ޝާފިޔާގެ އެދުރުއަށި: އޮންލައިން ވައިޓްބޯޑް ބޭނުންކޮށްގެން ކިޔަވައިދިނުން

މިއަދުގެ ކޮލަމް ޚާއްޞަކޮށްފައި މިވަނީ ޒަމާނީ ޓެކްނޮލޮޖީއާ  އެކު ކިޔަވައިދިނުމުގައި ބޭނުންކުރެވޭ ތަފާތު ވަސީލަތްތަކުގެ ތެރެއިން މިހާރަކަށް އައިސް ގިނަ ގައުމުތަކެއްގައި ބޭނުންކުރެވޭ ޚާއްޞަ ވަސީލަތަކަށެވެ.  އެއީ އޮންލައިން ބޯޑު ނުވަތަ އޮންލައިން އިންޓަރަކްޓިވް ވައިޓްބޯޑާ ބެހޭ ގޮތުންނެވެ. ތަފާތު ދެ ނަމެއް ބޭނުންކޮށްފައި ވީ ނަމަވެސް މިއީ އެކައްޗަކަށް ނިސްބަތްކޮށް ބޭނުންކުރެވޭ ދެ ނަމެވެ.  މި ބާވަތުގެ ބޯޑަކީ އޮންލައިންކޮށް ކިޔަވައިދޭއިރު ވެސް އަދި އާންމު ކުލާހެއްގައި ކިޔަވައިދިން ނަމަވެސް އުނގެނުމުގެ ހުރިހާ ކަމެއް ފަސޭހަކަމާ އެކު ކޮށް، ދަރިވަރުން ޝައުގުވެރިކުރުވައިގެން ކިޔަވައިދިނުމަށް ޓަކައި ބޭނުންކުރެވިދާނެ މުހިންމު  ވަސީލަތެކެވެ. މިއީ ގައުމީ މަންހަޖު ތަންފީޒު ކުރުމުގައި ޓެކެނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އުނގެނުމުގެ ފުރުޞަތު ދަރިވަރުންނަށް ފަހިކޮށްދިނުމަށް ޓަކައި، ބޭނުން ކުރެވިދާނެ މުހިންމު ވަސީލަތެކެވެ. މައިގަނޑު ގޮތެއްގައި މިއަދު ބަލައިލާނީ، އިންޓްރެކްޓިވް ވައިޓްބޯޑު ބޭނުންކޮށްގެން ކިޔަވައިދޭނޭ ގޮތާ ބެހޭ ޢިލުމީ ތަފާތު ވިސްނުންތަކަށާއި އަދި ބައެއް ވައްތަރުގެ އޮންލައިން ބޯޑުތަކަށެވެ.

ކިޔަވައިދިނުމުގައި ބޯޑުގެ ބޭނުން ކުރުމުގެ ފެށުން

ކިޔަވައިދިނުމުގައ ބޯޑު ބޭނުންކުރުމަކީ އާ ކަމެއް ނޫނެވެ. އެންމެ ފުރަތަމަ ކިޔަވައިދޭން  ބޭނުން ކުރީ  ލަކުޑިން ހަދާފައިވާވާ ކަޅުބޯޑެވެ. ކަޅުބޯޑު ކުލާހުގައި ބޭނުން ކުރަން  ފަށައިފައިވަނީ ހުދު ޗޯކް ބޭނުންކޮށްގެން 1800 ގެ އަހަރުތަކުގެ ކުރީކޮޅުގައެވެ. މީގެ ފަހުން، 1960 ގެ އަހަރުތަކުގައި ގުރީންބޯޑު ކިޔާ ބާވަތެއްގެ ބޯޑެއް ވެސް އެމެރިކާގެ ބައެއް ސްކޫލުތަކުގައި  ތަޢާރަފު ކުރެވުނެވެ. ހަމަ މިދުވަސްވަރު ކަޅުބޯޑުގައި ތަފާތު ކުލަ ކުލައިގެ ޗޯކް