ހަލުވިކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސްގެ ސަބަބުން ޖެހޭ ކޮވިޑް- 19 ކޮންޓުރޯލުކުރުމަށް ސައޫދީ އަރަބިއްޔާގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދީ ތިން ފިޔަވައްސަކަށް ބަހާލައިގެން ގައުމު ހުޅުވައިލަން ނިންމައިފިއެވެ. ސައޫދީ ދާޚިލީ ވުޒާރާއިން ހާމަކުރި ގޮތުގައި މި ލުއިތައް ދެނީ ސަލްމާނު ރަސްގެފާނުގެ ލަފާފުޅުގެ މަތިންނެވެ.
އެ ބަޔާނުގައި ވާ ގޮތުން ފުރަމަތަ މިފަޔަވަހީގައި، މަހުގެ 28 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް މައްކާ ފިޔަަވައި ސައޫދީ ހުރިހާ ރަށެއްގައި ހިންގާފައި އޮތް ކާފިއު ލުއި ދީ، ނުކުމެ އުޅުމުގެ ހުއްދަ ހެނދު 6:00 އިން ހަވީރު 3:00 އަށް ދެވޭނެއެވެ. އަދި އެއް ރަށުން އަނެއް ރަށަށް އަމިއްލަ އުޅަނދު ފަހަރުގައި ދަތުރުކުރުމުގެ ހުއްދަ ދެވޭނެއެވެ. މި ގޮތަށް ހުއްދަ ދިން ނަމަވެސް، ސޯޝަލް ޑިސްޓޭންސިންގއަށް ސަމާލުވާން ޖެހެއެވެ. އަދި 50 މީހުންނަށްވުރެ ގިނަ މީހުން އެއް ތަަނަކަށް އެއްވުން މަނާވާނެއެވެ.
ވިޔަފާރިތަކާއި އިޖްތިމާއީ ހަރަކާތްތަކުގެ ތެރެއިން ސޯޝަލް ޑިސްޓޭންސިންގއަށް އަމަލުކުރުން އުނދަގޫވާ، ބޯކޮށާތަންތަނާއި ބިއުޓީ ސެލޫންތައް، ކުޅިވަރު އަދި ފިޓްނަސް ކްލަބްތައް، މުނިފޫހިފިލުވުުމުގެ މަރުކަޒުތައް އަދި ސިނަމާތައް ފަދަ ތަންތަނާއި، ކެެފޭ ރެސްޓޯރަންޓްތައް ފިޔަވައި އެހެން ތަންތަން ހުޅުވުމުގެ ހުއްދަ ދޭންވެސް ވަނީ ނިންމައިފައެވެ. މި ގޮތުން ސޯޝަލް ޑިސްޓޭންސިންގއަށް ސަމާލުކަން ދިނުމާއެކު ހޯލްސޭލް އަދި ރިޓޭލް ފިހާރަތަކާއި، މޯލްތައް ހުޅުވައިލުމުގެ ފުރުސަތު ދެވޭނެއެވެ.
ދެވަނަ ފިޔަވަހީގައި މި މޭ މަހުގެ 31 ވަނަ ދުވަހުން ފެށިގެން އަންނަ ޖޫން މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް، މައްކާ ފިޔަވަައި ހުރިހާ ރަށެއްގައި ހެނދު 6:00 އިން ފެށިގެން ރޭގަނޑު 8:00 އަށް ބޭރަށް ނުކުމެ އުުޅުމުގެ ހުއްދަ ދެވޭނެއެެވެ.
މި ފިޔަވަހީގައި މައްކާ ފިޔަވައި އެހެން ހުރިހާ ރަށެއްގެ މިސްކިތްތައް ހުޅުވައި، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، ޖަމާއަތުގައި ނަމާދުކުރުމާއި، ހުކުރު ނަމާދު ކުރުމުގެ ހުއްދަ ދިނުމަށްވެސް ވަނީ ނިންމައިފައެވެ. މައްކާގައި ޖަމާއަތުގެ ނަމާދު އަދި ހުުކުރު ނަމާދު ކުރާނީ އަލްމަސްޖިދުލް ޙަރާމްގައި އެކަންޏެެވެ.
ކުރިން އިސްތިސްނާކޮށްފައިވާ ވިޔަފާރިތަކާއި އިޖްތިމާއީ ހަރަކާތްތަައް ހުޅުވާލުމަށް ވެސް މިފިޔަވަހީގައި ހުއްދަ ދިނުމަށް ވަނީ ނިންމައިފައެވެ.
މި ފިޔަވަހީގައި ސަރުކާރުގެ އޮފީސްތަކާއި، އިމިއްލަ ފަރާތްތަކުގެ އޮފީސްތައް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ހުޅުވައި މުވައްޒަފުން ވަޒީފާއަށް ނުކުތުުމުގެ ފުރުސަތު ދިނުމަށް ވެސް ވަނީ ނިންމައިފައެެވެ.
ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެތެރޭގެ ވައިގެ ދަތުރު ފަތުރު ވެސް މި ފިޔަވަހީގައި ފަށަން ވަނީ ނިންމައިފައެވެ. އެހެންނަމަވެސް، ބައިނަލްއަގުވާމީ އުދުހުންތަކަށް އަދި ހުޅުވާނުލަން ވަނީ ނިންމައިފައެވެ. މި ފިޔަވަހީގައި އެެެއްގަމު މަގުން އެތެރޭގައި ކުރެވޭ އާއްމު ދަތުރު ފަތުރުވެސް ހުޅުވައިލެވޭނެއެެވެ.
ކެފޭ ރެސްޓޯރަންޓްތައް ހުޅުވުމުގެ ހުއްދަ ދިން ނަމަވެސް މި ފިޔަވަހީގައި ސެލޫންތަކާއި، ސިނަމާތަކާއި، ކްލަބްތައް ހުޅުވުމުގެ ހުުއްދަ ނުދެވޭނެއެވެ.
ތިންވަނަ ފިޔަވަހީގައި، 21 ޖޫން އިން ފެށިގެން މައްކާ ފިޔަވައި ސައޫދީ އަރަބިއްޔާގެ ހުރިހާ ރަށެއްގައި ކާފިއު މުޅިން އުވާލައި ހުރިހާ ވަގުތެއްގައިވެސް ބޭރަށް ނުކުމެ އުޅުމުގެ ހުއްދަ ދެވޭނެއެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ހުރިހާ ވިޔަފާރިތަކާއި، އިޖްތިމާއި ހަރަކާތްތައް ހިންގުމުގެ ފުރުސަތު ދެވޭނެއެެވެ. އަދި ކެފޭ ރެސްޓޯރަންޓުތައް ވެސް ހުޅުވައިލެވޭނެއެވެ.
އުމްރާ ދަތުރުތަކުގެ ހުއްދަ އަދި ނުދިނުމަށް ވަނީ ނިންމައިފައެވެ.
މައްކާގައި ފުރަތަމަ ފިޔަވަހީގެ ފިޔަވަޅުތައް ފެށޭނީ އެހެން ރަށްރަށުގައި ދެވަނަ ފިޔަވަހީގެ ފިޔަވަޅުތައް ފެށޭ ދުވަހުއެވެ. އަދި މައްކާގައި ދެވަނަ ފިޔަވައްސަށް އަމަލުކުރަން ފަށާނީ އެހެން ރަށްރަށުގައި 3 ވަނަ ފިޔަވައްސަށް އަމަލުކުރަން ފަށާ ދުވަހުއެެވެ.
ސައޫދީ އަރަބިއްޔާގައި ވެސް ހަލުވިކަމާއެކު ކޮވިޑް- 19 ފެތުރެމުން ދާއިރު، އެ ގައުމުގައި 74 ހާހަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހި 399 މީހުން ވަނީ މަރުވެފައެވެ.