ކުލި ނުދެއްކިގެން ދެ ދުވަހުގެ ތެރޭގައި އައި ހަތަރު ޢާއިލާގެ 26 މީހުން ބަލަހައްޓަމުން ގެންދަވާ ކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މި މީހުން ބަލަހައްޓަމުން ގެންދަނީ ޔޫތު މިނިސްޓްރީން ފޯރުކޮށް ދެއްވައިފައިވާ އެކޮމެޑޭޝަން ފެސިލިޓީތަކުގައެވެ. ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ޖެންޑަރ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ފާޠުމަތު ޔުމްނާ ވިދާޅުވީ ކުލި ނުދެއްކުމުގެ މައްސަލައިގައި، އުޅޭ ތަންތަނުން ނުކުންނަން ޖެހުމުގެ މައްސަލަ އެ މިނިސްޓްރީން ލަފާކުރެއްވި ވަރަށްވުރެ މާ ބޮޑަށް ދިމާވަމުންދާކަމަށެވެ. އެފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެވޭނީ ކިހިނެއްތޯ ބައްލަވަމުން ގެންދަވާ ކަމަށް ވެސް ޔުމްނާ ވިދާޅުވިއެވެ.
ކުލި ނުދެއްކިގެން އައި ފަރާތްތައް އެލްޖީއޭ މެދުވެރިކޮށް ކައުންސިލްތަކުން ކަށަވަރު ކުރައްވަމުންދާ ކަމަށް ވެސް މިރޭގެ ޕްރެސް ކޮންފަރެންސްގައި ޖެންޑަރ މިނިސްޓްރީން ވިދާޅުވިއެވެ. ކުލި ނުދެއްކިގެން ގެއިން ނުކުންނަން ޖެހިފައިވާ 12 އާއިލާއެއްގެ 97 މީހެއްގެ މަޢުލޫމާތު އެލްޖީއޭއާ ޙިއްސާކޮށްފައިވާނެކަމަށް ވެސް މިރޭގެ ޕްރެސްކޮންފަރެންސްގައި ޑެޕިއުޓީ މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ. އަދި ކުލި ނުދެއްކިގެން އަންނަ މާލޭގެ ޢާއިލާތައް ވެސް ސިޓީކައުންސިލުން ކަށަވަރުކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ. ކުލި ނުދެއްކިގެން އަންނަނީ ހަމައެކަނި ރަށްރަށުން އައިސް މާލޭގައި އުޅޭމީހުން ނޫންކަމަށާއި މާލޭގެ މީހުންވެސް އަންނަމުންދާކަމަށް ޔުމްނާ ފާހަގަ ކުރެއްވިއެވެ. ކުލި ނުދެއްކިގެން އަންނަ، ރަށްރަށުގެ، ގިނަ މީހުންނަކީ ކުލި ނުދެއްކިގެން ރަށަށް ބަދަލުވުމަށް އެދޭ މީހުން ކަންވެސް ޔުމްނާ ފާހަގަ ކުރެއްވިއެވެ.
ކޮވިޑާ ގުޅިގެން މީހުންގެ އާމްދަނީއަށް އަރާ ލޮޅުމާ ގުޅިގެން ކުލި ނުދެއްކުމުގެ މައްސަލަތައް ފަދަ އިޖްތިމާއީ މައްސަލަތައް ކުރިމަތިވާނެކަމަށް ކުރީއްސުރެ ލަފާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިރޭގެ ޕްރެސްކޮންފަރެންސް ނިންމާލައްވަމުން އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް ޢަބްދުލް ޢަޒީޒުވެސް ވިދާޅުވީ މިހާރު ދިމާވަމުންދާ އިޖްތިމާޢީ އެންމެ ބޮޑު އެއް މައްސަލައަކީ ކުލި ނުދެއްކޭ ހާލަތުގައި ގެއިން ނުކުތުމަށް އަންގަމުންދާ މައްސަލަކަމަށެވެ. ބައެއް ގޭގެއިން މީހުން ނުކުތުމުގެ ކުރިން ޚިދުމަތްތައް ކަނޑާލާ ކަމުގެ މަޢުލޫމާތު ލިބެމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ކުޑަކުދިންނާއެކު ޢާއިލާތައް މަގުމަތިވަމުން ދާކަން ފާހަގަ ކުރެއްވިއެވެ. މިކަހަލަ ކަންތަކަށް ހުރިހާ އެންމެންގެ އެއްބާރުލުން ބޭނުން އެބަ ވާކަމަށާއި މި ވަގުތަކީ ކާރިސާގެ ވަގުތުކަން ދެނެތިބެ މި ވަގުތުގައި އެހީތެރިކަމާއި އޯގާތެރިކަން އިސްކުރަންޖެހޭކަން ފާހަގަ ކުރެއްވިއެވެ.