ޖުލައި ފުރަތަމަ ދުވަހުން ފެށިގެން ދެ އެއަރލައިނަކުން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފެށުމަށް ތައްޔާރުވެ އެކަމަށް ރިކުއެސްޓް ކޮށްފައިވާކަމަށް މޯލްޑިވްސް އެއަރޕޯރޓްސް އޮތޯރީޓީން (އެމްއޭސީއެލް) އިން ވިދާޅުވެއްޖެއެވެ. އެކުންފުނިން މިކަން ހާމަކޮށްފައިވަނީ ޖުލައިމަހުން ފެށިގެން ރާއްޖޭގެ ބޯޑަރު ހުޅުވާލާއިރު ވަމުންދާ ތައްޔާރީތަކާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕަރައިސަސް (އެސްއޭއީ) ކޮމެޓީއަށް މަޢުލޫމާތު ދެއްވަމުންނެވެ.
އެމްއޭސީއެލްގެ ޓާމިނަލް މެނޭޖަރު އިބްރާހިމް ހުސައިން ވިދާޅުވީ ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރާއްޖެއަށް ޝެޑިއުލް ފްލައިޓްތައް ބޭއްވުމަށް ރިކުއެސްޓް ކޮށްފައިވަނީ ސްރީލަންކަން އެއަރ ވޭސްއާއި ގަތަރު އެއާވޭސްއިން ކަމަށެވެ. ސްރީލަންކަން އެއަރވޭސް އިން ދުވާލަކު ތިން ފްލައިޓް ބާއްވަން އެދިފައިވާއިރު ޤަތަރު އެއަރވޭސް އިން ދުވާލަކު އެއް ފްލައިޓު ބާއްވަން ހުށަހަޅާފައިވެއެވެ. މީގެ އިތުރުން އިތުރު ހަތް އެއަރލައިނެއްގެ ޝެޑިއުލް ދަތުރުތައް ޖުލައި 15 އިން ފެށިގެން ރާއްޖެއަށް ފެށުމަށް ރިކުއެސްޓްކޮށްފައިވާކަމަށް ވެސް އެމްއޭސީއެލް އިން ވިދާޅުވިއެވެ. އެއަރލައިންތަކުގެ ތެރޭގައި ރާއްޖެއަށް ގިނަ ޢަދަދަކަށް ފަތުރުވެރިން އުފުލާ އެއަރލައިންތައް ހިމެނެއެވެ. އޭގެތެރޭގައި އެމިރޭޓްސް އިން ރިކުއެސްޓްކޮށްފައިވަނީ ދުވާލަކު ފްލައިޓެއް ބޭއްވުމަށެވެ. އިއްތިހާދުން ހަފްތާއަކު ދެ ފްލައިޓް ބޭއްވުމަށެވެ. ހޮންކޮންގް އެއަރވޭސް އިން ހަފްތާއަކު ދެ ފްލައިޓް ބޭއްވުމަށެވެ. އިންޑިގޯ އިން ދުވާލަކު ދެ ފްލައިޓް ބޭއްވުމަށެވެ. އެސްކިޔު އިން ދުވާލަކު އެއް ފްލައިޓް ބޭއްވުމެށެވެ. ސިލްކް އެއަރ އިން ދުވާލަކު ދެ ފްލައިޓް ބާއްވާނެކަމަށް ބުނާއިރު ޓާކިޝް އެއަރ އިން ހަފްތާއަކު ފަސް ދުވަހު ދުވާލަކު ދެ ފްލައިޓް ބޭއްވުމަށް ރިކުއެސްޓް ކޮށްފައިވާ ކަމަށް އެމްއޭސީއެލް އިން ވިދާޅުވިއެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓްރ މޫސާ ޞާލިޙް ވިދާޅުވީ ޖުލައި ފުރަތަމަ ދުވަހުން ފެށިގެން ވެސް ބޯޑަރު ހުޅުވާލުމަށް އެކުންފުނިން ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށެވެ. ނަމަވެސް ބޯޑަރު ހުޅުވިގެން ދާނީ ޤައުމީ ލެވެލްގައި އެކަން ނިންމުމުން ކަމަށެވެ. ބޯޑަރު ހުޅުވާލާނެ ސީދާ ވަކި ތާރީޚެއް އެމްއޭސީއެލްއަށް އަދި އަންގައިފައި ނުވާކަމަށްވެސް އެކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރ ވިދާޅުވިއެވެ. ރާއްޖެއަށް ދަތުރު ފަށަން ބޭނުންވާ އެއަރލައިންތައްވެސް ޝެޑިއުލްތައް ނުރޭވި ވަނީ ބޯޑަރު ހުޅުވާނެ ތާރީޚެއް ކަނޑަނޭޅޭތީކަމަށް އޭނާ ވިދާޅުވިއެވެ.