ޝާފިޔާގެ އެދުރުއަށި: ވީޑިއޯގެ ބޭނުންކޮށްގެން ކިޔަވައިދިނުން

ކޮވިޑް-19 ގެ ހާލަތާއެކު އޮންލައިންކޮށް ކިޔަވައިދިނުމާ ގުޅޭ ގޮތުން ކުރީ ހަފުތާގައި އަޅުގަނޑު ލިޔުނު ބައެއް ބައިތަކަށް ހަވާލާދެމުން، މިއަދުގެ ލިޔުން މި އަމާޒުކޮށްލަނީ ކިޔަވައިދޭއިރު ބޭނުންކުރެވިދާނެ ވަރަށް މުހިންމު އެހީއަކާ ބެހޭ ގޮތުންނެވެ. އެއީ ވީޑިއޯގެ ތަފާތު ބާވަތްތައް ބޭނުންކޮށްގެން ކިޔަވައިދިނުމަށް އިތުރު ފުރިހަމަކަން ގެނެވިދާނެ ގޮތްތަކާ ގުޅޭގޮތުންނެވެ. އެހެނީ ވީޑިއޯ ބޭނުންކޮށްގެން ކިޔަވައިދޭނަމަ، ދަރިވަރުންގެ ޝައުގުވެރިކަން އުނގެނުމަށް އިތުރު ކުރެވި، ފިލާވަޅު ކުރިޔަށް ގެންދިއުމަށް މުދައްރިސަށް ލުއި ފަސޭހަތަކެއް ފޯރުކޮށްދެއެވެ. ނަމަވެސް ވީޑިއޯ ބޭނުންކޮށްގެން ކިޔަވައިދޭއިރު މާބޮޑަށް ސަމާލު ނުވެވި އެތަކެތީގެ ބޭނުންކުރެވުމަކީ ފަހަރުގައި ދިމާވެދާނެ ކަމެކެވެ. މިއަދުގެ ކޮލަމު މިޚާއްޞަކޮށްލަނީ މިދެންނެވިފަދަ ދެތިން ނުކުތާއަކަށް ބަލާލުމަށެވެ.

އިންސާނުންނަކީ އެމީހުންގެ ތަބީޢަތުގައި ވެސް ވިޝުއަލު ނުވަތަ ތަޞްވީރު ފަދަ ތަކެތި ބެލުމުގެ ޝައުޤު ވަރަށް ބޮޑަށް ހުންނަ ބައެކެވެ. އެހެން ގޮތަކަށް ދަންނަވާނަމަ އިގިރޭސިބަހުގެ ހަރުބަހެއްގައި ބުނެވޭފަދައިން  "A picture is worth a thousand words" "ތަސްވީރެއް އެއް ހާސް ލަފުޒާ އެއްވަރެވެ" މިހެން ބުނެއުޅެނީ އޭގައި ފަހަގަކޮށްލެވޭ ހަޤީޤަތްތަކެއް ވާތީއެވެ. ތަސްވީރަކީ، އެއަށް ބަލައިލެވޭ ހިނދު ސިކުޑީގައި ތަފާތު ޚިޔާލުތަކާއި، ވަކި ކަމަކާ ގުޅޭ ހަދާންތަކާއި، ކުރިން އެނގިފައިވާ މަޢުލޫމާތާއި އަދި ގިނަ ކަންކަން އެއްފަހަރާ ސިކުޑީގައި ޖަމާވެ، އެއްވުމަށް ފުރުޞަތު ފަހި ކުރުވާ އެއްޗެކެވެ. ހަމައެހެންމެ، އެއްޗަކުން ބަލައިގެން ކިޔައި ލެވޭ މަޢުލޫމާތަކަށް ވުރެ، ފެންނަ ތަސްވީރަކީ އުނގެނުމާއި އުނގަންނައިދިނުމުގައި ވެސް ވަރަށް ބޮޑު ދައުރެއް އަދާކުރާ އެއްޗެކެވެ.

