އެކެއް
ފަތިހުގެ އަލިކަން ހެނދުނުގެ މަޑުމަޑު ހޫނުކަމަށް ތަން ދެނީއެވެ. އޭނާ މަޑުމަޑުން ލަސް ފިޔަވަޅުތަކެއް އަޅަމުން ބަސްހުއްޓާ ތަނާ ހަމައަށް އަތުވެއްޖެއެވެ. ކޮނޑުގައި ދަބަސް އަޅުވައިފައި އޮތެވެ. އެއް އަތުގައި ފެންފުޅިއެއް އޮތެވެ. މަޑުމަޑުން ހިނގައިފައި ގޮސް އޭނާ ހުއްޓުނީ ބަސްހުއްޓާ ތާނގައި ހުރި ދިގުގޮނޑީގެ ކައިރިއަށެވެ. އޭނާ ކޮންމެ ދުވަހަކުވެސް ހަމަ އެ ގޮތަށް ބަހުގެ އިންތިޒާރުގައި ދިހަ ވަރަކަށް މިނިޓު ވާންދެން ހުރެއެވެ.
އެހެން ހުރެފައި ދަބަސް އެއް ފަރާތުގައި ބޭއްވުމަށް ފަހު ދިގުގޮނޑީގައި އިށީނދެއްޖެއެވެ. އެއަށް ފަހު ފުޅީގެ މަތި ނަގައިގެން ފެން ބޯން ފަށައިފިއެވެ. އެއީ ހޫނު މޫސުމުގެ ދުވަހަކަށް ވާތީ ހޫނު ދިޔައީ ގަދަ ވަމުންނެވެ. އެހައި ހެނދުނުވެސް ދާ ހިއްލާން ފަށައިފިއެވެ. "ކުރިއަށް އޮތް ތަނުގައި ކަންތައް ވާނީ ކިހިނެއް ބާވައެވެ؟" އޭނާގެ ހިތަށް އެރިއެވެ. އޭނާގެ މޫނުމަތީން ފެންނަ އަސަރު ތަކަށް ބަލާއިރު ދުނިޔެ ދެކެވެސް ރުޅި އައިސްފައި ހުރިކަން އެނގޭހައި ވެއެވެ. އޭނާގެ އޮމާން ނިތްކުރިއަށް އަރައިފައިވާ ރުލާއި ސާފު ބިއްލޫރިކޮޅެއް ފަދަ ދެ ލޮލުން ފައުޅުވަނީ ރުޅިވެރިކަމެވެ. އޭނާ ލައިގެން ހުރީ ހުދު ކުރުތާއަކާއި ނޫކުލައިގެ ޖިންސެކެވެ. ދޯޕައްޓާ އޮތީ އެއް ރޮއްޖަކަށް އަނބުރައިފައި ކޮނޑު މައްޗަށް އެއްލައިފައެވެ. އެއް ފައި މައްޗަށް އަނެއް ފައިގެން އެއްލައިގެން އިނދެ ތަންގީދީ ނަޒަރަކުން މީސްމީހުންނާ ދިމާއަށް ބަލަނީއެވެ. އެއްކަލަ ކަޅު އަންހެން ކުއްޖާ މިއަދުވެސް ދިގުގޮނޑީގައި އޭނާޔާ ޖެހިގެން އިށީނދެގެން އިން ކަމުގެ އިހުސާސް އޭނާއަށް ކުރެވުނީ އެ ވަގުތުއެވެ.
އެ ދެމީހުންގެ ދެމެދުގައި ގޮނޑިމަތީގައި އޮތީ އޭނާގެ ދަބަހެވެ. ކަޅު ކުއްޖާ އިސް ޖަހައިލައިގެން އިނދެ އޭނާގެ ދަބަހަށް ބަލަނީއެވެ. ދަބަހުގެ އެކި ތަންތާގައި އޭނާގެ ނަން ލިޔެފައި އޮތެވެ.
"މެހެމަލް އިބްރާހީމް... މެހެމަލް އިބްރާހީމް... މެހެމަލް އިބްރާހީމް..."
