ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލައިގައި އޭނާ ފުލުހުންނަށް ދީފައިވާ ބަޔާނަށް އުނިއިތުރު ގެނެސްފައި ނުވާނެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ކެންޔާގެ އަންހެންމީހާގެ ވަކީލުން އާއްމުކުރެއްވި ވީޑިއޯއާ ގުޅިގެން ފުލުހުން މިއަދު ނެރުއްވި ނޫސްބަޔާނެއްގައި ވަނީ، އެއަންހެން މީހާ ފުލުހުނަށް ދީފައިވާ ބަޔާނަށް އުނިއިތުރު ގެނެސްފައިވާ ކަމަށް އޭނާގެ ވަކީލުން ބުނާ ވާހަކަތައް ދޮގުކުރައްވައިފައެވެ.
އެ އަންހެން މީހާގެ ބަޔާނަށް އުނިއިތުރު ގެންނަކަމަށް ތުހުމަތު ކުރެވޭ ވީޑިއޯ ވަކީލުން ވަނީ އާންމުކޮށްފައެވެ. އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އަށް ވެސް ވަކީލުން ވަނީ އެމަސަލަ ހުށަހަޅައިފަ އެވެ.
ފުލުހުންގެ ބަޔާނުގައި ވަނީ އެ ވީޑިއޯ ކްލިޕަކީ އެ މައްސަލައިގައި އަނިޔާ ލިބުނު ފަރާތް ނުވަތަ ވިކްޓިމްއާ ސްކައިޕް މެދުވެރިކޮށް ކުރެވިފައިވާ އިންޓަވިއުގެ ރިކޯޑިންއަކަށްފަހު، ވިކްޓިމް ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަޔާން ޑްރާފްޓް ކުރުމުގެ މަރުހަލާގައި ތަޙްޤީޤް ކުރި ފަރާތްތަކުގެ މެދުގައި ދެކެވިފައިވާ ވާހަކަތަކެއްގެ ވީޑިއޯ ކްލިޕެއްކަމަށެވެ.
"މިއީ ވިކްޓިމްގެ ބަޔާނަށް އުނިއިތުރު ގެނައުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށް ދޭހަވާ ގޮތަށް ވިކްޓިމްގެ ވަކީލުން މީސްމީޑިއާގައި ދައްކާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ކަމުގެ ހަޤީގަތާ ޚިލާފަށް ދައްކާފައިވާ ވާހަކަތަކެއް ކަމުގައި ދަންނަވަމެވެ." ފުލުހުންގެ ބަޔާނުގައި ވެއެވެ.
އެއީ ވިކްޓިމް އަދި ވިކްޓިމްގެ ޤާނޫނީ ވަކީލުންނާ ސީދާ ކުރެވިފައިވާ މުޢާމަލާތެއް ނޫންކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ވެއެވެ. ތަޙްޤީޤަށް ކުރެވޭ އިންޓަވިއުއެއްގައި ދައްކާފައިވާ ވާހަކަތައް ބަޔާނެއްގެ ގޮތުގައި ލިޔާއިރު، އެ ވާހަކަތައް އިތުރަށް ސާފުކޮށް ކަށަވަރު ކުރުމަށް ތަޙްޤީޤުގައި ބައިވެރިވާ ފަރާތްތަކުގެ ދެމެދުގައި މަޝްވަރާ ކުރައްވާކަމަށް ބަޔާނުގައި ވެއެވެ. އަދި ބަޔާންދޭ ފަރާތުން ދޭ ޖަވާބުތަކުގެ މައްޗަށް ތަޙްޤިޤްކުރާ ފަރާތްތަކުން ބަޔާން ޑްރާފްޓް ކުރުމަކީ އާންމު އުސޫލުން ވެސް އަމަލު ކުރައްވާ ގޮތް ކަމަށް ވެސް ބަޔާނުގައިވެއެވެ. އެއީ ތަޙްޤީޤަށް ނެގޭ ބަޔާން ބަދަލުކުރުން ނޫންކަމަށް ވެސް ބުނެފައި ވެއެވެ.