ވީޑިއޯގެ އިންގިލާބު

މި ޒަމާނަކީ ވީޑިއޯގެ ވައްތަރުތަކުން ފުރިގެންވާ ޒަމާނެކޭ ދެންނެވިޔަސް މުޅިއަކުން ދޮގަކަށް ނުވާނެއެވެ. ވީޑިއޯއަކީ އެހާ ވެސް އާންމުކޮށް މީސް މީޑިއާގައި ދައުރުވަމުންދާ އެއްޗެކެވެ. މިސާލަކަށް ދެތިން މިނިޓަކަށް ފަހު ފޭސްބުކް ހުޅުވައިލިޔަސް އެތައް ސަތޭކަ އާ ވީޑިއޯ ކުލިޕްތަކެއް އަލަށް އަޕްލޯޑް ކޮށްފައި ހުރެއެވެ. ކުރިއާއި ޚިލާފަށް، އެންމެން އާންމުކޮށް އަތްމަތީގައި ގެންގުޅޭ ފޯނަކީ ފަސޭހައިން ވީޑިއޯ ކުލިޕްތައް ތައްޔާރު ކޮށްލެވޭ އެއްޗަކަށް ވާތީ، ވީޑިއޯ ކްލިޕެއް ތައްޔާރުކުރާކަށް މާ ގިނަ ވަގުތުތަކެއް ހޭދަކުރާކަށް ނުޖެއެވެ. މިހެންވެ، ތަފާތު ސޯޝަލް މީޑިއާތަކާއި އެހެނިހެން އާންމު ޕްލެޓްފޯމްތަކުގައި ވެސް ވީޑިއޯތައް ބޭނުންކުރެވޭ މިންވަރު ނުހަނު ގިނައެވެ. ޚާއްޞަކޮށް ޔޫޓުޔުބްފަދަ އެންމެންނަށް ހިލޭ ބޭނުން ކުރެވޭ މަންސަތަކަށް ތަފާތު ބާވަތްތަކުގެ ވީޑިއޯ ބެލުމަށް ޒިޔާރާތް ކުރާމީހުން ވަރަށް ގިނައެވެ. ވީޑިއޯ ބެލުމުގެ އިތުރުން މިފަދަ އޮންލައިން މަންސަތަކަށް ކޮންމެ މީހަކަށް ވެސް ފަސޭހަކަމާއެކު ވީޑިއޯތައް އަޕްލޯޑް ކޮށްލެވެއެވެ. ކަން މިހެން އޮތުމާ އެކު ދުނިޔޭގެ އެތައް ބަޔަކަށް އެއްފަހަރާ ތަފާތު ވައްތަރުވައްތަރުގެ ވީޑިއޯ ކުލިޕްތައް ފަސޭހައިން ބަލައިލެވެއެވެ. ދުނިޔޭގައި މިނިޓެއްގެ ތެރޭގައި 300 ގަޑިއިރުގެ ޔޫޓިޔުބް ވީޑިއޯ އަޕްލޯޑް ކުރެވޭކަން ޔޫޓިޔުބުގެ ޓްރެންޑްސް މެނޭޖަރ ކެވިން އެލޯކާ (2011) ގައި ދެއްވި ޓެޑް ޓޯލްކްގެ ވާހަކަ ކޮޅެއްގައި ހާމަކުރައްވާފައިވެއެވެ. އޭނާ ވިދާޅުވި ގޮތުގައި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ޔޫޓުޔުބުގެ ވީޑިއޯއެއް 23 މިލިއަން މީހުން ބަލާފައިވެއެވެ. އެލޯކާ އިޝާރާތްކުރެވި އިތުރު ބައެއް ކަންކަމުގެ ތެރޭގައި މީހުންނަށް ވީޑިއޯ ކަމުދަނީ ކީއްވެކަމާއި މީހުންގެ ޝައުގުވެރިކަން އެއަށް އިތުރުވާ ތަފާތު ޚާޞިއްޔަތު ފާހަގަކުރައްވާފައިވެއެވެ. އެންމެ މުހިންމު ކަމެއްގޮތުގައި އޭނާ ފާހަގަ ކުރެއްވީ ވީޑިއޯގައި މީހުންގެ ޝައުޤުވެރިކަން ދަމައިގަންނަ ގޮތް ހުރުމެވެ. މާނައަކީ ވީޑިއޯއަކީ އޭގެ ޒާތުގައި ވެސް އިންސާނާގެ ހިތްދަމައިގަންނަ ގޮތްތަކެއް އެކުލެވޭ އެއްޗެކެވެ. އެހެނީ، ވަކި ޚާއްޞަ އޯޑިއެންސަކަށް ހަދާ ވީޑިއޯތަކުގައި އެ ބައެއްގެ ހިތްއަތުލައިގަނެ، ޝައުޤުވެރިކުރުވޭނެ ފަދަ އެތެއް އުކުޅުތަކެއް ވެސް ބޭނުންކުރެއެވެ. މިފަދަ ޚާޞިއްޔަތުތަކަކީ ކިޔަވައި ދިނުމުގައި ބޭނުން ކުރެވޭ ވީޑިއޯތަކުގައި ހުރުން ލާޒިމު އަދި ބޭނުންތެރި ކަންކަމެވެ. ވަކި އޯޑިއަންސަކަށް ޚާއްޞަ ބޭނުންތެރި މޮޅު ވީޑިއޯއެއް ހެދުމުގައި، ވީޑިއޯގައި ހިމެނޭ ކޮންޓެންޓް/އޮއްޓަރު، ތަފާތު މަންޒަރުތައް ބަދަލުވާގޮތް، އަތުރާލެވޭ ގޮތް، ރުކުރުވާލެވޭގޮތް، އަޑު ގުޅުވާލެވޭގޮތް، ލިޔުންކޮޅެއް ވާނަމަ އެބައިތައް ހުށަހެޅޭ ގޮތް މިފަދަ އެތައް އުކުޅެއް ބޭނުންވެއެވެ. މިފަދަ ވީޑިއޯތައް ބޭނުންކުރުމަކީ ކިޔަވައިދިނުމުގެ ގޮތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މުހިންމު އުކުޅެކެވެ.

ވީޑިއޯ ބޭނުންކޮށްގެން ކިޔަވައިދނުން އެންމެ ބޮޑަށް ޢާއްމުވެގެން ދިޔައީ، ކިޔަވައިދިނުމުގެ ދާއިރާއަށް އަލަށް ތަޢާރަފުވި 'ފްލިޕްޓް ކުލާސްރޫމް' (ފުރޮލި ކުލާސްރޫމް) ގެ ކޮންސެޕްޓްގެ ތެރެއިންނެވެ. މި މައިގަނޑު މަފްހޫމު ގުޅެނީ ކިޔަވައިދޭ އާންމުކޮށް ކުލާހަކާ ތަފާތުކޮށް ސްކްރީނަކުން ކުލާސްރޫމުގެ ފިލާވަޅުތައް ބަލައިގެން ކިޔެވޭ މާހައުލެއް ގާއިމުކޮށްދެވޭ ގޮތާއެވެ. މި މަފްހޫމު އަލަށް ތަޢާރަފުވީ 2004 ވަނަ އަހަރު، މަޝްހޫރު ޚާން އެކަޑަމީގެ މުއައްސިސް (ފައުނޑާރ) ސަލްމާން ޚާން އޭނާގެ ޢާއިލާގެ މެމްބަރަކަށް ކިޔަވައިދެއްވަން ތައްޔާރު ކުރެއްވި ވީޑިއޯތަކުގެ ބޭނުންތެރިކަން އޭނައަށް ހާމަވެ، ޚާން އެކަޑަމީގެ ނަމުގައި އޮންލައިންކޮށް ކިޔަވައިދޭ ކުލާސްރޫމުތަކެއް ފަރުމާކުރެވުމުގެ ތެރެއިންނެވެ. ނަމަވެސް ޚާން އެކަޑަމީ، އޮންލައިންކޮށް ކިޔަވައިދޭ މުއައްސަސާއެއް ގޮތަށް އުފެދި އިޢުލާން ކުރެވުނީ 2008  ވަނަ އަހަރުގައެވެ. މީގެއިތުރުން، 2007 ވަނަ އަހަރުގައި އެމެރިކާގެ މުދައްރިސެއް ކަމަށްވާ ޖޮނަތަން ބާރގްމަން އޭނަގެ ދަރިވަރުންނަށް ކެމިސްޓްރީ ކިޔަވައިދިނުމަށް ބޭނުން ކުރި އުކުޅަކީ ވެސް ކުރިން ދެންނެވި ދިޔަ 'ފްލިޕްޓް ކުލާސްރޫމް' (ފުރޮލި ކުލާސްރޫމް) ބޭނުންކޮށްގެން ކިޔަވައިދިނުމުގެ ފައިދާތައް އިތުރަށް ހާމަވިއެވެ. އޭނާގެ ފިލާވަޅުތައް ރިކޯޑްކޮށް އޮންލައިންކޮށް ދަރިވަރުންނަށް ލިބޭނެ ގޮތް ފަހިކޮށްދިނީ އެ ފިލާވަޅުތަކަށް ހާޒިރު ނުވެވޭ ދަރިވަރުންނަށް އެހީތެރިވެދިނުމުގެ ގޮތުންނެވެ. މިކަމުގެ ކާމިޔާބުކަން ފާހަގަ ކުރެވެން ފެށީ ދަރިވަރުން އެފިލާވަޅުތަކުގެ އެހީގައި ކެމިސްޓްރީ މާއްދާއަށް މޮޅުވަން ފެށުމުންނެވެ. މިއާއެކު އޭނާގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް ވީޑިއޯ ބޭނުންކޮށްގެން ކިޔަވައިދޭނެ ގޮތުގެ ޢަމަލީ މިސާލުތަކާއެކު ލިޔުއްވި މަޝްހޫރު  ފޮތް 'ފްލިޕް ޔޯރ ކުލާސްރޫމް' ވީ ކިޔަވައިދިނުމުގެ ދާއިރާއަށް އާ ދިރުމަކާ އެކު ބޮޑު ބަދަލެއް ގެނުވި މަޢުލޫމާތުތަކަށެވެ.

