ޝާފިޔާގެ އެދުރު އަށި: އެކްސްޕީރިއެންޝަލް ލަރނިންގ/ ތަޖުރިބާކޮށްގެން އުނގެނުން

މިއަދުގެ ކޮލަމު މިޚާއްޞަކޮށްލަނީ އުނގަންނައިދިނުން ރޭވިދާނެ ވަރަށް މުހިންމު ކިޔަވައިދިނުމުގެ ވައްޓަފާޅިއަކާ ބެހޭގޮތުންނެވެ. މިގޮތަކީ މީގެ އެތަކެއް އަހަރުތަކެއްގެ ކުރިން ކިޔަވައިދިނުމުގެ ދާއިރާއަށް އުފަންވެފައިވާ ބޭނުންތެރި އުނގެނުމުގެ ގޮތެކެވެ. މިއީ ޖޯން ޑްވެއި (1938) ގެ އެންމެ ކުރީގެ ލިޔުންތަކުގައި އިޝާރާތް ކުރައްވާފައިވާ 'ލަރނިންގ ބައި ޑުއިން" (ކަމެއް ކުރަމުން އުނގެނުން) މި ކޮންސެޕްޓާ އެކު ތަޢާރަފުވި އުނގެނުމުގެ ގޮތެކެވެ. ޖޯން ޑްވެއިގެ މި ޢިލްމީ ވިސްނުން އިތުރަށް ފުޅާވެގެން ދިޔައީ އެމެރިކާގެ ތިއަރިސްޓް، ޑޭވިޑް ކޮލްބް (1984) ގެ ލިޔުންތަކުންނެވެ. މި ދެ ބޭފުޅުން ވެސް ޤަބޫލުކުރައްވާ ގޮތުގައި އުނގެނުމަކީ ކުރެވޭ ތަޖުރިބާގެ ތެރެއިން ނުވަތަ ދަރިވަރުން އަމިއްލައަށް ކުރާ ކަންތައްތަކެއްގެ ތެރެއިން ހިނގާ ކަމެކެވެ. މި އުސޫލަށް ބަލައިގެން ކިޔަވައިދިނުން ރާވާއިރު އެންމެ ބޮޑު އިސްކަމެއް ދެވެނީ ދެމެހެއްޓެނިވި އަސަރުތަކެއް އެކުލެވޭ ގޮތަށް، ދަރިވަރުން ކަންތައްތަކެއް ކޮށްގެން އަދި ދިރިއުޅުމާ ގުޅޭ ގޮތަށް ރޭވޭ އުނގެނުމުގެ ފުރުޞަތުތަކެއް އުނގެނުމުގެ މާހައުލުގައި ހިމެނުމަށެވެ. މިގޮތުން ޑޭވިޑް ކޮލްބް ފާހަގަކުރައްވާ ގޮތުގައި އުނގެނުމުގައި ދަރިވަރުންނަށް ކުރެވޭ އިހުސާސަކީ "އަހަރެންނަށް ކިޔައިދިނުމުން އަހަރެން ހަދާން ނެތިދާނެ، ކަމެއް ކުރާ ތަން ދެއްކުމުން ފަހަރެއްގައި ހަނދާން ހުރެދާނެ، ނަމަވެސް އެކަމެއްގައި އަހަރެން ބައިވެރިވެ ކުރުމުން މާ ބޮޑަށް ވެސް އަހަރެންނަށް އެ ކަމެއް އެނގޭނެއެވެ." ކިޔަވައިދޭއިރު މިފަދައިން ދަރިވަރުންނަށް ކުރެވޭ އިހުސާސްތަކަށް ރިޢާޔަތް ކޮށްގެން ކިޔަވައިދިނުން ރޭވުން ވަރަށް މުހިންމެވެ. އެހެންގޮތަކަށް ދަންނަވާނަމަ، އުނގެނުމުގައި ވަރަށް ބޮޑަށް ދަރިވަރުން ބައިވެރިކުރުމުގެ ވިސްނުމެއް މުދައްރިސުން ގެންގުޅެން ވާނެއެވެ. މިއާޚިލާފަށް ހޫލަ 1 ގައި އެ ވާފަދައިން މުދައްރިސް ހުރިހާ ކަމެއް ކުރާނަމަ ދަރިވަރަށް ދޭހަވާނެ ކަމަކީ އެ މުދައްރިސަކީ މޮޅު މީހެއްކަމެވެ. ނަމަވެސް އެ ކިޔައިދިން ބައިތަކެއް ނުވަތަ ދެއްކި ގޮތްތަކެއް ދަރިވަރަށް އެނގުނު ކަމެއް އިހުސާސެއް ނުވާނެއެވެ. މިއިން މިދޭހަކޮށްދެނީ ތަޖުރިބާއެއް ނެތި ހަމައެކަނި އަޑު އަހައިގެން ބަލއިގެން އުނގެނޭ މާހައުލެއްގައި ދަރިވަރަށް ކުރެވިދާނެ ފަދަ އިހުސާސްތަކެވެ.


ހޫލަ 1. ތަޖުރިބާކުރަން ފުރުސަތު ނުލިބޭނަމަ ކުރެވޭނެ ފަދަ އިހުސާސްތަކެއް

އިސްވެދިޔަ ހޫލައިގައިވާ ޢިބާރާތްތަކަށް ވިސްނާލާނަމަ ދޭހަވާ ކަމަކީ އުނގަންނައިދިނުން ބައްޓަންކުރެވެން ޖެހޭނީ ދަރިވަރުގެ ބައިވެރިވުން ވަރަށް ބޮޑަށް ހިމެނޭ ގޮތަށް ކަމެވެ. ހަމައެއާއެކު އުނގެނުމަކީ ސީދާސީދާ އަސްލު ޙަޤީޤީ ކަންތައްތަކެއް ނުވަތަ އެއާ ދާދި އެއް ކަހަލަ ކަންތައްތަކެއް އެކުލެވޭގޮތަށް ރޭވޭ ދަރިވަރުންގެ އަމިއްލަ ދައުރު ހިމެނޭ ކަމަކަށް ވާންޖެހެއެވެ. ކިޔަވައިދިނުމާ ގުޅޭގޮތުން ލިޔެފައިވާ ގިނަ ލިޔުންތަކުގައި މިފަދަ އެތައް ގޮތެއް އުނގެނުން ފަރުމާކުރާއިރު ބޭނުން ކުރެވިދާނެކަން ފާހަގަ ކުރެވެއެވެ. މިފަދަ ބައެއް މިސާލުތައް ތިރީގައި ދެވިފައި އެ ވަނީއެވެ.

(1) ލެބޯރޓްރީ، ވަރކްޝޮޕް، އަދި ސްޓޫޑިއޯ މަސައްކަތް ފަދަ ކަންތައްތަކުގެ ތެރެއިން

(2) އަސްލު ވަޒީފާގެ ދާއިރާތަކާއި ގުޅުވައިގެން އެ ތަންތަނަށް ގޮސް ކަންތައްތައްކޮށްގެން

(3) މައްސަލަތައް ހައްލު ކުރުމާއި އޭގެ ތެރެއިން

(4) ތަފާތު ކޭސްތައް ނަގައިގެން އެކޭސްތަކަށް ވަކި ގޮތްތަކެއް ވިސްނައިގެން މަސައްކަތްތަކެއް ކުރަން ހަވާލު ކުރުން

(5) ޕްރޮޖެކްޓް ފަދަ ބޮޑެތި މަސައްކަތް ދީގެން

(6) އަމިއްލައަށް ކަންކަން ދެނެގަނެ ވާގޮތް ބަލައި ހޯދަން ފުރުސަތު ދީގެން

(7) ދަރިވަރުން ބައިވެރިވެގެން، އެކުވެގެން ކަންތައްތަކެއް ކޮށް އުނގެނުމަށް ފުރުސަތު ފަހިކޮށްދީގެން

