މުޞްޙަފް - 47

(21 ޖޫން 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ހުމާޔޫން އައީ ހެއްޔެވެ؟" މެހެމަލް އިރުކޮޅެއް ވާންދެން ފޮތް ހިފައިގެން އިނެވެ. އެޔަށް ފަހު ފޮތް ބާއްވައިފައި އިސްތަށިގަނޑާއި ދޯޕައްޓާ ރަނގަޅު ކޮށްލުމަށް ފަހު ކޮޓަރިން ނުކުމެއްޖެއެވެ.

ބޮޑުކޮޓަރި ތެރެއިން ބަޔަކު ވާހަކަ ދައްކާ އަޑު އިވެއެވެ. ހުމާޔޫން ވާހަކަ ދައްކަނީ ކާކާ ހެއްޔެވެ؟ މި ސުވާލުގެ ތުރާލާއެކު ހުރެގެން ގޮސް އޭނާ ބޮޑުކޮޓަރި ތެރެއަށް ވަދެއްޖެއެވެ. ބޮޑުކޮޓަރިއާއި ކާކޮޓަރިއާ ދެމެދު ޖާލިބިތްގަނޑެއް ހުރެއެވެ. އޭނާ އެ ބިތްގަނޑުގެ ފުރަގަހުގައި ހުއްޓިލިއެވެ. އަދި ޖާލީގެ ތެރެއިން ބޮޑުކޮޓަރިތެރެއަށް ބަލައިލިއެވެ.

ހުމާޔޫން އިނީ ސޯފާގައި އިށީނދެގެންނެވެ. ޖެހިގެން ހުރި ގޮނޑީގައި އެއްފައި މައްޗަށް އަނެއް ފައި އެއްލައިގެން އިނީ އާރްޒޫއެވެ. ލައިގެން ހުރީ ކަށިމައްޗާ ހަމައަށް ހުރި ހަރުވާޅެކެވެ. ކުރުކޮށް ކޮށައިފައިވާ އިސްތަށިގަނޑާ ކުޅެމުން ހުމާޔޫން ވާހަކަ ދައްކަނީއެވެ.

އެވަގުތު އާރްޒޫގެ ކަންތައް ހުރި ގޮތް އޭނާއަށް ކަމު ނުދިޔައީ ކީއްވެގެން ބާވައެވެ؟ އޭނާ އެތެރެއަށް ވަދެއްޖެއެވެ.

އޭނާ ފެނުުމާއެކު ބުނަން އުޅުނު ވާހަކަ ހުއްޓައިލާފައި ހުމާޔޫން ތެދުވެއްޖެއެވެ. ނޫކުލައިގެ ގަމީހަކާއި އަޅި ކުލައިގެ ފަޓުލޫނެއް ލައިގެން ހުރިއިރު އޭނާ ފެންނަނީ ހަމަ އިހެކޭވެސް އެއްގޮތަށް ފެންނަ މީހަކު އަރިއަޅައިލާހައި ރީތިކޮށެވެ. ހުމާޔޫން ދެކެ އާޣާ ކަރީމް ރުޅި އާދެއެވެ. އެކަމަކު އޭނާ ގެއަށް ވެއްދީއެވެ. ސަބަބަކީ ވަސީމާ އިންނާން އޭނާ ރުހުން ކަމުގައި ވެދާނެއެވެ. އެހެންވީމާ އޭނާ ރުޅި އަރުވާން ބޭނުން ނުވަނީއެވެ.

"އައްސަލާމް ޢަލައިކުމް." އޭނާ މަޑުމަޑުން ސަލާން ގޮވައިލުމަށް ފަހު ސޯފާގައި އިށީނދެެއްޖެއެވެ. އާރްޒޫގެ މޫނުމަތީން ނުރުހުމުގެ އަސަރު ފައުޅުވިއެވެ. އެ މަންޒަރެއް ހުމާޔޫނަކަށެއް ނުފެނެއެވެ. އޭނާެގެ މުޅި ސަމާލުކަން ހުއްޓުނީ މެހެމަލަށެވެ.

