ބޯޑަރު ހުޅުވާލާ ދުވަހުވެސް ފަތުވެރިންނާއެކު ދެ ފްލައިޓް ރާއްޖެ އަންނާނެ

ކޮވިޑަށް ފަހު ރާއްޖޭގެ ބޯޑަރު ހުޅުވާލާ ދުވަހު ވެސް ފަތުވެރިންނާއެކު ދެ ފްލައިޓް ރާއްޖެ އަންނާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައި ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވީ ރާއްޖޭގެ ބޯޑަރު ހުޅުވާލާއިރުވެސް 11 އެއަރލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށާނެކަމުގެ ޔަޤީންކަން ދީފައިވާކަމަށެވެ. ބޯޑަރު ހުޅުވާލާ ދުވަހު ރާއްޖެއަށް ބާއްވަން ހަމަޖައްސަވައިފައި ވަނީ އެމިރޭޓްސްގެ ފްލައިޓަކާއި އިންޑިގޯގެ ފްލައިޓެކެވެ. މި ދެ އެއަރލައިނަކީވެސް ރާއްޖެއަށް ގިނަ ޢަދަދެއްގެ ފަތުރުވެރިން އުފުލާ ދެ އެއަރލައިނެވެ. ބޯޑަރު ހުޅުވާލުމަށް ފަހު ދަތުރުތައް ފެށުމަށް ހަމަޖައްސަވައިފައިވާ ބައެއް އެއަރލައިންތަކުގެ ތަފްޞީލްވެސް މިނިސްޓަރ ޢަލީ ވަހީދު ދެއްވިއެވެ.

ބޯޑަރ ހުޅުވާލާއިރު ކޮންމެ 20 މިނެޓަކުން ފްލައިޓް ޖައްސާ ކްލިއަރެންސް ހެދޭ ވަރަށް އެމްއޭސީއެލުން ތައްޔާރުވެފައިވާ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށްވެސް ޓޫރިޒަމް މިނިސްޓަރ ދެއްވިއެވެ. އެއަރޕޯރޓް ހުޅުވާލާއިރު އެއަރޕޯރޓްގައި ޓޫރިޒަމް މިނިސްޓްރީގެ ޚާއްޞަ ކައުންޓަރެއް ޤާއިމްކުރެވޭނެކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އޭގެ ބޭނުމަކީ އެއަރޕޯރޓްގައި ފަތުރުވެރިންނަށް ދިމާވާ ކަންކަމުގައި ގާތުން ދެނެގަނެ އެ ކަންކަމުގައި ވެދެއްވަން ޖެހޭ އެހީތެރިކަން ފޯރުކޮށް ދެއްވުން ކަން ފާހަގަކުރެއްވިއެވެ.

ބޯޑަރު ހުޅުވާލާއިރު މިސަރަޙައްދުގެ އެހެން ޤައުމުތަކަށްވުރެ އެއަރޕޯރޓްގައި ޓެސްޓިން ކެޕޭސިޓީ އެންމެ ބޮޑަށް އިތުރު ކުރެވިފައިވަނީ ރާއްޖޭގައިކަންވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އަދި ރާއްޖޭގެ ފަސް ސަރަޙައްދު ތައްޔާރީ ޙާލަތަށް ގެނެވިފައިވާކަމަށްވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން ކޮވިޑަށް ޕީސީއާރު ޓެސްޓް ހަދަން ބޭނުންވާ ކޮންމެ ފަތުރުވެރިއަކަށް ވެސް އެޚިދުމަތް ފޯރުކޮށް ދެވޭނެކަމަށް ވެސް ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.  

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.