މިނޫނަސް ތަފާތު ތަޖުރިބާތައް ދަރިވަރުންނަށް ފަހިކޮށްދިނުމުގެ ގޮތުން ކުލާހުގައި ނުވަތަ ކުލާހުން ބޭރުގައި ވެސް މުދައްރިސުންނަށް ޢަމަލީ ކަންތައްތަކެއް ރޭވިދާނެއެވެ. ބޭނުމަކީ އުނގެނުމުގެ މާހައުލަކީ ދަރިވަރުންނަށް ޚާއްޞަކުރެވިފައިވާ ތަނަކަށް ވުމެވެ. އަދި ހަމައެހެންމެ ކިޔަވައިދިނުން ރޭވޭއިރު ދަރިވަރުން ކުރާނެ ކަންތައްތަކަކާއި އުނގެނުމާ މެދު ރިވެލިކޮށް ހަދަން ފުރުސަތު ލިބޭ އުނގެނުމުގެ މާހައުލަކަށް ކުލާސްރޫމް ހެދުމެވެ. މިފަދަ ގޮތަކަށް އުނގެނުމުގެ މާހައުލު ރޭވުމަށް ޑޭވިޑް ކޮލްބް (1984) ހުށަހަޅުއްވާފައިވާ މޮޑެލްގެ ޚުލާޞާއެއް ހޫލަ 2 ގައި އެވަނީއެވެ. އެއަށްފަހުގައި ހޫލައިގައިވާ ކޮންމެ ބައެއްގެ ކުރު ތަފުސީލެއް ދެވިފައިވާނެއެވެ.


ހޫލަ 2.ތަޖުރިބާކޮށްގެން އުނގެނުމާ ގުޅޭ ގޮތުން ހުށަހަޅައިފައިވާ ޑޭވިޑް ކޮލްބް (1984) ގެ މޮޑެލް

ޑޭވިޑް ކޮލްބް (1984)ގެ މި މޮޑެލްގައި ހާމަކުރައްވާ ގޮތުގައި ތަފާތު ހިއްސުތައް މެދުވެރިކޮށް ދަރިވަރުންނަށް ތަޖުރިބާތައްކުރުމަށް ފުރުޞަތު ލިބިދޭން ޖެހޭނެއެވެ. މިގޮތުން ދަރިވަރުން އެ އުނގެނޭ އެއްޗެއްގައި ނުވަތަ ކަމެއްގައި ވަރަށް ބޮޑަށް ބައިވެރިވެ ލާމެހި ތަފާތު ވިސްނުންތައް ވިސްނަން ފުރުޞަތު ދެވެން ޖެހެއެވެ. އަދި އެކަންކަމާމެދު ޚިޔާލުތަކެއް ސިކުނޑީގައި އުފެދި ރިވެލި ކުރަމުން ތަފާތު  މާނަތައް ނެރެ ދޭހަކޮށް ހަދަން ޖާގަ ވެސް ލިބެން ޖެހެއެވެ. ހަމަ މިއުސޫލުން އަސްލު ކިޔަވާ ބައިތަކާއި ގުޅޭ ޢަމަލީ ކަންތައްތައް ކުރަންވެސް މަގުފަހި ވާން ޖެހެއެވެ. ކުރުކޮށް ދަންނަވާނަމަ، އުނގެނުން ރާވަން ޖެހެނީ ދަރިވަރުންނަށް ކުރެވޭ ތަޖުރިބާތަކުން މަޢުލޫމާތު ގެންގޮސް ބަދަލުކޮށް އަމިއްލައަށް ސިކުނޑީގައި ބިނާވާ އުޞޫލެއްގެ މަތިން އުނގެނެވޭ ގޮތަށެވެ. މި ތިއަރީގައި ވާ ގޮތުން އުނގެނުން ހިނގާ ގޮތް ހޫލަ 2 ގައި ދެވިފައިވާ ޑައިގްރާމުން ބަޔާންކޮށްދެނީ 4 ހަރުފަތެއްގެ ތެރެއިންނެވެ.