ބޭނުންކޮށްގެން  ލިޔުން އާންމުވިކަމަށް ތަޢުލީމީ ދާއިރާގެ ކަންކަމާ ބެހޭގޮތުން ލިޔުއްވާ ބޭފުޅުން ފާހަގަކުރައްވާފައިވެއެވެ (ރެސިލިއެންޓް އެޑިޔުކޭޓަރ، 2020). މި ލިޔުންތެރިން ހާމަކުރައްވާފައިވާ ގޮތުގައި، 1980ގެ އަހަރުތަކުގައި ބައެއް ގައުމުތަކުގެ ކިޔަވައިދިނުމުގައ ކަޅުބޯޑު ހުދުބޯޑަކަށް ބަދަލުކޮށް، ޗޯކްގެ ބަދަލުގައި ތަފާތު ކުލަ ކުލައިގެ މާކަރުތައް ބޭނުން ކުރަން ފެށުނެވެ. އެއަށްފަހު، 1990 ގެ އަހަރުތަކުގައި ދުނިޔެއަށް އިންޓަރނެޓް ތަޢާރަފުވެ ޓެކްނޮލޮޖީގެ އިނގިލާބީ ބަދަލުތަކަކާއި އެކު އިންޓްރަކްޓިވް (ދެފަރާތުން މުޢާމަލާތްކުރެވޭ) ވައިޓްބޯޑު ބޭނުން ކުރުން ވުޖޫދުވިއެވެ. ކިޔަވައިދިނުމުގައި އިންޓަރަކްޓިވް ބޯޑު ބޭނުން ކުރަން ފެށުނީ 2000 ގެ އަހަރުތަކުގެ މެދުތެރޭގައި 'ޓަޗް ސްކްރީން' (އަތުން ފިތާލެވޭ ސްކްރީން)ތަކާ އެކު ސްމާރޓްބޯޑު ތަޢާރަފު ވުމުންނެވެ. މި ބާވަތުގެ ބޯޑު ބޭނުންކޮށްގެން ކިޔަވައިދޭއިރު، ކޮންމެ ކުއްޖަކު ވެސް ބޯޑުގެ ކައިރިއަށް ގޮސް އެއްޗެހި ލިޔެ، ބޯޑުގައި ހުންނަ އެއްޗެތި އެއް ތަނުން އަނެއް ތަނަށް ގެންގޮސް، ކުރަހައި ހެދެއެވެ. މި ނޫނަސް، ދަރިވަރުންގެ ބައިވެރިވުމާއި ހަރަކާތްތެރިކަން އެކުލެވޭ ގިނަ ބާވަތެއްގެ އުގެނުމުގެ ކަންތައްތަކަކަށް އިންޓަރަކްޓިވް ބޯޑު ބޭނުންކޮށްގެން ފުރުސަތު ފަހިކޮށްދޭން ފެށުނެވެ. މި ބާވަތުގެ ބޯޑުތަކުގެ ސަބަބުން ކިޔަވައިދިނުމުގައި މުދައްރިސަށް އެތައް ލުއިފަސޭހަތަކެއް ލިބިގެން ދިއުމާ އެކު، ދަރިވަރުން ޝައުގުވެރިކުރުވާ އެތައް ބާވަތެއްގެ ގޭމްތަކާއީ، ތަފާތު ޙަރަކާތްތެރި މަސައްކަތްތައް  އުނގެނުމުގެ ތެރެއަށް ތަޢާރަފުވިއެވެ (އާރމްސްޓްރޯނގް އަދި އޭނާގެ ދިރާސާބައިވެރިން، 2005). ނަމަވެސް އިންޓަރަކްޓިވް ވައިޓްބޯޑުގައި ބޭނުންކުރާ ޕްރޮގްރާމުތަކާއި، ގޭމްތައް އެއީ ހުރިހާ ސްކޫލުތަކަށް ފަސޭހައިން ގަނެވޭ ތަކެއްޗަކަށް ނުވެއެވެ. މިގޮތުން އުފައްދަމުން ދިޔަ ވަރަށް ގިނަ ބާވަތްތަކުގެ އުނގެނުމާއި ގުޅޭ ޕްރޮގްރާމްތަކަކީ ބޮޑުއަގުގައި ގަނެގެން ހުއްދަ ހޯދައިގެން ބޭނުންކުރެވޭ އިންޓަރަކްޓިވް ވައިޓްބޯޑަށް ޚާއްޞަ ޕްރޮގްރާމްތަކެވެ. މިކަމަކީ ވަރަށް ގިނަ ގައުމުތަކުގައި، ޚާއްޞަކޮށް ތިންވަނަ ދުނިޔޭގެ ގައުމުތަކަށް އިންޓަރަކްޓިވް ވައިޓްބޯޑު މާބޮޑަށް އާންމުވެގެން ނުދިޔަ އެއްސަބަބެވެ. ދިވެހިރާއްޖޭގައި ވެސް ބައެއް ސްކޫލުތަކުގައި ސްމާރޓްބޯޑު ނުވަތަ އިންޓަރަކްޓިވް ވައިޓްބޯޑު 2010 ވަނައަހަރުގެ ކުރީކޮޅުގައި ބެހެއްޓުނެވެ. ނަމަވެސް އޭގެ މެއިންޓަނެންސް (ބެލެހެއްޓުން) އަށް ކުރަން ޖެހޭ ޚަރަދުތަކާއި، އަދި ކިޔަވައިދިނުމަށް ބޭނުން ކުރަންޖެހޭ ޕްރޮގްރޯމްތަކަކީ އެހާ ފަސޭހައިން ކުޑަ އަގެއްގައި ލިބިދޭ ތަކެއްޗަށް ނުވުމާ އެކު  އެ ބޯޑުގެ ޕްރޮގްރާމުތައް އަޕްޑޭޓް ކުރުން ފަދަ ކަންކަން ވީ ވަރަށް ބޮޑު ގޮންޖެހުމަކަށެވެ. ނަތީޖާއެއްގެ ގޮތުން އެ ބޯޑުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ކުރުން މަދުވާން ފެށިއެވެ.

ޒަމާނަށް އައި ބަދަލުތަކާ އެކު މިހާރު ރާއްޖޭގައި ވެސް އަދި ވަރަށް ގިނަ ގައުމުތަކުގައި ވެސް ހުންނަނީ ބޮޑު ސްކްރީން ޓީވީ ނުވަތަ ޕްރޮޖެކްޓަރ ބަހައްޓާފައެވެ. މިގޮތަށް ޓީވީ ސްކްރީން ނުވަތަ ޕްރޮޖެކްޓަރ ބެހެއްޓުމުން ކޮމްޕިޔުޓަރުން ކުރެވޭ ހުރިހާ ކަމެއް އެ ސްކްރީނަށް އެޅުވެއެވެ. ހަމައެއާ އެކު، ކުރިން ދެންނެވި އިންޓަރަކްޓިވް ވައިޓްބޯޑު ފަދަ ވަސީލަތްތަކުގެ  (ވަކިން ޚާއްޞަކޮށް ގަނެގެން ބޭނުން ކުރަން ޖެހޭ ފަދަ ޕްރޮގްރާމުތަކުގެ) ބޭނުންތެރިކަން ކުޑަވިއެވެ. ޓެކްނޮލޮޖީގެ އާ ބަވަތްތަކާއެކު ދެން ތަޢާރަފުވި ބާވަތަކީ، އޮންލައިން އިންޓްރަކްޓިވް ވައިޓްބޯޑެވެ. ދުނިޔޭގެ އެތަށް ސްކޫލުތަކެއްގައި، އާންމު ކުލާސްރޫމެއްގައި ވެސް، އަދި އޮންލައިންކޮށް ކިޔަވައިދޭއިރު ވެސް މިހާރު އެންމެ އާންމުކޮށް ބޭނުން ކުރެވޭ އެއް ވަސީލަތަކީ އޮންލައިން އިންޓްރަކްޓިވް ވައިޓްބޯޑުގެ ބާވަތްތަކެވެ.

