މުޞްޙަފް - 26

(26 މޭ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އަހަންނާ ދެކޮޅަށް ހެކިބަސް ދޭން ދޮގު ހުވައެއް ކޮށްލާ. އެހެން ނޫނީ އެމީހުން މެހެމަލް ކޯޓަށް ދިޔަކަ ނުދޭނެ."

"ދެން ކޯޓަށް ގޮސް ހުވަޔާ ޚިލާފު ވާންވީތަ؟"

"އާނ... ކޯޓުގައި ހުރިހައި ވާހަކައެއް ތެދު ބަހުން ކިޔައިދީ."

"އެކަހަލަ ކަމެއް އަހަރެން ކޮށްފިއްޔާ އެމީހުން އަހަންނަށް ކޮށްލާނޭ ވަރު އެނގޭތަ؟"

"އެކަމާ ހާސް..."

"ކޮންމެ މީހަކުވެސް އުޅެނީ އެމީހެއްގެ އަމިއްލަ ބޭނުމަކަށް އަހަރެންގެ އިސްތިއުމާލު ކުރަން. ހުމާޔޫންގެ ހިތަކުވެސް އަހަރެންގެ މައްޗަކަށް ތެދުވެރި ހަމްދަރްދީއެއް ނެތް."

ހިނދުކޮޅަކަށް ހިމޭންކަން ވެރިވެފައި އޮތެވެ. އެޔަށް ފަހު ހުމާޔޫން ފޯނު ކަނޑައިލައިފިއެވެ.

އޭނާ މޮޅިވެފައި ފޯނު ހިފައިގެން ބަލަހައްޓައިގެން ހުރީއެވެ.

* * *

މުސްރަތު އަނެއް ދުވަހު ހެނދުނު ގެއަށް އަތުވެއްޖެއެވެ. އޭނާ އެއްވެސް ސުވާލެއް ނުކުރެއެވެ. ޖަވާބަކަށް ނޭދެއެވެ. މެހެމަލާ ދިމާއަށް ބަލައިލާފައި ހިމޭނުން ހުރީއެވެ. އެހެން އެތައް އިރަކު ހުރެފައި ވާހަކަ ދެއްކި އިރު މަޑުމަޑުން ބުނެލީ އެންމެ ދެ ޖުމުލައެވެ. "ފަވާދާ ދެކޮޅަށް ބަޔާން ދޭން ވާނެ. އެމީހުންގެ އަހަރެންގެ ދަރިފުޅާ މެދު ކަންތައް ކުރީއަކީ ރަނގަޅަކަށް ނޫން." މިހެން ބުނެފައި މަސައްކަތުގެ ތެރެއަށް ވަދެއްޖެއެވެ.

ގޭގެ އެންމެން ތިބީ އޭނާޔާ ދެކޮޅަށެވެ. އޭނާ ކައިބޮއި ހަދަނީ ކޮޓަރި ތެރޭގައެވެ. މަދު ފަހަރަކު ބޭރަށް ނުކުތަސް މީހަކު އޭނާޔަކާ ވާހަކައެއް ނުދައްކައެވެ. އޭނާޔާ ދިމާއަށް ބަލައެއްވެސް ނުލައެވެ.

ވަރަށް ބޮޑަށް ވިސްނައި ފިކުރު ކުރުމަށް ފަހު އެއް ދުވަހަކު މެހެމަލް ފަރިޝްތޭއާ ބައްދަލު ކޮށްލާން މިސްކިތަށް ހިނގައްޖެއެވެ. ބޭރަށް ގޮސްއައިސް ވުމަކަށް މިހާރަކު އެއްވެސް ހުރަހެއް ނެތެވެ. ގޭ މީހަކު އަޅައެއް ނުލައެވެ.