ވީޑިއޯ ބޭނުންކޮށްގެން ކިޔަވައިދިނުމުގެ ތަޖުރިބާއާއި ބެހޭގޮތުން، 2011 ވަނަ އަހަރު ޓެޑްޓޯލްކްގެ ފޯރަމުގައި ޚާން އެކަޑަމީގެ މުއައްސިސް ސަލްމާން ޚާން ހިއްސާކުރެއްވި ވާހަކަތަކަކީ ކިޔަވައިދިނުމުގައި ވީޑިއޯގެ ބޭނުންތެރިކަން އޮތް މިންވަރު ހާމަވި މުހިންމު ވާހަކަކޮޅަކަށެވެ. އޭނާގެ ވާހަކަކޮޅުގައި ޚާއްޞަކޮށް އިޝާރާތްކުރެއްވި އެންމެ މުހިންމު އެއް ކަމަކީ، ވީޑިއޯ ބޭނުންކޮށްގެން ދަރިވަރުންގެ ކިޔެވުން ކުރިޔަށް ގެންދިޔުމަށް ޓަކައި، އޭނާ ފާރުމާކުރެއްވި ޕްރޮޖެކްޓްގެ ކާމިޔާބުގެ ވާހަކައެވެ. އެހެނީ ޚާން އެކަޑަމީގެ ކޯސްތަކުގައި ގާތްގަޑަކަށް 6500 އަށް ވުރެ ގިނަ ވީޑިއޯ ފިލާވަޅުތައް އެކުލެވެއެވެ. މި ފިލާވަޅުތައް ބޭނުންކޮށްގެން ކިޔަވަމުން ދާއިރު އެންމެ ފާހަގަކޮށްލެވޭ އެއް ކަމެއްކަމެއްގެ ގޮތުގައި ސަލްމާން ޚާން ވިދާޅުވީ "ދަރިވަރުން ކިޔަވަނީ ހަމައެކަނި އިމުތިހާނުތައް ހަދާކަށް ނޫންނެވެ. އެއާއި ޚިލާފަށް މަޢުލޫމާތު ހޯދައި ބަލައި މަޢުލޫމާތުގެ ބޭނުން ހިފުމަށް ޓަކައި ވެސް ކިޔަވައެވެ". ޚާން އެކަޑަމީއަކީ ދުނިޔޭގެ ކޮންމެ ބިތެއްގައި ތިބެގެން ވެސް ފަސޭހަކަމާ އެކު ވަދެވޭ ހިލޭ ބޭނުންކުރުވޭ ގޮތަށް ފޯރުކޮށްދީފައިވާ އޮންލައިންކޮށް ކިޔަވައިދޭ މަންސައެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ޢަދަދެއްގެ މީހުން ތަފާތު ފެންވަރުގެ ކޯސްތަކުގައި އެއްވެސް އަގަކާ ނުލައި ޚާން އެކަޑަމީއިން ކިޔަވަމުން ދެއެވެ. ތިޔައިން ކޮންމެ މުދައްރިސަކަށް ވެސް ތަފާތު ހުނަރު ދަސްކޮށް ބޭނުންތެރި މަޢުލޫމާތާއި އަދި ކިޔަވައިދިނުމަށް ބޭނުން އެތައް ބާވަތެއްގެ އެކިއެކި މާއްދާތަކާ ގުޅޭ ރިސޯސް/މެޓީރިއަލްސް (ކިޔަވައިދިނުމަށް ބޭނުންކުރާ އެހީ) މި މަންސައިން ލިބޭނެއެވެ. އަޖުމަ ބައްލަވައިލެއްވުމަށް ޓަކައި ދެވިފައި މިވާ ޚާން އެކަޑަމީގެ ލިންކަށް ފިއްތަވާލައްވާށެވެ. ޔޫޓިޔުބުގެ ރިޕޯޓްތަކުން ހާމަވާގޮތުގައި ޚާން އެކަޑަމީގައި ފޯރުކޮށްދީފައިވާ ފިލާވަޅުތަކާ ގުޅޭ ވީޑިއޯތައް ބަލާފައިވާ މީހުންގެ ޢަދަދު 1.7 ބިލިއަން މީހުންނަށް ވުރެ ގިނައެވެ. މިއީ ޚާއްޞަކޮށް އަމިއްލައަށް ކިޔަވާ ކޯސްތަކަކަށްވާއިރު އުނގެނުމާއި އުގަންނާދިނުމުގައި ވީޑިއޯ ފަދަ އެހީތަކަކީ ކިހާ ބޭނުންތެރި އެއްޗެއްކަން މިކަމުން ސާފުކޮށް ދޭހަވެއެވެ.