އިންޓަރަކްޓިވް ވައިޓްބޯޑް ބޭނުންކޮށްގެން ކިޔަވައިދިނުމުގެ ޢިލުމީ ވިސްނުން

އިންޓަރަކްޓިވް ވައިޓްބޯޑު ބޭނުންކޮށްގެން ކިޔަވައިދިނުމަކީ ކިޔަވައިދިނުމުގެ މައިގަނޑު ތިއަރީތަކުގެ އަލީގައި ވިސްނާނަމަ ދަރިވަރުގެ އުނގެނުން އިތުރަށް ފަހިކުރެވިދާނެ މުހިންމު ގޮތެކެވެ. މިސާލަކަށް ލިވް ވައިގޮޓްސްކީ (1978) ގެ ތިއަރީ ކަމަށްވާ ސޯޝަލް ކަލްޗަރަލް ތިއަރީގައި، އުނގެނުމުގެ އެންމެ އަސާސީ ކަމެއްގެ ގޮތުގައި ބަޔާންކުރާއްވާފައިވަނީ މާހައުލުގައި ހުންނަ ތަކެއްޗާއި (ޓޫލްސް) އެ ތަކެއްޗާ އެކު ބަދަލުކުރެވޭ މުޢާމަލާތެވެ. މާނައަކީ، ދަރިވަރުންގެ އުނގެނުމުގެ މާހައުލުގައި ހުންނަ ތަފާތު ތަކެއްޗާއި  އެއާ އެކު ކުރެވޭ މަޢުލާމަތްތައް ހަރަކާތްތެރިވެ ބަދަހިވާ މިންވަރުން އުނގެނުމަށް ވެސް އިތުރު ފަހިކަން ގެނެސްދެއެވެ. އިންޓަރަކްޓިވް ވައިޓްބޯޑު ބޭނުންކޮށްގެން ކިޔަވައިދިނުމުގައި އެންމެ މުހިންމު ބޭނުމަކަށް ވާން ޖެހޭނީ ދަރިވަރުންގެ ބައިވެރިވުމާއި، ހަރަކާތްތެރިކަމާއި،  ދޭދޭ މުޢާމަލާތް ކުރުން ފަދަ ކަންކަމަށް ފުރުސަތު ފަހިކޮށް ދިނުމެވެ(އާރމްސްޓްރޯނގް އަދި އޭނާގެ ދިރާސާބައިވެރިން، 2005). ދަރިވަރުންގެ ޙަރަކާތްތެރިކަމާއި ބައިވެރިވުން ހިމެނޭ ގޮތަށް ރޭވޭ މަސައްކަތްތައް އިތުރު ކުރުމުގެ މުހިންމު ކަމާ ބެހޭގޮތުން އެދުރު އަށީގެ އެކި ލިޔުންތަކުގައި އިޝާރާތް ކުރެވިފައި ވާނެއެވެ. މިގޮތުން ކޮންމެ ބާވަތެއްގެ ޓޫލެއް/އެއްޗެއް ބޭނުންކުރި ނަމަވެސް ކިޔަވައިދިނުމުގެ އެންމެ މައިގަނޑު މަގުޞަދުކަމަށްވާ ދަރިވަރުންގެ އުނގެނުން ތަރައްގީކޮށް ކުރިއެރުވޭނެ ހުރިހާ ގޮތަކަށް މުދައްރިސުން ސަމަލުވާން ޖެހޭނެއެވެ.

އޮންލައިން ވައިޓްބޯޑު ބޭނުން ކުރެވިދާނެ ތަފާތު ގޮތްތައް

އޮންލައިން އިންޓްރަކްޓިވް ވައިޓްބޯޑަކީ ކިޔަވައިދިނުމުގައި ލުއި ފަސޭހަތަކާ އެކު، ދަރިވަރުންގެ އުނގެނުމަށް އެތަކެއް ފައިދާތަކެއް ލިބިދޭ އެއްޗެކެވެ. މިގޮތުން ފާހަގަކުރެވޭ ދެތިން ކަމެއް ހިމަނާލާނަމެވެ.

  • ބައިވެރިވުން: ވައިޓްބޯޑު ބޭނުން ކުރުމުގެ ސަބަބުން އިންޓަރނެޓްގައި ލިބެން ހުންނަ ވަސީލަތްތައް އިންޓަރަކްޓިވްކޮށް، ފުރިހަމައަށް ބޭނުންކުރުމަށް މަގުފަހިވެއެވެ. އެހެނީ އޮންލައި ބޯޑު ބޭނުންކުރަނަމަ ވީޑިއޯ، ގޭމްސް، ކުއިޒު، ފިލަވަޅާއި ގުޅޭ އިމޭޖްތައް ބޭނުންކުރުން ފަދަ އެތެއް ކަމެއްގައި  ދަރިވަރުން ބައިވެރި ކުރުމަށް ފުރުސަތު ލިބެއެވެ.
