ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ޙަސަން މަނިކު ދެކެވަޑައި ގަންނަވާ ގޮތުގައި އެމަނިކުފާނު އިތުރުފުޅު ހެއްދެވިކަށް ވިދާޅުވެ އެމްޑީޕީ އިން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިގެން މިއަދު ކުރެއްވީ ބޭނުމެއް ނެތް ބޭކާރު ބަހުސެކެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ޖަލްސާގައި ވަނީ ރައީސް ވަހީދު އިތުރުފުޅު ހެއްދެވިކަމަށް ވިދާޅުވެ ކުއްލި މައްސަލައެއް ހުށަހަޅައި ބަހުސް ކޮށްފައެވެ. މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރ މުޙައްމަދު ވަހީދެވެ.
ކުރީގެ ރައީސް ޑރ. ވަހީދު މިއަދު ކުރެއްވި ޓުވީޓްގައި އެމްޑީޕީގެ އެކްޓިވިސްޓަކު އެމަނިކުފާނާއި އަނބިކަނބަލުންނަށް ފުރައްސާރަ ކުރުމުގެ ގޮތުން ބޭނުން ކުރި ބައެއް ހުތުރު ބަސްތައް ވެސް ވަނީ ހާމަކުރައްވައިފައެވެ. އަދި އެމަނިކުފާނުގެ އަނބިކަނބަލުންނާ މާބޮޑަށް ގާތްވާންވެސް އެމްޑީޕީގެ އެކްޓިވިސްޓް މަސައްކަތަކުރިކަމަށް ޑރ. ވަހީދުގެ މިއަދުގެ ޓުވީޓްގައި ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެމައްސަލައިގައި އެމްޑީޕީގެ އެކްޓިވިސްޓާ ދެކޮޅަށް އެމަނިކުފާނު އެއްވެސް މައްސަލައެއް ހުށަހަޅުއްވައިފައި ނުވާނެކަމަށް ވިދާޅުވިއެވެ. އެމައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ އެމަނިކުފާނުގެ ސެކިރިޓީންނެވެ.
ހަށިފާރަވެރިން ނުވަތަ ސެކިއުރިޓީންނަކީ ކުރީގެ ރައީސްގެ ޙައިޞިއްޔަތުން އެމަނިކުފާނަށް ލިބިވަޑައި ގަންނަވާ ޚިދުމަތެކެވެ. ނަމަވެސް މިއަދުގެ ބަހުސުގައި އެމްޑީޕީގެ މެމްބަރުން ވަނީ ކުރީގެ ރައީސްގެ ޙައިޞިއްޔަތުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އިނާޔަތްތައް ކަނޑާލައި އެމަނިކުފާނު ހައްޔަރު ކުރުމަށް ވެސް ގޮވާލައްވައިފައެވެ. އަދި މަޖިލީހުގެ ބަހުސްގައި އެމްޑީޕީގެ ވަރަށް ގިނަ މެމްބަރުން ވަނީ ރައީސް ވަހީދަށް "ބާޣީ" އަށް ވެސް ގޮވާލައްވައިފައެވެ އެމޭރުމުން އެމަނިކުފާނަށް ފުރައްސާރަ ކުރުމަށް ރައްޔިތުންނަށް ހިތްވަރު ދެއްވައި ބައެއް މެމްބަރުން ވަނީ މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވައިފައެވެ.
ޤާނޫނުތައް ނަގަހައްޓަންޖެހޭ މަޖިލީހުގެ ޢިއްޒަތްތެރި ރައީސާއި މެމްބަރުން، އެ ޤާނޫނުތައް މުގުރާލާ އެމަނިކުފާނަށް ފުރައްސާރަ ކުރުމަށް އާއްމު ރައްޔިތުންނަށް ގޮވާލުމުން، ޑރ. ވަހީދު ކަންބޮޑުވުން ފާޅުކުރައްވައި ވިދާޅުވީ އެއީ ވަރަށް ދެރަކަމެއް ކަމަށެވެ.
މިއަދު މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، ކުރީގެ ރައީސް ވަހީދަށް "ބާޣީ" ގޮވުން އެއީ ކުރެއްވޭނެ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ ޤަވާއިދު ތަންދޭގޮތުގައި މެމްބަރުން ޚިޔާލު ފާޅުކުރެއްވުމަކީ އެމެމްބަރުންގެ ޙައްޤެއްކަމަށެވެ.