ވީޑިއޯ ބޭނުންކޮށްގެން ކިޔަވައިދިނުމާ ގުޅޭ ގޮތުން ދިރާސާވެރިންގެ ރައުޔު

ވީޑިއޯ ބޭނުންކޮށްގެން ކިޔަވައިދިނުމާ ގުޅޭ ގޮތުން ލިޔުއްވާ ދިރާސާވެރިން ހާމަކުރައްވާ ގޮތުގައި އުނގެނުމާއި އުނގަންނާދިނުމުގެ މާހައުލުގައި ކިޔަވައިދޭ ތަފާތު މައުޟޫޢުތަކާއި ގުޅޭ ވީޑިއޯތައް ބޭނުންކުރުމަކީ ކިޔަވައިދިނުން އެންމެ އެދެވޭގޮތަށް ރޭވުމަށް ވަރަށް ބޭނުންތެރި ކިޔަވައިދިނުމުގެ އުކުޅެކެވެ (ގެޑީރާ، (2016؛ ހައިސިން، އަދި ޗިގާސް، 2013، ކާރޕިނެން، 2005). މި ދިރާސާވެރިން ފާހަގަކުރައްވާ ގޮތުގައި، ވީޑިއޯ ބޭނުންކޮށްގެން ކިޔަވައިދޭއިރު ލިބިދޭ އެތައް ފައިދާތަކެއް ވެއެވެ. މީގެ ތެރޭގައި ދަރިވަރުންގެ ބައިވެރިވުމާއި ފިލާވަޅަށް ޝައުޤު އިތުރުވުމާއި، ދަރިވަރުން އުނގެނޭ ބައިތައް އެ ކުދިންގެ ދިރިއުޅުމާ ގުޅުވައިލެވޭ އެއްޗަކަށް ވީޑިއޯ ވާކަން ހިމެނެއެވެ. މިއާއެކު، ކުރިން އެނގިފައިވާ ތަފާތު މަޢުލޫމާތުތައް ދަރިވަރުގެ ހަނދާނަށް އަންނަން މަގުފަހިވުމާ އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިން ހިނގާފައިވާ، އަދި ހިނގަމުންދާ ތަފާތު  ކަންކަން ވެސް ބަލައިލުމުގެ ފުރުޞަތު ލިބުމާއި، އާންމުކޮށް ނުފެންނަ ކަންކަމުގެ ވެސް  ތަޖުރިބާ ތަޞައްވަރުކޮށްލުމުގެ މަގު ހުޅުވާލަދޭ އެއްޗަކަށް ވީޑިއޯ ވުމަކީ  ފާހަގަ ކޮށްލެވޭ ފައިދާއެކެވެ (ހައިސިން، އަދި ޗިގާސް، 2013). މީގެ އިތުރުން ވީޑިއޯ ބޭނުންކޮށްގެން ހުރިހާ މަރުހަލާއެއްގެ ކުދިންނަށް ވެސް ކިޔަވައިދެވޭނެކަން ހާމަކުރައްވައި ލިނާރްސް އަދި ވޯލްސް (2010) ފާހަގަކުރައްވަނީ، ފަށާތަޢުލީމުގެ ދަރިވަރުންނަށް ކިޔަވައިދޭއިރު ވީޑިއޯ ބޭނުންކުރުމަކީ އެ ކުދިންނަށް އުނގެނުމުގެ މާހައުލުގައި މަޖާކަމާއި ޝައުޤުވެރިކަން ދެގުނަ އިތުރު ކުރާކަމެއް ގޮތުގައެވެ. ހަމަމިއާއެކު ސާނަވީ މަރުހަލާގެ ދަރިވަރުން ވެސް ފިލާވަޅަށް ގަޔާވުމާއި ފިލާވަޅުގައި ބައިވެރިވުން އިތުރުކުރާ އެއްޗަކަށް ވީޑިއޯ ވާކަން ބައެއް ދިރާސާތަކުން ފާހަގަކުރެވިފައި ވެއެވެ (ސެންޓާގާޓާ، 2014). މި މޭރުމުން ބަލާލާއިރު، ބައެއް ޢިލުމުވެރިން ލިއުއްވާގޮތުގައި ވީޑިއޯއަކީ ކިޔަވައިދޭން އުޅޭ މަޢޫލޫމާތެއް ބަލައިގެން ކުރިން އެ ކުދިންނަށް އެނގިފައިވާ އެއްޗަކާ ގުޅުވައިގެން އުނގެނުމަށް ފަހިކޮށްދެވޭ ވަރަށް ބޮޑު ފުރުޞަތަކަށް ވެއެވެ. (ބްޒީޓޯމޮރް، 2014). އިސްވެދިޔަ ކޮންމެ ދިރާސާއެއްގެ ހޯދުންތައް ވެސް އިޝާރާތްކުރަނީ ކިޔަވައިދިނުމުގައި ވީޑިއޯ ބޭނުން ކުރުމުން މުދައްރިސަށް ލިބިދޭ ފަސޭހަތަކާއި އަދި ދަރިވަރުންގެ އުނގެނުމަށް އެއިން އެހީތެރިވެދޭ ގޮތްތަކަށެވެ. ހުރިހާ ދިރާސާތަކުން ވެސް ފާހަގަވާ ގޮތުގައި ކިޔަވައިދިނުމުގައި ވީޑިއޯ ބޭނުން ކުރުމަކީ ނުހަނު މުހިއްމުކަމެކެވެ. ނަމަވެސް ފާހަގަކޮށްލުން މުހިންމު އެއް ނުކުތާއަކީ ވީޑިއޯ ކޮންމެކޮންމެ ގޮތަކަށް ބޭނުންކުރުމަކުން އޭގެ އެންމެ އެދެވޭ ފައިދާ ފިލާވަޅަށް ނުކޮށްފާނެއެވެ. މި ދިރާސާވެރިން ހާމަ ކުރައްވާފައިވާ ފައިދާތައް ޙާޞިލުވާނީ ކިޔަވައިދިނުމަށް އެދެވޭ ގޮތަށް ސަމާލުވެގެން ވީޑިއޯ ބޭނުން ކުރެވިގެންނެވެ. އެހެން ކަމުން ކިޔަވައިދިނުމުގައި ވީޑިއޯ ބޭނުން ކުރާއިރު ސަމާލުވާންވީ ދެތިން ކަމަކަށް އިޝާރާތް ކޮށްލާނަމެވެ.

