ޝާފިޔާގެ އެދުރު އަށި: ކިޔަވައިދިނުމުގައި އެކްޓިވް ލަރނިން (ހަރަކާތްތެރި އުނގެނުން) ހިމެނުން

މިއަދު ލިޔެލަން މިގަސްދުކުރަނީ ކިޔަވައިދިނުމުގައި ބޭނުންކުރެވޭ ވަރަށް އާންމު ގޮތަކާ ބެހޭގޮތުންނެވެ. އެއީ އެކްޓިވް ލަރނިންގ ނުވަތަ ހަރަކާތްތެރި އުނގެނުމެވެ. އެކްޓިވް ލަރނިންގއަކީ ކިޔަވައިދިނުން ފަރުމާކުރާއިރު ދަރިވަރުންގެ ބައިވެރިވުން ބޮޑުކޮށް ހަރަކާތްތެރި ކަންތައްތަކެއް ހިމެނޭ ގޮތަށް އުނގެނުން ރޭވޭ ގޮތެކެވެ. މިފަދަ ކުލާސްރޫމުތަކުގައި އާންމުކޮށް ދަރިވަރުން އެކަކު އަނެކަކާ ވާހަކަ ދައްކާ މަޝްވަރާކޮށް، މައްސަލަ  ހައްލުކޮށް، ތަފާތު ޚިޔާލު ހުށަހަޅައި، ޑްރާމާ ނުވަތަ ރޯލްޕްލޭ ކުޅުން ފަދަ ކަންކަމުގައި މަޝްޢޫލްވެ އުނގެނެމުންދާ މަންޒަރު ފާހަގަ ކުރެވޭނެއެވެ. މިގޮތް ބޭނުންކޮށްގެން ކިޔަވައިދޭއިރު، ދަރިވަރުންގެ އުނގެނުމުގެ ޒިންމާ ވަރަށް ބޮޑަށް ދެވިފައިވާނީ ދަރިވަރުގެ މަސްއޫލިއްޔަތެއް ގޮތުގައެވެ. ސީދާ މުދައްރިސު ކިޔައިދޭ ބައިތަކާއި، ދައްކާ ވާހަކަތައް ފެންނަލެއް މަދުވާނެއެވެ. މިގޮތުން މުދައްރިސުގެ ރޯލު ބޮޑަށް ފާހަގަ ކުރެވޭނީ އެކި ގުރޫޕްތަކާއި އެކިއެކި ކުދިން ކުރާ މަސައްކަތްތަކުގައި ވާނުވާ ބަލަމުން ވާހަކަ ދައްކަމުން އިތުރަށް އޮޅުން އަރާބައިތައް ކިޔާދެމުން މުޅި ކުލާހުގައި ހޭލަމޭލިވާ މީހެއް ގޮތުގައެވެ. މިއީ އާންމުކޮށް އިހުގެ ކިޔަވައިދިނުމުގެ ގޮތްތައް ކަމުގައިވާ ތަގްރީރުކޮށް ކިޔަވައިދިނުމާއި ވަރަށް ތަފާތު ގޮތެކެވެ. ހަމައެކަނި ބަސްމަގު މެދުވެރިކޮށް ތަޤްރީރު އަޑުއެހުމުގައި ދަރިވަރުން ހޭދަކުރާ ވަގުތުގެ %40 އަކީ އެމީހުން ސަމާލުކަން ނުދޭ ވަގުތެވެ (ޕޮއްލިއޯ،1994). އަދި އޭގެ އިތުރުން ދަރިވަރުންގެ ސިކުޑީގައި ހަރުލާނީ ތަގްރީރުގެ ފުރަތަމަ 10މިނިޓްގެ ތެރޭގައި ކިޔައިދެވޭ  މަޢުލޫމާތަށްވާއިރު، ގަޑީގެ ފަހު 10 މިނިޓްގެ ތެރޭގައި ކިޔައިދެވޭ މަޢުލޫމާތުގެ ތެރެއިން ހަރުލާނީ ގާތްގަޑަކަށް %20 ގެ މަޢުލޫމާތެވެ (މެކަޗީ،1986). ދަރިވަރުން ދެ ގުރޫޕަކަށް ބަހާލައިގެން ހެދިފައިވާ އެހެން ދިރާސާއެއްގައި އެއް ގުރޫޕުގައި ތަގުރީރު ކޮށް ސައިކޮލޮޖީ ފިލާވަޅުގައި ނެގިފައިވާ ބަޔާކާއި އަނެއް ގުރޫޕު ސައިކޮލޮޖީ އެއްގޮތަކަށް ވެސް ނުނަގާ ބަޔަކާ އަޅައި ކިޔުނުއިރު ފާހަގަ ކުރެވިފައިވާނީ ސައިކޮލޮޖީ ތަގުރީރު އަޑުއެހި ކުދިންގެ އިތުރުވެފައިވަނީ ހަމައެކަނީ %8 އެވެ (ރިކާޑް އަދި އޭނާގެ ބައިވެރިން،1988). މިގޮތުން ބަލާއިރު ފަށާ ތަޢުލީމު، މެދުމަދުރަސީ އަދި ސާނަވީ ފެންވަރުގެ ކުލާސްތަކުގައި ތަގުރީރުކުރާނަމަ މިކަން ވާނެ ގޮތް ތަޞައްވަރުކޮށްލުން މުހިންމެވެ. ބައިވެރިވެ އުނގަންނައިދިނުމުގެ ގޮތްތަކާ ބެހޭގޮތުން ބައެއް ދިރާސާވެރިން ހާމަކުރައްވާ ގޮތުގައި ތަގްރީރުކުރުން(ލެކްޗަރ) ބޭނުންކޮށްގެން ކިޔަވައިދޭއިރު ދަރިވަރުންގެ އުނގެނުމުގައި ފާހަގަކުރެވޭ ކަންތައްތަކެއް ވެއެވެ(ޖޯންސަން، ޖޯންސަން، އަދި ސްމިތް، 1991). އެކަންކަމަކީ:

* ފާއިތުވެގެންދާ ކޮންމެ މިނެޓެއްގައި ދަރިވަރުންގެ ސަމާލުކަން ދަށްވަމުން ދެއެވެ.

* ތަގްރީރުކުރުން ގުޅެނީ ހަމައެކަނި އަޑުއަހައިގެން ދަސްކުރާ ކުދިންނާއެވެ.

* ތަގްރީރުކުރުން (ލެކްޗަރ) ބޭނުންކޮށްގެން ކިޔަވާދޭނަމަ ކުރިއަރަނީ ބުލޫމްސް ޓެކްސޮނޮމީ 1956ގައި ފާހަގަކުރައްވާފައިވާ މަޢުލޫމާތުގެ އެންމެދަށްލެވެލެވެ.

* ތަގްރީރުކުރުން (ލެކްޗަރ) ބޭނުންކޮށްގެން ފިލާވަޅު ގެންދިޔުމުން އެބެލެވެނީ ހުރިހާ ކުދިންނަށް މަޢުލޫމާތު ނަގައިގަނެވެނީ އެއްގޮތަކަށް އެއްމިންވަރަކަށް ކަމެވެ.

* ތަގްރީރު ކުރުން (ލެކްޗަރ) ބޭނުންކޮށްގެން ކިޔަވައިދިނުން އެއީ އާންމު ގޮތެއްގައި ދަރިވަރުން އެހާ ގަޔާނުވާ ގޮތެއްކަމުގައި ބެލެވެއެވެ.

