މުޞްޙަފް - 44

(17 ޖޫން 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އަޅުގަނޑުގެ އަތުގައި ދަލީލުވެސް އެބަހުރި. މިއޮތީ... ބައްލަވާ." އޭނާ އުނގުމަތީގައި އޮތް ޚަތިމު ނަގައި އުފުލާލައި ދައްކައިލިއެވެ. "އައްނިސާއު ސޫރަތުގެ..."

"ތިޔަ ބާއްވާ..."

"އަނެއްކާ..."

"ތިޔަ ފޮތް ނުހުޅުވާ..."

އެންމެން އެކީގައި ކަހަލަ ގޮތަކަށް ދެކޮޅު ހެދުމުގެ ވާހަކަތައް ފަށައިގެންފިއެވެ.

"ކީކޭތޯ؟"

"ﷲއަށްޓަކައި... ތިޔަ ފޮތް ނުހުޅުވާތި."

އެމީހުންގެ ވާހަކަ ހުރި ގޮތުން މެހެމަލް ހައިރާންވިއެވެ.

މިއީ ހަމަ މުސްލިމް އަންހެނުން ހެއްޔެވެ؟ ހަމަ ހަގީގަތުގައިވެސް އިސްލާމުން ހެއްޔެވެ؟ އިލާހީ ފޮތަކަށްވެސް އެ މީހުން އީމާނެއް ނުވެއެވެ. ޤުރްއާން އަޑުއަހާކަށް ބޭނުމެއް ނުވެއެވެ. ﷲ ގެ ބަސްފުޅު އަޑުއަހާކަށް ބޭނުމެއް ނުވެއެވެ. އެމީހުންނަށް މުދަލާއި ރީތިކަން ދެއްވީ އެކަލާނގެއެވެ. އެކަލާނގެ އިރާދަ ކުރައްވައިފިނަމަ އެމީހުންގެ ނޭވާ ހިނގުން ހަމަ މިވަގުތު ބަންދު ކުރައްވައިފާނެއެވެ. ހިތުގެ ހިނގުން ހުއްޓުވައިލައްވައިފާނެއެވެ. އެމީހުންނަށް ދެއްވައިފައިވާ ހުރިހައި ނިޢުމަތަކުން މަހުރޫމު ކުރައްވައިފާނެއެވެ. އެކަމަކު އެމީހުން ﷲ ގެ ބަސްފުޅު އަޑުއަހާކަށް ބޭނުމެއް ނުވެއެވެ.

"މިއީ ޤުރްއާނުގެ އާޔަތްތައް... ﷲ ގެ ބަސްފުޅު. ނިކަން އަޑުއައްސަވައިބައްލަވާ..."

"ހުއްޓައިލާ. އަހަރެމެންގެ ވާހަކައިގެ ތެރެއަށް ކަނބުލޮ ނުވަދޭ."

އޭނާ ހިމޭނުން އިނދެއްޖެއެވެ. ކޮންފަދަ ކިބުރުވެރިކަމެއް ހެއްޔެވެ؟ އެއީ ބަދުނަސީބު ބައެކެވެ. އެމީހުންނަށް ﷲ ގެ ބަސްފުޅު އިވޭގޮތް ވުމަކީ އެކަލާނގެ އިރާދަ ކުރައްވައިފައިވާ ކަމެއް ނޫން ކަހަލައެވެ. ކޮންމެ ދުވަހަކު ޤުރްއާން ނުކިޔަވާ މީހަކީ ބަދުނަސީބު މީހެކެވެ. އެހެންވީމާ ﷲ ވެސް އެފަދަ ބަޔަކާ މުޚާޠަބް ކުރައްވާކަށް ބޭނުންވެވޮޑިގެންނެއް ނުވާނެއެވެ.

އެތާގައި ހުންނާކަށް އޭނާ ބޭނުމެއް ނުވިއެވެ. ދަބަހަށް ޚަތިމު ލައިގެން ތެދުވެއްޖެއެވެ. ފަރިޝްތޭ ގާތު ގެއަށް ދަނީއޭ ބުނެފައި ހިނގައިގެންފިއެވެ. އޭނާގެ ހިތް ފަޅައިގެންދާން ތައްޔާރު ވަނީއެވެ. ލޮލުން ކަރުނަ ފައިބާން ފަށައިފިއެވެ. އޭނާގެ ހިތަށް އެވަރުގެ ހިތާމައެއް ވެރިވެގަތީ ކީއްވެގެން ކަމެއް ނޭނގުނެވެ.