އޭނާއަށް މިސްކިތާ ހަމައަށް އާދެވުނު ވަގުތަކީ މަގުމަތީގައި ވަރަށް މީހުން މަދު ވަގުތެކެވެ. އޭނާ އިމާރާތުގެ ކުރިމައްޗަށް ހުއްޓި ބަލައިލިއެވެ. މިސްކިތާ ޖެހިގެން ހުރި ގެޔާ ދިމާއަށްވެސް ބަލައިލެވިއްޖެއެވެ. އެ ގޭގެ ގޯތި ތެރޭގައި ސަންގުމަރުމަރު ހިލައިގެ ދިގުގޮނޑިއެއް ހުއްޓެވެ. އެ ގޮނޑި މީގެ ކުރިންވެސް ވަނީ ފެނިފައެވެ. ގޮނޑީގައި މީހަކު އިށީނދެގެން އިންދައެއް އޭނާއަކަށް ފެނިފައެއް ނެތެވެ. މިއަދުވެސް ހުރީ ހުހަށެވެ. އެ ގޮނޑި ފެނުމާއެކު އޭނާއަށް ސިފަ ވެގެން ދަނީ ބަސްހުއްޓާ ތާގައި ހުންނަ ދިގުގޮނޑިއެވެ. ސިކުނޑީގައި އެނބުރިގަންނަނީ އެ ކަޅު އަންހެން ކުއްޖާއެވެ.

އޭނާ އެތެރެއަށް ވަދެ ކުލާސްތަކަށް ބޯ ދީ ބަލަމުން ހިނގާން ފަށައިފިއެވެ. އޭނާ ހުއްޓުވާކަށް އެއްވެސް މީހަކު މަސައްކަތެއް ނުކުރެއެވެ. ފެންނަ ކޮންމެ މީހަކު ހިނިތުންވެލައިފައި ސަލާން ގޮވައިލައެވެ.

"ފިލާވަޅު... ދައްޖާލަކަށް މަދީނާ މުނައްވަރާއަކަށް ނުވަދެވޭނެ."

އެ އިވުނީ ފަރިޝްތޭގެ އަޑެވެ. އޭނާ ކުލާސްތެރެއަށް ބޯދީ ބަލައިލިއެވެ.

ފަރިޝްތޭ ފޮތެއް ހިފައިގެން ކޮޅަށް ހުރެގެން ކުލާހުގައި ތިބި ކުދިންނަށް ފިލާވަޅު ކިޔައި ދެނީއެވެ. އޭނާ ހުރީ ކަޅުކުލައިގެ ޢަބާޔާއެއް ލައިގެންނެވެ. އަޅިކުލައިގެ ބުރުގާ އަޅައިގެން ހުންނަ އިރު އޭނާގެ މޫނު ފެންނަނީ ވަރަށް ރީތިކޮށެވެ. އެ ބިއްލޫރި ދެލޮލަކީ އޭނާ މީގެ ކުރިން ދެކެފައިވާ ދެލޮލެވެ. އެކަމަކު ކޮން ތަނަކުން ބާވައެވެ؟

ފަރިޝްތޭއަށް އޭނާ ފެނިގެން އައީ އެ ވިސްނުމުގެ ތެރެއަށް ގެއްލިފައި ހުއްޓައެވެ.

އަހާނ... މެހެމަލް... އައްސަލާމް ޢަލައިކުމް."

އޭނާ ފެނުނީމާ ފަރިޝްތޭ ވަރަށް އުފާވީކަން އެނގުނެވެ. މެހެމަލްގެ ހިތަށްވެސް އުފާވެރި ޝުއޫރުތަކެއް ވަދެގެން ދިޔައެވެ.

"މެހެމަލް... ކިހިނެއް ހާލު؟ އާދޭ... ނޫނޭ... އަހަންނާ އެކީ އޮފީހަށް ހިނގާ." ފަރިޝްތޭ އޭނާގެ އަތުގައި ހިފައިފިއެވެ. އަދި އޭނާ ގޮވައިގެން މަޑުމަޑުން ހިނގާފައި ގޮސް އޮފީހަށް ވަދެއްޖެއެވެ.