ތަގުރީރުކޮށްގެން ކުލާސްރޫމުގައި އުނގަންނައިދިނުން އެއީ އެންމެ އެދެވޭ ގޮތް ނޫންކަމުގައި ބަހުސު ކުރައްވާ ދިރާސާވެރިން ވަރަށް ގިނައެވެ. މިބުނުންތަކަށް ބާރުދޭ ޢިލުމުވެރިންގެ ރައުޔުގައި ތަގުރީރުކުރުމުގެ ތެރޭގައި ދަރިވަރުންގެ ބައިވެރިވުން ކުޑަވެ، މުދައްރިސުގެ ދައުރު ބޮޑެވެ. ޚާއްޞަކޮށް ދަރިވަރުންގެ އުނގެނުމުގެ ތަފާތުގޮތްތަކާއި ގުޅުވޭ މިންވަރު ކުޑައެވެ. ކިޔަވައިދޭއިރު ތަފާތު ވައްތަރުގެ ތަޞްވީރު ފަދަތަކެތި ބޭނުން ކުރުމުން ސިކުޑީގައި ހަރުލާ މިންވަރު %14- %38 އަށް އިތުރު ކޮށް ދެއެވެ (ޕައިކް،1989). ދިރާސަތަކުން ހާމަކުރާ ގޮތުގައި ބަސް ކިޔަވައިދޭއިރު ތަޞްވީރު ފަދަ ތަކެތި ބޭނުންކުރުމުން ދަރިވަރުން ދަސްކުރާ މިންވަރު %200 އިތުރުކޮށްދެއެވެ. ތަޤްރީރު ގޮތަށް ކިޔަވާއިދޭ ގޮތާއި އަޅާބަލާއިރު ތަޞްވީރުފަދަ ތަކެތި ބޭނުން ކުރުމުން އެއްޗެއް ކިޔަވައިދޭއިރު އެކަމަށް ހޭދަވާ ވަގުތުގެ %40 ކުޑަވެއެވެ. ފަހަރުގައި ތަޞްވީރުގައި އެކުލެވޭ ކަންތައްތައް 1000 ބަހާއި އެއްވަރު ނުވެދާނެއެވެ. ނަމަވެސް އެތަޞްވީރުން ދޭހަވާ މިންވަރު މިއަދަދުގެ ތިން ގުނައަށް އިތުރު ކޮށްދޭނެއެވެ. ކިޔަވައިދިނުމުގައި ބޭނުންކުރެވޭ މައިގަނޑު އުނގެނުމުގެ ދެ ބާވަތްކަމުގައި އަޑުއަހައިގެން ދަސްކުރުމާއި ބަލައިގެން ދަސްކުރުން ފިލާވަޅުގައި ހިމަނާލެވިއްޖެނަމަ އޭގެ މާނައަކީ އެއްޗެއް ކިޔަވައިދިނުމުގައި އެއްގޮތަށްވުރެ ގިނަގޮތް ބޭނުންކުރެވޭ ކަމެވެ. ދަރިވަރުން އެއްޗެހި އުނގެނެނީ އެކި ކުދިން އެކި ގޮތަށްކަމަށް، އަދި އެކިމިންވަރަށް ކަމަށް ވުމާއެކު ތަފާތުގޮތްތައް ބޭނުންކުރުމަކީ ގިނަކުދިންނަށް އުނގެނުމަށް އެހީތެރިވެދޭނެ ކަމެކެވެ. ވީމާ ކިޔަވއިދިނުމުގައި އެއްގޮތަށް ވުރެ ގިނަ ގޮތް ބޭނުން ކުރާނަމަ ދަރިވަރުންނަށް އުނގެނެން ފަސޭހަވެ އަދި ހާސިލުވާ މިންވަރު އިތުރުވާނެއެވެ.

1969 ގައި މަޝްހޫރު ލިޔުންތެރިޔާ އެޑްގާރ ޑޭލް ހާމަކުރައްވާ ގޮތުގައި ދަރިވަރުން އުނގެނުމުގައި ހަރަކާތްތެރިކޮށް ބައިވެރިވާން ފުރުސަތު ލިބޭނަމަ އުނގަންނައިދޭން އުޅޭ އެއްޗެއްގެ %70-%90 ދެމެދު މިންވަރަށް އެކަން ހާސިލުވުމަށް މަގުފަހިވެއެވެ. މާނައަކީ މިފަދަ ގޮތަކަށް ކިޔަވައިދިނުމަށް ފަހު، އޭގެ ދެ ހަފުތާ ފަހުން ވެސް ދަރިވަރުންނަށް ހާސިލުވި މިންވަރު ދެނެގަނެފިނަމަ ގާތްގަޑަށް އިސްވެ ދެންނެވި މިންވަރަށް ދަރިވަރުންނަށް ކިޔައިދެވުނު ބައިތައް ނުވަތަ އުނގެނުމުގެ މާހައުލުގައި ދަރިވަރުން ކުރި އުނގެނުމުގެ ތަޖުރިބާގެ މިންވަރު ސިކުނޑީގައި މާ ބޮޑަށް ވެސް ހަރުލާފައި ހުންނާނެ ކަމެވެ. މި ގޮތުން ކުލާސްރޫމެއްގައި އުނގެނުން ފަރުމާކުރެވޭ ގޮތުން ދަރިވަރުންނަށް ހާސިލުވާ މިންވަރަށް އަންނާނެ ބަދަލުތައް ތިރީގައި ދެވިފައިވާ ކުރެހުމުން ވަރަށް ސާފުކޮށް އެޑްގަރ ހުށަހަޅުއްވާފައިވެއެވެ. ދެވިފައިވާ ކުރެހުމުން ޚާއްޞަކޮށް ފާހަގަކުރެވެނީ އުނގެނުމުގެ ބޮޑުބައި ރޭވެންޖެހޭނީ ތިނެސްކަނުގައި ބޮޑު ޖާގަ ދެވިފައިވާ އަސާސީ ކަންކަން ކަމާ ގުޅުވައިގެން ކަމެވެ. ހަމައެހެންމެ މިކުރެހުމުން ހާމަކުރާ އަނެއް ނުކުތާއަކީ ދަރިވަރުންގެ ޢުމުރާއި އެކިއެކ މަރުހަލާތަކުގައި އެކިއެކި ހުނަރުތަކަށް އަމާޒުކޮށް ރޭވިދާނެ ކުލާސްރޫމުގެ ތަފާތު ހަރަކާތްތަކެވެ.