އެއީ ކޮން ކަހަލަ އިސްލާމުންނެއް ހެއްޔެވެ؟ އިސްލާމުންނަކީ އެކަހަލަ ވާހަކަ ދައްކައިއުޅޭ ބައެއް ހެއްޔެވެ؟ އަދިވެސް އޭނާއަކަށް ގަބޫލެއް ނުކުރެވެއެވެ.

ހިތް ފުރިގެން އުތުރި އަރާން ފެށީމާ ލޮލުން ކަރުނަ ފޭބުމަކީ އާދައެވެ. ކާރުގައި އިންއިރުވެސް އޭނާ އިނީ ބޭރަށް ބަލަހައްޓައިގެންނެވެ. ކާރު ދުއްވަނީ ޑުރައިވަރެވެ. އެއީ ގޭގެ ޑުރައިވަރެވެ. ކާވެނީގެ ކަންތައް ހިނގާން ފެށުމާއެކު މެހެތާބް އޭނާއަށް ދޫވެސް ދީފިއެވެ. މިހާރު ކާރުގެ ބޭނުން ކުރުމަކަށްވެސް ހުރަހެއް ނޯވެއެވެ.

މި ވަގުތު އޭނާގެ ހިތުގައި އޮތީ ކާވެނީގެ ވާހަކައެއް ނޫނެވެ. އެ އަންހެނުންގެ ކަންތައް ހުރި ގޮތުން ބޮލަށް ވެރިވީ ފިކުރު އަދިވެސް އޮތް ގޮތަށް އޮތީއެވެ.

ކުއްލިއަކަށް ކާރު ހުއްޓިއްޖެއެވެ. އޭނާ ސިހިފައި ކުރިއަށް ބަލައިލިއެވެ.

"ކިހިނެއްވީ؟"

"ކާރު މާ ބޮޑަށް ހޫނުވީ. ރޭޑިއޭޓަރުގައި ފެން މަދުވީކަމަށް ވެދާނެ. ކުރިން ބަލައިލާން އަޅުގަނޑު ހަނދާން ނެތުނީ." ޑުރައިވަރު ކަންބޮޑުވެފައި ހުރެގެން ކާރުން ފައިބައިފިއެވެ.

މަގު އޮތީ ގާތްގަނޑަކަށްހެން ފަޅުވެފައެވެ. ދޭތެރެދޭތެރެއިން ކާރެއް ނުވަތަ ލޯރިއެއް ދާތީ ފެނެއެވެ. މީހަކު ފެންނަނީ ވަރަށް މަދުންނެވެ. އެއީ ޞިނާޢީ ސަރަހައްދެކެވެ. ވަރަށް އުސް ބޮޑެތި އިމާރާތްތައް ފެންނާން އެބަހުއްޓެވެ. ޑުރައިވަރު ކާރުގެ އިންޖީނުބައިގެ މަތި ނަގައިގެން ބަލާން ފެށީމާ މެހެމަލް ލޯމަރައިލައިގެން ގޮނޑީގައި ހަމަޖެހިލައިފިއެވެ.

ކުޑައިރުކޮޅެއް ފަހުން ދޮރުފަތުގެ ބިއްލޫރިގަނޑުގައި މީހަކު ޓަކި ޖަހައިލީމާ އޭނާ ލޯ ހުޅުވައިލައިފައި ބަލައިލިއެވެ. އެއީ ޑުރައިވަރެވެ. "ކިހިނެއްވީ؟" އޭނާ ބިއްލޫރިގަނޑު ތިރިކޮށްލިއެވެ.

"އިންޖީނު މާ ބޮޑަށް ހޫނުވީ. އަޅުގަނޑު ކޮންމެވެސް ތަނަކުން ފެން ލިބޭތޯ ބަލާފައި އެބައަންނަން. އަޅުގަނޑަށް އާދެވޭނީ ތަންކޮޅެއް ލަހުން. އެހެންވީމާ ހުރިހައި ދޮރެއް އެތެރެއިން ތަޅުލައްވައިގެން އިންނަވާތި."