ކުދި އަކުރުންނާއި ބޮޑެތި އަކުރުން އޭނާގެ ނަން ނުޖަހާ ތަނެއް އެ ދަބަހުގައި ނެތޭވެސް ބުނެވިދާނެއެވެ. އެ ކުއްޖާ އޭނާގެ ދަބަހާ ދިމާއަށް ބަލައިލަނީ ބައެއް ފަހަރުއެވެ. އެކަމަކު މެހެމަލް ކޮންމެ ދުވަހަކުވެސް ބަހުގެ އިންތިޒާރުގައި ހުންނަ ދިހަ މިނިޓުއިރު ހޭދަ ކުރަނީ އެ ކުއްޖާ މުއާއިނާ ކުރުމުގައެވެ.
އެއީ އަޖައިބެއް ކަހަލަ ކުއްޖެކެވެ. މި ރަށުން ކަޅު ކުދިން ފެނެއެވެ. އެކަމަކު އެއީ ތަފާތު ކުއްޖެކެވެ. ބޮލުގައި އޮތް ބޮޑު ރުމާ ހުރީ ފުރަގަހަށް އައްސައިފައެވެ. ލައިގެން ހުރީ ހަމުގެ ކޯޓެކެވެ. ބޯ ތުންފަތެކެވެ. ހަމުގެ ކުލަ ކަޅެވެ. އެކަމަކު ލޮލުން އާދަޔާ ޚިލާފު ވިދުވަރެއް ފައުޅުވެއެވެ. މެހެމަލް އަކަށް އޭނާގެ ލޮލަކަށް ބަލާކަށް ނުކެރެއެވެ. ބަލަމުން ގޮސް ހަތަރުކަޅި ބައްދަލުވާ ގޮތް ވިޔަސް އަވަސްއަވަހަށް އެހެން ދިމާއަކަށް ނަޒަރު ބަދަލު ކޮށްލައެވެ. އޭނާ ހަމަ ކޮންމެ ދުވަހަކު އެއް ވަގުތެއްގައި އައިސް އެތާގައި ހުއްޓި ހުރެއެވެ. މެހެމަލް އޭނާ ދެކޭތާ މިހާރު ދޮޅު މަހެއްހައި ދުވަސް ވެއްޖެއެވެ. އެ ދޮޅު މަސް ދުވަހުގެ ތެރޭގައި އޭނާގެ އާދައަކަށް، ހުންނަ ގޮތަކަށް އެއްވެސް ބަދަލެއް ނާދެއެވެ.
ދިމާ ތެދަށް އިށީނދެގެން އިނދެ ކުރިމަތީން ފެންނަ ކަންތައްތަކަށް ބެލުމަކީ އެ ކުއްޖާގެ އާދައެވެ. ދުވަހަކުވެސް އަނގަޔަކުން ނުބުނެއެވެ. އެއީ ކާކު ބާވައެވެ؟ ވަކި މީހަކު ނޭނގުމުގެ އިތުރަށް އެހެން ކަމެއްވެސް މެހެމަލްގެ ލޮލުގައި އަޅައިގަނެއެވެ. އެއީ އެ ކުއްޖާގެ އަތުގައި އޮތް ފޮތެވެ. ކަޅުކުލައިގެ ހަން ޖަހައިފައި އޮތް ބޯ ފޮތެކެވެ. ފޮތުގެ ބޭރުގައި އެއްވެސް އެއްޗެކޭ ލިޔެފައެއް ނެތެވެ. އެ ކުއްޖާގެ ކަޅު އަތުން އެ ކަޅު ފޮތުގައި ބާރަށް ހިފަހައްޓައިގެން ހުންނަތަން މެހެމަލް ކޮންމެ ދުވަހަކުވެސް ދެކެއެވެ. ހިފަހައްޓައިގެން ހުންނަ ގޮތުން އެއީ ވަރަށް އަގު ބޮޑު ފޮތެކޭވެސް ހިތަށް އަރައެވެ. އެހެންވީމާ އެ ފޮތް ރައްކާތެރި ކުރާން ބޭނުން ވަނީ ކަމުގައި ވެދާނެއެވެ.