ފުރަތަމަ ހަރުފަތް: މި ހަރުފަތުގައި އުނގެނެން އުޅޭ ކަމަކާ ނުވަތަ އެއްޗަކާ ގުޅޭ ޙަޤީޤީ ނުވަތަ އެއާ އެއްގޮތް ކަމެއް ތަޖުރިބާ ކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ދެވެއެވެ. މިސާލަކަށް ތުއްތު ކުދިންގެ އިސްލާމް ފިލާވަޅެއްގައި، މާތްﷲ ހެއްދެވި ތަކެތި ކިޔައިދޭއިރު އެ ބާވަތުގެ ތަފާތު ތަކެތި ފެންނަ ހިސާބަށް ގޮސް އެ ތަކެތީގައި ހިމެނޭ ތަފާތު ކަންތައްތައް ދެނެގަތުމަށް ފީލްޑް ޓްރިޕެއް ރާވައި، ނުވަތަ ދިރޭތަކެތި އުޅޭ ތަނަކަށް ގެންދެވިދާނެއެވެ. އެހެން މާއްދާއަކަށް ވިސްނާނަމަ، ސައިންސް ފަދަ މާއްދާތަކުގައި ސީދާ ދަރިވަރުންގެ އަމިއްލަ ގަސްހެއްދުމުގެ ޕްރޮޖެކްޓް ފަދަ މަސައްކަތްތައް ދެވިދާނެއެވެ. އޭގެ ތެރެއިން ފިލާވަޅުގެ އެތައް ބައެއް ގުޅުވާލެވިދާނެއެވެ.

ދެވަނަ ހަރުފަތް: މި ހަރުފަތުގައި ދަރިވަރުން އަމިއްލަ ތަޖުރިބާގެ ތެރެއިން އެފެންނަ ކަންކަން ބަލައި ހޯދައި އެއްކުރެވޭ  މަޢުލޫމާތުތަކާއި ތަޖުރިބާތަކާ މެދު ރިވެލިކޮށް ހަދަން ޖާގަ ދެވޭނެއެވެ. މާނައަކީ އުނގެނުމުގެ ތެރޭގައި ރޭވިފައިވާ ހަރަކާތްތައް ވާންޖެހޭނީ މިފަދަ ގޮތަކަށް ރިވެލިކުރުވޭ ފަދަ ސުވާލު އުފައްދާ ހަރަކާތްތަކަކަށެވެ. ތަޖުރިބާކޮށްގެން އުނގެނޭއިރު، މުދައްރިސުގެ އެންމެ އިސްދައުރެއް ފާހަގަކުރެވެނީ މިމަރުހަލާގައެވެ. އެއީ މުދައްރިސް ދަރިވަރުންނާއެކު ދައްކާ ވާހަކަތަކާއި އަދި އެކުދިންނާއި ކުރާ ސުވާލުތަކާއި، ދޭ ފީޑްބެކްތަކާއި ދަރިވަރުންގެ މެދުގައި ވާހަކަދައްކާ މަޝްވަރާކުރުމަށް ފަހިކޮށްދޭ ގޮތްތައް ފަދަ ކަންކަމަކީ މުދައްރިސުގެ ރޯލު މުހިންމުވާ ވަގުތުތަކެވެ.