"މެހެމަލަށް ކިހިނެއް ވެފައި ތިޔަހަރީ؟"

"ނޭނގޭ." އޭނާ ގޮނޑިއެއްގައި އިށީނދެއްޖެއެވެ. އޭނާގެ ހާލަތު ހުރި ގޮތް ރަނގަޅު ނޫންކަން އެނގެއެވެ. އެކަމަކު އެ ވާހަކަ ދައްކާކަށް އޭނާ ބޭނުމެއް ނުވެއެވެ.

"މެހެމަލް ފޯނު ކުރި ވާހަކަ ހުމާޔޫން ބުނި."

މެހެމަލް ކުޑަކޮށް ސިހުނެވެ. އޭނާ ފަރިޝްތޭ ގާތު ހުރިހައި ވާހަކައެއް ދައްކަނީ ކީއްވެގެން ހެއްޔެވެ؟ އޭނާ ފޯނުކުރި ވާހަކަ ބުނުމަކީ ހުމާޔޫން ރަނގަޅަށް ކުރި ކަމެއް ނޫނެވެ.

"ހުމާޔޫން ވަރަށް ބޮޑަށް މެހެމަލްގެ ކަންތައްތައްކާ ފިކުރު ކުރޭ." ފަރިޝްތޭވެސް ގޮނޑިއެއްގައި އިށީނދެއްޖެއެވެ.

"އޭނާ ފިކުރު ކުރަނީ އަހަންނާ މެދަކު ނޫން. އޭނާގެ އަމިއްލަ ކަންތައްތަކާ މެދު. ފަރިޝްތޭގެ ބޭބެއަކީ ވަރަށް އަމިއްލަ އެދުން ބޮޑު މީހެއް."

"އަޅާނުލާ." އޭނާ މަޑުމައިތިރިކަމާއެކު ބުނެލިއެވެ. "މީހަކު ނެތްތާގައި އެމީހެއްގެ ނުބައި ވާހަކަ ދައްކާކަށް ނުވާނެ."

"އެންމެ ރަނގަޅު." މެހެމަލް ކޮނޑު ހިއްލައިލިއެވެ. ފަރިޝްތޭ އޭނާގެ ބޭބެގެ ކަމުނުދާ ސިފައެއްގެ ވާހަކަ އަޑު އަހާން ބޭނުން ނުވަނީތާއެވެ.

"މެހެމަލް ބުނެބަލަ." އޭނާ ގޮނޑި ކުރިއަށް ޖައްސައިލަމުން އަހައިލިއެވެ. "އިތުރަށް ކިޔެމުމާމެދު ވިސްނާފައި އޮތީ ކިހިނެއް؟"

"ސެޕްޓެންބަރު މަހު ޔުނިވަރުސިޓީގެ ކިޔެވުން ފަށާނަން."

"އެހެން ވެއްޖެއްޔާ މިއީ ޗުއްޓީ ދުވަސްވަރެއްނު؟ މި ދުވަސްކޮޅު މިތަނަށް އައިސް ޤުރްއާން ކިޔަވަންވީނު؟"

"އާ... ނޫން... އަހަރެންގެ އަތުގައި ގޭގައި ޤުރްއާން ތަރުޖަމާއެއް އެބައޮތް. ގޭގައި ކިޔަވައިފާނަން."

"ބީއެސްސީގައި ކިޔެވީ ކޮން މާއްދާއެއް؟"

"ހިސާބު."

"ކިޔަވައިދިނީ ކާކު؟"

"ކޮލެޖުގައި ޕްރޮފެސަރުން. އޭގެ އިތުރަށް ޓިއުޝަނަށްވެސް ދިޔައިން."