ވީޑިއޯ ބޭނުންކޮށްގެން ކިޔަވައިދިނުން

ކިޔަވައިދޭއިރު ބޭނުން ކުރެވިދާނެ ދެ ބާވަތެއްގެ ވީޑިއޯ ފާހަގަ ކުރެވެއެވެ. އެއް ބަވަތަކީ މުދައްރިސު ބޭނުންކުރާ ވީޑިއޯތަކެވެ. މި ބާވަތަކީ ފިލާވަޅު އޮޅުން ފިލުވައިދިނުމަށް ނުވަތަ ދަރިވަރުންގެ ޝައުޤުވެރިކަމާއި ބައިވެރިވުން އިތުރު ކުރުމަށް ޓަކައި މުދައްރިސް ބޭނުން ކުރާ ވީޑިއޯތަކެވެ. އަނެއް ބާވަތަކީ ދަރިވަރުން ތައްޔާރު ކުރާ ވީޑިއޯތަކެވެ. މިފަދަ ވީޑިއޯތަކަކީ ދަރިވަރުންގެ ބައިވެރިވުން ވަރަށް ބޮޑަށް ހިމެނޭ އެ ކުދިންގެ އުނގެނުމުގެ މުހިންމު ދައުރެއް އަދާ ކުރާ އެއްޗެކެވެ. އެއީ ދަރިވަރުން ސީދާސީދާކޮށް ޢަމަލީ މަސައްކަތެއް ކޮށްގެން އަމިއްލައަށް އެއްޗެއް ތައްޔާރުކުރަމުން އުނގެނުމަށް ފަހިކޮށް ދެވޭ ފުރުޞަތެކެވެ. މިފަދަ މަސައްކަތް ދޭއިރު ވަކިވަކި ކުދިން އަދި ގުރޫޕްކޮށް ވެސް ފިލާވަޅުގެ ބައިތަކާ ގުޅޭ ވީޑިއޯ ހަދަން ދެވިދާނެއެވެ. ވަރަށް އާދައިގެ މިސާލަކަށް ވިސްނަލަމާތޯއެވެ. ކިޔަވައިދޭން އުޅޭ މައުޟޫޢަކީ 'ދިރޭ ތަކެތި' ނަމަ، މިފަދަ ކުލާހެއްގައި ތަފާތު ކުދިންގެ ގުރޫޕްތަކަށް ބޭނުންވާ ދިރޭތަކެތީގެ ވައްތަރުތަކުގެ ތެރެއިން އެއްޗެއް އިޚްތިޔާރުކޮށް އެ އެއްޗެއް ފެންނަ ތަންތަން، އޭގެ އުޅުން، އޭގެ ކާނަ އަދި މިނޫނަސް އެ ދިރޭ އެއްޗަކާ ބެހޭ ގޮތުން އެ ކުދިން ބޭނުންވާ މަޢުލޫމާތު ހިމަނައިގެން ތައްޔާރުކޮށްލާ އާދައިގެ ވީޑިއޯ ވެސް ވާނީ ދަރިވަރުންގެ އުނގެނުމަށް ނުހަނު ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ އެއްޗަކަށެވެ. މިފަދަ މަސައްކަތްތަކަކީ ވީޑިއޯ ބޭނުންކޮށްގެން ފަށާ ތަޢުލީމުގެ ކުލާސްތަކުން ފެށިގެން ސާނަވީ މަރުހަލާގައި ކިޔަވާ މައުޟޫޢުތަކާ ވެސް ވަރަށް ބޮޑަށް ގުޅުވިދާނެ މަސައްކަތްތަކެކެވެ.

ކިޔަވައިދިނުމުގެ ދާއިރާގައި ވީޑިއޯ ބޭނުން ކުރުމާ ބެހޭގޮތުން ތަފާތު ފޯރުމުތަކުގައި ލިޔުއްވާ ދާރިސެއް ކަމުގައިވާ، ލޯރީ ވޭޑް (2017) ވަރަށް މުހިންމު ދެ ސުވާލެއްގެ ޖަވާބު ލިޔުއްވާފައިވެއެވެ. އެ ސުވާލުތަކާއި ޖަވާބު ކުރުކޮށް މިތަނުގައި ހިމަނާލުމަކީ މުދައްރިސުންނަށް އަރިސްކުރެވޭ މުހިންމު މަޢުލޫމާތުކޮޅަކަށް ވާނެ ކަމަށް ދެކެމެވެ.

  1. ތައްޔާރުކުރި ނުވަތަ އިޚްތިޔާރުކުރި ވީޑިއޯ ކިޔަވައިދޭން އުޅޭ މައުޟޫޢާ ގުޅެނީ ނުވަތަ ހާސިލުކުރަން ބޭނުންވާ މަޤުޞަދަށް އެހީތެރިވެދެނީ ކިހިނެއް ހެއްޔެވެ؟

ވީޑިއޯއެއް އިޚްތިޔާރު ކުރާއިރު ނުވަތަ ވީޑިއޯއެއް ހެދި ނަމަވެސް އެންމެ ފުރަތަމަ މުދައްރިސް ވިސްނާލުން މުހިންމު އެއް ކަންކަމަކީ އެ ވީޑިއޯއެއްގެ އެންމެ މުހިންމު ބޭނުމަކީ ކޮބައިކަމެވެ. މިގޮތުން، ކިޔަވައިދޭން އުޅޭ މައުޟޫޢާ ގުޅުން ހުރީ ކިހާ މިންވަރަކަށްތޯ، އޭގެ ސަބަބުން ދަރިވަރުންނަށް މަޢުލޫމާތު ދޭހަވުމަށް އެހީތެރިވެދޭނީ ކިހާވަރަކަށްތޯ، ފިލާވަޅުގެ މަގުސަދު ކާމިޔާބު ކުރުމަށް އޭގެ ބޭނުންތެރިކަން އޮތީ ކިހާ މިންވަރަކަށްތޯ ފަދަ ސުވާލުތައްކޮށް ޖަވާބު ލިބިގަތުން މުހިންމެވެ.

  1. ވީޑިއޯ ދައްކާނީ އަދި ބޭނުން ކުރާނީ ކިހިނެއް ހެއްޔެވެ؟

މުދައްރިސް ޓެކްނޮނޮލޮޖީގެ ވަސީލަތްތަކަށް އެހާ ބޮޑަށް އަހުލުވެރި ނޫންނަމަ މި ސުވާލު އުފެއްދުން ވަރަށް މުހިންމެވެ. އެހެނީ ވީޑިއޯތައް ހުންނަނީ ތަފާތު މަންސަތަކުގައެވެ. ސަބަބަކީ، ވީޑިއޯއަކީ ތަފާތު ވައްތަރުގެ ފޯމެޓްތަކުގައި ހުންނަ އެއްޗެކެވެ. ކޮންމެ ކޮންމެ ވައްތަރެއްގެ ފައިލް ފޯމެޓެއްގައި ޑައުލޯންޑް ކުރި ނަމަވެސް ވީޑިއޯ ހުޅުވުމުގައި ދަތިތަކެއް ދިމާވެދާނެއެވެ. އެހެން ކަމުން ދުރާލައި ވިސްނައި ވީޑިއޯގެ ބޭނުން ކުރަން ގަސްދުކުރާ ކުލާހުގައި އެހުޅުވަން ބޭނުން ކުރާ ސިސްޓަމުގައި ހުޅުވޭތޯ ބެލުމަކީ މުހިންމު ކަމެކެވެ. ހަމައެއާކު ސަމާލުކަން ދޭން ޖެހޭ އަނެއް ކަމަކީ، ފިލާވަޅުގައި އެ ވީޑިއޯ ބޭނުންކުރާނީ ކިހިނެއްކަން ޔަގީންކުރުމުވެ. މާނައަކީ ފިލާވަޅު ފަށަންތޯ ނުވަތަ މެދުތެރޭގައިތޯ، އަދި ދަރިވަރުން ވީޑިއޯ ބަލާފައި ކުރަންޖެހޭނީ ކޮން ކަމެއްތޯ މިފަދަ ކަންކަމަށް ތައްޔާރުވުމެވެ. މީގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު ނުކުތާތަކަކީ ދަރިވަރުން މި ވީޑިއޯ ބަލާއިރުގައްޔާއި، ބެލުމަށްފަހު ކުރަން ޖެހޭ މަސައްކަތް ވަކިވަކިން ލިޔެވިފައިވުމެވެ. މިކަމަކީ އާންމުކޮށް މުދައްރިސުންގެ ފިލާވަޅު ރާވާފައި އޮންނައިރު ލިޔެވިފައި އޮންނަ ބައިތަކެއް ނޫންކަން ވަރަށް ބޮޑަށް ފާހަގަ ކުރެވެއެވެ. މިދެންނެވި ދުސުވާލުގެ އިތުރުން، ކިޔަވައިދިނުމުގައި ވީޑިއޯ ބޭނުން ކުރާނަމަ ސަމާލުވާންޖެހޭ ދެތިން ކަމެއް ތިރީގައި ބަޔާން ކުރާނަމަވެ.

