ރައީސް މައުމޫނުގެ ވެރިކަމުގައި އެސްޓީއޯ ސިންގަޕޫރު ކުންފުނިން ހިންގި ކަމަށް ތުހުމަތުކުރާ ތެލުގެ ވަގު ވިޔަފާރިއާ ބެހޭ ތަހުޤީޤު ރިޕޯޓެއް ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ޙަސަން މަނިކު ބައްލަވައިގަތުމަށް ފަހު، އެ ފޮރުވައިފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައި ބަހުސް ފަށްޓަވައިފިއެވެ.
ޑރ. ވަހީދާ ގުޅޭ މިމައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުޙައްމަދު ފަލާހެވެ. އެމައްސަލައިގައި ބުނެފައިވަނީ ތެލުގެ ވިޔަފާރިއާ ބެހޭ ތަހުގީގު ރިޕޯޓު ޑރ. ވަހީދު ބައްލަވައިގެންނެވީ ދައުލަތުން އެތައް މިލިއަން ޑޮލަރު ދެއްކުމަށްފަހުގައި ކަމަށެވެ. އަދި އެ ރިޕޯޓު ބައްލަވައިގެން އެރިޕޯޓު ފޮރުވައިފައިވާކަމަށެވެ. އެކަން ހިންގައިފައިވަނީ އޭރުގެ ބަންޑާރަނައިބު އާޒިމާ ޝުކޫރާއި އޭރުގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާއި ގަވަރުނަރ ޑރ. ފަޒީލް ނަޖީބަށް އެނގިވަޑައިގެންކަމަށް ވެސް ތުހުމަތު ކޮށްފައި ވެއެވެ. އެހެންކަމުން އެރިޕޯޓު ކަމާ ގުޅުން ހުރި ފަރާތްތަކާ ގުޅިގެން ހޯއްދަވައި ވީހާވެސް އަވަހަށް މަޖިލީހަށް ފޮނުއްވައި ދެއްވުމަށް ރައީސުލް ޖުމްހޫރިއްޔާއާއި ކަމާބެހޭ މުއައްސަސާތަކަށްމައްސަލައިގައި ވަނީ ގޮވާލައްވައިފައެވެ. މިމައްސަލަ މަޖިލީހުގައި ބަހުސް ކުރެއްވުމަށް ފާސްކުރެއްވީ 38 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.
މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ އެމަނިކުފާނު ވެރިކަމުގައި ބައިނަލް އަޤްވާމީ އެކައުންޓިން ފާމެއްކަމުގައިވާ ގްރާންޓް ތޯންޓަން އާ އެމަސައްކަތް ހަވާ ލުކޮށްފައި ވަނީ، ތަހުގީގު ނިމި ދައުލަތުން ގެއްލިފައިވާ ފައިސާ އަނބުރާ ލިބުމުން އެ ފައިސާއިން 10 ޕަސެންޓު ދޭގޮތަށް ކަމަށެވެ. ނަމަވެސް މަސައްކަތް ނުނިމެނީސް ވަކި ހިސާބަކުން ތަހުގީގު ނިންމާލަން އަންގާނަމަ 10 މިލިއަން ޑޮލަރު އެ ކުންފުންޏަށް ދައްކާ ގޮތަށް ކަމަށެވެ. އެގޮތަށް ކުންފުނިން އެއް ބަސްވުމުން އެމަސައްކަތް ހުއްޓުވުމަށް މަސައްކަތް ކުރާނީ ކާކުބާއޭ އޭރުވެސް ހިތްޕުޅަށް އެރިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ވެރިކަން ބަދަލުވި، 2012 ފެބްރުއަރީ ހަތް ވަނަ ދުވަހަކީ ތެލުގެ ވަގު ވިޔަފާރިއާ ބެހޭ ރިޕޯޓު ނެރެން އޮތް ދުވަސް ކަމަށް ވެސް ވިދާޅުވިއެވެ.