ތިންވަނަ ހަރުފަތް: ދެވަނަ ހަރުފަތުގައި މުދައްރިސާ އެކު ދެކެވުނު ވާހަކަތަކާއި ކުރެވުނު ރިވެލިކުރުންތަކުގެ އަލީގައި މައިގަނޑު ކޮންސެޕްޓްތަކުގެ މާނަދޭހަކުރުން މިހަރުފަތުގައި މުހިންމެވެ.  މިސާލަކަށް ފުރަތަމަ ހަރުފަތުގައި ގެނެވިފައިވާ ފިލާވަޅުގެ ތެރެއިން ވިސްނާނަމަ، މާތްﷲ ހެއްދެވި ތަކެތި ހުންނަނީ މިހެންނޭ ނުވަތަ މިވެނި ކަހަލަ ގޮތެއް އެތަކެތީގައި ހުރެއޭ، އެއާ އެހެން ތަކެއްޗާއި ތަފާތުވަނީ މިވެނި ކަންތައްތަކުންކަން ވިސްނައިގަނެ ދަރިވަރުންގެ ޚިޔާލަށް އަމިއްލަ މާނަތައް ގެނުވުން މުހިންމެވެ. މިއީ އެއްވެސް ހާލެއްގައި މުދައްރިސް ކިޔައިދޭ ޝަރަހަތަކަކުން ނެގޭ މާނަތަކެއް ނޫނެވެ. އޭގެ ބަދަލުގައި ދަރިވަރުން އަމިއްލަ ސިކުނޑިން އެކި ގޮތްގޮތަށް ވިސްނައި ބަލައި ހޯދައި ދިރާސާކުރެވި ނެގޭ މާނަތަކެއް ނުވަތަ އުނގެނެވޭ އުނގެނުންތަކެކެވެ.

ހަތަރުވަނަ ހަރުފަތް:  މި ހަރުފަތަކީ އުނގެނުމުގެ އެންމެ ބޮޑު ޢަމަލީބައި ހިމެނޭ ހަރުފަތެވެ. ހަމަ ކުރިން ނެގި ފިލާވަޅުގެ ތެރެއިން ވިސްނާނަމަ، މިސާލަކަށް އެދުވަހު ކުރެވުނު ތަޖުރިބާއާއި ސިކުނޑީގައި ހިނގި ޚިޔާލުތަކަކީ ނުވަތަ ވިސްނުނު ގޮތްތަކަކީ ހަމަ އަސްލު ވެސް ރަނގަޅުގޮތްތޯ ނުވަތަ ނޫންތޯ ބެލުމެވެ. މިގޮތުން އޭރު ބަލަން ދިޔަ ތަންތަނުގައި ހުރި ދިރޭ އެއްޗެއްސާއި މާތްﷲ ހެއްދެވި އެހެންވެސް ތަކެތީގައި ފާހަގަ ކުރެވެނީ ހަމަ އެއްކަހަލަ ކަންކަންތައްތަކެއްތޯ ބަލައި ޓެސްޓްކުރުން ފަދަ ކަންތައް ކުލާހުގައި ވިޔަސް ނުވަތަ އެހެން މާހައުލެއްގައި ވިޔަސް ފުރުސަތު ދެވިދާނެއެވެ.

މި ހަތަރު ހަރުފަތުގެ ތެރެއިން ކިޔަވައިދިނުން ރާވާއިރު ފާހަގަކޮށްލެވޭ އެންމެ މުހިންމު ނުކުތާއަކީ ހުރިހާ ހަރުފަތެއް ވެސް ދަނީ އެއް ހަރުފަތް އަނެއް ހަރުފަތާ ގުޅެމުންކަމެވެ. ހަމައެއާއެކު މިއިން ކޮންމެ ހަރުފަތެއްގައި ހިނގާ އެއްވެސް ކަމަކީ އެއްގޮތަކަށް ވެސް ވަކިވަކި ވެފައި ނުވަތަ ވަކި ހިސާބަކުން  ނިމޭކަމެއް ވެސް ނޫންކަމެވެ. މި މޮޑެލްގައި ބަޔާންކުރާ މައިގަނޑު އަނެއް  ކަމަކީ އުނގެނުމަކީ ނިމުމެއް އަންނަ ކަމެއް ނޫންކަމެވެ. މާނައަކީ އެއްބުރުގައި 4 ހަރުފަތް ނިމުމުމުން އަނެއްކާ ވެސް އާބުރެއް ފެށި ފުރަތަމަ ހަރުފަތް ދާނީ ގުޅެމުންނެވެ. މި ޚިޔާލުތަކުގެ ބައެއް ޢަމަލީ މިސާލުތައް ދެވިފައިވާ ވީޑިއޯ އިން ބައްލަވައިލައްވާށެވެ.