"އެންމެ ރަނގަޅު. ދޭ." އޭނާ ބިއްލޫރިގަނޑު މައްޗަށް ނަގައިފިއެވެ. އަދި ހުރިހައި ދޮރެއް ތަޅުލުމަށް ފަހު އަނެއްކާވެސް ލޯ މަރައިލިއެވެ. އެ ޑުރައިވަރަކީ ރަނގަޅު އިޚްލާސަތެރި މީހެކެވެ. މެދު އުމުރަށްވުރެ ތަންކޮޅެއް ދޮށީ މީހެކެވެ. ގޭގައި ވަޒީފާ އަދާކުރާތާ މިހާރު ހައެއްކަ އަހަރު ވެއްޖެއެވެ.

އެއީ ހޫނު ގަދަ ދުވަހެއްގެ މެންދުރުގެ ވަގުތެވެ. މާގިނައިރުތަކެއް ނުވެ ކާރު ވަރަށް ބޮޑަށް ހޫނު ވެއްޖެއެވެ. ނޭވާލާން އުނދަގޫވާހެން ހީވީމާ އޭނާ ދޮރުފަތުގެ ބިއްލޫރިގަނޑު ތިރިކޮށްލިއެވެ. ކުޑަ ވައިފޮދެއް އެތެރެއަށް ވަން ނަމަވެސް ކާރު ދޮންވާން ފެށީމާ އެތެރޭގެ ހޫނުކަން ގަދަވާން ފަށައިފިއެވެ. އޭނާ ދާހިއްލާ ފޯވެއްޖެއެވެ. އޭނާ ދޯޕައްޓާއިން މޫނަށް ވިހެން ފަށައިފިއެވެ. އަނދަމުންދާ ކަމުގެ އިހުސާސް ކުރެވޭން ފަށައިފިއެވެ.

ވަރަށް ގިނައިރު ވެއްޖެއެވެ. ޑުރައިވަރުގެ ޚަބަރެއް ނުވެއެވެ. އޭނާގެ ހިތަށް ކުއްލިއަކަށް އައީ ޠަލާޤް ސޫރަތުގެ ތިންވަނަ އާޔަތެވެ.

"އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާޔަށް ރިޒުގު ދެއްވާނެތެވެ. އަދި ﷲއަށް ވަކީލުކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާޔަށް އެކަލާނގެ ފުދެއެވެ. ހަމަކަށަވަރުން، ﷲއީ، އެކަލާނގެ އަމުރުފުޅު ހިންގަވައި، ފުރިހަމަކުރައްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، ﷲ ކޮންމެ އެއްޗަކަށް މިންވަރެއް ކަނޑައަޅުއްވާފައިވެއެވެ."

ދޮޅުގަޑިއިރަށްވުރެ ގިނައިރު ވެއްޖެއެވެ. ހޫނުކަން ދިޔައީ ގަދަވަމުންނެވެ. މުޅި މީހާ ދަލުން ފޯވެއްޖެއެވެ. އޭނާ ހިތުގެ އަޑީން ދުޢާ ކުރަމުން ގެންދިޔައެވެ. އެކަމަކު މިއަދަކު އަލި މަގެއް ނުފެނެއެވެ. ހޫނު ގަދަ ވެގެން ގޮސް ކެތް ނުކުރެވޭވަރުވީމާ އޭނާ އަނެއްކާވެސް ބިއްލޫރިގަނޑު މައްޗަށް ނަގައިފިއެވެ.

ބިއްލޫރިގަނޑު ނެގީމާ ކުރިއެކޭ އެއްގޮތަށް ހާސްވާން ފަށައިފިއެވެ. ފޮށްޓެއްގެ ތެރޭގައި ނުވަތަ ކަށްވަޅުގައި އޮވެވޭ ކަމުގެ އިހުސާސް ކުރެވޭން ފަށައިފިއެވެ. ނުވަތަ ކަނޑުއަޑީގައި އޮތް ބޮޑު މަހެއްގެ ބަނޑުގައި އޮވެވުނީއޭ ހިތަށް އަރާން ފަށައިފިއެވެ.

