މަޅުމަތި: ރިޔާސީ ގުރާ

ރައީސް މާޖިދު ރިޔާސީ ގަނޑުވަރަށް ގުރައެއް ގެނެސްފިއެވެ.
އެ ގުރައަކީ ވާހަކަދައްކާ ގުރައެކެވެ.
މާޖިދު ދާ ކޮންމެ ތަނަކަށް ގުރާ ގެންދެއެވެ.
ޖަލްސާއެއްގައި ބައިވެރި ވިޔަސް ގުރާ އެ ޖަލްސާގައި ބައިވެރި ކުރުވައެވެ.
ރައްޔިތުންނާ ބައްދަލު ކުރާއިރުވެސް ގުރާ ހުރެއެވެ.
ގުރާ ބަލަހައްޓާނޭ ޚާއްސަ ބަޔަކު ތިބެއެވެ.

ގުރައަށް ވާހަކަ ދައްކަން ދަސްކޮށް ދޭނޭ ބަޔަކުވެސް ތިބެއެވެ.
ފަށައިގަތް ދުވަސްވަރު އެއީ ވަރަށް އުނދަގޫ ކަމަކަށް ވިއެވެ.
އެކަމަކު ފަހުން ހަދާ ގޮތަކީ ވާހަކަ ދައްކާ ތަނެއްގައި ގުރާ ބައިންދަނީއެވެ.
އެތަނެއްގައި ދައްކާ ވާހަކަ ގުރާ ދަސްކޮށްލައެވެ.

އަތަމަނަހުރާގެ އެންމެ ޚާއްސަ ރައްޔިތަކީ މި ގުރައެވެ.
ސަބަބަކީ އެޔަށް ލިބިފައި އޮންނަ ޚާއްސަ އިމްތިޔާޒެވެ.
ނުވަދެވޭ ތަނެއް ނޯވެއެވެ.
ނުވަދެވޭ ބައްދަލުވުމެއް ނޯވެއެވެ.
ވަޒީރުންގެ މަޖިލީހުގައިވެސް ގުރާ ބައިވެރިވެއެވެ.

ގުރައަށް ދަސްވެފައި ހުންނަ އެއްޗެއް ބަލާ ޚާއްސަ ގޮތެއް އޮވެއެވެ.
އެއީ ވާހަކައެއްގެ ސުރުޚީއެއް އަޅައިލުމެވެ.
ނުވަތަ ވަކި ލަފުޒެއް ބޭނުން ކޮށްލުމެވެ.
އެ ލަފުޒެއްގެ އަޑު އިވުމާއެކު ގުރައަށް އެ ލަފުޒާ ގުޅިގެން އިވުނު ވާހަކަ ފަށައެވެ.

އެއްދުވަހަކު ވަޒީރުންގެ މަޖިލިސް ނިމުނީމާ ގުރާ ގެނެސް އެޔަށް ޚާއްސަ ޖަގަހައިގައި ބައިންދައިފިއެވެ.
ގުރާ ބަލަހައްޓާ މީހާ ކިޔައިފިއެވެ.
"އައްޑޫ."
ގުރާ ވަގުތުން ވާހަކަ ފަށައިފިއެވެ.
"އައްޑޫ މީހުންނަކީ ހުސްބުޅީގައި ގަންނަ ބައެކެވެ.
އެމީހުންނަކަށް ކަމެއް ކޮށްދޭނޭ ކަމެއް ނެތެވެ.
ކޮންމެ ފަސް އަހަރަކުން ގޮސް ފޮނި ވާހަކަ ދައްކައި ގޯނި ފުލަށް ލީމާ ނިމުނީއެވެ.
ފަސް އަހަރު ވާންދެން ސަނާ ކިޔަމުން ފަހަތުން ހިނގަހިނގައި ތިބޭނެއެވެ."

1 ޚިޔާލު

  1. އައްޑޫ މީހުންނަކަށް މިހާރަކު ނޭނގޭނެ ރަށްރަށުގެ ތަރައްގީ ގޮސްފައި އޮތްވަރު. ފެނިއްޖެއްޔާ އެމީހުން ކޮސްވާނެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.