ތަޙްޤީޤްގައި ކުރެވޭ އިންޓަވިއުއަށްފަހު، ލިޔެވޭ ބަޔާންވެސް ސޮއިކޮށް އިނގިލީގެ ނިޝާން ޖެހުމުގެ ކުރިން އިންޓަވިއުކުރާ ފަރާތާއި އޭނާގެ ވަކީލުން ބަލައި ޗެކްކުރުމަށްފަހު، ގެންނަން ބޭނުންވާ ބަދަލެއް ގެނައުމަށް ފުރުސަތުދެއްވުމަކީ އާއްމުކޮށް ޢަމަލުކުރެވޭ އުޞޫލުކަމަށް ފުލުހުންގެ ބަޔާނުގައި ވެއެވެ. ވަކިން ޚާއްސަކޮށް، މިހާރު އޮންލައިންކޮށް އިންޓަވިއުކުރުމަށް އަމަލުކުރާ އުސޫލުގައި އިންޓަވިއުކުރެވޭ ފަރާތުގެ ބަޔާން ޓައިޕްކުރުމަށްފަހު، އެ ފަރާތުން ބޭނުންވާ އިސްލާހުތައް ގެނައުމަށް ބަޔާނުގެ ސޮފްޓްކޮޕީ އީމެއިލް ކުރުމުގެ އިންތިޒާމްވެސް ހަމަޖެހިފައިވާކަމަށް ފުލުހުންގެ ބަޔާނުގައި ވެއެވެ.
މީސް މީޑިއާގައި ދައުރުކޮށްފައިވާ ވީޑިއޯ އަކީ ތަޙްޤީޤްގެ ބޭނުމަށް ފުލުހުން ކޮށްފައިވާ އިންޓަވިއުއަކަށްފަހު ކުރެވިފައިވާ ރެކޯޑަކަށް އެއްކަމަށް ބަޔާނުގައި ވެއެވެ.
"މި އިންޓަވިއުއަށް ވަކީލުންނަށް އެކްސެސް ދީފައިވަނީ ތަޙްޤީޤްގެ ބޭނުމަކަށްވާއިރު، އިންޓަވިއުގައި ހިމެނިފައިވާ މައްސަލައިގައި ވިކްޓިމްއާއި މެދު ހިންގާފައިވާ އަމަލުތަކުގެ މައުލޫމަތު ހާމަވާނެހެން، މުޖްތަމައު ތެރެއަށް މިގޮތަށް ވީޑިއޯއެއް އާންމުކުރުމަކީ، ވިކްޓިމްގެ ހައްޤުތައް އިތުރު އުނިކަން ލިބޭނެހެން ކޮށްފައިވާ އަމަލެއް ކަމުގައި ދެކެމެވެ." ފުލުހުންގެ ބަޔާނުގައި ވެއެވެ.
ފުލުހުންގެ ބަޔާނުގައި ވަނީ ތަޙްޤީޤްގައި މަސައްކަތްކުރާ ގޮތާމެދު މައްސަލައެއް ނުވަތަ ޝަކުވާއެއް އޮތްނަމަ އެފަދަ ކަންކަން ބެލުމަށް ހަމެޖެހިފައިވާ ނިޒާމު ބޭނުންނުކުރުމެއް ނެތި ރެކޯރޑިންގެ ބައިތައްފަދަ ތަޙްޤީޤާ ގުޅުންހުރި މަޢުލޫމާތު ހިމެނޭ ކޮންޓެންޓް އާންމުކުރުމަކީ ފުލުހުންގެ އިދާރާގެ ނުހަނު ބޮޑު ކަންބޮޑުވުމެއްކަމަށެވެ.
"މިއީ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ތަޞައްވަރު ކިލަނބުވާގޮތަށް ޙަޤީގަތާއި ހިލާފު ތުހުމަތުތަކެއްކޮށް، ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ގެއްލުވާލުމަށް ކޮށްފައިވާ ނާތަހުޒީބު އަމަލެއް ކަމުގައި ދެކެމެވެ." ފުލުހުންގެ ބަޔާނުގައި ވެއެވެ.
އެ މައްސަލަ އެންއައިސީއަށް ހުށަހަޅައިފައި ވުމުން، އެ ކޮމިޝަންގެ ތަހުޤީޤަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެއެވެ.