މިއަދުން ފެށިގެން 20 ގައުމަކުން އަންނަ ބިދޭސީ ދަތުރުވެރިން ސައޫދީ އަރަބިއްޔާއަށް އެތެރެވުން އެގައުމުން މަނާކޮށްފިއެެވެ. މިއީ ކޮޮވިޑް-19 ފެތުރުން ކޮންޓުރޯލުކުރުމަށް އެޅި ފިޔަވަޅެކެވެ.
މިރޭ 9:00 (ރާއްޖޭ ގަޑިން މިރޭ 11:00) ގައި އަމަލުކުރަން ފަށާ މި ނިންމުމުން އިސްތިސްނާ ވާނީ ޑިޕްލޮމޭޓުންނާއި، ސިއްހީ މަސައްކަތްްތެރިންނާއި، އެމީހުންގެ އާއިލާތަކެވެ.
ދަތުރުވެރިން އެތެރެވުން މަނާކޮށްފައިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، މިސްރު، ލެބްނާން (ލުބްނާން) އަދި ތުރުކީގެ އިތުރަށް އެމެރިކާ، އިނގިރޭސިވިލާތް، ޖަރުމަނު، ފްރާންސް، އިޓަލީ، އަޔަލޭންޑް، ޕޯޗުގަލް، ސުވިޒަލޭންޑް، ސްވިޑަން، ބްރެޒިލް، އާޖެންޓީނާ، ދެކުނު އެފްރިކާ، އިންޑިޔާ، އިންޑޮނޭޝިޔާ، ޕާކިސްްތާން އަދި ޖަޕާނުންނެވެ.
މިއިން ގައުމެެއްގައި ފާއިތުވި 14 ދުވަހުގެ ތެރޭގައި ޓްރާންސިޓްވެފައި އަންނަ ދަތުރުވެރިންވެސް ވަނުން މަނާކެެރެވޭނެއެވެ. ސައޫދީ އަރަބިއްޔާއަށް ސީދާ އުުދުުުހުންތައް ނެތް ގައުމުތަކުގެ ދަތުރުވެރިން އެ ގައުމަށް އަންނަނީ ޔޫއޭއީގެ ދުބާއީގައި ޓްރާންސިޓްވެފައެވެ. މިހާރު އެފަދަ މީހުންނަށް ވެސް ސައޫދީ އަރަބިއްޔާއަށް ނުވަދެވޭ ގޮތް މިވަނީ ވެފައެވެ.
ސައޫދީ އަރަބިއްޔާއިން މި ފިޔަވަޅު އަޅާފައި މިވަނީ ކޮޮވިޑް-19 ޖައްސާ ނޮވެލް ކޮރޯނާވައިރަސްގެ ބަދަލުވެފައިވާ ވައްތަރުތަކެއް އިނގިރޭސިވިލާތާއި، ދެކުނު އެފްރިކާއާއި، ބްރެޒީލުން ފެނި ހަލުވިކަމާއެކު ފެތުރެމުންދާއިރު، މިހާރު ބޭނުންކުރަން ފަށާފައިވާ ވެކްސިނުން އާ ވައްތަރުތަކަށް ކުރާ އަސަރު ކުޑަވެދާނެ ކަމުގެ ކަންބޮޑުވުން އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
ސައޫދީ ސިއްހީ ދާއިރާގެ އޮފިޝަލުން އިންޒާުރެދެއްވާފައިވާ ގޮތުގައި ވައިރަސް ކޮންޓުރޯލުކުރުމަށް އަޅާފައިވާ ފިޔަަވަޅުތަކާމެދު ރައްޔިތުން ފަރުވާކުޑަ ކުރާނަމަ، އިތުރު ފިޔަވަޅުތަކެއް އެޅުމަކީ އެކަށީގެންވާ ކަމެކެވެ. އެ ގައުުމުގައި އިއްޔެ 310 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި އިރު މިއީ އެއްމަސް ކުރިން ޕޮޒިޓިވް މީހުންނަށްވުރެ ހަތަރު ގުނަ އިތުރު އަދަދެކެވެ.
ކޮވިޑް-19 އަކީ އާލަމީ ވަބާއެއްކަން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން އިއުލާންކުރުމާއެކު، ބޯޑަރުތައް ބަންދުކޮށް ސައޫދީ އަަރަަބިއްޔާއަށް އެއްގަމާއި، ކަނޑާއި، ވައިގެ މަގުން އެތެރެވުން ފުރަތަމަ މަނާކުރީ 14 މާރިޗު 2020 ގައެެވެ. އެއަށް ފަހު ސައޫދީ ބޯޑަރު ހުޅުވާލީ ފާއިތުވި ޖަަނަވަރީ މަހުގެ 3 ވަނަ ދުވަހުއެވެ.