"މެހެމަލްގެ މަންމަ ނިޔާވީކަން އެނގުނީ ތަންކޮޅެއް ފަހުން. އަހަރެން އުޅުނީ ކަރާޗީގައި. އެނބުރި އައީ މިއަދު. ފަރިޝްތޭ އަހަރެން ގާތު ބުނުމާއެކީ މި އައީ. ލަސްވީތީ މާފުކުރޭ. އަދި އަހަރެންގެ ތައުޒިޔާވެސް ގަބޫލު ކުރޭ." ސޯފާގައި އިށީންނަމުން ހުމާޔޫން ބުނެލިއެވެ.

ޖަވާބެއް ދިނުމުގެ ކުރިން މެހެމަލް ބަލައިލީ އާރްޒޫއާ ދިމާއަށެވެ.

"އާރްޒޫ ދައްތާ. އަހަރެން އަތުވެއްޖައިން. ދެން ދާންވީނު؟"

"އާނ." އާރްޒޫ ތެދުވެއްޖެއެވެ. "ވަޑައިގަންނަވަމުން މެހެމަލްގެ ކާވެނީގެ ކާޑުވެސް ގެންދަވާދާތި." އޭނާ ހިނިތުން ވެލައިފައި ހުމާޔޫނާ ދިމާއަށް ބުނެލިއެވެ. މެހެމަލްގެ މެޔަށް ދިޔައީ ފިނި ވެގެންނެވެ.

"ކާކުގެ ކާވެންޏެއް؟" ހުމާޔޫން ސިހިފައި އަހައިލިއެވެ.

"މެހެމަލްގެ ކާވެނި. މެހެމަލާއި ވަސީމްގެ ކާވެނި. އެކަން އެނގިވަޑައިގެންފައެއް ނެތްތޯ އެސްޕީ ސާހިބް؟ މި އަންނަ ހުކުރު ދުވަހު ކާވެނި އޮންނާނެ. ވަޑައިގަންނަވާތި. މަޑުކޮށްލައްވާ. އަޅުގަނޑު ކާޑު ހިފައިގެން އެބަ އަންނަން." އާރްޒޫ ނުކުމެގެން ހިނގައްޖެއެވެ.

ކުޑައިރުކޮޅަކަށް ހިމޭންކަން ވެރިވެފައި އޮތެވެ.

"އޭނާ އެބުނީ ކީކޭ؟" ހުމާޔޫންގެ އަޑުގައި ހުރީ ހައިރާންކަމުގެ އަސަރެވެ. އޭނާ ހުރީ ހަމަ ހަގީގަތުގައިވެސް ވަރަށް ބޮޑަށް ހައިރާންވެފައެވެ.

"ތިޔަ އައީ ތަޢުޒިޔާ ކިޔާކަށް ނޫންތަ؟"

"ފުރަތަމަ އަހަރެންގެ ސުވާލަށް ޖަވާބުދީ. އޭނާ އެ ދެއްކީ ކޮން ވާހަކައެއް؟"

"އަހަރެން މިއީ ހުމާޔޫނަށް ޖަވާބުދާރީ ވާން ޖެހޭ މީހެއް ނޫން." އޭނާ އިސް އުފުލައި ބަލައިލިއެވެ. "މިއީ އަހަރެންގެ މަންމަގެ އެންމެ ފަހުގެ އެދުން. މަންމަ މަރުމަތީގައި ކުރި ވަސިއްޔަތް."

"މެހެމަލަށް އެކަން އެނގުނީ ކިހިނެއް؟ މަންމަ ނިޔާވީއިރު މެހެމަލް ހުރީ މިސްކިތުގައެއްނު؟"

"އާނ. އަހަރެން ހުރީ މިސްކިތުގައި. މަންމަ އެ ވާހަކަ ދެއްކީ އާޣާޖާނާ. ގޭގެ އެންމެންގެ ކުރިމަތީގައި. އެއީ ހައްތަހާވެސް ހެކިން."