މޮޑެލްގެ މިސާލުތައް އިސްލާމު ފިލާވަޅެއްގެ ތެރެއިން ހިމަނާލުމުގެ އެންމެ ބޮޑު ބޭނުމަކީ އިސްލާމު ކަހަލަ މާއްދާތައް ކިޔަވައިދޭއިރު ދަރިވަރުންނަށް މިފަދަ ގޮތްތައް ހިމަނައިގެން ކިޔަވައިދޭ މަންޒަރު ފެންނަލެއް މަދު ވުމެވެ. ބައެއް މުދައްރިސުން ފާހަގަ ކުރައްވާ ގޮތުގައި މިޒަމާނުގައި ކިޔަވައިދޭން ބޭނުންކުރާ ތަފާތު ގޮތްތައް ބޭނުންކޮށްގެން އިސްލާމް ކަހަލަ މާއްދާތައް ކިޔަވައިދޭން ދަތިވެއެވެ. ފަހަރުގައި ސަބަބަކަށް ވެދާނެ އެއްކަމަކީ ވަރަށް ގިނަ މުދައްރިސުންނަށް ގަބޫލު ކުރެއްވޭގޮތުގައި އިސްލާމު މާއްދާ ކިޔަވައިދޭ އިރު ގިނަ ޝަރަހަތައް ސީދާ މުދައްރިސް ކިޔައިދޭން ޖެހޭނެއެވެ. އެހެން ނޫންނަމަ ގިނަ މުދައްރިސުންނަށް ހީވެފައި އޮންނަނީ އެމަޢުލޫމާތުތައް ރަނގަޅަށް ދަރިވަރުންނަށް އޮޅުން ނުފިލާނެކަމެވެ. ނަމަވެސް ހަގީގަތަކީ މުދައްރިސް ކިތަންމެ ރަނގަޅަށް ޝަރަހަކުރި ނަމަވެސް ދަރިވަރުންނަށް އެމަޢުލޫމާތުތައް ރަގަޅަށް ހަޖަމުވިކަމެއް ޝަރަހައަކުން ކަށަވަރު ނުކުރެވޭނެކަމެވެ. ކަށަވަރުވަނީ މުދައްރިސް ޝަރަހަ ކުރިކަމެވެ. އަދި ހަމައެހެންމެ ކިޔަވައިދިން ކޮންޓެންޓް/މަޢުލޫމާތަކާއި ގުޅޭ ގޮތުން ކުރާ ސުވާލަކަށް ރަނގަޅު ޖަވާބު ދިނުމަކުން ދަރިވަރުގެ އުނގެނުން އެންމެ ފުރިހަމަ ވީ ކަމަށް ނިންމުން ވެސް ރަނގަޅެއް ނޫނެވެ. މަޢުލޫމާތެއް ދަސްކޮށްލައިގެން ކުރާ ސުވާލުތަކަކަށް ޖަވާބު ދިނުމަކީ އަޅުގަނޑު ގަބޫލުކުރާގޮތުގައި އެންމެ ފުރިހަމަ އުނގެނުމެއް ވެސް ނޫނެވެ. އެއްޗެއް އުނގެނެވުނުކަން ޔަގީން ކުރެވެނީ އެމަޢުލޫމާތު ކޮންމެގޮތަކަށް ފުރޮޅާލާފައި ސުވާލުކުރިޔަސް އެއާ މެދު ދައްކާނެ ވާހަކަތަކާ، އެކަމާ ގުޅޭގޮތުން ހިއްސާކުރާނެ ފިކުރުތަކާއި ޚިޔާލުތަކެއް ހުރުމާ އެކު އަމިއްލައަށް އުނގެނެވުނު އެއްޗަކާމެދު ޔަގީންކަން އުފެދުމެވެ. ލިޔެފައި އޮތް އެއްޗެއް ބަލައިލައިގެން ކިޔައިލުމަކުން، އަޑުއިވުނު ގޮތަށް އެއްޗެއް ބުނެލުމަކުން އުނގެނުން ހިނގިކަން ދަރިވަރު އަމިއްލަށް އިހުސާސެއް ނުވާނެއެވެ. މާނައަކީ ކުރިން ދެންނެވި ފިލާވަޅުގެ މިސާލުގައި ދަރިވަރުން ތަޖުރިބާތަކެއްކޮށްގެން ފިލާވަޅުގެ މަސައްކަތްތައް ކުރާއިރު، މާތްﷲ ހެއްދެވި ތަކެތި ކިޔަވައިދިނުމަށް ޓަކައި، އެ ތަކެތި ހުންނާނީ މިހެންނޭ، ތަފާތުވާނީ މިހެންނޭ، މުދައްރިސް ބުނެދީ ހަދާކަށް ނުޖެހޭނެއެވެ. އެއާއި ޚިލާފަށް އެކަން ހޯދާނީ ދަރިވަރުން އަމިއްލައަށެވެ. މިގޮތަށް ކުރެވޭ ތަޖުރިބާތަކުގެ ތެރެއިން ދަރިވަރުންނަށް އުނގެނެވުނުކަން އަމިއްލައަށް ޔަގީން ވާނެއެވެ.