  1. ދަރިވަރުންގެ ޝައުޤުވެރިކަން ދަމައިގަންނަ ގޮތް ހުރުން

ފިލާވަޅުގެ ބައިތައް ތަޢާރަފުކުރާއިރު ވީޑިއޯގެ ޒަރީޢާއިން ހުށަހަޅާނަމަ، އެ ވީޑިއޯއަކީ ދަރިވަރުންގެ ސަމާލުކަން އެ ޢުމުރުފުރާއަކާ ގުޅޭގޮތަށް ސިކުނޑި ހުޅުވައިދީ ފިކުރުހިންގަން ފަށައިދޭ، ލޯ ދަމައިގަންނަ ގޮތް ހުންނަ އެއްޗަކަށް ވުން ވަރަށް މުހިންމެވެ. ޚާއްޞަކޮށް ފިލާވަޅުގެ މުހިންމު ނުކުތާތަކެއް/ތަރުތީބުކުރެވިފައިވާ ފިޔަވަހިތަކެއް ފަދަ ބައިތައް ކިޔަވައިދޭ ނަމަ ވީޑިއޯ ބޭނުންކޮށްގެން، ވަރަށް ފަސޭހަކަމާ އެކު އެބައިތައް ދަރިވަރުންނަށް އުނގަންނައިދެވިދާނެއެވެ.

  1. ވީޑިއޯ އަކީ އެކިޔަވައިދޭ ޢުމުރާ ގުޅޭ ކަންކަން ހިމެނޭ އެއްޗަކަށްވުން

ކިޔަވައިދޭން ތަފާތު ވީޑިއޯ ކްލިޕްތައް އިޚްތިޔާރު ކުރެވޭ އިރު ވަރަށް ގިނަ ފަހަރު، މާބޮޑަށް ސަމާލުކަމެއް ނުދެވި ވީޑިއޯ ކްލިޕްތައް އިޚުތިޔާރުކުވެއެވެ. މިކަމުގެ ނަތީޖާއެއްގޮތުން ދަރިވަރުންނާ ނުގުޅޭ ލަފުޒުތައް ވީޑިއޯގައި ބޭނުން ކުރެވިފައި ހުރުމާއި، އަދި މަންޒަރުތަކާއި އެހެނިހެން ބައެއް ކަންކަން ވެސް ބައެއް ފަހަރު ހުރެއެވެ. މިގޮތުން މުދައްރިސު އެންމެ ބޮޑަށް ސަމާލުވާންވާނީ އެދައްކަން އުޅޭ ވީޑިއޯއެއް ފެށިގެން ނިމެންދެން ބަލައި އޭގައި ވާ ކޮންޓެންޓް/އޮއްޓަރަކީ އެ ކިޔަވައިދޭ ޢުމުރުގެ ކުދިންނާއި ގުޅޭ ކަންކަންތޯ ކަށަވަރު ކުރުމެވެ.

  1. ވީޑިއޯ ބެލުމަށް ހޭދަވާ ވަގުތަށް ސަމާލުވުން

ކިޔަވައިދޭއިރު ބޭނުން ކުރާ ވީޑިއޯ ކުލިޕްތަކަކީ މާ ގިނައިރު ހޭދަވާ އެއްޗަކަށް ވެގެން ނުވާނެއެވެ. މިސާލަކަށް މާދިގުނަމަ، ދަރިވަރުން އެބަލަން ފޫހިވުންފަދަ ކަންކަން ދިމާވުމަކީ ވެސް ވަރަށް ގިނައިން ވާކަމެކެވެ. އަދި ޚާއްޞަކޮށް ގިނައިރު ވާހަކަ ދައްކާ/ބަސްދީގަތުން/މަޢުލޫމާތު، ހިމެނިފައިވާ ގޮތަށް ހެދިފައިވާ ހުންނަ ވީޑިއޯކޮޅުތަކަކީ އޭގެ ސަބަބުން ދަރިވަރުންގެ ޝައުޤުވެރިކަން އިތުރު ކުރުމުގެ ބަދަލުގައި ދަށް ކުރާ އެއްޗަކަށް ވެދާނެއެވެ. އެންމެ ރަނގަޅު ގޮތަކީ ޢާއްމުކޮށް 2-5 މިނިޓްގެ ވީޑިއޯ އިޚްތިޔާރު ކުރުމެވެ. އެހެންނަމަވެސް މީގައި ފާހަގަކޮށްލުން މުހިންމު ނުކުތާއަކީ މިއީ ކުލާސްރޫމުގައި ދައްކާ ނުވަތަ ވީޑިއޯތަކާއި ގުޅޭ ސިފަތަކެވެ. ނަމަވެސް ދަރިވަރުން ކިޔަވާ ބައިތަކާއި ގުޅޭ ތަފާތު ފިލުމުތައް، ރިޕޯޓްތައް، ޑޮކިޔުމެންޓްރީ ފަދަ ވީޑިއޯތައް ދިގުނަމަ ރަގަޅުވާނީ ގޭގައި ބަލަން ހަވާލު ކުރުމެވެ. މި ފަދަ ވީޑިއޯތައް ބަލަން ހަވާލު ކުރާނަމަ އެއާއެކު މަސައްކަތެއް ދިނުމަކީ ވަރަށް މުހިންމު ކަމެވެ. ހަމައެއާކު، ވީޑިއޯ ބަލަމުންދާއިރު ކުރާނެ ކަންތަކާއި އަދި ބެލުމަށް ފަހު ކުރަންޖެހޭ ކަންތައްތަކުގެ ގައިޑެއް ދަރިވަރުންނާ ހަވާލުކުރުން ރަނގަޅުވާނެއެވެ. މިސާލަކަށް ވީޑިއޯ ބަލަމުންދާއިރު، ޓިކްކުރަން/ފާހަގަ ޖަހަން ޖެހޭ ނުކުތާތަކެއް ނޫނީ ނޯޓްކުރަން ޖެހޭ ނުކުތާތަކެއްގެ ޢަދަދާއި ބާވަތް ލިޔެފައިވާ ގަނޑުކޮޅެއް ދެވިދާނެއެވެ. އެއަށް ފަހު ވީޑިއޯ ބަލައި ނިމުމުން ކުރަންޖެހޭ މަސައްކަތް އޮންނަން ޖެހޭނީ ސާފުކޮށް ލިޔެވިފއެވެ.