ފޮތަކީ ބޯ ފޮތެކެވެ. ގަނޑުތަކުގެ އަރިމަތިވެސް ހުރީ ރީނދޫވާން ފަށައިފައެވެ. ވަރަށް ގަދީމީ ފޮތަކަށް ވެދާނެއެވެ. އެއީ ސިއްރުން ފުރިފައިވާ ފޮތެއްކަން ގައިމެވެ. އެ ފޮތުގެ ސިއްރު ދެނެގަނެވޭނެ ނަމައޭ ފޮތް ފެންނަ ކޮންމެ ފަހަރަކު ހިތަށް އަރައެވެ. އެންމެ ފަހުން އެ ކުއްޖާޔާ ސުވާލު ނުކޮށެއް ނުހުރެވުނެވެ.
"ސަލާމް. ސުވާލެއް ކޮށްލިޔަސް އެންމެ ރަނގަޅުތަ؟"
"ކޮށްލާ." ކަޅު ކުއްޖާ އޭނާގެ ވިދުވަރު ގަދަ ލޯ އޭނާއަށް އަމާޒު ކޮށްލިއެވެ.
"ތިޔައީ ކާކުގެ ފޮތެއް؟"
"އަހަރެންގެ."
"އަހަރެން މި އަހަނީ ތިޔައީ ކާކު ލިޔުނު ފޮތެއެްހޭ."
އެ ކުއްޖާ ހިނދުކޮޅެއް ވާންދެން މެހެމަލްގެ މޫނަށް ބަލަހައްޓައިގެން ހުރެފައި ބުންޏެވެ. "މިއީ އަހަރެންގެ ދިރިއުޅުމުގެ ވާހަކަ."
"އެހެންތަ؟" މެހެމަލް ހައިރާން ވިއެވެ. "އަހަރެން ހީކުރީ ގަދީމީ ފޮތެއް ކަމަށް."
"ތިޔަ ހީވީ ރަނގަޅަށް. މިއީ ގަދީމީ ފޮތެއް. މި ފޮތް ލިޔެވިފައި މި ވަނީ މީގެ އެތައް ގަރުނެއް ކުރީން."
"ތިޔަ ފޮތް ލިބުނީ ކިހިނެއް؟"
"މިސުރުގެ ބައު ފިހާރައަކުން. އެ ފިހާރައިގައި ހުރި ފޮތްތަކުގެ ތެރެއިން މި ފޮތް ފެނުނީ. އަހަރެން ފޮތް ނެގިއިރު އޮތީ ޒަމާނާއެކު ހިރަފުސް އަރައި ގަނޑުތަކުގެ ކުލަ ބަދަލުވާން ފަށައިފައި." އޭނާ ލޯތްބާއެކު ފޮތުގައި ފިރުމައިލިއެވެ. ތުންފަތްމައްޗަށް ވެރިވެފައި ވަނީ ފަނޑު ހިނިތުންވުމެކެވެ. "އަހަރެން ފޮތް ގަނެގެން ހިރަފުސް ފޮޅައި ސާފުކުރީ. އެނބުރި ރަށަށް އައިސް ފޮތް ކިޔައިލީ. މިއީ އެ ފިހާރައިގައި އަހަންނަށްޓަކައި ޚާއްސަކޮށް ބާއްވައިފައި އޮތް ފޮތެއްކަން އެނގުނީ ކިޔައިލީމާ."
މެހެމަލް އަނގަ ހުޅުވައިގެން އޭނާޔާ ދިމާއަށް ބަލަހައްޓައިގެން ހުރެއްޖެއެވެ.
"މި ފޮތުގެ މައްޗަށް ޝައުގުވެރިވީ ކީއްވެގެން؟"
"ތިޔައިގައި ހުރި އެއްޗެއް އޮޅުންފިލުވައިލާން ބޭނުންވީ. އަހަރެން ކިޔައިލާން ލިބިދާނެތަ؟" މެހެމަލް ހިނިތުންވެލިއެވެ.