އިސްވެދައްކާލެވުނު ވާހަކަ ކޮޅަކީ، ކިޔަވައިދިނުމުގެ މާހައުލެއްގައި އުނގެނުން ރާވާއިރު ތަޖުރިބާތަކެއް ކުރުމަށް ދަރިވަރުންނަށް ފުރުސަތުދެވިދާނެ ގޮތްތަކުގެ ޢަމަލީ މިސާލުތަކެކެވެ. މީގެއިތުރުން ކިޔަވައިދިނުމުގައި މިގޮތް ބޭނުންކުރާއިރު މުދައްރިސް ސަމާލުވާން ޖެހޭ ކަންތައްތަކެއް ތިރީގައި ޚުލާޞާކޮށްލާނަމެވެ.

* ކިޔަވައިދޭން ރާވާއިރު، ދުރާލައި ފިލާވަޅާއި މެދު ފުންކޮށްވިސްނާ، ދަރިވަރުން ގެންދެވިދާނެ ތަންތަން ނުވަތަ ދެވިދާނެ ޙަޤީޤީ ތަޖުރިބާތައް ފަދަ ކަންކަމާ މެދު ޚިޔާލުކުރުން

* ވިސްނުނު ތަންތަނަށް ގެންގޮސްގެން ނުވަތަ އެހެން ގޮތަކުން ނަމަވެސް ޙަޤީޤީ ތަޖުރިބާގެ ފުރުޞަތު ފަހިކޮށްދޭނެ ގޮތްތައް ހޯދުން

* މިފަދަ ކަންކަން ރާވާއިރު ކުދިންގެ ރައްކާތެރިކަމާއި އަމާންކަމަށް ސަމާލުވުން

* މިފަދަ ތަޖުރިބާތަކުގެ ފުރުޞަތު ފަހިކޮށްދޭއިރު ހުރިހާ ދަރިވަރުންނަށް ވެސް ފުރުޞަތު ދެވޭތޯ މަސައްކަތްކުރުން

* އުނގެނުމުގެ ކަންތައްތައް މެނޭޖްކުރާނެ ގޮތްތަކެއް ރޭވުން، މިއީ ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭކަމެކެވެ. މިސާލަކަށް ކުދިން ތަންތަނަށް ދޫކޮށްލާއިރު، އެ ދޫކޮށްލެވޭ ވަގުތު ފިލާވަޅުގެ މައިގަނޑު އަމާޒަށް ކުދިން އަބަދުމެ ރުޖޫޢަކުރާނެ ގޮތްތައް ވިސްނާފައި ބޭއްވުން

* މިފަދަ މަސައްކަތްތައް ރާވާއިރު ކުދިންގެ ހަރަކާތްތަކާއި ސުލޫކު ކޮންޓްރޯލް ކުރެވޭނެ އުކުޅުތައް ބޭނުންކުރުން

* މައިގަނޑު މަޤްޞަދު، ހުރިހާ ކުދިންނަށް ވެސް ޙާޞިލުވާނެ މިންވަރަށް އިސްވެދިޔަ ޑައިގްރާމުގައި ވާ ފަދައިން ކަންކަން ރާވައި ފަހިކޮށްދިނުން

