މުޞްޙަފް - 17

(17 މޭ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ދެން ވާނީ ކިހިނެއް ކަމެއްވެސް ނޭނގޭ." ފަވާދް ކަންބޮޑުވެފައި ހުރެގެން އެހެން ނަންބަރަކަށް ގުޅައިލިއެވެ. މެހެމަލް ހުރިކަން ހަނދާންވެސް ނެތީ ކަހަލައެވެ.

"ރާއޯ ސާހިބް. އަޅުގަނޑު މަލިކް އިލްޔާސް ފޮނުވީމެއް ނޫންތޯ..؟ އެކަމަކު އެ ވަރުގެ ބޭއިތުބާރެއް... އެއީ ކީއްވެގެންތޯ؟" އޭނާ އިރުކޮޅަކު އަޑު އަހާން ހުއްޓެވެ. އެޔަށް ފަހު ވާހަކަ ދައްކާން ފެށިއެވެ. އޭނާގެ އަޑުންނާއި މޫނުމަތީން ފެންނަ އަސަރުތަކަށް ބަލާއިރު ރުޅި މައިތިރި ކޮށްގެން އެ ހުންނަނީ ވަރަށް ބޮޑު ހިތްވަރަކާއެކު ގަދަކަމުން ކަހަލަ ގޮތަކަށް ކަން އެނގޭހައި ވެއެވެ. "އެސްޕީގެ ސިކުނޑި ރަނގަޅުތޯ؟ އޭނާގެ ބައްޕައަކީ ބޮޑު ބިންވެރިއެއްކަން އަޅުގަނޑު ދެނަހުރިން. އަޅުގަނޑުމެންނަކީވެސް މަގުމަތީގައި ސަލާން ޖަހަން އުޅޭ ބައެއް ނޫން. އޭނާ ހަމަ ވިދާޅުވުމާއެކު ވަގުތުން އާދެވޭނީ ކިހިނެއްތޯ؟ ޑިރެކްޓަރުންގެ ބޯޑުގެ އެއްވެސް މީހަކަށް އެހެންނެއް ނާދެވޭނެ." އަނެއްކާވެސް އިރުކޮޅަކު އަޑު އަހާން ހުރެފައި ބުންޏެވެ. "ކުޑަ އިރުކޮޅަކުން އަޅުގަނޑު އެބަ ގުޅަން." މިހެން ބުނެފައި އަނެއްކާވެސް އެހެން ނަންބަރަކަށް ގުޅާން ފަށައިފިއެވެ. "އެސްޕީ ހުމާޔޫން ދާވޫދް. އެ ސޮރުގެ މައްސަލައަކީ ކޮބައި ކަމެއްވެސް ނޭނގޭ."

މެހެމަލް ކާރު ކައިރީގައި ހުރީއެވެ. މިރޭގެ ޕްރޮގްރާމް މުޅީން ގަޑުބަޑު ވެގެން ހިނގައިދާނޭ ކަމުގެ ބިރު އޭނާގެ ހިތުގައި އުފެދުނެވެ.

"ފަވާދްބޭބޭ. ކިހިނެއްވީތަ؟"

"މި އެސްޕީއެއްގެ ނުފޮރުއްޕާން ލައިގަތީ. އޭނާ ބުނަނީ ފައިލު ވެރިޔަކާ ހަމައަށް ގެންގޮސް ދެވޭނީ ކުންފުނީގެ ވެރިޔަކު އައީމައޭ. ތިމަންނާ ނޯކަރުންނާ ވާހަކައެއް ނުދައްކަމޭ. މި ވަގުތު އަހަރެން އެތަނަށް ފޮނުވާނީ ކާކު؟ އޭނާ ބުނަނީ ހަމަ މި ވަގުތު ފޮނުވާށޭ. ބައްޕަޔާއި ޙަސަނާ ދެމީހުން ކުރެ މީހަކު ދާން އުޅުނަސް ދޮޅު ގަޑިއިރު ހޭދަވާނެ. ވެރިޔަކު ނުދިޔައިއްޔާ އަހަރެންގެ އެތައް ކުރޯޑު ރުފިޔާއެއްގެ މަޝްރޫޢު އަޑިއަށް ހިނގައިދާނެ. ގެނބިދާނެ." ފަވާދް ކަން ބޮޑުވެފައި ހުރެގެން އެކި ނަންބަރަށް ގުޅޭތޯ މަސައްކަތް ކުރަނީއެވެ. "ދެން އޮތް ގޮތަކީ އަހަރެން މި ވަގުތު އޭނާ ގާތަށް ދިއުން. އެތަނުން ނިމިގެން އައިސް ޞިއްދީޤާ ބައްދަލު ކުރާނީ."