"ތިޔައީ މި ޒަމާނުގެ ތަހުޒީބީ ކުއްޖެއް. މި ފޮތުގައި ލިޔެފައި ހުރި އެއްޗެއް ކިޔާން އެނގޭނީ ކިހިނެއް؟"
"ތިޔައީ ކޮން ފޮތެއް؟ ތިޔައިގައި ލިޔެފައި ހުރީ ކޮން ވާހަކައެއް؟" އޭނާ ޝައްކުގެ ރާގަކަށް އަހައިލިއެވެ.
"މީގައި ހުރީ އަހަރެންގެ މާޒީގެ ވާހަކަ."
އެ ވަގުތު ބަހުގެ ބަރުގޮނުގެ އަޑު އިވިފައި މެހެމަލް ސިހިފައި ބަހާ ދިމާއަށް ބަލައިލިއެވެ.
'އަދި އަހަރެންގެ މިހާރުގެ ދިރިއުޅުމުގެ ވާހަކަ." އެ ކުއްޖާ ވާހަކަ ކުރިއަށް ގެންދިޔައެވެ.
މެހެމަލް ދަބަސް ހިފައިގެން ގޮނޑިން ތެދުވެއްޖެއެވެ. ގަޑިއަށް ކޮލެޖަށް ދާން އޭނާ ބޭނުމެވެ.
"އަދި އަހަރެންގެ މުސްތަގުބަލުގެ ވާހަކަވެސް އެބަހުރި. އަހަންނަށް ވާނީ ކިހިނެއް ކަމާއި އުޅޭނޭ ގޮތުގެ ވާހަކަވެސް މި ފޮތުގައި ލިޔެފައި އެބަހުރި."
"އަހަރެން ދަނީ." އޭނާ ބަހާ ދިމާއަށް ބަލައިލައިފައި މިހެން ބުނުމަށް ފަހު މަޑުމަޑުން ހިނގައިގެންފިއެވެ.
"މި ފޮތުގައި މެހެމަލްގެ ވާހަކަވެސް އެބައޮތް."
މެހެމަލް އެނބުރި ބަލައިލިއެވެ. "އަހަރެންގެ ވާހަކައޭ؟ އަހަންނާ ބެހޭ ގޮތުން ލިޔެފައި އޮތީ ކީކޭ؟" މި ފަހަރުވެސް އޭނާގެ އަޑުގައި ހުރީ ޝައްކުގެ އަސަރެވެ.
"މީގައި އޮތީ އަހަންނަށް އަންގައިފައި އޮތީ މި ފޮތް މެހެމަލަށް ދޭށޭ. އެކަމަކު އަހަރެން މި ފޮތް ދޭނީ މެހެމަލް އަމިއްލައަށް އައިސް އަހަރެން ގާތު ދޭށޭ ބުނީމާ. އެއީ މި ފޮތުގައި މެހެމަލްގެ ދިރިއުޅުމުގެ ވާހަކަތައްވެސް ހުރީމާ. ފާއިތުވެގެން ދިޔަ ތަނުގެ ވާހަކައާއި ފަހުން ވާނޭ ގޮތުގެ ވާހަކަވެސް އެބަހުރި."
ބަހުގެ ބަރުގޮނު އަނެއްކާވެސް އަޅައިފިއެވެ. އޭނާ ފިޔަވަޅު ހަލުވި ކޮށްލިއެވެ. ބަހަށް އަރަމުން އަނެއްކާވެސް އޭނާ އެނބުރި ބަލައިލިއެވެ. އެ ކަޅު ކުއްޖާ ހިނިތުން ވަނީއެވެ. އެއީ ސިއްރާއި މާނައިން ފުރިފައިވާ ހިނިތުންވުމެކެވެ. ކުއްލިއަކަށް އޭނާގެ ހިތުގައި ބިރުވެރިކަން އުފެދިއްޖެއެވެ.
* * *
ކޮލެޖުން ނިމިގެން އޭނާ ކޮންމެ ދުވަހަކުވެސް ދަނީ ނާދިޔާގެ ބައްޕަ ހިންގާ އެކަޑެމީގެ ހަތްވަނަ ކުލާހުގެ ކުދިންނަށް ސައިންސާއި ހިސާބު ކިޔަވައިދޭށެވެ. ގެއަށް ދެވެނީ މެންދުރުފަހު ތިންގަޑިބައި ވާ ފަހުންނެވެ.