މިއަދު މި ހުށަހަޅާލެވުނު ކިޔަވައިދިނުމުގެ ގޮތަކީ ވެސް ކުލާސްރޫމުގެ މާހައުލެއްގައި ހުރިހާ ޢުމުރެއްގެ ދަރިވަރުންނަށް ކިޔަވައިދިނުމަށް ރޭވިދާނެ ބޭނުންތެރި ކިޔަވައިދިނުމުގެ ގޮތެކެވެ. މިފަދަ ކޮންމެ ކިޔަވައިދިނުމުގެ ގޮތެއް ވެސް ތަޖުރިބާކޮށް އަޖުމަ ބެލުމަކީ އުނގެނުމާއި އުނގަންނައިދިނުން ތަރައްގީކޮށް ކުރިއެރުވޭނެ ގޮތެކެވެ. އަޅުގަނޑުގެ އުންމީދަކީ ތަފާތު ގޮތްތައް ބޭނުންކޮށްގެން ކިޔަވައިދޭ މުދައްރިސުން ދިވެހިރާއްޖޭގެ ކުލާސްރޫމުތަކުން ޢާއްމުކޮށް ފެނުމެވެ. ސަބަބަކީ މިފަދަ ގޮތްތަކަކީ ދިވެހިރާއްޖޭގެ ގައުމީ މަންހަޖު އެންމެ އެކަށޭނަގޮތަށް ތަންފީޒު ކުރުމަށް ބޭނުންތެރި ގޮތްތަކެކެވެ. ގައުމީ މަންހަޖު ވުޖޫދުވިފަހުން އަހަރުތަކެއް ވެގެންދާއިރު، އެ މަންހަޖު ތަންފީޒުކުރުމަށް އެންމެ ގުޅޭ ކިޔަވައދިނުމުގެ ވައްޓަފާޅިއާއި އުކުޅުތަކަށް އަދި ވެސް ގިނަ މުދައްރިސުންނެއް ރައްޓެއްސެއް ނޫނެވެ. އަޅުގަނޑުގެ އުންމީދަކީ މި ނުފަރިތަކަން ފިލުވައިލައި، ކިޔަވައިދިނުމުގެ ތަފާތު ގޮތްތަކާއި އުކުޅުތަކަށް ފަރިތަވެ އެގޮތްތައް ބޭނުންކުރުމުގެ އައު ރޫހަކާއެކު މަސައްކަތް ކުރާނެ މުދައްރިސުންތަކެއް ގިނަވުމެވެ.

ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް
ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް އަކީ ނިއުޒިލޭންޑްގެ ވައިކަޓޯ ޔުނިވަރސިޓީއިން ޕީއެޗްޑީ ހާޞިލު ކުރައްވާފައިވާ ދާރިސެކެވެ. މިހާރު ޝާފިޔާ މަސައްކަތް ކުރައްވަނީ ގައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރގެ މަޤާމުގައެވެ. ޝާފިޔާ އަކީ މުދައްރިސުން ތަމުރީނު ކުރުމުގެ ދާއިރާގެ އިތުުރުން ކިޔަވައިދިނުމާއި އުގަންނައިދިނުމާ ގުޅޭ ގޮތުން އިނގިރޭސި ބަހުންނާއި ދިވެހިބަހުން ވަރަށް ގިނައިން ލިޔުއްވާ ބޭފުޅެކެވެ. މިގޮތުން ލިޔުއްވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ކިޔަވައިދިނުން ހަރުދަނާކުރުމާއި، ކިޔަވައިދިނުމުގައި ޓެކްނޮލޮޖީ ބޭނުން ކުރުމާއި، ދަރިވަރުންގެ އުނގެނުން ތަރައްގީ ކުރެވޭނެ ގޮތްތަކާއި އަދި ދިރާސާ ކުުރުމުގެ މަސައްކަތުގެ ދާއިރާތަކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.