"މެހެމަލް... މެހެމަލް..." ހުމާޔޫން މުށްކަވައިލިއެވެ. އޭނާއަކަށް ކުރެވޭނޭ ކަމެއް ނެތްކަން އެނގެއެވެ. "މެހެމަލަކީ އިންތިހާއަށް ބޮޑު މޮޔައެއް."

"އަހަރެން މި އުޅެނީ މަންމަގެ ބަހަށް އިހުތިރާމް ކުރަން. އޭގައި އޮތް މޮޔަ ކަމަކީ ކޮބާ؟" މެހެމަލް ކުޑަކޮށް ނުރުހުންވިއެވެ.

"މޮޔަ ކުއްޖާޔާ. އެމީހުން މެހެމަލް މޮޔަ ހައްދަނީ. އެ އުޅެނީ އެމީހުންގެ މަގުސަދަކަށްޓަކައި މެހެމަލްގެ ބޭނުން ކުރަން."

"ކުރިޔަދީ. އެއީ ހުމާޔޫނާ ބެހޭ ކަމެއްތަ؟" މެހެމަލް ތެދުވެއްޖެއެވެ. "އަހަންނާ ތިޔަ ހުރިހައި ސުވާލުކުރަން ހުމާޔޫނަކީ އަހަރެންގެ ކާކު؟"

"އަހަރެން މިއީ ކޮންމެ މީހެއް ކަމުގައި ވިޔަސް މެހެމަލްގެ ދުޝްމަނަކީމެއް ނޫން." ހުމާޔޫންވެސް ތެދުވެއްޖެއެވެ. މިއީ މީގެ ކުރިންވެސް އޭނާ ބުނި ވާހަކައެކެވެ. އެއީ މިސްކިތްދޮށަށް މެހެމަލް ބަލައި ދިޔަ ދުވަހުއެވެ. އެކަމަކު އެ ދުވަހު އެހެން ބުނީ ވަރަށް ބާރާއެކު ފުރިހަމަ ޔަގީންކަމާ އެކީގައެވެ. މިއަދު މި ބުނެވުނީ ބާރެއް ނެތި ހުރެއެވެ.

"ހުމާޔޫންގެ ހިތުގައި އަހަރެންގެ މައްޗަށް ކުޑަވެސް އިހުތިރާމެއް އޮތިއްޔާ އަހަރެން ކުރަން މި އުޅޭ ކަމެއް ކުރިޔަދީ. މިއީ އަހަރެންގެ މަންމަ ބޭނުންވާ ގޮތް. މައިންބަފައިންނަކީ ދަރިންނަށް ނުބައެއް އެދޭނޭ ބައެއް ނޫން. އެމީހުން ކުރާ ކޮންމެ ކަމެއްވެސް ކުރާނީ ދަރިންގެ ހެވަށްޓަކައި. ދެން ދިޔަޔަސް އެންމެ ރަނގަޅު." އޭނާ އެއްފަރާތަކަށް ޖެހިލިއެވެ.

އެވަގުތު އާރްޒޫ އެތަނަށް އަތުވެއްޖެއެވެ.

"މި އޮތީ ކާޑު. ވަޑައިގަންނަވާތި." އޭނާ ހިނިތުންވެލައިފައި އަތުގައި އޮތް ކާޑު ހުމާޔޫނަށް ދިއްކޮށްލިއެވެ. ހުމާޔޫން އެއް ފަހަރު އެ ކާޑަށް އަނެއް ފަހަރު މެހެމަލާ ދިމާއަށް ނުރުހުމުގެ ގޮތަކަށް ބަލައިލާފައި ނުކުމެގެން ހިނގައްޖެއެވެ.

"މައްސަލައެއް ނެތް." އާރްޒޫ ކޮނޑު ހިއްލައިލުމަށް ފަހު އެނބުރި ހިނގައިގެންފިއެވެ.

"މަންމާ..." މެހެމަލް ސޯފާގެ މައްޗަށް ވެއްޓިގެންފިއެވެ. މަންމަ އަހަރެން ތިޔަ ވައްޓައިލީ ކޮންފަދަ އުނދަގޫ ހާލަތަކަށް ހެއްޔެވެ؟ މިފަދަ ފައިސަލާއެއް ކުރީ ކީއްވެގެން ހެއްޔެވެ؟ ކީއްވެގެން ހެއްޔެވެ؟ އޭނާ ދެއަތުން ބޮލުގައި ހިފަހައްޓައިލިއެވެ.