"ރޭގަނޑުގެ ކެއުން ނުބޭއްވޭނެ ދޯ؟" ހީވީ އޭނާގެ ހިތަށް މީހަކު ވަރަށް ބާރަށް ފިތައިލީ ހެންނެވެ.

"ކީއްކުރާނީ މެހެމަލް؟" އޭނާ މެހެމަލްގެ ފަނޑުވެފައިވާ މޫނަށް ބަލައިލިއެވެ. "ވަރަށް ބޮޑަށް މާފު ކުރޭ. މިހެން ވާނޭ ކަމަކަށް އަހަރެން ހިއެއް ނުކުރަން. މިހާރު މި އޮތީ މަޖުބޫރީ ހާލަތެއް ކުރިމަތި ވެފައި. އަހަރެމެންގެ އެއްވެސް މުވައްޒަފަކާ ވާހަކަ ދައްކާކަށް އޭނާ ބޭނުމެއް ނުވޭ. އެހެންވީމާ ގެއިން ކޮންމެވެސް މީހަކު ދިއުން ނޫން ގޮތެއް ނޯންނާނެއެއްނު؟"

"ފަވާދްބޭބޭ. އަހަރެންވެސް މިއީ ނޯކަރެއްނު؟" އޭނާގެ ބޮލަށް ބާވަތެއްގެ ޚިޔާލެއް ވަދެއްޖެއެވެ.

"ކީކޭ ތިޔަ ބުނީ؟" ފަވާދް ސިހުނެވެ.

"އަހަރެން... އަހަރެން ތިޔަ ދެކަމުން އެއް ކަމެއް ކޮށްފިއްޔާ މިރޭ ކާން ދެވިދާނެއެއްނު؟" ފަވާދް ނުރުހިދާނެތީ ޖެހިލުންވެފައި ހުރެގެން އޭނާ ބުނެލިއެވެ.

"އާނ... އާނ. ތިޔައީ އަހަރެންގެ ހިތަކަށް އައި ތަދުބީރެއް ނޫން. އެކަމަކު ރަނގަޅު ގޮތެއް. މެހެމަލަކީވެސް ކުންފުނީގެ ވެރިއެއް. އެހެންވީމާ ފައިލުގައި މެހެމަލަށް ސޮއި ކުރެވިދާނެ. އެހެންވީމާ ޑުރައިވަރާ އެކީ ދޭ. ގޮސް ސޮއިކޮށްފައި އާދޭ. އަހަރެން ސިއްދީޤީއާ ބައްދަލު ކުރާނަން. ސޮއިކޮށް ނިމުނީމާ ޑުރައިވަރު މެހެމަލް ގޮވައިގެން މެރިއެޓަށް އަންނާނެ. އެ ގޮތް ރަނގަޅެއްނު؟" އޭނާ ކަންތައް ކުރަންވާ ގޮތް ކިޔައި ދީފައި ހަމަޖެހުމުގެ ނޭވައެއް ލިއެވެ.