  • ވަކިވަކި ކުދިންނަށް އަމާޒުކޮށް (ޕާރސަނަލައިޒްކުރުން): އޮންލައިން ބޯޑު ބޭނުން ކޮށްގެން ކިޔަވައިދޭ އިރު ވަކިވަކި ކުދިންނަށް ނުވަތަ ގުރޫޕްތަކަށް ފޮނުވާ ބޯޑު ތަފާތު ކޮށްލެވެއެވެ. އޭގެ ސަބަބުން ޑިފަރެންޝިއޭޓެޑް ލާރނިން (ވަކިވަކި ފަރުދީ ކަންކަމަށް ރިޢާޔަތްކޮށްގެން ކިޔަވައިދިނުން) ފަދަ ގޮތްތަކަށް ފިލާވަޅުތައް ރޭވުމަށް ވެސް ފަސޭހަވެއެވެ.
  • ފްލެކްސިބިލިޓީ/ ކަންކަންމުގެ ޢިޚްތިޔާރުދިނުން: އޮންލައިން ބޯޑް ބޭނުންކުރުމުން ދަރިވަރުންނަށް ފޮނުވާފައިވާ ބޯޑުގައި ހުންނަ ތަކެތި ތަކުރާރުކޮށް ބެލުމާއި، އަދި ބޭނުން އިރަކު ރީވިސިޓްކޮށް (އަލުން ބަލައި) އެއްޗެހި ލިޔުމާއި އޭގައިވާ މުހިންމުބައިތައް އަލުން ކިޔައިލަން ފުރުޞަތު ލިބުން ފަދަ ގިނަ ކަންކަން ކުރެވެއެވެ. އަދި ހަމައެހެންމެ، ދަރިވަރުން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އަމިއްލަ ވަގުތު ހޯދައިގެން ބޯޑުތައް ބޭނުންކުރުމަށް ވެސް ފުރުސަތު ފަހިކޮށްދެވެއެވެ. ކުލާހުގައި ކިޔަވައިދޭ ބައިތަކުގެ ނޯޓްތަކާއި ހޫލަތަކާއި ވީޑިއޯ ފަދަ އެހެނިހެން ތަކެތި ވެސް  ބޭނުން އިރަކު ބަލާލުމަށް އެ ބޯޑުގައި ބެހެއްޓެއެވެ.
  • ތިމާވެށްޓާ ރައްޓެހި އުނގެނުމުގެ މާހައުލެއް: އޮންލައިން ބޯޑުގެ މުހިންމު އަނެއް ފައިދާއަކީ ކިޔަވައިދޭން ބޭނުން ކުރާ ކޮންމެ އެއްޗެއް ޕްރިންޓްކޮށް ދަރިވަރުންގެ އަތަށް ދޭން ނުޖެހުމެވެ. އަދި ހަމައެހެންމެ، ފިލާވަޅުގެ ބައިތަކާ ގުޅޭ އެކި ވެބްސައިޓްތަކާއި، ވީޑިއޯ ފަދަ ބައިތަކަށް ލިންކްތައް ލާފައި ވެސް ބެހެއްޓެއެވެ.
  • ވަގުތު ސަލާމަތް ވުން: އޮންލައިން ބޯޑު ބޭނުންކުރާނަމަ ކިޔަވައިދިނުމުގެ މަސައްކަތަށް ހޭދަވާ ވަގުތުގެ ވަރަށް ބޮޑު ބައެއް ސަލާމަތް ކުރެވެއެވެ. މިސާލަކަށް، ކިޔަވައިދޭން ޖެހޭ ބައިތައް ހިމަނާފައިވާ ވީޑިއޯ، އިމޭޖުތައް، ހޫލަތައް އަދި މުހިންމު ބައެއް ނޯޓުތައް ފަދަ ތަކެތި  ބޯޑުގައި ހިމުނުމަށް ފަހު ކުލާހަށް އައުމުގެ ކުރިން ދަރިވަރުންނަށް ފޮނުވާލާފައި ބޭއްވޭނެއެވެ. މިއީ، ކިޔަވައިދިނުމަށް ބޭނުން ކުރެވޭ ކިޔަވައިދިނުމުގެ ގޮތެއް ކަމަށްވާ ފްލިޕްޑް ކުލާސްރޫމް (ފުރޮޅި ކިލާސް) ގައި ބޭނުން ކުރެވޭ މުހިންމު ގޮތެކެވެ. މި މައުޟޫޢަށް އެދުރު އަށީގެ ކުރީގެ ލިޔުމެއްގައި އިޝާރާތް ކޮށްލެވިފައިވާނެއެވެ.
