މަޅުމަތި: ބަސް ޓިކެޓާއި ކާޑު

Photo: mtcc.mv

ހުޅުމާލޭގައި ހުރެފައި މާލެ އަންނާން ބޭނުން ވެއްޖެއެވެ.
ބަހަށް އަރަން ދިމާކުރީމާ ކާޑު ކޮބައި ހެއްޔޭ އަހައިފިއެވެ.
އަޅުގަނޑުގެ އަތަކު ކާޑެއް ނެތޭ ބުނެފީމެވެ.
އެހެން ވެއްޖެއްޔާ ދަތުރެއް ނުކުރެވޭނެއޭ ބުނެފައި ބަހަށް އެރިޔަކަ ނުދިނެވެ.
ކާޑު ލިބޭނީ ކޮން ތަނަކުންހޭ އެހީމާ ބުންޏެވެ.
ބަސް ޓާމިނަލަށް ގޮސް ގަންނާށެވެ.
ބަހުގައި ދަތުރު ކުރަންޏާ އަޅުގަނޑަށް މި ޖެހުނީ ދުއްވާ އެހެން އެއްޗެއްގައި މާ ދުރު ތަނަކަށް ގޮސް ކާޑެއް ގަންނާށެވެ.

* * *

ވީގޮތް ވިސްނިއްޖެއެވެ.
އަޅުގަނޑަށް މި ހުރެވުނީ މާ ކުރީގެ ދުވަސްވަރެއްގައެވެ.
ދަތުރުފަތުރުގެ ބަހަށް ނާރާތާ ދެތިން އަހަރު ވެއްޖެއެވެ.
މީގެ ކުރިން ބަހަށް އެރި ދުވަހުވެސް އަތަކު ކާޑެއް ނެތެވެ.
އެކަމަކު ބަހަށް ފައިސާ ދެއްކީމާ ދަތުރު ކުރެވުނެވެ.
މިހާރު މި އޮތީ އެ ގޮތް ބަދަލު ވެފައެވެ.
އަޅުގަނޑަށް އެކަން ނޭނގި އޮތީއެވެ.
އެއީ އަޅުގަނޑުގެ ކުށެވެ.

* * *

އިއްޔެ މާލޭ މާފަންނު ކޮޅުގައި ހުންނަ ބޮޑު ބަސް ޓާމިނަލަށް ހިނގައްޖައީމެވެ.
ކައުންޓަރު ދޮށަށް ގޮސް ކާޑެއް ގަންނާން ބޭނުން ވާހަކަ ބުނެފީމެވެ.
ކައުންޓަރުގައި އިން ކުއްޖާ ބުންޏެވެ.
ކާޑު ހުސް ވެއްޖެއެވެ.
އާ ކާޑު ލިބޭނީ ކޮން ދުވަހަކުންތޯ އެހީމާ ބުންޏެވެ.
ލިބޭނޭ ދުވަހެއް ނޭނގެއެވެ.
އަދި ބަހުގައި ދާން ބޭނުމިއްޔާ ފައިސާ ދީފައި ޓިކެޓެއް ގަންނާށޭ ބުނެފިއެވެ.
އަޅުގަނޑު ބުނީމެވެ.
މި އުޅެނީ މިހާރު ދަތުރު ކުރާކަށް ނޫނެވެ.
ކާޑެއް ގަންނާށެވެ.
އަޅުގަނޑު ހެންވޭރުކޮޅުން ބަހަށް އަރާއިރު ހަދާނީ ކިހިނެއްހޭ އެހީމާ ބުންޏެވެ.
މިތަނަށް އައިސް ޓިކެޓެއް ގަނެގެން ގޮސް ބަހަށް އަރާށެވެ!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.