"އެންމެ ރަނގަޅު. ހެދުން ބަދަލު ކޮށްލަން ވާނެއެއްނު؟"

"ނޫނޭ. ތިޔަ ހެދުން ރަނގަޅު. ވަރުގަދަ ވިޔަފާރިވެރިއެއްކަން އެނގެންވެސް ވާނެއެއްނު؟ ވިޔަފާރީގައި އުޅޭ ހުރިހައި އަންހެންނުންވެސް އަޅަނީ ތިޔަ ކަހަލަ ހެދުން. އަހަރެން ޑުރައިވަރަށް ގުޅައިލާނަން." ފަވާދް ހުރީ ހަމަޖެހިފައި ކަމުގައި ވިޔަސް މެހެމަލަށް އަޖައިބެއް ފަދަ އިހުސާސްތަކެއް އެބަ ކުރެވެއެވެ. އެއީ ލައިގެން ހުރެވުނު ހެދުމުގެ ސަބަބުންނެވެ. ހީވަނީ ފެޝަން ޝޯއަކަށް ތައްޔާރު ވެގެން ހުރީ ހެންނެވެ. ރަސްމީ ހަފުލާއަކަށް ނުވަތަ ވިޔަފާރީގެ ބައްދަލުވުމަކަށް ދާން ތައްޔާރު ވެގެން ހުރީ ކަމުގެ އިހުސާސެއް ނުކުރެވެއެވެ. އެކަމަކު ފަވާދް އެހެން ބުނާ ކަމުގައި ވަނީ ނަމަ އެ ވާނީ ތެދަކަށެވެ. ފައިލުގައި ސޮއިކޮށް ނިމުނީމާ ފަވާދާއެކު ކާން ދެވޭނެއޭ ހިތަށް އެރީމާ އަނެއްކާވެސް ހިތުގައި އެކި ކުލަކުލައިގެ ވަސްމީރު މައު ފޮޅޭން ފަށައިފިއެވެ.

ދަތުރު ކުރަމުން ދިޔައިރު އޭނާ އިނީ ފަހަތު ގޮނޑީގައެވެ. ޚިޔާލީ ދުރުމީން ފެންނަނީ ފަވާދް އޭނާއަށް ގަނެދޭ ޖަވާހިރު ޖެހި އަނގޮޓިއެވެ. މިހާރު ފަވާދް އެ އަގޮނޓި ގެންފާނެއެވެ. ކުޑައަންމަގެ ކުރިމަތީގައި ފަވާދް އޭނާޔާ އިންނާން އުޅޭ ވާހަކަ ބުނުމާއެކު ގެޔަށް ބޮޑު ޠޫފާނެއް އަންނާނެއެވެ. ވާންވީވެސް އެހެންނެވެ. ގޭގައި އެ އުޅޭ ފިރުޢަވްނުގެ ޕާޓީގެ މީހުން މައިތިރި ވާނީ ޠޫފާނެއް އައިސްގެންނެވެ.

އޭނާ ހުރީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައެވެ.

ދިގު ދަތުރަކަށް ފަހު ބޮޑު ދޮރާށްޓަކުން ވަދެގެން ގޮސް ކާރު ގޮސް މަޑުކޮށްލީ ގަނޑުވަރެއް ކަހަލަ ގެއެއްގެ ދޮރުމައްޗަށެވެ. އޭނާ ކާރުން ފައިބައިފިއެވެ.

ގޭގެ ދޮރުމަތީގައި މެދު އުމުރުގެ މީހަކު އޭނާގެ އިންތިޒާރުގައި ހުއްޓެވެ.

"އެސްޕީ ހުމާޔޫން ދާވޫދް؟" މެހެމަލް އަތުގައި އޮތް ފައިލުގައި ބާރަށް ހިފަހައްޓައިލިއެވެ. "އަޅުގަނޑު މި އައީ އާޣާ ގްރޫޕް އޮފް އިންޑަސްޓްރީޒް..."

"އާދެ. މެޑަމް މެހެމަލް އިބްރާހީމް. ވަޑައިގަންނަވާ. ކަމަނާގެ އިންތިޒާރުގައި އެސްޕީ ސާހިބް އެބަ އިންނެވި." އޭނާ މެހެމަލް ވަންނާން ތަން ދެއްކިއެވެ. އޭނާ ކުޑަކޮށް ޖެހިލުންވެފައި ހުރުމާއެކުވެސް މަޑުމަޑުން ގޮސް އެތެރެއަށް ވަދެއްޖެއެވެ. ގޭތެރޭގެ ޒީނަތްތެރިކަން ފެނިފައި އޭނާ ހައިރާންވިއެވެ. އެއިން ކަމަކުން އަސަރެއް ނުކުރާކަން ދައްކާން އުޅުނަސް އޭނާއަށް އެކި ދިމަދިމާއަށް ނުބަލައެއް ނުހުރެވުނެވެ.