ސާދަ

މުޅި ގެ ޒީނަތްތެރި ކުރެވެމުން ދަނީއެވެ. ކާވެނީގެ ތައްޔާރީތައް ފޯރިއާއެކު ކުރިއަށް ދަނީއެވެ. މިހާރު ތައްޔާރު ވަމުން އެދަނީ ކާވެނީގެ ފުރަތަމަ މަރުހަލާއަށެވެ. ނިކާޙަށެވެ. އެކަމަކުވެސް މެހެތާބް ބޭނުންވަނީ ތައްޔާރީތައް ވަރަށް ފުރިހަމައަށް ކުރިއަށް ގެންދާށެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ އެ ދުވަހަށް ފަވާދް ގެއަށް އަންނާނޭކަން އެނގިފައި އޮތުމެވެ. އެއީ މެހެމަލަކަށް މާ ބޮޑު އަސަރެއް ކުރި ޚަބަރެއް ނޫނެވެ.

މެހެތާބް އެކަމާ އުފަލުން އުޅުނު ނަމަވެސް ތައްޔާރީގެ ވާހަކައިގައި ދައްކަނީ މުޅީންވެސް މެހެމަލްގެ ވާހަކައެވެ.

"ތަންކޮޅެއް ފޯރިގަދަ މަޖާ މާހައުލެއް ގާއިމު ކުރެވޭތޯ އަހަރެން މި އުޅެނީ މެހެމަލްގެ ހިތް ހަމަ ޖެހޭނޭ ގޮތެެް ހަދައިދޭންވެގެން. އެހެން ނޫންނަމަ މުސްރަތު ނިޔާވީމާ މުޅި ގެ މި އޮންނަނީ ފަޅުވެފައި. އެހެންވީމާ އަޑުގަދަކޮށް މަޖާ ކުރާކަށް ހިތެއް ހަމައެއް ނުޖެހޭ. މި ހުރިހަައި ކަމެއް މި ކުރަނީ މެހެމަލަށްޓަކައި. އޭނާގެ ހިތްހަމަ ޖައްސައިދޭން."

އޭނާ ހުންނަނީ އިރުއިރުކޮޅާ ފޯނުކޮށްގެން ކޮންމެވެސް މީހަކަށް ޚަބަރު ކިޔައިދީދީއެވެ.

މެހެމަލް މިހާރުވެސް ހުރީ ބަދިގޭގެ މަސައްކަތުގައެވެ. އޭނާއަށް އިހުސާސް ކުރެވެނީ އަނެއްކާވެސް ކޮންމެވެސް މީހަކު މަރުވެގެން އުޅެނީ ކަމުގައެވެ. އޭނާ ނަމާދު ކުރެއެވެ. ތަސްބީޙަ ކިޔައެވެ. ދުޢާ ކުރެއެވެ. އެކަމަކު މިހާރަކު މިސްކިތަކަށް ނުދެއެވެ. މިސްކިތުން ލިބޭ ސުކޫނެއް މި ވަގުތަކަށް އޭނާ ބޭނުމެއް ނުވެއެވެ. މި ވަގުތު އޭނާ ބޭނުންވަނީ ހިތާމަ ކުރާށެވެ. މަންމަ ނިޔާވީމާ ކަމެއް ނުވަތަ އޭނާއަށް މެދުވެރިވާ ހާލަތާ ގުޅިގެން ކަމެއް ބުނާކަށް އޭނާއަކަށް ނޭނގެއެވެ.

ފޯނުގެ ރަނގަބީލުވާން ފެށްޓީ އޭނާ މޭޒު ފޮހެން އުޅެނިކޮށެވެ. އޭނާ ތުވާލި ބާއްވައިފައި ހިންދެމިލިއެވެ.