އެޑްގާރ (1969) ގެ މިކުރެހުމުން އަންގައިދެނީ ކިޔަވައިދިނުމުގައި މުދައްރިސުން ބޭނުންކުރާ ގޮތްތަކުގެ ތެރެއިން ދަރިވަރުން ޢަމަލީގޮތުން ބައިވެރިކުރުވާ ތަފާތު މަސައްކަތްތައް ފުރިހަމަވެފައި ކާމިޔާބުކަމެވެ. ހަމައެކަނި ސިކުޑީގައި މަޢުލޫމާތެއް ހަރުލުމުގެ ފައިދާގެ އިތުރުން ބޯންވެލް އަދި އެއިސްން (1991) ހާމަކުރައްވާ ގޮތުގައި ހަރަކާތްތެރިކޮށް ކިޔަވާދިނުމުން ދަރިވަރުންގެ ވިސްނުމުގެ ހުނަރުތައް ތަރައްޤީވެ ކުރިއަރައެވެ. އެހެންގޮތަކަށް ދަންނަވާނަމަ، ޢަމަލީގޮތުން ކަންކަމުގައި ބައިވެރިވުމަކީ އުނގެނުން ކުރިއަރާ ކަމެކެވެ (ހެރެސިންއާއި އޭނާގެ ބައިވެރިން،1997). މާނައަކީ ދަރިވަރުންގެ އުނގެނުން ފުޅާކުރުމަށް ޓަކައި އުނގެނުމުގައި ޢަމަލީގޮތުން އެކުދިން ބައިވެރިކުރުން ވަރަށް މުހިއްމުކަމެވެ. ދަރިވަރުން ބައިވެރިވުން ބޮޑު ކިޔަވައިދިނުމުގެ މާހައުލެއް ބިނާކުރާނީ ކިހިނެއް ކަމާމެދު ވާހަކަ ދައްކަވަމުން ބޮންވެލް އަދި އެއިސަން (1991) ހާމަކުރައްވާ ގޮތުގައި ހަމައެކަނި ތަގުރީރު (ލެކްޗަރ) އެހީގައި މަޢުލޫމާތު ފޯރުކޮށްދިނުމަށްވުރެ ސަމާލުކަން ދޭންޖެހޭނީ ދަރިވަރުންގެ ތަފާތު ހުނަރުތައް އިތުރުކޮށް ކުރިއެރުވުމަށެވެ. ޙަރަކާތްތެރިކޮށް އުނގަނައިދިނުމުގެ ގޮތްތަކުގައި ދަރިވަރުން ކަންތައްތަކުގައި ބައިވެރިކުރުވުމަށް ފުރުސަތު ފަހިކޮށްދިނުމަށް މި ދެންނެވުނު ޢިލުމުވެރިން ވަރަށް ބޮޑަށް އިރުޝާދު ދެއްވައެވެ.

އެކްޓިވް ލަރނިންގ ކުލާސްރޫމެއްގައި ދަރިވަރުންގެ ޙަރަކާތްތައް ފެންނާނެ ގޮތް

* ދަރިވަރުން އަމިއްލައަށް ބޭނުންވާ ކަންކަމަށް އިސްނަގައި އަމިއްލައަށް ބޭނުންވާ ކަންކަން ކުރާނެއެވެ.

* އުނގެނޭއިރު އެ ކުދިން ބޭނުންވާ ކަންކަން އަދި ތަކެތީގެ ބާވަތްތައް އަމިއްލައަށް އިޚްތިޔާރުކޮށް ކިޔާނެ ނުވަތަ ކުޅެން ބޭނުންކުރާ ތަކެތިން ކުރާނެކަމެއް ނިންމާނީ ދަރިވަރުން އަމިއްލައަށެވެ.