"އެސްޕީ ސާހިބް ކޮބައިތޯ؟"

"އެތެރޭގައި ކަމަނާގެ އިންތިޒާރުގައި އެބަ ހުންނެވި." އެ މީހާ ކުރީގައި ހުރެގެން ވަރަށް ބާރަށް ގޮސް ގޭގެ ފުރަގަހުގައި އޮތް ބަގީޗާ ތެރެއަށް ނުކުމެއްޖެއެވެ. "ސަރ. މެހެމަލް އިބްރާހީމް..."

އޭނާ ބަގީޗާ ތެރެއަށް ނުކުތީމާ ގޮނޑިއެއްގައި އިށީނދެގެން އިން މީހަކު އޭނާޔާ ދިމާއަށް ބަލައިލިއެވެ.

އެއް ފައި މައްޗަށް އަނެއް ފައި އެއްލައިގެން އިން މީހާއަކީ އާދަޔާ ޚިލާފަށް ރީތި މީހެކެވެ. އެކަމަކު މޫނުމަތީން ކިބުރުވެރިކަން ފާޅުވެއެވެ. އޭނާ ހުރީ ކަޅުކުލައިގެ ކޯޓެއް ލައިގެންނެވެ. އެތެރެއިން ލައިގެން ހުރި ހުދު ކުލައިގެ ގަމީހުގެ އެންމެ މަތީ ދެ ގޮށް ހުރީ ނާޅުވައެވެ. އެއް އަތުގައި އޮރެންޖު ޖޫސް ތަށްޓެއް ހުއްޓެވެ.

ހިނދުކޮޅަކަށް މެހެމަލްގެ ފައި އޮޅޭ ގޮތް ވިއެވެ. މީގެ ކުރީން އޭނާއަށް ގިނައިން ފެނިފައި ވަނީ ގޭތެރޭގައި އުޅޭ ފިރިހެނުންނެވެ. ފަވާދާއި ޙަސަނާ ދެ މީހުންނަކީ ރީތި ދެ މީހުންނެވެ. ފައިސާގެ އެހީގައި އަގު ބޮޑު ހެދުން ލީމާ އިތުރަށް ރީތިކަމަށް ދައްކައެވެ. ގޭގައި ދެން އުޅޭ ފިރިހެނުންނަކީވެސް މީހަކަށް އަސަރެއް ކުރާހައި ރީތި ބައެއް ނޫނެވެ. އެކަމަކު މިހާރު އޭނާއަށް މި ފެންނަ މީހާއަކީ ވަރަށް ރީތި... އާދަޔާ ޚިލާފަށް ރީތި މީހެކެވެ. އޭނާ މިހައި ރީތި ފިރިހެނަކު މީގެ ކުރިން ދުވަހަކުވެސް ނުދެކެއެވެ.

ހުމާޔޫން އަނގައިންވެސް ނުބުނެ އޭނާޔާ ދިމާއަށް ބަލަހައްޓައިގެން އިނީއެވެ. މެހެމަލް އައިސް ޖެހިގެން ހުރި ސޯފާގައި އިށީނދެ އޭނާގެ އަތުގައި އޮތް ފައިލު މޭޒުމަތީގައި ބާއްވައިލިއެވެ.

"އެސްޕީ ސާހިބް. މި ފައިލް ވެރިންނާ ހަމައަށް ގެންގޮސް ދެއްވާ." އޭނާ ވަރަށް ބާރުލައިފައި ބުނެލިއެވެ. މިހާރު އޭނާގެ ހިތްވަރުވެސް ޖެހޭ ގޮތް ވެއްޖެއެވެ. ވަރުގަދަ ވިޔަފާރިވެރިއެއްގެ ގޮތްގަނޑު ދައްކާންވެސް މަސައްކަތް ކުރިއެވެ.