ފޯނުގެ ރަނގަބީލު ކެނޑިނޭޅި ވަނީއެވެ. އޭނާ މަޑުމަޑުން ގޮސް ފޯނު ނަގައިފިއެވެ.

"އައްސަލާމް ޢަލައިކުމް."

"ވަޢަލައިކުމުއްސަލާމް. މެހެމަލް؟" އެކޮޅުން އިވުނީ އަންހެނެއްގެ އަޑެވެ. އެއީ ކާކުކަން އޭނާއަށް ވަގުތުން އެނގިއްޖެއެވެ.

"ދައްތާ؟ ކިިހިނެއް؟"

"އަހަރެން ރަނގަޅު. ހުމާޔޫން ބުނީ މެހެމަލް..." ފަރިޝްތޭ ހުރީ ކަންބޮޑުވެފައިކަން އެނގެއެވެ.

އޭނާ ފަރިޝްތޭގެ ވާހަކަ މެދުކަނޑައިލިއެވެ. "ހުމާޔޫން ހުރިހައި ވާހަކައެއް ދައްތަ ގާތު ބުނަނީ ކީއްވެގެން؟ އެހެން ނުހަދާށޭ ބުނޭ."

"މެހެމަލް... އެކަމަކު ކިހިނެއް ތިޔަ..."

"ދައްތަމެން ހީކުރަނީ އަހަރެން މިއީ މޮޔައެއް ކަމަށްތަ؟ އަހަރެންގެ ކަންތައްތަކާ ކަންބޮޑުވެގެން އުޅެނީ ކީއްވެގެން؟ މަންމަ އަހަންނަށްޓަކައި ނުބައި ފައިސަލާއެއް ނުކުރާނެ. އެހެންވީމާ އަހަރެންގެ ކަންތައް އަހަރެން އަމިއްލައަށް ނިންމިޔަދީ."

"މެހެމަލް. ދެން އަހަރެން ބުނާނީ ކީކޭ؟ އެންމެ ރަނގަޅު. އެކަމަކު ކޮންމެ ކަމެއް ކުރިޔަސް ފިސާރި ރަނގަޅަށް ވިސްނާފައި ކުރާތި. ދެން ހުމާޔޫނާ ވާހަކަދައްކާ."

"ނޫނޭ..." އޭނާ މިހެން ބުނި އަޑެއް ފަރިޝްތޭއެއް ނާހައެވެ. ހުމާޔޫންގެ އަތަށް ފޯނު ދީފިއެވެ.

"މެހެމަލް ވަކި ގޮތަކަށް ނިންމައިފީމެއްނު؟ އެހެންވީމާ މެހެމަލްގެ ފެއަރީޓޭލް ބަފާބެއާއި މައިދައިތަގެ ހުއްދަ އޮތިއްޔާ އަހަންނާއި ފަރިޝްތޭއާ ދެމީހުންނަށް ކާވެނީގެ ހަފުލާގައި ބައިވެރިވެވިދާނެތަ؟"

"ހުމާޔޫން..." ތަންކޮޅެއް ދިގުކޮށް އަކުރުތަކަށް ދަމައިލާފައި ފަރިޝްތޭ ގޮވައިލީ އަޑު އިވުނެވެ.

"މެހެމަލް. އަހަރެން ސުވާލެއް ކޮށްފީމެއްނު؟" ހުމާޔޫންގެ އަޑުގައި ހުރީ މަލާމާތުގެ އަސަރެވެ.

"އާނ... އާދޭ. ހުކުރުދުވަހުގެރޭ އަށެއް ޖަހާއިރު ކާވެނި އޮންނާނެ. ހަނދާންކޮށް އަންނާތި."

އޭނާ ފޯނު ބާއްވައިފިއެވެ. އައި ގަދަ ރުޅިއެއްގެ ސަބަބުން ފަރިޝްތޭއާ ވާހަކަ ދައްކާކަށްވެސް ބޭނުމެއް ނުވިއެވެ.

އަނެއްކާވެސް ފޯނުގެ ރަނގަބީލު ވާން ފަށައިފިއެވެ. އޭނާ އަޅާނުލައި މޭޒާ ދިމާއަށް ހިނގައިގެންފިއެވެ.