* ދަރިވަރުންނާ ހަވާލުކުރެވިފައިވާ އެކިއެކި އެއްޗެތީގެ ވާނުވާ ގޮތް އަމިއްލައަށް ބަލައި ހޯދާނީ އެމީހުންގެ ތަފާތު ޙިއްސުތައް މެދުވެރިކޮށް އަމިއްލައަށެވެ.

* ކުދިން ތަފާތު ކަންކަމުގެ ގުޅުންތައް ދެނެގަނެ ތަފާތު އެކި ތަކެއްޗާ ބެހޭގޮތުން ކަންކަން ހޯދައި ބަލާނެއެވެ.

* ދަރިވަރުންނަށް ފެންނަން ހުންނަ ތަކެތި އެކަތި އަނެކެއްޗާ ގުޅުވައި ވާނުވާގޮތް ބަލާއިރު އެބޭނުންކުރެވިދާނެ އެހެނިހެން ގޮތްގޮތް ވެސް ހޯދައި ބަލައި ގުޅުވައި ހަދާނެއެވެ.

* ކުދިންގެ ޢުމުރާއި ގުޅޭ ތަކެއްޗާއި ވަޞީލަތްތައް ބޭނުންކުރާނެއެވެ.

* ކުދިން ކުލާސްތެރޭގައި އުޅޭއިރު އެކުދިންގެ ޙަރަކާތްތަކުގެ ލާރޖް މަސްލްސް (ހަށިގަޑު ހަރަކާތްކުރަން ބޭނުންވާ ބޮޑެތި މަސްތައް) ބޮޑަށް ބޭނުން ކުރާނެއެވެ.

* ކުދިން އެކުދިންނަށް ކުރެވޭ ކަންކަމާއި ތަޖުރިބާތަކުގެ ވާހަކަ އެކަކު އަނެކަކާ ޙިއްސާކުރާނެއެވެ.

* ކުދިން އެކުދިން ކުރަމުން ދާ ކަންކަމާ ބެހޭގޮތުން އަމިއްލަ އަމިއްލައަށް ވާހަކަ ދައްކާނެއެވެ.

އެކްޓިވް ލަރނިން ކުލާސްރޫމެއްގައި މުދައްރިސުން ކުރާނެ ކަންތައްތައް

އުނގަންންނައިދޭން ބޭނުންވާ އެއްޗަކާއި ގުޅޭ ތަފާތު ގިނަގުނަ ވައްތަރުގެ ތަކެތި ދަރިވަރުންނަށް ފޯރުކޮށްދެނެއެވެ. މިގޮތުން ޚައްޞަކޮށް ތުއްތުކުދިންގެ ކުލާސްރޫމެއްނަމަ ކުލާހަށް ގެންނަ ތަކެތީގެ ތެރޭގައި ކުދިންނަށް ހިފާގެންގުޅެވޭ، ދިރިއުޅުމުގައި ޢާއްމުކޮށް ބޮޑެތި މީހުން ބޭނުންކުރާ ވައްތަރުގެ އެކި ބާވަތުގެ އެއްޗެތި، ތަބީޢީ ނުވަތަ ތަބީޢީ ގޮތް ހުންނަ އެއްޗެތި، ތަފާތު ކަންކަމުގައި ބޭނުންކުރާތަކެތި (ބާލިދީ، ފިހިގަނޑު، އެނޫން ވެސް) އަތްލާ ބަލާ ތަފާތު އިހުސާސްކުރެވޭ ތަކެތި، ތަތްކޮށް،ގިރޭ ހޭކޭ، ތަކެތި (ވެލި، ތަތްކުރާ ތަކެތި، ކުލަ، ކުޅޭ ފުއްގަޑު) ބަރު ބޮޑެތި ތަކެތި (ލަކުޑީން ހަދާފައި ހުންނަ ތަކެތި، ބޮޑެތި ފުރޮޅު ހުންނަ އެއްޗެހި) ފަސޭހައިން ގެންގުލެވޭ ތަކެތި (ލެގޯ، ބްލޮކްސް) ފަދަ ގިނަ ބާވަތްތަކެއްގެ ތަކެތި ކުލާހަށް ގެނައުން ރަނގަޅުވާނެއެވެ.  ހަމަ މިއާއެކު އުނގެނެން ހަމަޖައްސައި ކަންކަމާއި ވަގުތާއި ތަނާއި އުނގެނުން ރޭވޭ ގޮތާއި، ދަރިވަރުންގެ ދޭދޭ މުޢާމަލާތް ކުރެވުން ހިމެނޭ ގޮތާއި، މިނިވަންކަމާ އެކު ދަރިވަރުން  ހޭލަމޭލިވުމަށް ޖާގަ އޮތުން ފަދަ ކަންކަން އެކްޓިވް ލަރިނިންގ ބޭނުންކޮށްގެން ކިޔަވައިދޭއިރު މުދައްރިސް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެއެވެ.