"ހިސާބު ފޮތް މެހެމަލްގެ އަތުގައި ގޭގައި އޮތެއްނު؟ ދެން ކިޔަވަން ދެ ތަނަކަށް ދިޔައީ ކީއްކުރަން؟"

"ގޭގައި އަމިއްލައަށް ކިޔަވާނީ ކިހިނެއް؟ އަދި..." ފަރިޝްތޭ އެބުނަނީ ކީކޭކަން އޭނާއަށް ވިސްނުނީ ވާހަކަ ދައްކާން ފެށި ފަހުންނެވެ. "ޤުރްއާނާއި ނިސާބީ ފޮތްތަކާ ތަފާތުވާނެ."

"ތަފާތު ވަނީ ކީއްވެގެންކަން އެނގޭތަ؟ އެއީ އަހަރެމެން އުމުރުން ހަތަރު އަހަރުން ފެށިގެން ނިސާބީ އިލްމު ކިޔަވައިދޭން ފަށާފައި ޤުރްއާނަކީ މުސްކުޅިވީމާ ކިޔަވާން އޮންނަ އެއްޗަކަށް ހަދައިގެން އުޅޭތީ ވެގެން އުޅޭ ގޮތެއް؟"

"އެކަމަކު ޤުރްއާނަކީ މީހުންނަށް ފަސޭހަ ވާނޭފަދަ ގޮތަކަށް ﷲ ބާވައިލައްވައިފައިވާ ފޮތެއް. ކޮންމެ މީހަކަށްވެސް އެ ފޮތް ކިޔައި ދަސްކުރާން އެނގޭނެ. ހިސާބަކީ މުދައްރިސަކާ ނުލައި ކިޔެވޭނޭ އެއްޗެއް ނޫން."

"މުދައްރިސަކާ ނުލައި ޤުރްއާން ދަސް ކުރެވޭނެތަ؟"

"އާނ. ކީއްވެގެން ދަސް ނުކުރެވޭންވީ؟"

ފަރިޝްތޭ ފުން ނޭވައެއް ލުމަށް ފަހު މޭޒު ވަތްގަނޑު ހުޅުވުމަށް ފަހު ކަޅުކުލައިގެ ބޭރުގަނޑެއް ލީ ފޮތެއް ނަގައިފިއެވެ.

"މިއީ މުޤައްދަސް އިންޖީލުގެ ގަދީމީ ފޮތެއް. މުޙައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ރަސޫލުކަމާއިގެން ވަޑައިގަންނަވާނޭ ވާހަކަ މި ފޮތުގައި ބަޔާންވެފައި އެބައޮތް. ވަރަށް ދިލްޗަސްޕު ވާހަކައެއް. ނިކަން ކިޔައިލަބަލަ." އޭނާ ފޮތުގެ ސަފުހާއެއްގައި އިނގިލި ޖައްސައި ދައްކައިލުމަށް ފަހު އެ ފޮތް މެހެމަލަށް ފޯރުކޮށްލިއެވެ. "މިއީ ﷲ ތަޢާލާ މަންސޫޚު ކުރައްވައިފައިވާ ފޮތެއް. ބަދަލުތައް ގެނައުމާއެކުވެސް އަސްލުގެ އަސަރު ކޮންމެވެސް ވަރަކަށް ފައުޅުވާން އެބަހުރި."

"އޭނާގެ އުއްމަތުގެ މީހުންގެ އަނާޖީލް ހުންނާނީ އެމީހުންގެ މޭގައެވެ. (ހިތުގައެވެ.)" ކިޔަކިޔައި ހުރެފައި މެހެމަލް ހުއްޓައިލިއެވެ. "އަނާޖީލޭ؟" އޭނާ ސުވާލު ކޮށްލިއެވެ.

"އާނ. އަނާޖީލަކީ އިންޖީލުގެ ޖަމްޢު. މުރާދަކީ ޤުރްއާން މަޖީދް... މިތަނުން ފަށައިގެން ކިޔާބަލަ." ފަރިޝްތޭ ފޮޅުވަތެއްގައި އިނގިލި ޖައްސައިލިއެވެ. އޭނާގެ މަޑު ފިޔާތޮށި ކުލައިގެ ނިޔަފަތި ހުރީ ރީތިކޮށް އެއްވަރަކަށް ކަނޑައިފައެވެ. އިނގިލީގައި ޒުމައްރަދު ޖަހައިފައި އޮތް ރަން އަނގޮޓިއެއް އޮތެވެ.

