ކޮވިޑް- 19: ސައޫދީ އަރަބިއްޔާއިން ދެމުން އައި ކޯސްޓް އޮފް ލިވިންގ އެލަވަންސް ކަނޑާލައި ޓެކްސް ބޮޑުކުރަނީ

ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟު

ކޮވިޑް- 19 އިން އިގުތިސާދަށް ލިބޭ ގެއްލުން ކުޑަކުރުމަށް ސައޫދީ އަރަބިއްޔާގައި ދެމުން އައި ކޯސްޓް އޮފް ލިވިންގ އެލަވަންސް ކަނޑާލައި، ވިއްކާ މުދަލުން ނަގާ ވެލިއު އެޑެޑް ޓެކްސް (ވެޓް) ތިންގުނަ ބޮޑުކުރަން ނިންމައިފިއެވެ. މީގެ އިތުރަށް ވިޝަން 2030 ގެ ބިޔަ މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ ޚަރަދުން 100 ބިލިއަން ރިޔާލު (26.67 ބިލިއަން އެމެރިކާ ޑޮލަރު) އުނިކުރުމަށް ވެސް ވަނީ ނިންމައިފައެވެ.

"ޖޫން 1 އިން ފެށިގެން ކޯސްޓް އޮފް ލިވިންގ އެލަވަންސް ދިނުން ހުއްޓާލާނެ. އަދި ވެލިއު އެޑެޑް ޓެކްސް %5 އިން %15 އަށް ބޮޑުކުރާނެ." ފިނޭންސް މިނިސްޓަރު މުޙައްމަދު އަލް ޖަދްޢާން ނެރުއްވި ބަޔާނެއްގައި ވެއެވެ.

"މިއީ ވޭންދެނިވި ފިޔަވަޅުތަކެއް އެހެންނަމަވެސް، މެދު މުއްދަތަކަށް އަދި ދިގު މުއްދަތަކަށް ބަލާއިރު، އިގުތިސާދީ ހަމަޖެހުން ދަމަހައްޓަން މިފިޔަވަޅުތައް ކޮންމެހެންވެސް އަޅަން ޖެހޭ." ފިނޭންސް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.

2018 ވަނަ ސައޫދި އަރަބިއްޔާއިން އެގައުމުގައި ވިއްކާ ތެލާއި ގޭހުގެ އަގުބޮޑުކޮށް، ވިއްކާ މުދަލުން ވެޓް ނަގަން ފެށުމާއެކު، ސަލްމާން ރަސްގެފާނު ވަނީ ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމުގެ ބަދަލެއްގެ ގޮތުގައި މަހަކު 1000 ރިޔާލު (375 އެމެރިކާ ޑޮލަރު) ދިނުމަށް ނިންމަވާފައެވެ. ރަސްމީ ތަފާސް ހިސާބުތައް ދައްކާ ގޮތުން ސައޫދީ ސަރުކާރުގެ މުވައްޒަފުންގެ ގޮތުގައި 1.5 މިލިއަން މީހުން ތިބެއެވެ.

ކޮވިޑް- 19 ގެ ބަލިމަޑުކަމުގެ ނޭދެވޭ އަސަރުގެ އިތުރަށް، ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި އިންތިހާއަށް ދަށަށް ވެއްޓުމުގެ ސަބަބުން ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އެސްޕޯޓުކުރާ ގައުމު، ސައޫދީ އަރަބިއްޔާގެ އިގްތިސާދަށް ވަނީ ބޮޑު ލުޅުމެއް އަރާފައެވެ.

މަރުކަޒީ ބޭންކުގެ ރިޒާވް 2011 ގައި ހުރި މިންވަރަށް ދަށަށް ވެއްޓިފައި ވާއިރު، މިއަހަރު ފުރަތަމަ ތިން މަހު ތެލުން ލިބުނު އާމްދަނީ ވަނީ %24 ދަށަށް ގޮސްފައެވެ، މީގެ ސަބަބުން ދައުލަތުގެ އާމްދަނީ %22 ދަށަށް ގޮސްފައި ވެއެވެ.

ސަރުކާރުގެ އިދާރާތަކުގެ ބަޖެޓް %20 ކުޑަކޮށްފައި އަލުން ހުށަހެޅުމަށް ފާއިތުވި މާރިޗު މަހު ސަރުކާރުން އަންގާފައިވާ ކަމަށްވެސް ޚަބަރު ލިބެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.