  • އެކުގައި އުނގެނުމަށް ދަރިވަރުންނަށް ފުރުސަތު ލިބުން: އޮންލައިން ބޯޑު ބޭނުންކުރުމުން ދަރިވަރުން ބައިވެރިވެގެން މަސައްކަތްތައް ނިންމައި (ކޮލެބޮރޭޓް ކޮށްގެން)، ކަންކަމުގެ ވިސްނުމާއި ޚިޔާލު ބަދަލުކުރުމަށް ފުރުޞަތު ފަހިވެއެވެ. މިގޮތުން، އެކަކު އަނެކަކުގެ ޚިޔާލަށް ކޮމެންޓްކޮށް ހެދުމުން ޕިއަރ އެސެސްމަންޓް އަދި އުގެނުމާ އެކު، އެކީގައި ވަޒަންކުރުމުގެ މަސައްކަތްތައް ވެސް ދަރިވަރުންގެ މެދުގައި ރޭވޭނެއެވެ.

އޮންލައިން ބޯޑުގެ ވައްތަރުތައް

އޮންލައިން ބޯޑުގެ ގިނަ ވައްތަރުތަކެއް އުނގެނުމާއި އުނގަންނައިދިނުމުގެ ޓެކްނޮލޮޖީގެ ދާއިރާއަށް މިހާރު ވަނީ ވުޖޫދުވެފައެވެ. ކޮންމެ ދުވަހަކުމެ އާ ވައްތަރުތައް އާ ކަންތައްތަކާ އެކު، ފަސޭހަތަކާއި، ގިނަ ފީޗާރސް/ފަންކްޝަން ހިމަނައިގެން ތަފާތު ނަންނަމުގައި އޮންލައިން ބޯޑުތައް ތަޢާރަފު ކުރެވެއެވެ. ހަމައެއާ އެކު، ޓުވިޓަރ އަދި ބްލޮގް ފަދަ މަންސަތަކުގައި މިފަދަ ބޯޑުތައް ބޭނުންކޮށްގެން،  ކިޔަވައިދިނުން ހަރުދަނާވާ  ގޮތާއި ދަރިވަރުންގެ ބައިވެރިވުން އިތުރުވާ ގޮތާއި އެ ޓޫލްތައް ބޭނުންކުރުމުގެ ތަޖުރިބާތައް ހިއްސާކުރާ މުދައްރިސުން ވެސް ވަރަށް ގިނައެވެ. އޮންލައިން ބޯޑުގެ ގިނަ ބާވަތްތަކަކީ އަހަރީ ފީއެއް ދައްކައިގެން ބޭނުންކުރެވޭ އެއްޗެއްސެވެ. ބައެއް ސްކޫލުތަކުން، ސްކޫލުގެ ބަޖެޓުން މިފަދަ ބޯޑުތަކުގެ ފީ މުދައްރިސުންނަށް ހަމަޖެއްސައިދެއެވެ. ނަމަވެސް ވަރަށް ގިނަ މުދައްރިސުން އަމިއްލަ ޚަރަދުގައި ވެސް މި ބޯޑުތައް ގަނެ،  ކުލާހުގައި ބޭނުންކުރެއެވެ. އަދި ހަމައެހެން ހިލޭ ބޭނުންކުރުމަށް ތަޢާރަފު ކުރެވިފައިވާ އޮންލައިން ބޯޑުތަކުގެ އަދަދު ވެސް މަދެއް ނޫނެވެ. މި ކޮލަމުގައި ހިމަނާފައި މިވަނީ  ފީއަކާއި ނުލައި ހިލޭ ބޭނުން ކުރެވޭނެ 4 ވައްތަރެއްގެ އޮންލައިން ބޯޑެވެ. މިނޫނަސް އެތައް ވައްތަރެއްގެ ބޯޑު މިހާރު ވަނީ ކިޔަވައިދިނުމުގެ ޓެކްނޮލޮޖީގެ ތެރެއަށް ތަޢާރަފު ކުރެވިފައެވެ.