އޭނާ ފަރިޝްތޭ ދެއްކި ތަނުން ފަށައިގެން ކިޔާން ފަށައިފިއެވެ. "އޭނާ ބާޒާރުމަތީގައި ގޮވަމުން ހިނގާނެއެވެ. އެއީ ވިޔާނުދާ ގޮވުމެއް ނޫނެވެ. އޭނާގެ ނަމަކީ އަޙްމަދެވެ. އުފަންވާނީ މައްކާއަށެވެ. ހެޔޮ ރަށަކަށް ހިޖުރަ ކުރާނެއެވެ. ޝާމްގައި ވެރިކަން ކުރާނެއެވެ. އޭނާ ވާނީ އުޑުގެ ހިޔަނިތަކަށް ބަލާ މީހަކަށެވެ. އޭނާގެ ބަންގި ގޮވާ މީހާގެ އަޑު ދުރުދުރަށް އިވޭނެއެވެ." އޭނާ ހުއްޓައިލިއެވެ. އޮޅުން އެރީ ކަހަލަ ގޮތަކަށެވެ.

"ވެރިކަން ޝާމުގައޭ؟" އޭނާ ސުވާލުގެ ނަޒަރަކުން ފަރިޝްތޭއާ ދިމާއަށް ބަލައިލިއެވެ.

"ފަހުން މުސްލިމުންގެ ވެރިކަން ޝާމްކަރަޔާ ހަމައަށް ފުޅާވެގެން ދިޔަ. ތިޔައީ އެކަމަށް ކުރައްވައިފައިވާ އިޝާރާތެއް."

"އުޑުގެ ހިޔަނިތަކަށް ބެލުމަކީ ކޮބާ؟"

"އޭގެ މާނައަކީ ނަމާދު ވަގުތު."

"ބަންގި ގޮވާ މީހާއަކީ؟"

"ބިލާލުގެފާނު." ފަރިޝްތޭ ހިނިތުންވެލައިފައި ޖަވާބު ދިނެވެ. "ގޭގައި ހުރެގެން ކިޔެވިނަމަ ތިޔަ ސުވާލުތައް ކުރާނީ ކާކާ؟"

"ޤުރްއާން ތަފުސީރު ކިޔޭނެއެއްނު؟"

"ޢިލްމަކީ ކިޔައިގެން ލިބޭ އެއްޗެއް ނޫން. އަޑު އަހައިގެން ލިބޭ އެއްޗެއް."

"ގޭގައި ހުރެގެން ކިޔެވުމުގެ ގެއްލުމަކީ ކޮބާ؟"

"އަހަރެންގެ ފުރާނަޔާ. ޙުޟިރްގެފާނުގެ އަރިހަށް ވަޑައިގަންނަވާން ޖެހިވަޑައިގަތީ މޫސާގެފާނަށް. ޙުޟިރްގެފާނު މޫސާގެފާނުގެ އަރިހަށް ވަޑައިގަތީއެއް ނޫން. ފުރިހަމަ ޢިލްމެއް ހޯދާން ބޭނުމިއްޔާ އެވަރުގެ ދަތުރެއް ކޮށްލާން ވާނެ."

"ތިޔަ... ތިޔަ ދައްކާ ހުރިހައި ވާހަކައެއްވެސް ރަނގަޅު. އެކަމަކު އަހަރެން ދައްކާ ވާހަކަވެސް ރަނގަޅު."