"މަހެއްގެ ބަނޑުތެރޭގައި..." އޭނާއަށް ހައިރާންކަމާއެކު ކިޔައިލެވުނެވެ. މިއީ ކިހިނެއް ވެގެން ހިތަށް އެރި ވާހަކައެއް ހެއްޔެވެ؟ އޭނާގެ ހިތަށް އަނެއްކާވެސް އެރީ ކުލަބުގައި ތިބި އަންހެންނުންގެ ވާހަކަތަކެވެ. އެމީހުންގެ ކިބުރުވެރި ރަވައްޔާއެވެ. އެމީހުން ﷲ ގެ ބަސްފުޅު އަޑު އަހާން ބޭނުން ނުވަނީ ކީއްވެގެން ބާވައެވެ؟ އެއީ އެމީހުންގެ ނޭވާގެ ހިނގުމުގެ ވެރި ރަސްކަލާނގެ ކަމުގައި ވާއިރުވެސް މެއެވެ. އެކަލާނގެ އިރާދަ ކުރައްވައިފިނަމަ އެމީހުންގެ ނޭވާގެ ހިނގުން ވަގުތުން ބަންދުކުރައްވައިފާ ހުއްޓެވެ. އެކަމަކު ﷲ އެހެންނެއް ނުހައްދަވައެވެ.

"ކީއްވެގެން ހެއްޔެވެ؟" އޭނާ އަމިއްލަ ނަފުސާ ސުވާލުކޮށްލިއެވެ. އެ ސުވާލުގެ އަޑު ހުރީ ކާރުގެ އެތެރޭގައި ހިފައިފައެވެ.

ބޭރުގެ މާހައުލު އޮތީ ރީތިކޮށް ފެންނާށެވެ. އުސް އިމާރާތްތަކެވެ. ވަށައިގެން އުދުހެމުންދާ ދޫނިތަކެވެ. މި އިމާރާތްތަކާއި ދޫންޏާއި އުޑާއި ބިމާއި ބިންމަތީގައި ލައްވައިފައިވާ ފަނިފަކުސައަށް ދާންދެން ދައްކަނީ ކިބުރުވެރިކަމެވެ. އެކަމަކު އެއިން އެއްވެސް އެއްޗެއްގެ ދިރުން ﷲ ނުއެއް ހިއްޕަވައެވެ. އިންކާރު ކުރިނަމަވެސް މިނިވަންކަމާއެކު ދިރިއުޅޭނޭ ފުރުސަތު ދެއްވައެވެ. އެއީ ކީއްވެގެން ހެއްޔެވެ؟

"މެހެމަލް. ސަބަބަކީ އެމީހުންގެ ނޭވާގެ ހިނގުމަކީ އެމީހުންނަށް ދެއްވައިފައިވާ މުހުލަތެއްގެ އަލާމާތަކަށް ވާކަން. މީހަކުގެ ފާފަތައް ކިތަންމެ ގިނަ ނަމަވެސް ނޭވާ ހިނގާހައި ހިނދަކު އޭނާއަށް އުއްމީދު އޮންނާނެ. އެ އުއްމީދު ﷲ ދަމަހައްޓަވާނެ. އެމީހުންނަށް އެނބުރި އައުމުގެ ފުރުސަތު ދެއްވާނެ. ﷲ އަކީ ނުކިޔަމަންތެރިންގެ މަތީން މާޔޫސްވެ ވޮޑިގެންވާ ކަލަކަށް ނުވާއިރު މެހެމަލް މާޔޫސް ވަނީ ކީއްވެގެން؟" އޭނާގެ އެތެރެހަށީން ވާހަކަ ދައްކާ އަޑު އެބައިވެއެވެ.

މެހެމަލް ހިމޭން ވެއްޖެއެވެ.

ގަބޫލު ނުކުރާ މީހުންގެ މަތީން އޭނާ މާޔޫސްވީ ހައުދަހައި އަވަހަކަށެވެ. އެމީހުން ދެކެ ރުޅި އައީ މާ ވަރަކަށެވެ. ބަޔަކު ދައްކާ ބޮޑާ ސިފައެއްގެ ސަބަބުން އެމީހުން ބަދަލު ނުވާނޭ ކަމަށް ހީކުރެވުނީ ކީއްވެގެން ހެއްޔެވެ؟ މާޔޫސީއާއެކު މައިދާން ދޫކޮށް ފިލަނީ ކީއްވެގެން ހެއްޔެވެ؟

އޭނާގެ ލޮލުން އަނެއްކާވެސް ކަރުނަ ފައިބާން ފަށައިފިއެވެ. އިޚްތިޔާރަކާ ނުލައި ދުޢާއަށްޓަކައި އަތް އުފުލައިލެވިއްޖެއެވެ.

