އަމާޒަކީ ކޮންމެ ދުވަހަކު 10 ހާސް މީހުންނަށް ވެކްސިން ދިނުން: ހެލްތް މިނިސްޓަރ

އަމާޒަކީ ކޮންމެ ދުވަހަކު 10 ހާސް މީހުންނަށް ވެކްސިން ދިނުން ކަމަށް  ހެލްތް މިނިސްޓަރ  އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ. 

ވެކްސިން ޖެއްސެވުމަށް ފަހު ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ހެލްތް މިނިސްޓަރ އަޙުމަދު ނަސީމް ވިދާޅުވީ މިއަދު މާލެއާއި ކުޅުދުއްފުށްޓާއި  އައްޑޫގައި ކޯވިޑް ވެކްސިން ދިނުން ކުރިއަށް ދިޔަ ނަމަވެސް ކުރިއަށް ތަނުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި  ވެކްސިން ދިނުން ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި އެކަމުގެ ތައްޔާރީތައްވެސް ވަމުންދާކަމަށް ވިދާޅުވިއެވެ. ގައުމީ ވެކްސިން ޕްރޮގަރާމްގެ ހެޑް، ޑރ ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖޭގެ އެހެން ސަރަޙައްދުތަކުގައިވެސް ވެކްސިން ދޭން ފެށުމަށް މީހުންނަށް ދޭންޖެހޭ ތަމްރީނުތައް ދެމުންދާކަމަށެވެ. އަދި އެކަމަށް ބޭނުންވާ ވަޞީލަތްތައް ވެސް ލިބިފައިވާކަމަށެވެ. އަދި ވެކްސިން އެކިސަރަހައްދުތަކަށް ރައްކާތެރިކަމާއެކު އުފުލުމަށް ބޭނުންވާ ވަޞީލަތްތައްވެސް ލިބިފައިވާކަމަށެވެ. 

މިހާރު ރާއްޖެއަށް ލިބިފައިވާ އިންޑިއާގެ ކޯވިޝީލްޑް ވެކްސިންގެ އިތުރުން އެސްޓްރެޒެނަކާ  އިތުރު ވެކްސިންތައް ވެސް ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ހެލްތް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ. އަދި ފައިޒާ ވެކްސިންނާއި އެނޫންވެސް ރައްކާތެރިކަމުގެ ވެކްސިންތައް ރާއްޖެއަށް ހޯދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާނެކަމަށް ހެލްތް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި އިތުރުވެކްސިންތައް އެކި ބައިބަޔަށް ރާއްޖެއަށް ގެނެވޭނެކަމަށް ވެސް ވިދާޅުވިއެވެ. 

ރާއްޖޭގައި ކޮވިޝީލްޑް ވެކްސިންްްްް ޖަހަންފަށައިފައި ވަނީ އެވެކްސިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްފަހުކަމަށް ހެލްތް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. ވެކްސިން ދިނުން ލަސްވެގެން ވެސް ދިޔައީ އެކަންކަން ކަށަވަރު ކުރުމަށްފަހު ވެކްސިން ޖަހަން ފެށުމަށްކަމަށް ވެސް ހެލްތް މިނިސްޓަރ ވިދާޅުވިއެވެ. 

ކޯވިޑް ވެކްސިން ޖަހަން ފެށުމުން އެހެން ޤައުމުތަކުގައި ވެސް ކޯވިޑް ކޭސްތައް މަދުވެގެން ދިޔަކަން ފާހަގަ ކުރައްވާ ހެލްތް މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ވެސް މިވެކްސިންގެ ސަބަބުން ކޭސްތައް މަދުވާނެކަމަށް އުއްމީދު ކުރައްވާކަމަށެވެ. އެހެންކަމުން ވީހާވެސް ގިނަ ބަޔަކު ވެކްސިން ޖެހުމަށް އެދި ވަޑައިގެންނެވިއެވެ. 

ހެލްތް މިނިސްޓަރ ނަސީމްވެސް ވަނީ މިއަދު ކޯވިޑް ވެކްސިން ޖައްސަވައިފައެވެ. ވެކްސިން ޖެއްސެވުމަށް ފަހު އެމަނިކުފާނަށް ވަކި އުދަނގޫތަކެއް ކުރިމަތި ނުވާކަމަށް ވެސް ވިދާޅުވިއެވެ. 

މިއަދު މާލޭ ސަރަޙައްދުގެ ހަތަނަކުންނާއި ކުޅުއްދުއްފުށްޓާއި އައްޑޫގައިވެސް ވަނީ ކޯވިޑް ވެކްސިން ދޭން ފަށައިފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.