"ރާއޯ ސާހިބް. މި ކުއްޖާ ފޮނުވީ އާޣާ ފަވާދް ކަރީމް." ހިނިތުންވެލަމުން އޭނާ ޖޫސް ފޮދެއް ބޮއިލިއެވެ. މެހެމަލް ސިހިފައި ރާއޯ އާ ދިމާއަށް ބަލައިލިއެވެ.

ރާއޯވެސް ހިނިތުންވެލިއެވެ.

އެ ދެމީހުންގެ މާނައިން ފުރިފައިވާ ހިނިތުންވުމުގައި ކޮންމެވެސް ކަހަލަ ސިއްރެއް އެބައޮތެވެ. އޭނާގެ ސިކުނޑީގައި ނުރައްކަލުގެ ރަނގަބީލު ޖެހޭން ފަށައިފިއެވެ.

"ތިޔަ އައީ ވެރިންނާ ހަމައަށް ފައިލު ފޮނުވޭނޭ ގޮތް ހަދަން ދޯ؟" ހުމާޔޫން އަނެއްކާވެސް ހިނިތުންވެލިއެވެ. މެހެމަލް ކަންބޮޑުވާން ފަށައިފިއެވެ.

"އާދެ. މިއީ އާޣާ ގްރޫޕް އޮފް އިންޑަސްޓްރީޒްގެ ފައިލެއް. އަދި..."

"މެހެމަލް އިބްރާހީމްގެ އަމިއްލަ ފައިލު ކޮބައިތޯ؟" އޭނާ ޖޫސް ތަށި މޭޒުމަތީގައި ބަހައްޓައިފައި މޭޒުމަތީގައި އޮތް ފައިލު ނަގައިފިއެވެ.

"އަޅުގަނޑުގެ ކޮން ފައިލެއްތޯ؟" އޭނާ ބިރުގެންފިއެވެ. ކަންތައް ވާން މި އުޅެނީ ރަނގަޅަކަށް ނޫނޭ އޭނާގެ ހިތަށް އެރިއެވެ.

"ރާއޯ ސާހިބް، މި ފައިލު ގެންދަވާ." އޭނާ ފައިލުގެ ގަނޑުތައް އުކައިލުމަށް ފަހު ރާއޯ އަށް ފޯރުކޮށްލިއެވެ. މެހެމަލް ފައިލު އަތުލާން އުޅުނެވެ. އެކަމަކު އޭގެ ކުރީން ރާއޯ ފައިލުގައި ހިފައިފިއެވެ. "ދުރުވެ ފަވާދްގެ ޑުރައިވަރު ގާތު ބުނުއްވާ ފައިލު ވެރިންނާ ހަމައަށް ހިނގައްޖެއޭ. މާދަމާ ހެނދުނު ފަވާދަށް ރަސީދު ލިބޭނެއޭ."

"އާދެ." ރާއޯ ފައިލް ހިފައިގެން އެނބުރިލީމާ މެހެމަލް ތެދުވެއްޖެއެވެ.

"އަޅުގަނޑުގެ އަތަށް ދެއްވާ. އަޅުގަނޑު ހިފައިގެން ހިނގައިދާނަން."

އެ ދެމީހުންވެސް ސިހުނެވެ. އެކަކު އަނެކަކާ ދިމާއަށް ފުންކޮށް ބަލައިލިއެވެ. ހުމާޔޫން އިޝާރާތުން ދަހަރޭ ބުނީމާ ރާއޯ ފައިލު ހިފައިގެން ހިނގައްޖެއެވެ.

"މެޑަމް. ކަމަނާ އިށީންނަވާ. ޑުރައިވަރާ ހަވާލު ކުރި ކަންތައް އޭނާ ކޮށްފާނެ."