ދޮރާށި ހުޅުވައިފައި އެތެރެއަށް ވަންއިރު ގޯތި ތެރޭގައި އޮތް ތިން ކާރު އޭނާއަށް ފެނުނެވެ. އެވަގުތު ހިތުގެ އަޑިން ވޭނީ އާހެއް ނުކުތެވެ. ގޭގައި ކާރު ފައްޗެއް އޮންނައިރުވެސް އޭނާއަށް މި ޖެހެނީ ބަހުގައި ތެޅެމުން ފޮޅެމުން ދަތުރު ކުރާށެވެ.
"ބޮޑުބޭބެއިންގެ ރަހުމާއި ހަމްދަރުދީގައި ދިރިއުޅޭ ޔަތީމުންގެ ނަސީބުވެސް އޮންނަނީ ޔަތީމު ވެފައެވެ." އޭނާގެ ހިތަށް އެރިއެވެ.
ގޭތެރެއަށް ފެތުރިފައި އޮތީ ހިމޭންކަމެވެ. މިއީ އެންމެން ނިދާ ވަގުތެވެ. އޭނާގެ އެންމެ ދޮށީ ބޮޑުބޭބެ އޮފީހުން އަންނަ ވަގުތަކީ މިއީއެވެ. އެ ބޮޑު ބޭބެއަށް އެންމެންވެސް ކިޔާ ނަމަކީ އާޣާޖާން އެވެ. އާޣާޖާން ގެއަށް އަންނަ ގޮތަށް ނިދަން އޮށޯންނާނެއެވެ. އޭނާގެ ނިދި މަޑު ކަމުން މުޅި ގެއަށް އަމުރު ނެރެފައި އޮންނަނީ ނޭވައެއް ލާ އަޑުވެސް ނީއްވާށެވެ. އެ އަމުރަކީ މުޅި ގެއަށް ނެރޭ އާއްމު އަމުރަކަށް ވިޔަސް ބޮޑަށް އަމާޒު ކުރެވެނީ އޭނާއަށާއި އޭނާގެ މަންމަ މުސްރަތަށެވެ. އަމުރު ނެރެނީ އާޣާޖާންގެ އަންހެނުން ބޮޑުދައިތަ މެހެތާބެވެ. އަމުރުގެ ފަހުބައިގައި މެހެމަލްއާއި މުސްރަތުގެ ނަން ނުކިޔައެއް އޭނާއަކަށް އެންމެ ފަހަރަކުވެސް ނިންމައެއް ނުލެވެއެވެ.
"މުސްރަތު. ކަލޭގެ ދަރިފުޅު ގާތު ހަނދާންކޮށް ބުނާތި... މުޅި ރަށުގައި އެނބުރިއެނބުރިފައި ގެއަށް އައިސް ވަންނައިރު ދޮރާށި މަޑުމަޑުން ހުޅުވާށޭ. އަދި ގޭގެ މައި ދޮރުވެސް މަޑުން ހުޅުވާށޭ. އަޑު ގަދަ ވެއްޖެއްޔާ އާޣާއަށް ހޭލެވިދާނެ. އަހަރެން މިހެން ބުނެގެން އޭނާއަކަށް ކަމަކު ނުދާނެ. އެއީ ދެތިން މުށުގެ ދުލެއް ދެއްވައިިފައިވާ މަންޖެއެއް. ކުޑަ ކުއްޖަކަށް ބެލުމެއް، ބޮޑު މީހަކަށް އިހުތިރާމު ކުރުމެއް ނޯވޭ. އަހަރެންގެ ދަރިންވެސް ކިޔެވީ ކޮލެޖުން. އެމީހުންނަށް އެ މަންޖެގެ ނުބައި އަސަރު ނުކުރިއްޔާ ކިތަންމެހައިވެސް ރަނގަޅު."
