މަޅުމަތި: އާނަންދު ކުމާރު

އާނަންދު ކުމާާރަކީ އަޅުގަނޑުގެ ރައްޓެހި އިންޑިއާ މީހެކެވެ.

އިންޑިއާއަށް ކުރި ދަތުރެއްގައި އޭނާގެ ގެއަށް މެންދުރު ކާން ދާން އަޅުގަނޑަށް ދައުވަތު ދީފިއެވެ.

އޭނާގެ ގޭގައި ދިރިއުޅެނީ އޭނާގެ މަންމައާއި، އަނބިމީހާއާއި، ކުޑަ ދަރިފުޅާއި އޭނާޔާ ހަތަރު މީހުންނެވެ.

އެ ދުވަހު އޭނާޔާ އަޅުގަނޑާ ދެމެދު ކުރެވުނު ބަހުސަކީ ސާއީ ބާބާއޭ ކިޔާ އިންސާނަކަށް އޭނާ އަޅުކަން ކުރާތީ ކުރެވުނު ބަހުސެވެ.

އޭނާ ބުނާ ގޮތުގައި ސާއީ ބާބާއަކީ ހަމަ ހަގީގަތުގައިވެސް ކަލެކެވެ.

މިސާލަކަށް އޭނާ ދެއްކީ އޭނާގެ މަންމަގެ ވާހަކައެވެ.

މަންމައަށް އޭރު ނުވަދިހަ އަހަރެވެ.

މަންމަގެ ވާހަކަ ދައްކަމުން ގޮސް އޭނާ ބުންޏެވެ.

މަންމައަށް ލޭގެ ކެންސަރު ޖެހިގެން އަހަރެން ވަރަށް ގިނަ ޑަކްޓަރުންނަށް ދެއްކީމެވެ.

އެއީ ފަސޭހަ ނުވާނޭ ބައްޔެއްކަން އެނގެއެވެ.

ޑަކްޓަރުންނަށް ކުރެވޭނޭ ކަމެއް ނެތީމާ އަހަރެން މަންމް ގޮވައިގެން ބެންގަލޫރަށް، ސާއީ ބާބާގެ ދަރުބާރަށް ހިނގައްޖައީމެވެ.

ސާއީ ބާބާ މަންމަގެ ބޮލުގައި ފިރުމައިލާފައި ބުންޏެވެ.

ކަލޭގެ މަންމަގެ ބައްޔެއްނެތެވެ.

އަހަރެން ރަށަށް އައިސް ޓެސްޓު ކުރުވި އިރު މަންމަގެ ކެންސަރު ބައްޔެއް ނެތެވެ.

އޭގެ ފަހުން މިހާރު ތިރީސް އަހަރު ވެއްޖެއެވެ.

އެހެންވީމާ ސާއީ ބާބާ އަކީ ކަލާނގެ ކަމަށް އަހަރެން ގަބޫލު ކުރަމެވެ.

ޚުދު ސާއީ ބާބާ އައިސް އަހަރެންގެ ކުރިމަތީގައި ހުރެ ތިމަން މިއީ ކަލެއް ނޫނޭ ބުންޏަސް އަހަރެން ގަބޫލެއް ނުކުރާނަމެވެ.

އަޅުގަނޑުގެ ހިތަށް އެރިއެވެ.

ޖާހިލުކަމަކީ ހަމަ ހަގީގަތުގައިވެސް ނުރައްކާތެރި ބައްޔެކެވެ.

މިވަރުގެ މީހެއްގެ ބޮލަށް އެއްޗެއް ވައްދައިދޭން ދައްކާނޭ އެއްވެސް ވާހަކައެއް އޮންނާނޭ ބާވައެވެ؟

އަޅުގަނޑުމެންގެ ތެރޭގައި މިކަހަލަ ކިތައް އާނަންދު ކުމާރު އެބައުޅޭ ބާވައެވެ؟

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.