"އިބަ ﷲ ފިޔަވައި އެހެން އިލާހަކު ނުވެއެވެ. އިބަ ﷲ އަކީ ހުސްތާހިރުވަންތަ ކަލާނގެއެވެ. މިއަޅާ ހިމެނެނީ ޒާލިމުންގެ ތެރޭގައި ކަމާ މެދަކު ޝައްކެއް ނެތެވެ."

އޭނާގެ ލޮލުން މިހާރު ފައިބަނީ ބަލިކަށިކަމާއި ލަދުވެތިކަމުގެ ކަރުނައެވެ. މައިދާން ދޫކުރުމަކީ އޭނާ ކޮށްގެން ވާނޭ ކަމެއް ނޫނެވެ. ވަކި ބަޔަކު ޤުރްއާނުގެ އަޑުއަހާން ބޭނުން ނުވިޔަސް އަޑު އާހާނޭ އެހެން ބަޔަކު އުޅެފާނެއެވެ. އޭނާއަކީ ވަކިން ކާކު ހެއްޔެވެ؟ ޓެރަސް މަތީގައި ފުރަތަމަ ފަހަރަށް ޤުރްއާން ހުޅުވައިލެވުނު ވަގުތު އޭނާގެ އަމަލުތައް ހުރީ ކިހިނެއް ހެއްޔެވެ؟ އޭނާގެ ހިތުގައި އުފެދުނީ ދެކޮޅުވެރިކަމުގެ ޚިޔާލެއް ނޫން ހެއްޔެވެ؟ އެކަމަކު މިއަދު އޭނާ ހުރި ހާލަތަކީ ކޮބައި ހެއްޔެވެ؟ އެއީ ކަޅު އަދި ނުކުޅުދޭ ހާލަތުގައި ހުރި ކުޑަ އަންހެން ކުއްޖެއްގެ ކުޑަކުޑަ ހިންމަތެއްގެ ނަތީޖާއެވެ. މިއަދު ﷲ އޭނާޔާ ވާހަކަފުޅު ދައްކަވާ ހިސާބަށް އާދެވުނީ އެ ކުއްޖާގެ މަޑުމައިތިރިކަމާއި ކެތްތެރިކަމުގެ ނަތީޖާއިންނެވެ. އެހެންވީމާ އެފަދަ ހާލަތަކަށް އާދެވުމާއެކު ކިބުރުވެރި ވުމަކީ ކޮން ކަހަލަ ކަމެއް ހެއްޔެވެ؟ އޭނާއަށް މާ ޚާއްސަ ދަރަޖައެއް ލިބުނީ ހެއްޔެވެ؟ އެހެން މީހުންނަކީ ތިމާއަށްވުރެ ދެރަ ނިކަމެތި ބަަޔަކު ކަމުގައި ހީކުރާން އޭނާގެ ހައިސިއްޔަތަކީ ކޮބައި ހެއްޔެވެ؟

ލޮލުން ފައިބަމުން ދިޔަ ކަރުނައިގެ ތެރެއިން އޭނާ ކުރިއަށް ބަލައިލިއެވެ. ޑުރައިވަރު ދުރުން އަންނާތީ ފެނެއެވެ. އޭނާގެ ދެ އަތުގައި ދެފުޅި ފެން އޮތެވެ.

"ﷲ އަށް ވަކީލު ކުރާ މީހާއަށް އެކަލާނގެ ކޮންމެވެސް މަގެއް ދައްކަވާނެއެވެ." ބޭއިޚްތިޔާރުގައި މެހެމަލަށް ކިޔައިލެވުނެވެ.

އޭނާގެ ތައުބާ ﷲ ގަބޫލު ކުރައްވައިފިއޭވެސް ހިތަށް އެރިއެވެ. އީމާންކަމާއި ތަގުވާވެރިކަމަކީވެސް ކުޑަކުދިން ކުޅެއުޅޭ ހަރުފައާއި ހަރުގަނޑުގެ ކުޅިވަރެކޭ އެއްފަދަ ކަމެކޭ އޭނާގެ ހިތަށް ބައެއް ފަހަރަށް އަރައެވެ. ރަނގަޅު ގޮޅިއަށް އަރައިފިނަމަ ސިޑިން މައްޗަށް އެރެއެވެ. ނުބައި ގޮޅިއަށް އަރައިފިނަމަ ހަރުފަ ކައިލައެވެ. ތިރިއަށް ވެއްޓިދެއެވެ.