"مُّذَبۡذَبِينَ بَيۡنَ ذَٰلِكَ لَآ إِلَىٰ هَٰٓؤُلَآءِ وَلَآ إِلَىٰ هَٰٓؤُلَآءِۚ" ފަރިޝްތޭ ގަލަން އިނގިލީގައި އަނބުރައިލަމުން ހިނިތުން ވެލައިފައި ފުން ނޭވައެއް ލިއެވެ. (އެދެމެދުގައި (އެބަހީ: އީމާންކަމާއި ކާފިރުކަމާ ދެމެދުގައި) ދެއަތަށް ކިރިކިރިތިބޭ ހާލުގައެވެ. މިބަޔަކަށްވެސް ނޫނެވެ. އަދި، އެބަޔަކަށްވެސް ނޫނެވެ. (އެބަހީ: މުއުމިނުންގެ ޖަމާއަތަކަށްވެސް، އަދި، ކާފަރުންގެ ޖަމާއަތަކަށްވެސް އެއުރެން ނިސްބަތެއް ނުވެއެވެ.)) – އައްނިސާއު ސޫރަތުގެ 143 ވަނަ އާޔަތުގެ ބައެއް.

"ދެންމެ ތިޔަކީ އެއްޗެއް ތިޔަކީ އަރަބި ބަހުން. އާއްމު މީހުންނަކަށް އަރަބި ބަހެއް ނޭނގޭނެ. ޤުރްއާން އަހަރެމެންގެ ބަހުން ބާވައި ނުލެއްވީ ކީއްވެގެން؟"

"ރަނގަޅު ސުވާލެއް." ފަރިޝްތޭ ގޮނޑިން ތެދުވެގެން ގޮސް އެއް ފަރާތުގައި ހުރި ފޮތް ހަރުގަނޑަކުން ފޮތެއް ނަގައިފިއެވެ. "މެހެމިލް ތިޔަ ބުނަނީ ހަމައެކަނި ތަރުޖަމާގެ އެހީގައި ޤުރްއާން ކިޔައިލީމާ ފުދޭނެއޭ ދޯ؟" އޭނާ އެ ފޮތް ހިފައިގެން އައިސް އަނެއްކާވެސް ގޮނޑީގައި އިށީނދެއްޖެއެވެ.

"މިއީ އިސްރާ ސޫރަތް. މި ވާހަކައަކީ އާދަމުގެފާނަށް ސަޖިދަ ޖަހާން އެންގެވީމާ އިބިލީސް އިންކާރުކުޅަ ވާހަކަ. މިތާގައި އާދަމުގެ ދަރީންނަށް ހަދާނޭ ގޮތް ކިޔައިދެމުން އިބިލީސް ބޭނުންކުރި ބަހަކީ ކޮބައިތޯ ނިކަން ބަލައިލަބަލަ. ކިޔައިލާ..." ފަރިޝްތޭ ވަކި ލަފުޒެއްގައި އިނގިލި ޖައްސައިލިއެވެ. މެހެމަލް ގުދުވެފައި ބަލައިލިއެވެ.

"لأَحْتَنِكَنَّ ... ހަމަކަށަވަރުން އަހަރެން ނެތިކޮށްލާނަމޭ." އޭނާ ލަފުޒުގެ މާނަ ކިޔައިލިއެވެ.

