ރ. އަތޮޅުފައިނުގައި އެތެރޭގެ އުދުހުންތަކަށް ޚާއްސަ އެއަރޕޯޓެއް އެޅުމަށް އައިލެންޑް އޭވިއޭޝަނާ މިއަދު ހަވާލު ކޮށްފިއެވެ.
ފައިނުގައި އެއާޕޯޓު އެޅުމަށް އައިލެންޑުއޭވިއޭޝަނާ ހަވާލު ކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފައިވަނީ ޓޫރިޒަމް މިނިސްޓްރީގައެވެ. ރަސްމިއްޔާތުވަނީ އެއާޕޯޓު އެޅުމަށް ސަރުކާރާއި އެ ކުންފުންޏާ ދެމެދު އެއްބަސް ވުމުގައި ސޮއި ކުރައްވައިފައެވެ.
މި އެއްބަސްވުމުގައި ސަރުކާރުހެ ފަރާތުން ސޮއި ކުރެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ. އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް ހާރިސެވެ.
މިއީ ސަރުކާރުން އެ އަތޮޅުގައި ގާއިމް ކުރާ ދެވަނަ އެއާޕޯޓެވެ. މި ހާރު އެއަތޮޅުގައި ހިންގަނީ އިފުރު އެއާޕޯޓެވެ. އެ އެއަރޕޯޓު ވެސް ހިންގަނީ އައިލެންޑުއޭވިއޭޝަނުންނެވެ.
އިއްޔެވަނީ ޅ. މަޑިވަރުގައި ވެސް އެއާޕޯޓެއް އެޅުމަށް ކުންފުންޏަކީ ހަވާލު ކުރައްވައިފައެވެ.
ރ. ފައިނުގައި ތަރައްގީ ކުރާ އެއަރޕޯޓާއެކު ދެ ސިޓީ ހޮޓަލާއި، އަޔުރްވެދިކް މެޑިކަލް ޓްރީޓްމެންޓް ސެންޓަރަކާއި މެޑިކަލް ރީހެބިލިޓޭޝަން ސެންޓަރެއް ތަރައްގީ ކުރެވޭނެ އެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ފައިނުގައި އެއާޕޯޓެއް އެޅުމަކީ ރ. އަތޮޅުގެ ޓޫރިޒަމް އިތުރަށް ތަރައްގީ ކުރުމަށް ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށެވެ.
މި އެއާޕޯޓު އެޅުމަށް ޚަރަދު ކުރާނީ އައިލެންޑު އޭވިއޭޝަނާއި ބައެއް ރިސޯޓުތަކުން ކަމަށް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.