ކޮންމެ ދުވަހަކުވެސް ދޮރާށި ހުޅުވާއިރު އޭނާގެ ކަންފަތްދޮށުގައި ގުގުމައިފައި ހުންނަނީ މި ވާހަކައެވެ. ވުމާއެކު ރުޅި އައިސްފައި ހުއްޓަސް އޭނާ ދޮރާށި ހުޅުވަނީ ވަރަށް މަޑުމަޑުން ބަލައިގެންނެވެ.
ބަދިގެއަށް ވަންއިރު ސިންކުގައި މެންދުރު ކެއި ތަށިތައް ރޮލާ ހުއްޓެވެ. އޭނާ މޫނު ކުނިކޮށްލައިފައި ގޮނޑިއެއްގެ މަތީގައި ދަބަސް ބާއްވައިފައި އަވަން ހުޅުވައިލިއެވެ. އޭނާ އެހެރީ ހެނދުނު ސައި ބުއި ގޮތަށެވެ. ބަނޑުހައިވާ ވަރުން މިހާރު ގޮހޮރު ވަޔާ ތެޅެނީއެވެ.
އަވަން ހުރީ ހުހަށެވެ. ކާމޭޒުމަތީގައި ތަށިތަށިން ވެރިފައި ހުރި ރޮށިކޮޅުކޮޅު ހުއްޓެވެ. އޭނާ އައިސް އަލަމާރި ހުޅުވަން އުޅުނެވެ. އެކަމަކު ހުރީ ތަޅުލައިފައެވެ. އޭނާ އައުމުގެ ކުރީން އައިސް އަލަމާރި ތަޅުލުމަކީ މެހެތާބު ދައްތަ ހަނދާންކޮށް ކުރާ ކަމެކެވެ. އޭނާއަށް ދޭން ކާއެތިކޮޅެއް ބާކީކޮށްފައި ބެހެއްޓުމަކީ މަންމަ އިހަށް ކޮށް އުޅޭ ކަމެކެވެ. އެކަމަކު މެހެތާބް ދައްތަ ކާތަކެތީގެ ހިސާބު ބަލަހައްޓާން ފެށި ފަހުން ދެ ދުވަހުން އެއް ދުވަހު ތެލިތަށި ހުންނަނީ ހުހަށެވެ.
ބަނޑުހައިކަމާއި ބާރެއް ނެތްކަމުގެ އިހުސާސް ކުރެވުނީމާ އޭނާގެ ލޮލުން ކަރުނަ ހިލުނެވެ. މަޑުމަޑުން ބަދިގެއިން ނުކުމެގެން ގޮސް ދޮރާށި ހުޅުވައިފައި ބޭރަށް ނުކުމެއްޖެއެވެ. ޖެހިގެން ހުރި ހޮޓަލުން ނާނަކާއި ކަވާބުކުރި މަސްކޮޅެއް ގެންފިއެވެ.
އެނބުރި ގެއަށް އައި އިރު އޭނާ ހުރީ އިހުގެ ރުޅި ގަދަ މެހެމަލަށް ވެފައެވެ. ދޮރާށި ހުޅުވި އަޑު އެތައް މޭލަކަށް އިވޭނެއެވެ. ލެއްޕި އަޑުވެސް އެހައި ދުރަށް އިވޭނެއެވެ. ގޭތެރެއަށް ވަންނާން ހުރި ދޮރު ހުޅުވައިފައި އެތެރެއަށް ވަދެ ލެއްޕި އަޑުން މުޅި ގެއަށް ގުޑުން އަރައިގެން ދިޔައެވެ. އެއަށް ފަހު ތަޅަންމަތީގައި އޮތް ފުޓުބޯޅައެއްގައި ފައިން ޖަހައިފިއެވެ. ބޯޅަ ފަތު އަޑު ކިޔައިފައި ގޮސް ޖެހުނީ ކުރިމަތީގައި ހުރި ކޮޓަރީގެ ދޮރުގައެވެ.
އޭނާ ސޯފާގައި އިށީނދެ ނާނާއި މަސް ކާން ފަށައިފިއެވެ.
ދެން ފެނުނީ އާޣާޖާންގެ ކޮޓަރީގެ ދޮރު ހުޅުވައިފައި މެހެތާބް ދައްތަ ނުކުތްތަނެވެ.
(ނުނިމޭ)