  1. ވީޑިއޯއަކީ ދަރިވަރުން އުޅޭ މުޖުތަމަޢާއި ސަގާފަތާއި ދީނާ ގުޅޭ އެއްޗަކަށްވުން

މިއީ ވަރަށް ގިނަ ފަހަރަށް ވީޑިއޯ އިޚްތިޔާރު ކުރާއިރު މުދައްރިސުންނަށް މާބޮޑު ސަމާލުކަމެއް ނުދެވި ދޫކޮށްލެވޭ ކަމެކެވެ. ނަމަވެސް ހަޤީޤަތަކީ މިއީ ވަރަށް ބޮޑަށް ރިޢާޔަތްކުރަން ޖެހޭ ކަމެކެވެ. އަޅުގަނޑުމެންގެ މުޖުތަމަޢާ ނުގުޅޭ ކަންކަމާއި، ދީނާއި ސަގާފަތަށް ބުރޫ އަރާފަދަ ޢަމަލުތަކާއި، ބަސްތަކާއި، ބަހުރުވަ އެއީ ވީޑިއޯގެ ކޮންޓެންޓް/އޮއްޓަރު ބަލާއިރު މުހިންމުކަންދޭން ޖެހޭ ބައިތަކެވެ. މާނައަކީ، ކިޔަވައިދިނުމުގެ ތެރޭގައި، އަޅުގަނޑުމެންގެ މުޖުތަމަޢުގައި ޢާއްމުކުރުމަށް ބޭނުން ނުވާ ކަމެއް ހިމެނޭނަމަ އެފަދަ ވީޑިއޯތައް ކުލާހުގައި ވެސް އަދި ގޭގައި ބެލުމަށް ވެސް ހަވާލު ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ.

ވީޑިއޯ ހެދުމަށް ބޭނުން ކުރެވިދާނެ ފަސޭހަ ދެތިން ޓޫލެއް

ވީޑިއޯ ހެދުމަށް ބޭނުން ކުރެވިދާނެ ވަރަށް ގިނަ ޓޫލްތައް މިހާރު ކިޔަވައިދިނުމުގެ ދާއިރާގައި ވަނީ އާންމުވެފައެވެ.

  • ސްމާރޓްފޯނު: މީގެ ތެރޭގައި އެންމެ ފަސޭހައިން ބޭނުން ކޮށްލެވޭ އެއްޗަކީ އަމިއްލަ ފޯނު ބޭނުންކޮށްގެން ފިލާވަޅާއި ގުޅޭ ކުދި ކުދި ވީޑިއޯ ހެދުމެވެ. ބެކްގްރައުންޑް މިޔުޒިކް ލައިގެން ވެސް ހެދޭ އެޕްލިކޭޝަންތައް މިހާރުގެ ފޯނުތަކުގައި އާންމުކޮށް ހުރެއެވެ.
  • ޕަވަރޕޮއިންޓް ޕްރެޒެންޓޭޝަން ސްލައިޑްސް: ޕަވަރޕޮއިންޓް ޕްރެޒެންޓޭޝަންގައި ވެސް ރިކޯޑް ކުރުމުގެ ފަސޭހަގޮތްތައް އެކުލެވިފައިވެއެވެ. ޕަވަރޕޮއިންޓްގައި މިކަން ކުރުމަށް މާގިނަ މަސައްކަތެއް ކުރަން ނުޖެހެއެވެ. ފަސޭހަކަމާއެކު ކޮންމެ ސްލައިޑެއްގައިވާ މަޢުލޫމާތުތަކަށް އަމިއްލަ އަޑު އަދި ވީޑިއޯއާ އެކު ވެސް ރިކޯޑް ކޮށްލުމަކީ މާގިނަ ވަގުތު ހޭދަވާ ކަމެއް ނޫނެވެ. މިކަން ކުރައްވާނޭ ގޮތް ތިރީގައިމިވާ ވީޑިއޯއިން ފެނިވަޑައިގަންނަވާނެއެވެ.

  • އިޒްވިޑް: އިޒްވިޑްއަކީ ފިލާވަޅާ ގުޅޭ ތަފާތު ތަސްވީރުތައް އެއްފަހަރާ އެއްކޮށްލައިގެން ބޭނުންވާ މުހިންމު ވާހަކަކޮޅުތަކާއި ބެކްގްރައުންޑް މިޔުޒިކްލައިގެން ވީޑިއޯ ހަދާލުމަށް ވަރަށް ފަސޭހަ ޓޫލެކެވެ. އޭގެ އިތުރުން ހިލޭ ބޭނުންކޮށްލުމަށް ލިބޭ އިންޓަރނެޓް މަންސައެކެވެ. ތައްޔާރުކުރާ ވީޑިއޯ ސޭވްކޮށް އެއަށް ބަދަލު ގެނައުމާއެކު އިތުރު ފުރިހަމަކަން ގެނައުމަށް ފަސޭހަ ގޮތްތަކެއް އެކުލެވޭ ޓޫލްއެކެވެ. އިޒްވިޑް ބޭނުންކުރާނޭ ގޮތް ތިރީގައި މިވާ ވީޑިއޯއިން ބައްލަވައިލައްވާށެވެ. 