  • ޖޭމްބޯޑް: ޖޭމްބޯޑަކީ މިހާރު ވެސް ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގައި ބޭނުންކުރާ ގޫގްލު ސުއިޓްގައި ހިމެނޭ އެއް ޓޫލްއެވެ. ފަސޭހަކަމާ އެކު ދަރިވަރުންނާ ހިއްސާކޮށްލެވޭ މިޓޫލްއކީ ކޮންމެ ސްމާރޓް ޑިވައިސެއްގައި ވެސް ފަސޭހަކަމާ އެކު ބޭނުން ކުރެވޭ ބޯޑެކެވެ. މިބޯޑު ބޭނުންކުރައްވާނެ ގޮތް ބައްލަވާލެއްވުމަށް ދެވިފައިވާ ޖެމްބޯޑް ލިންކަށް ފިއްތަވާލައްވާށެވެ.
  • ޓްވިޑްލާ: މި ބޯޑަކީ ފަސޭހަކަމާ އެކު މުދައްރިސުންނާއި ދަރިވަރުން ބައިވެރިގެން އެކުގައި އެއްޗެހި ލިޔެ އެޑިޓްކޮށް އެހެނިހެން ވެބްސައިޓްތަކުން އެއްޗެހި ހިމެނުން ފަދަ ވަރަށް ގިނަ ކަންތައް ކުރެވޭ ބޯޑެކެވެ. އަދި ހަމައެހެންމެ، މިބޯޑުގައި އެކި މަސައްކަތް ކުރަމުން ދާއިރު ބޯޑުގައި ލިޔާ ބައިތަކާ ގުޅޭ ގޮތުން އެކަކަކު އަނެކަކަށް ކޮމެންޓްކޮށް އަދި ޗެޓްކޮށް(ވާހަކަދައްކައި) ވެސް ހެދެއެވެ. މިއީ ފުރަތަމަ 30 ދުވަސް ހިލޭ އެކަމަކު އެއަށްފަހު ފީއެއް ދައްކައިގެން ބޭނުން ކުރެވޭ ބޯޑެކެވެ. މި ބޯޑު ބޭނުންކުރެވޭނެ ގޮތް ބައްލަވާލެއްވުމަށް ދެވިފައިވާ ލިންކަށް ފިއްތާލައްވާށެވެ.  
  • މައިކްރޯސްފްޓް ވައިޓްބޯޑް: މިއީ ކޮންމެ ބާވަތެއްގެ ޑިވައިސެއްގައި ވެސް މުދައްރިސުންނަށް ފަސޭހައިން ބޭނުންކޮށްލެވޭ ގޮތަށް ފަރުމާކޮށް، މައިކްރޯސޮފްޓުން ތަޢާރަފުކޮށްފައިވާ ބޯޑެކެވެ. މިބޯޑަކީ ވިންޑޯސް 10 ކޮމްޕިޔުޓަރ ސިސްޓަމް ބޭނުންކުރާ ކޮންމެ މީހަކަށް ވެސް ހިލޭ ލިބޭ ބޯޑެކެވެ. މިއީ މުދައްރިސުން ބޭނުންވާ އެކި ބާވަތްތަކުގެ މަޢުލޫމާތު، ވީޑިއޯ، އޯޑިއޯ، އިމޭޖްތައް، އަދި މިނޫނަސް،  ވެބްސައިޓްތައް ފަދަ ތަކެތި  ހިމަނައިގެން ފަސޭހަކަމާ އެކު ބޭނުން ކުރެވިދާނެ ބޯޑެކެވެ. މީގެ އިތުރުން ހުރިހާ ދަރިވަރުން ބައިވެރިވެގެން ގުރޫޕް މަސައްކަތްކުރުން ފަދަ ކަންކަމަށް ވެސް މިއީ  ވަރަށް ފުރިހަމަ ބޯޑެކެވެ. މި ބޯޑު ބޭނުންކުރެވޭނެ ގޮތް ބައްލަވައިލެއްވުމަށް ދެވިފައިވާ ލިންކަށް ފިއްތަވާލައްވާށެވެ. 