ކާރު ގޮސް ގޭ ދޮރުމައްޗަށް މަޑުކޮށްފިއެވެ. ޑުރައިވަރު ބަރުގޮނު އެޅީމާ ގޭގެ ދޮރު ހުޅުވައިފިއެވެ. އެ ވަގުތު މެހެމަލްގެ ކަޅި ހުއްޓުނީ ޖެހިގެން ހުރި ގެއަށެވެ.

"އެތެރެއަށް ވަދޭ. އަހަރެން އެބަ އަންނަން." އޭނާ ކާރުން ފައިބަމުން ބުނެލިއެވެ.

ބްރިގޭޑިއަރުގެ ގޭގެ ދޮރުވާނު ގޭގެ ދޮރުމަތީގައި ހުއްޓެވެ.

"މި އެއްޗެހި ކަލޭގެ ވެރިމީހާގެ އަތަށް ދީ." އޭނާ ދަބަހުން ނެގި ކަރުދާސްތަކެއް ދޮރުވާނުގެ އަތަށް ދީފިއެވެ. "ބުނާތި މިއީ އަމާނާތެކޭ. ބޭނުމިއްޔާ މީގައި ހުރި އެއްޗެއް ކިޔައިލާށޭ ބުނާތި. މަޖުބޫރުކަމެއް ނޫން. ކިޔަން ބޭނުން ނޫނިއްޔާ އަނބުރައި ދޭށޭވެސް ބުނާތި. އަހަރެން ބަލައި އަންނާނަން." އޭނާ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި ގެޔާ ދިމާއަށް ހިނގައިގެންފިއެވެ.

އަހަރެންގެ ވާހަކަ އަޑު އަހާނޭ ކޮންމެވެސް މީހަކު ހުންނާނެއެވެ. ކޮންމެވެސް އެއް ދުވަހަކުން އެ ލިޔުންތައް ބްރިގޭޑިއަރު ބަލާނެކަން އޭނާއަށް ޔަގީނެވެ.

* * *

ފެންޑާއި ހުރި ބޯޑުގެ ވިދުވަރު މިއަދު މާ ގަދައެވެ. އޭގައި ލިޔެފައި ހުރި ލިޔުން ރީތިކަމުން ކަމުގައިވެސް ވެދާނެއެވެ. މެހެމަލް މަޑުމަޑުން ފާރު ކައިރިއަށް ޖެހިލިއެވެ. އެ ބޯޑުގައި ލިޔެފައި ހުރީ ދަރިކަލުން އަވަހާރަވީމާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީސުކުރެއްވި ވާހަކަފުޅެވެ. އޭނާ މަޑުމަޑުން އެ ޢިބާރާތް ކިޔާން ފަށައިފިއެވެ.

"ޢަބްދުއްރަޙްމާން ބިން ޢަވްފް ސުވާލު ކުރެއްވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. ކަލޭގެފާނުވެސް ކީރިތި ކުރައްވަމުތޯއެވެ؟ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީސުކުރެއްވިއެވެ. އޭ އިބްން ޢަވްފާއެވެ. މިއީ ﷲ ގެ ރަޙްމަތާއި އޯގާވަންތަކަމެވެ. އަދި އަނެއްކާވެސް ކީރިތި ކުރެއްވުމަށް ފަހު ހަދީސުކުރެއްވިއެވެ. ހިތާމައެއް ކުރިމަތި ވެއްޖެނަމަ ކަރުނަ އޮއްސާށެވެ. އެއީ މައްސަލައެއް އޮތްކަމެއް ނޫނެވެ. އެކަމަކު އަހަރެމެން ދުލުން ބޭރުކުރާނީ ﷲ ރުއްސަވާ ވާހަކަތައް އެކަންޏެވެ. އޭ (ދަރިފުޅާ) އިބްރާހީމެވެ. ދަރިފުޅުގެ ވަކިވުމުން ބައްޕަ މިވަނީ ވަރަށް ބޮޑަށް ހިތާމަވެރިވެފައެވެ."

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.