ މާ ބޮޑު ގެއްލުމެއް ނެތެވެ. ސިޔާސީ ބޭފުޅުން ކުރައްވާ ދަތުރުފުޅުތައް މަޑުޖައްސައިލުމަކުން ގައުމަށް ވާނޭ ގެއްލުމެއް ނެތެވެ. ސިޔާސީ ޚަރަދުތައް ކުޑަ ކުރުމަށް ފަހު މިފަދަ މަޝްރޫއުތައް މަޑު ޖައްސައިލާފައި، ވެގެން އުޅޭ ގޮތް ސާފުކޮށް ރައްޔިތުންނަށް ކިޔައި ދިނުމަކީ އެންމެ ރަނގަޅު ގޮތެވެ. އޭގެ ބަދަލުގައި ބުރަކޮށް މަސައްކަތް ކުރާ އެތައް ބައެއްގެ އާމްދަނީއާ ކުޅެލުމަކީ ރަނގަޅު ގޮތެއް ނޫނެވެ.
Mikamaa kanboduvegen ulhey bayaku thibihen hieh nuvey.ekamaku emmen ves kiyaanee rayyithunge haggugaey.haggu minvaru hoadha dheyshey nikume mithibee.