  • މެގާސްކޯޕް ވައިޓްބޯޑް: މިބޯޑަކީ ރެޖިސްޓްރީ ނުކޮށް، އޭގެ ފަންކްޝަންތައް ވަރަށް ފަސޭހައިން ފަރިތަކުރެވޭ އަދި މުދައްރިސުންނަށާއި ދަރިވަރުންނަށް ވެސް ފަސޭހަކަމާ އެކު ބޭނުންކުރެވޭ ގޮތަށް  ފަރުމާކުރެވިފައިވާ ބޯޑެކެވެ. އެހެނީ، ވަކިވަކި ދަރިވަރުންނަށާއި  ގުރޫޕްތަކަށާ  އަދި އެންމެން އެކުގައި ވެސް މި ބޯޑު ބޭނުންކުރެވެއެވެ. އެހެންކަމުން މިއީ  ކިޔަވައިދިނުމާއި  ދަރިވަރުންގެ ބައިވެރިވުން އިތުރުކުރުމުގެ  ވަރަށް ގިނަ ގޮތްތައް އެކުލެވޭ ބޯޑެކެވެ. މިބޯޑު ބޭނުންކުރެވޭނެ ގޮތް ބައްލަވައިލެއްވުމަށް ދެވިފައިވާ ލިންކަށް ފިއްތަވާލައްވާށެވެ.

މިއަދުގެ ވާހަކަކޮޅަކީ، ޒަމާނާ އެކު، ޓެކޮނޮލޮޖީއަށް އަންނަ ކުރިއެރުމާ އެކު ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ކިޔަވައިދިނުމުގައި ބޭނުންކުރާ ކިޔަވައިދިނުމުގެ މުހިންމު ވަސީލަތަކާ ބެހޭ ގޮތުން ހުށަހަޅައިލެވުނު  މަޢުލޫމާތުކޮޅެކެވެ. އަޅުގަނޑުގެ އަމިއްލަ ތަޖުރިބާއަށް ބަލާއިރު، މިފަދަ ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވައިދިނުމުން، ވަރަށް ޝައުގުވެރި އިހުސާސްތަކެއް ކުރެވެއެވެ. . އަދި ހަމައެހެންމެ، އާ ޚިޔާލުތައް އާ ވަސީލަތްތައް ބޭނުންކުރުމަކީ ދަރިވަރުންގެ ޝައުގުވެރިކަން ވެސް އިތުރުކުރެވޭ، ކިޔަވައިދިނުމުގައި  މުދައްރިސުގެ ފޯރި ވެސް އިތުރުވާ ކަމެކެވެ. އަޅުގަނޑުގެ އުއްމީދަކީ މިފަދަ ޚިޔާލުތަކަކީ ފުރަތަމަ އަޑު އިވޭ އިރު އާ އެއްޗެހިތަކަކަށް ވިޔަސް،  މީގެ ތަޖުރިބާކޮށް، މިއަށް ފަރިތަވުމުގެ ޝައުގުވެރިކަން ހުރި  ބަޔަކަށް  ހުރިހާ މުދައްރިސުން ވެސް ވުމެވެ.

ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް
ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް އަކީ ނިއުޒިލޭންޑްގެ ވައިކަޓޯ ޔުނިވަރސިޓީއިން ޕީއެޗްޑީ ހާޞިލު ކުރައްވާފައިވާ ދާރިސެކެވެ. މިހާރު ޝާފިޔާ މަސައްކަތް ކުރައްވަނީ ގައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރގެ މަޤާމުގައެވެ. ޝާފިޔާ އަކީ މުދައްރިސުން ތަމުރީނު ކުރުމުގެ ދާއިރާގެ އިތުުރުން ކިޔަވައިދިނުމާއި އުގަންނައިދިނުމާ ގުޅޭ ގޮތުން އިނގިރޭސި ބަހުންނާއި ދިވެހިބަހުން ވަރަށް ގިނައިން ލިޔުއްވާ ބޭފުޅެކެވެ. މިގޮތުން ލިޔުއްވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ކިޔަވައިދިނުން ހަރުދަނާކުރުމާއި، ކިޔަވައިދިނުމުގައި ޓެކްނޮލޮޖީ ބޭނުން ކުރުމާއި، ދަރިވަރުންގެ އުނގެނުން ތަރައްގީ ކުރެވޭނެ ގޮތްތަކާއި އަދި ދިރާސާ ކުުރުމުގެ މަސައްކަތުގެ ދާއިރާތަކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.