މިއަދު މިހުށަހަޅާ ލެވުނީ ދިވެހިރާއްޖޭގެ ކުލާސްރޫމުތަކުގައި ވެސް މުދައްރިސުން ވަރަށް ބޮޑަށް ސަމާލުވެގެން އުނގެނުން ރާވައި ތަންފީޒުކުރާ ގޮތަކާއި ގުޅޭ ގޮތުންނެވެ. ޚާއްޞަކޮށް ތުއްތުކުދިންގެ ކުލާސްތަކުގައި މިކަމަށް ވަކިން ބޮޑަށް ސަމާލުކަން ދޭކަން ހިތްހަމަޖެހުމާ އެކު ފާހަގަކޮށްލަމެވެ. ނަމަވެސް މަތީ ގުރޭޑްތަކުގެ ދަރިވަރުންނަށް އަދިވެސް އެކްޓިވް ލަރނިންގެ ގޮތްތައް ހިމަނައިގެން އުނގެނުން ރާވާ މިންވަރު މަދުކަން ފާހަގަކޮށްލަމެވެ. އެއްވެސް ހާލެއްގައި އެކްޓިވް ލަރނިންއަކީ ހަމައެކަނި ތުއްތު ކުދިންގެ ކުލާސްރޫމުގައި ތަންފީޒުކުރަންޖެހޭ ކިޔަވައިދިނުމުގެ ގޮތެއްނޫނެވެ. ހުރިހާ ޢުމުރެއްގެ ދަރިވަރުންގެ ވެސް އުނގެނުމަކީ އެއްބާވަތެއް ފަންކްޝަންތަކެއް/ކަންތައްތަކެއް އެކުލެވޭ ކަމެކެވެ. ހުރިހާ ދަރިވަރުން ވެސް ހަރަކާތްތެރިކަމާ އެކު ބައިވެރިވެގެން އުނގެނުމުގެ ފުރުސަތު ލިބޭނަމަ ހާސިލުވާ މިންވަރު އިތުރުވެ އުނގެނުމުގެ ތަޖުރިބާ ބޮޑުވާނެއެވެ. އުނގެނުމަކީ ސިދާ ދަރިވަރުންގެ ތަޖުރިބާއާއި ގުޅެންޖެހޭ ކަމެކެވެ. މިކަން ކުރެވޭނީ އުނގެނުމުގައި ސީދާސީދާކޮށް ދަރިވަރުން ބައިވެރިކޮށްގެންނެވެ.

ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް
ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް އަކީ ނިއުޒިލޭންޑްގެ ވައިކަޓޯ ޔުނިވަރސިޓީއިން ޕީއެޗްޑީ ހާޞިލު ކުރައްވާފައިވާ ދާރިސެކެވެ. މިހާރު ޝާފިޔާ މަސައްކަތް ކުރައްވަނީ ގައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރގެ މަޤާމުގައެވެ. ޝާފިޔާ އަކީ މުދައްރިސުން ތަމުރީނު ކުރުމުގެ ދާއިރާގެ އިތުުރުން ކިޔަވައިދިނުމާއި އުގަންނައިދިނުމާ ގުޅޭ ގޮތުން އިނގިރޭސި ބަހުންނާއި ދިވެހިބަހުން ވަރަށް ގިނައިން ލިޔުއްވާ ބޭފުޅެކެވެ. މިގޮތުން ލިޔުއްވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ކިޔަވައިދިނުން ހަރުދަނާކުރުމާއި، ކިޔަވައިދިނުމުގައި ޓެކްނޮލޮޖީ ބޭނުން ކުރުމާއި، ދަރިވަރުންގެ އުނގެނުން ތަރައްގީ ކުރެވޭނެ ގޮތްތަކާއި އަދި ދިރާސާ ކުުރުމުގެ މަސައްކަތުގެ ދާއިރާތަކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.