ކުރީގެ ރައީސް ވަހީދަށް ފުރައްސާރަކުރި މައްސަލައެއް ފުލުހުން ބަލަނީ

ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ވަހީދުގެ ޙަސަނަށް ފުރައްސާރަ ކުރިމައްސަލައެއް ފުލުހުން ބަލަމުންދާކަމަށް އެއިދާރާއިން މިއަދު ވިދާޅުވެއްޖެއެވެ.

ޑރ ވަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނާއި އަނބިކަނބަލުން އިލްހާމް ޙުސައިން މިއަދު ހެދުނު މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ކަސްރަތު ކުރައްވަން އުޅުއްވަނިކޮށް އެ ދެކަނބަލުންނަށް އެމްޑީޕީގެ އެކްޓިވިސްޓަކު ބަހުގެހަމަލާ ދީފައިވާ ކަމަށެވެ. އެ އެކްޓިވިސްޓްގެ ނަންވެސް ރައީސް ވަހީދުގެ ޓުވީޓްގައި ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެ ދިން ހަމަލާގެ ތަފްސީލެއް ވިދާޅެއް ނުވެއެވެ. ރައީސް ވަހީދު ވަނީ އެ ހަމަލާ ކުށްވެރި ކުރައްވައިފައެވެ. މި ހުތުރު ހަމަލާ އުސްފަސްގަނޑު ސަރަޙައްދުގައި ކަސްރަތުކުރަން ތިބި އެހެން މީހުންނަށް ވެސް ފެންނާނެ ކަމަށް ރައީސް ވަހީދުގެ ޓުވީޓްގައި ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ފުލުހުން ވިދާޅުވީ ކުރީގެ ރައީސް ވަހީދު ފަތާ ޓްރެކް ސަރަޙައްދުގައި އުޅުއްވަނިކޮށް، އެމަނިކުފާނަށް ހަޑިހުތުރުބަހުން އެއްޗެތި ކިޔައި ފުރައްސާރަކުރި މައްސަލައެއް މިއަދު ހެނދުނު 7:07 ހާއިރު ފުލުހުންނަށް ރިޕޯރޓް ކޮށްފައިވާކަމަށެވެ. އަދި އެމައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ. 

ރައީސް ވަޙީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި މި މައްސަލަ ފުލުހަށް ރިޕޯޓުކުރެއްވީ އެ މަނިކުފާނުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓާ އެމްއެންޑީއެފުގެ ބޭކަލުންނެވެ. ވަޙީދަށް ބަހުގެ ހަމަލާތައް ދިން މީހާ ޖިސްމާނީ ހަމަލާއެއް ނުދިން ކަމުގައި ވިޔަސް ހަޑިހުތުރުބަސް ބޭނުން ކުރި ކަމަށް އެ ބަޔާނުގައި ވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.