އޭޕްރީލް މަހުގެ އަށްވަނަ ދުވަހުން ފެށިގެން ސައުދީ އަރަބިޔާގައި ހިންގާފައިވާ ފުރަބަންދު މިއަދު ހެނދުނު ހަޔަކުން ފެށިގެން އުވާލައިފިއެވެ.
ފުރަބަންދު އުވާލުމުން ވިޔަފާރިކޮށް އިގުތިސާދީ މަސައްކަތް ހިންގައި އޮފީސްތައް ހުޅުވައި ދިރިއުޅުމުގެ ހުރިހާ ކަމެއްހެން އާންމު ހާލަތަށް ބަދަލުވެގެން ހިނގައްޖެއެވެ. ނަމަވެސް ބައިނަލްއަގުވާމީ ދަތުރުތައް ކުރުމާއި 50އަށްވުރެ ގިނަ މީހުން އެއްތަނަކަށް އެއްވެއުޅުމާއި ބޯކޮށާ ތަންތަނުގެ ޚިދުމަތް ދިނުން ވަނީ މަނާކޮށްފައެވެ.
ސައުދީ އަރަބިޔާގެ ދާޚިލީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހޮޓާތަކާއި ކުޅިވަރު ކުޅޭތަންތަން ހުޅުވައި ފަތުރުވެރިކަމުގެ ހަރަކާތްތައް ވެސް މިއަދުން ފެށިގެން ހިންގޭނޭކަމަށެވެ.
ކޮރޯނާވައިރަސް ހުއްޓުވުމަށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސައުދީ އަރަބިޔާގެ ބޮޑެތި ރަށްރަށާއި ބަލިފެތުރެމުންދިޔަ އަވަށްތައް ފުރަބަންދުކޮށް ބޭރަށް ނިކުމެއުޅުން މަނާކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވީ 73 ދުވަހަށްފަހުގައެވެ.
ފުރަބަންދަށް ލުއިދިނުގެ ފިޔަވަޅުތައް ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާނެކަމަށާއި ޖޫން މަހުގެ 21 ވަނަ ދުވަހު ފުރަބަންދު އުވާލާނެކަމަށް މޭމަހު ސަރުކާރުން ވަނީ އިއުލާނުކޮށްފައެވެ.
މޭމަހު ފުރަބަންދަށް ލުޔެއް ދިނުމުން ކޮރޯނާވައިރަސް ފެތުރުން އިތުރުވެ މަރުވާ މީހުންގެ އަދަދު ގިނަވެގެންދިޔައެވެ. ހިސާބުތައް ދައްކާގޮތުން ސައޫދީ އަރަބިޔާގެ 154000 އަށްވުރެ ގިނަ މީހުންނަށް ވައިރަސްޖެހި ބަލީގައި 1200 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.
ކޮރޯނާވައިރަސް ފުޅާދާއިރާއެއްގައި ފެތުރެމުން ދިއުމާގުޅިގެން މިއަހަރުގެ ހައްޖުގެ އަޅުކަން ބާއްވާނެކަން ނުވަތަ ނޫންކަން ސައުދީ ސަރުކާރުން އަދި މީހާތަނަށް ކަނޑައަޅައި އަންގާފައެއް ނުވެއެވެ.
ފަހަކަށް އައިސް ކޮންމެ އަހަރެއްގެ ހައްޖުގެ އަޅުކަމުގައި 2.5 މިލިއަން މުސްލިމުން ބައިވެރިވެއެވެ.
ދުނިޔޭގައި މުސްލިމުން އެންމެ ގިނަ އިންޑޮނޭޝިޔާގެ އިތުރަށް މެލޭޝިޔާއިން ވަނީ އެގައުމުގެ ރައްޔިތުން ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިޔާއަށް މިއަހަރު ނުފޮނުވަން ނިންމާފައެވެ.
ސައުދީ އަރަބިޔާއިން ފުރަބަންދު އުވާލުމުގެ ކުރިން މުސްލިމު ގައުމެއްކަމުގައިވާ މެލޭޝިޔާއިން ވެސް ވަނީ ފުރަބަންދަށް ލުއިދީ އިގުތިސާދީ ހަރަކާތްތައް ހިންގުމުގެ ފުރުސަތު ތަނަވަސްކޮށްދީފައެވެ.
ސައުދީ އަރަބިޔާއިން ފުރަބަންދު އުވާލިއިރު އިއްޔެ އެކަނިވެސް ސައުދީ އަރަބިޔާގެ 3941 މީހުންނަށް ވަނީ ކޮރޯނާވައިރަސް ޖެހިފައެވެ.
ސައުދީ އަރަބިޔާގެ ދާޚިލީ ވުޒާރާއިން ބުނިގޮތުގައި މިއަދުން ފެށިގެން ފުރަބަންދު އުވާލިޔަސް ބޭނުންވެއްޖެ ހިނދެއްގައި ފުރަބަންދު އަލުން ގާއިމުކުރަން ޖެހިދާނެއެވެ.