ބިދޭސީ އަންހެން ކުއްޖާގެ ރޭޕްގެ މައްސަލައިގައި ފުލުހުންގެ އަމަލުތައް ބަދަލުވީ ކިހިނެއް؟: މިކާއީލް

ފޮޓޯ: ރައްްޔިތުންގެ މަޖިލިސް

25 ޖޫން 2020 ދުވަހުގެ ރޭ ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ފުލުހުންގެ އަމަލުތައް ކުއަލިއަކަށް ބަދަލުވީ ކީއްވެގެންތޯ ވިދާޅުވެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް ސުވާލު އުފައްދަވައިފިއެވެ. އޭނާ މި މޭރުމުން ވާހަކަފުޅު ދެއްކެވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މީކާއިލް ވިދާޅުވި ގޮތުގައި މައްސަލަޔާ ގުޅިގެން ހައްޔަރު ކުރި ދެ ދިވެހިން ހައްޔަރުކުރީ ކުށުގެވެށިން ކަމަށް ފުލުހުން އިއްޔެ ނެރުނު ބަޔާނުގައި އެބައޮތެވެ. ހައްޔަރުކުރީ ސަލާމަތަށް އެދި އަންހެން ކުއްޖާ ގޮވަމުން ދަނިކޮށް އެ މާހައުލުންނެވެ. ކުށުގެ ވެށީން ހައްޔަރުކުރި ދެމީހަކު ދޫކޮށްލަން ފަހުން ފުލުހުންނަށް ފެނުނީ ކޮން ފަރާތަކުން ގުޅައިގެންތޯ ކިހިނެއް ވެގެންތޯ މިކާއީލް ސުވާލު ކުރެއްވިއެވެ. ހައްޔަރުކުރުމާއި އެބުނާ ފޯނު ކޯލެއް އައިސްގެން އެމީހުން ދޫކޮށްލުމާއި ދެމެދު ކަންތައް ހިނގީ ކިހިނެއްތޯ ބަލަން ޖެހޭ ކަމަށްވެސް މިކާއީލް ވިދާޅުވިއެވެ.

މި މައްސަލައިގައި ވާހަކަފުޅު ދެއްކެވި ހުރިހައި މެންބަރުންވެސް ތިއްބެވީ މައްސަލަ ހިނގައި ދިޔަ ގޮތާމެދު ނުރުހުންވެވަޑައިގެންފައެވެ. ފުހުލުން ދެ ދުވަސް ފަހުން ބަޔާން ނެރުނީ ކީއްވެގެންތޯވެސް ގިނަ މެންބަރުން ސުވާލު ކުރެއްވިއެވެ. ބައެއް މެންބަރުން ފާހަގަ ކުރެއްވި ގޮތުގައި ރޭޕް ނުކުރިޔަސް ކުށުގެ ވެށިން ހައްޔަރުކުރާ މީހަކާ މެދު ފުލުހުން އަމަލުކުރިހައި ކލުއިކޮށް އަމަލުކޮށްގެން ނުވާނެއެވެ.

މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވި ގޮތުގައި ކުށުގެ ވެށިން ހައްޔަރުކުރާ މީހަކު ކޯޓުގެ އަމުރަކާ ނުލައި ހައްޔަރުކޮށްފައި ބެހެއްޓުމުގެ އިޚަތިޔާރު ފުލުހުންނަށް ގާނޫނުން ވަނީ ލިބިދީފައެވެ. އެފަދަ މީހަކު މީހަކު ދޫކޮށްލަން ކޯޓުން ނާންގާނަމަ ތަހުގީގަށްޓަކައި ބަންދުކޮށްފައި ބެހެއްޓޭނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ފިރިޔަކު މައްސަލައިގައި ޝާމިލުވާކަމަށް ދެކެވޭ ވާހަކަޔާމެދުވެސް ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މަޖިލީހުގެ މެންބަރެއްގެ އެއްވެރސް ކަހަލަ ނުފޫޒެއް ފުލުހުންނަށް ފޯރުވުމަކީ ގަބޫލު ކުރެއްވޭނޭ ކަމެއް ނޫނެވެ. "ހަމަގައިމުވެސް (އެއީ) ރިޔާސަތުން ބަގޫލު ކުރާނޭ ކަމެއް ނޫން." ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު އެދިވަޑައިގަތީ ވާދަވެރި ސިޔާސީ ފަރާތަތްކުން އެކަހަލަ ވާހަކަ ދެއްކި ނަމަވެސް އެއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ނުފޫޒުން ހިނގައިދިޔަ ކަމެއް ކަމަށް ރައްޔިތުން ގަބޫލު ނުކުރުމަށެވެ.

ކެންޔާގެ ޒުވާން އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން ދެ ދިވެއްސަކު ހައްޔަރުކުރި ކަމަށް ޚަބަރު ލިބުނީ ޖޫންމަހުގެ 26 ވަނަ ދުވަހުއެވެ. އެއީ 25 ވަނަ ދުވަހުގެރޭ ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ހިނގި ހާދިސާއެއް ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ކުށޫގެ ވެށިން ހައްޔަރު ކުރިދެމީހުން ދޫކޮށްލި ސަބަބެއް ކަމަށް ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބަންދުކޮށްގެން ތަހުގީގު ހިންގަން ޖެހޭ ކަމަށް ނުފެނުމެވެ. ރާއްޖޭގެ އޮންލައިން ނޫހަކަށް ކެންޔާގެ ޒުވާނާ ދިން ބަޔާނެއްގައި ބުނެފައި ވަނީ އެ ކުއްޖާ ރޭޕް ކުރި ކަމަށެވެ. ފުލުހުންގެ ބަޔާނުގައި ބުނެފައި ވަނީ އެއީ އެ ކުއްޖާ ދިން ބަޔާނެއް ނޫންކަމަށް އެކުއްޖާ ފުލުސް އޮފީހުގައި ބުނި ކަމަށެވެ. ނޫހުގައި އޮތް ވާހަކަތަކުން އެނގޭ ގޮތުގައި މައްސަލަ ދޫކޮށްލަން ނުވަތަ ހައްޔަރުކުރި މީހުންނާ ދެކޮޅަށް ކަމެއް ނުކުރަން އެ ކުއްޖާއަށް ބިރު ދައްކައިފައި ވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.