ރާއްޖޭގެ އެކިސަރަޙައްދުތަކުން ފަތުރުވެރިކަމަށް އަލަށް ދޫކުރާ ރަށްތައް މިމަހު އިޢުލާން ކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު (ބަލަކް) ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ކައުންސިލާސް ޓްރެއިނިން ޕްރާގްރާމް ނިންމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ އަލަށް ފަތުރުވެރިކަމަށްދޫކުރާ ރަށްތައް އިޢުލާން ކުރައްވާނީ މިމަހު 12 ވަނަދުވަހުގެރޭ އޮންނަ ޖަލްސާއެއްގައި ކަމަށެވެ.
ޓޫރިޒަމަށް ރަށްތައް ދޫކުރުމަކީ އަބަދުވެސް ރައްޔިތުންގެ އުންމީދާ ގުޅިފައިވާ ކަމެއް ކަމަށާއި، "އަބަދު ވެސް މިކިޔަނީ ރާއްޖޭގެ އުތުރަކު ރިސޯޓެއްނެތޭ، ދެކުނަކު ރިސޯޓެއްނެތޭ ތިމަންނަމެންގެ އަތޮޅަކު ރިސޯޓެއްނެތޭ،" މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ބޮޑުތިލަދުން މައްޗާއި، އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއާއި، ހުވަދުއަތޮޅާއި އެހެންގޮސް ފަތުރުވެރިކަން ނެތް ހިސާބުތައް ހިމެނޭ ހުރިހާ ސަރަޙައްދުން މިފަހަރު ރަށްތައް ދޫކުރެވޭނެއެވެ.
މިނިސްޓަރ ވިދާޅުވީ ރައީސުލްޖުމްހުރިއްޔާގެ ވަޢުދުތައް ރަނުންރަނަށް އަކުރުން އަކުރަށް ފުއްދުމަކީ ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓުގެ މަސްއޫލިއްޔަތެއް ކަމަށެވެ. "ﷲ އިރާދަކުރެއްވިއްޔާ މިމަހު 12 ވަނަ ދުވަހުގެރޭ ބޮޑު ތިލަދުންމަތީންނާއި އައްޑޫސިޓީން، ފުވައްމުލަކު ސީޓީންނާއި ހުވަދޫ އަތޮޅުން މިހެންދަންނަވާނެ ކަމެއްނެތް ރާއްޖޭގައި ފަތުރުވެރިކަންނެތް ސަރަހައްދުތައް ހިމެނޭ ގޮތަށް އަލަށް ދޫކުރާރަށްތައް އަޅުގަނޑުމެން އިއުލާން ކުރާނަން،" ޢަލީ ވަޙީދު ވިދާޅުވިއެވެ. އެހެންނަމަވެސް އަލަށް ދޫކުރާނީ ކިތައް ރަށްކަމެއް އެމަނިކުފާނު ވިދާޅެއް ނުވެއެވެ.
އިޢުލާންކުރަން ހަމަޖައްސާފައިވާ ރަށްތައް ފައިނަލް ނުވަތަ ހޮވާފައިވަނީ ރައީސުލްޖުމްހުރިއްޔާގެ ކެމްޕޭން ވަޢުދުތަކާއި މެނިފެސްޓޯއާއި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންގެ ޚިޔާލާއެކުގައި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކައުންސިލްތަކުގެ ޚިޔާލާއި ކަމާބެހޭ ހުރިހާ މިނިސްޓްރީތަކުގެ ޚިޔާލު ވެސް އެކަމުގައި ހޯއްދެވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ރައްޔިތުންނާ ހަމައަށް މިސަރުކާރުން ރިސޯޓުތައް ގެނެސްދޭނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ. މިސަރުކާރަށް ނޭނގި ރާއްޖޭގެ އެއްވެސް ރަށެއް އެހެން މީހަކަށް ނުދެވޭނެ ކަމަށްވެސް ޢަލީ ވަޙީދު ވިދާޅުވިއެވެ.