  • ޕެނަޕްޓޯ: ޕެނަޕްޓޯއަކީ ވެބްސައިޓްގައި އިނދެ ފިލާވަޅަށް ބޭނުންވާ ތަފާތު ވާހަކަތަކާއި، އަދި ބޭނުންވާ ތަފާތު ތަކެތި ދައްކަމުން މުދައްރިސެއް ކިބައިގައިވާ ތަފާތު ހުނަރުތައް ބޭނުންކޮށްގެން ފަސޭހައިން ރިކޯޑްކޮށް އަދި ބެކްގްރައުންޑް މިޔުޒިކުލުމުގެ އިތުރުން ވީޑިއޯއަށް ބަދަލުގެނައުމާއި، ވީޑިއޯ އިތުރަށް ފުރިހަމަކުރުމާއި މިފަދަ ވަރަށް ގިނަ ގޮތްގޮތް ބޭނުންކޮށްގެން ވީޑިއޯ ހަދަން ބޭނުން ކުރެވޭ މަންސައެކެވެ. މިގޮތަށް ވީޑިއޯ ރިކޯޑްކޮށްލަން މިލިންކަށް ފިއްތަވާލައްވާށެވެ.
  • އެނިމޯޓޯ: މިޓޫލަކީ މުދައްރިސުންގެ ތެރޭގައި ވަރަށް މަގުބޫލު ޓޫލްއެކެވެ. ސަބަބަކީ މިޓޫލްއަކީ އެކި ބާވަތުގެ ފޮޓޯތަކާއި އަދި ވީޑިއޯކޮޅުކޮޅުގެ އިތުރުން ލިޔުންކޮޅުތައް ވެސް ހިމަނައިލައިގެން ވީޑިއޯ ހަދަން ފަސޭހަ ޓޫލަކަށް ވާތީއެވެ. އޭގެ އިތުރުން މި ޓޫލްއަކީ ވީޑިއޯގައި ހިމަނާ މަންޒަރުތައް ބަދަލު ވާގޮތް، ޝައުގުވެރި ގޮތްތަކެއް ބޭނުންކޮށްގެން ފަސޭހަކަމާއެކު ގިނަ ވަގުތު ހޭދަ ނުކޮށް ވީޑިއޯ ތައްޔާރު ކުރުމަށް ބޭނުން ކުރެވޭ ޓޫލްއެކެވެ. އެނިމޯޓޯގައި ވީޑިއޯ ހައްދަވާނެ ގޮތް ބައްލަވާލެއްވުމަށް ތިރީގައި މިވާ ވީޑިއޯ ބައްލަވައިލައްވާށެވެ.

  • ކިޔަވައިދިނުމުގައި ވީޑިއޯ ބޭނުންކުރުމާ ގުޅޭ މަޢުލޫމާތު މި ހިއްސާކުރީ ދެ ސަބަބަކަށް ޓަކައެވެ. އެއްކަމަކީ ވީޑިއޯއަކީ އޮންލައިންކޮށް ކިޔަވައި ދޭއިރު ވެސް އަދި އާންމު ކުލާހެއްގައި ކިޔަވައިދިން ނަމަވެސް ބޭނުން ކުރެވޭނެ މުހިންމު ވަސީލަތަކަށްވާތީއެވެ. ދެވަނަ ސަބަބަކީ، އަޅުގަނޑުގެ އަމިއްލަ ތަޖުރިބާއިން ފާހަގަ ކުރެވިފައިވާ ކަމަކަށް އިޝާރާތް ކޮށްލުމެވެ. އެއީ ބައެއް މުދައްރިސުން ވީޑިއޯ ބޭނުންކުރައްވައިގެން ކިޔަވައިދެއްވާއިރު ހަމައެކަނި ވީޑިއޯއެއް ބޭނުންކޮށްލުމުގެ މަޤުޞަދުގައި ފިލާވަޅުގައި ވީޑިއޯ ހިމަނާކަން ފާހަގަވާތީއާއި، މިފަދައިން ކަންތައް ކުރުމުން ވީޑިއޯ ބޭނުންކުރުމުގެ އެންމެ ފުރިހަމަ މަންފާ އުނގަނައިދިނުމުގައި ލިބެމުން ނުދާތީއެވެ. އެހެންކަމުން، މިއީ މުހިންމު ނުކުތާތަކަށްވާތީ މިކަމަށް މުދައްރިސުން ސަމާލުކުރުވުމަށް ޓަކައި އިޝާރާތެއް ކޮށްލީއެވެ. މިއަދުގެ ވާހަކަކޮޅުގައި ވެސް މުދައްރިސުންނަށް ފައިދާ ހުރި މަޢުލޫމާތުކޮޅެއް ހުށަހަޅައިލެވުނު ކަމުގައި ހީކުރަމެވެ. މުދައްރިސުންނަކީ ޢިލުމުގެ ހަގީގީ މޭސްތިރިންނެވެ. ޢިލުމުވެރިން އުފައްދާ ޢިލްމު ފަތުރާ ޢިލުމުވެރިންނެވެ. އަބަދުމެ އުނގެނޭ ބަޔަކަށް މުދައްރިސުން ވުމަކީ އުނގެނުމާއި އުނގަންނާދިނުމުގެ މުސްތަޤުބަލު އާރޯ ވާނެކަމެއް ކަން ޔަޤީނެވެ. ހޯދައި ބަލައި ދިރާސާކޮށް ރިވެލި (ރިފްލެކްޓް) ކުރާ ބަޔަކަށް މުދައްރިސުންވުމަކީ އަޅުގަނޑުގެ ތާއަބަދުގެ އުންމީދެވެ. ވީމާ، މި ލިޔުމުގައި އަޅުގަނޑު ހިމަނާފައިވާ ތަފާތު ލިންކްތަކަށް ޒިޔާރަތްކުރައްވައިގެން ކިޔަވައިދިނުން އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް މަސައްކަތްކުރައްވާނެ ކަމަށް އުމީދުކުރަމުން މިއަދުގެ ކޮލަމުވެސް ނިންމާލަމެވެ.
ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް
ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް އަކީ ނިއުޒިލޭންޑްގެ ވައިކަޓޯ ޔުނިވަރސިޓީއިން ޕީއެޗްޑީ ހާޞިލު ކުރައްވާފައިވާ ދާރިސެކެވެ. މިހާރު ޝާފިޔާ މަސައްކަތް ކުރައްވަނީ ގައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރގެ މަޤާމުގައެވެ. ޝާފިޔާ އަކީ މުދައްރިސުން ތަމުރީނު ކުރުމުގެ ދާއިރާގެ އިތުުރުން ކިޔަވައިދިނުމާއި އުގަންނައިދިނުމާ ގުޅޭ ގޮތުން އިނގިރޭސި ބަހުންނާއި ދިވެހިބަހުން ވަރަށް ގިނައިން ލިޔުއްވާ ބޭފުޅެކެވެ. މިގޮތުން ލިޔުއްވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ކިޔަވައިދިނުން ހަރުދަނާކުރުމާއި، ކިޔަވައިދިނުމުގައި ޓެކްނޮލޮޖީ ބޭނުން ކުރުމާއި، ދަރިވަރުންގެ އުނގެނުން ތަރައްގީ ކުރެވޭނެ ގޮތްތަކާއި އަދި ދިރާސާ ކުުރުމުގެ މަސައްކަތުގެ ދާއިރާތަކެވެ.

1 ޚިޔާލު

  1. ވަރަށް އުފެއްދުންތެރި ލިއުމެއް. މިލިއުމުގެ ކޮޕީއެއް ރާއްޖޭގެ ކޮންމެ މިދައްރިސަކަށް ލިބޭނެ ގޮތް ހައްދަވާދެއްވުން އެދެން.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.