* * *

ކާވެންޏަށް އަންހެންކުދިން ނަލަކޮށްދޭ މީހަކު ގެއަށް ގެނެސްފިއެވެ. މެހެމަލް އިނީ ގޮނޑިއެއްގައި އިށީނދެގެންނެވެ. އެމީހަކު އަތްމަތި ހަލުވިކަމާއެކު އެކި ކަހަލަ ފިއްސާއި ކުލައިގެ ބޭނުން ކުރަމުން ގެންދަނީއެވެ.

އެއް ބަޔަކު އޭނާގެ ހެދުން ރީތިކޮށް އިސްތިރިކޮށް ހެޔޮވަރު ކުރަނީއެވެ. މެހެތާބް މި ހުރިހައި އެއްޗެއް ހޯދައި އިންތިޒާމުކުރީ ކޮން އިރަކު ކަމެއްވެސް ނޭނގެއެވެ. މެހެމަލް ހައިރާން ވެފައި ބަލަހައްޓައިގެން އިނީއެވެ. ތައްޔާރުކޮށް ނިމިގެން އެމީހުން އޭނާ ހެދުން އެޅުވުމުގެ މަސައްކަތް ފަށައިފިއެވެ.

މުސްރަތު ނިޔާވިތާ މާ ގިނަ ދުވަހެއް ނުވެއެކޭ ގޭތެރޭގައި ހިނގާ ކަންކަމަށް ބަލާފައި އެކަކުވެސް ހިތަކަށް ނާރާނެއެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ؟ އޭނާ ޝަކުވާ ކުރާނީ ކާކު ގާތުގައި ހެއްޔެވެ؟ މުސްރަތު ދުނިޔޭގައި ހުރި އިރަކުވެސް އެއީ ބަޔަކު މާ ބޮޑު ސަމާލުކަމެއް ދިން މީހެއް ނޫނެވެ. ގަދަރެއް ކުރި މީހެއް ނޫނެވެ. ނިޔާވީމާ އޮންނާނީ ވަކިން ކޮން ގަދަރެއް ހެއްޔެވެ؟ އަނެއްކޮޅުން މިއަދު ފަވާދްވެސް އެބައާދެއެވެ. އެހެންވީމާ އޮންނާނީ އުފާ ކުރުމެއް ނޫންހެއްޔެވެ؟

ކުއްލިއަކަށް ބޭރުގައި އަޑުގަދަވާން ފަށައިފިއެވެ. ފަވާދް އައީ ބާވައެވެ؟ އެކަމަކު އިވެނީ އެހެން ކަހަލަ އަޑެކެވެ.

"ކުޑަކޮށް ދޮރު ހުޅުވައިލަބަލަ." އޭނާ އެތަނުން އެކަކު ގާތު ބުނެލިއެވެ. އެމީހަކު މަޑުމަޑުން ގޮސް ބޭރު ފެންނާން ހުރި ދޮރު ކުޑަކޮށް ހުޅުވައިލިއެވެ.

ބޭރު ރީތިކޮށް ފެނިއްޖެއެވެ. އޭނާއަށް ހީވީ ރަނގަޅަށެވެ.

"ކަލޭ..؟ ކަލޭ މިތަނަށް އައީ ކީއްކުރަން؟" މެހެތާބް ރުޅި އައިސް ރަތްވެފައި އަހައިލިއެވެ.

"ކަންބޮޑުނުވޭ. އަހަރެން މިއައީ އެއްވެސް ކަމަކަށް ހުރަސް އަޅާކަށް ނޫން. މިއީ މެހެމަލްގެ ކާވެންޏެއްނު؟ އަހަރެން ނައިހެއް ނުވާނެއެއްނު؟" އޭނާ ހަމަޖެހިލައިގެން ގޮސް ސޯފާގައި އިށީނދެއްޖެއެވެ. ހުޅުވިފައި ހުރި ދޮރުން މެހެމަލަށް އޭނާގެ ދައްތަ ރީތިކޮށް ފެނެއެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.