މި ފަހަރު ނުރައްކަލުގެ ރަނގަބީލު ޖެހޭން ފެށި މާ ބާރަކަށެވެ. އާދެވިފައި މިހިރީ ނުބައި ވަގުތަކު ނުބައި ބައެއްގެ ތެރެއަށް ކަމުގައި އިހުސާސް ކުރެވޭން ފަށައިފިއެވެ.

"ނޫން. އަޅުގަނޑު ދެން ދަނީ." މެހެމަލް ހިނގައިގަތުމާއެކު ހުމާޔޫން ތެދުވެ އޭނާގެ އަތުގައި ހިފަހައްޓައިފިއެވެ. އަދި ފުރިހަމަ ބާރާއެކު އޭނާޔާ ދިމާއަށް މެހެމަލް އަނބުރައިލިއެވެ. އޭނާއަށް ހަޅޭއް ލަވައިގަނެވުނެވެ.

"މާ މައުސޫމު ވެގެން އުޅޭނޭ ކަމެއް ނެތް. އަހަރެން ބުނާ ގޮތަށް ކަންތައް ކުރޭ." ހުމާޔޫން އޭނާގެ އަތަކުން ދުލެއް ނުކުރެއެވެ. އޭނާގެ ކުރިމަތީގައި އުޑާއި ބިން އެކީގައި އެނބުރޭން ފެށި ކަހަލައެވެ.

"އަޅުގަނޑުގެ އަތުން ދޫކޮށްލައްވާ." އޭނާ ފޮޅުވައިލެވޭތޯ މަސައްކަތް ކުރިއެވެ. އެކަމަކު މިހާރު ހުމާޔޫން ހުރީ އޭނާގެ ދެ އަތުގައި ދެ އަތުން ހިފަހައްޓައިގެންނެވެ.

"މާ ކަންތައްގަނޑު ބޮޑު ކޮށްފިއްޔާ ދެފައި މަތީގައި ހިނގާފައި ގެއަކަށް ނުދެވޭނެ."

"ދޫ... ދޫކޮށްލައްވާ. އަޅުގަނޑު ގެއަށް ދާން ބޭނުން." ފޮޅުވައިލާން ކުރާ އެއްވެސް މަސައްކަތެއް އޭނާއަކަށް ކާމިޔާބެއް ނުކުރެވުނެވެ.

"ގެއަށް ދާށޭ؟ މި އުޅެނީ ގެއަށް ގެންދާށޭ. އެކަމާ ހާސްނުވޭ. މާ ނަލަވެގެން ނުކުމެގެން ތިޔަ އުޅެނީ ކީއްކުރަން؟" ހުމާޔޫން އޭނާގެ އަތުން ދޫނުކޮށް ހުރެ އަތުގެ ބޮޑުވާ އިނގިލިން އޭނާގެ މޫނުގައި ކޮއްޓައިލިއެވެ.

"އަހަރެން މި ދަނީ ރަސްމިއްޔާތަކަށް. އަހަންނާމެދު ތިޔަ ހީކުރަނީއަކީ ރަނގަޅަކަށް ނޫން. އަހަރެން މިއީ އެކަހަލަ ކުއްޖަކީމެއް ނޫން. ފަވާދް ބޭބެއަށް ގުޅައިދީ. ފަވާދް ބޭބެ ހުރިހައި..."

"ބޭބެއޭ؟" ހުމާޔޫން ސިހުނެވެ. "އާޣާ ފަވާދަކީ ކަލޭގެ ބޭބެތަ؟"

"އާނ... އެއީ އަހަރެންގެ ބޭބެ. ގުޅާފައި އަހާ. މިތަނަށް އަންނަ ގޮތަށް އޮތީ އަހަންނެއް ނޫން. ފަވާދްބޭބެ. އެކަމަކު އެހެން ބައްދަލުވުމެއް އޮތީމާ ނާދެވުނީ." މެހެމަލް ރޯން ފަށައިފިއެވެ. "އަހަރެން ދިޔަދީ. ހެޔޮ ނުވާނެ. އަހަރެން މިއީ ވިޔާނުދާ ކުއްޖަކީމެއް ނޫން. އަހަރެން މިއީ އޭނާގެ ކޮއްކޮ."

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.