"ރަނގަޅު. ދެންމެ ތިޔަކީ ހަމަކަށަވަރުންގެ މާނަ ނުކުންނަ އަކުރުތައް އުނިކޮށްލީމާ އޮންނާނީ ތިން އަކުރު. އެއީ ޙާއާއި ނޫނާއި ކާފާ. މި ލަފުޒުގެ ތިން މާނައެއް އޮވޭ. އެއް މާނައަކީ އެއްޗެއް ވަރަށް މޮޅަށް ވަރަށް ފުނަށް ދެނެގަތުން. ދެވަނަ މާނައަކީ ދަނޑުފަނގު ހަލާކުކޮށް ސުންނާފަތި ކޮށްލުން. ތިންވަނަ މާނައަކީ އަހުގެ އަނގައިގެ ވަށައިގެންވާ ގޮތަށް ލަގަން އައްސައި އަސް ތިމާގެ ބާރުގެ ދަށަށް ގެނައުން. އިނގިރޭސިބަހުން އެޔަށް މި ކިޔަނީ ކޮންޓްރޯލް. އަރަބީގެ ވުސްޢަތުގައި ބުނެފައި އޮންނަ ގޮތުގައި ޝައިޠާނާ އަހަރެމެންގެ ނަފްސިއްޔާތު ދަނޭ. އެހެންވީމާ އަހަރެމެންގެ އީމާންކަން ހަލާކުކޮށް ސުންނާފަތިކޮށް އެކަލޭގެ އަހަރެމެން ކޮންޓްރޯލު ކުރަނީ. ލަގަނަކީ އާއްމު ގޮތެއްގައި އަނގައިގެ ވަށައިގެންނާއެކު އަޅާ އެއްޗެއް. ޤުރްއާން ޢަރަބި ބަހުން ބާވައިލެއްވީ އެހެން ވެގެން... މާނައަކީ... މެހެމަލް މިހާރު ތިޔަހަރީ ފޫހި ވެފައި. އަޅާނުލާ. އެވާހަކަ ބާއްވަމާ ހިނގާ. އަހަރެން މި ވާހަކަ ދައްކަނީ ދުނިޔެވީ ތައުލީމުގެ ތެރެއަށް ގެއްލިގެން ގޮސް މިހާރު ލިބިފައި ތިޔަ އޮތް ފުރުސަތު މެހެމަލަށް ގެއްލިދާނެތީ. މިހާރު ވަގުތު އެބައޮތެއްނު؟"

"މި އުޅޭ ކަޓު މަވްލަވީންނެކޭ އެއްގޮތަށް ފަރިޝްތޭވެސް ގަބޫލު ކުރަނީ ދުނިޔަވީ ތައުލީމަކީ ފާފައެއް ކަމަށްތަ؟"

"ނޫނޭ. ދުނިޔަވީ ތައުލީމު ލިބިގަތުމަކީ އެއްގޮތަކަށްވެސް ނުބައި ކަމެއް ނޫން. އެކަމަކު ދުނިޔަވީ ތައުލީމުގެ ތެރެއަށް ގެއްލިގެން ގޮސް މާއްދިޔަތަށް އަޅުކަން ކުރާ ހިސާބަށް ދިއުން އެއީ ފާފައެއް."

"އަހަރެން ދަނީ." އޭނާ ކުއްލިއަކަށް ދަބަސް ކޮނޑުގައި އަޅުވައިގެން ތެދުވެއްޖެއެވެ.

"އާނ. މާ ލަސްވެސް ވެއްޖެ. ގޭ މީހުން މިހާރު ކަންބޮޑުވެގެން އުޅޭނެ."

"އެއްވެސް މީހަކު ކަންބޮޑުވެގެންނެއް ނޫޅޭނެ. ޔަތީމުންގެ ކަންތައްތަކާ ކަންބޮޑުވެގެން އުޅޭ ބަޔަކު ނެތް."

"ޔަތީމަކީ ކާކު؟" ފަރިޝްތޭ ހައިރާން ވެފައި އަހައިލިއެވެ.

"އަހަރެން. އަހަރެންގެ ބައްޕަ ދުނިޔެއަކު ނެތް."

"މެހެމަލްގެ އުމުރަކީ ކޮބާ؟"

"ވިހި އަހަރު."

"އެހެން ވެއްޖެއްޔާ މެހެމަލަކީ ޔަތީމެއް ނޫން. ޔަތީމުންނޭ ކިޔަނީ ބާލިޣުނުވާ ކުދިންގެ ބަފައި މަރުވީމާ. ބާލިޣު ވުމަށް ފަހު އެއްވެސް މީހަކު ޔަތީމަކަށް ނުވާނެ. މެހެމަލް. އަމިއްލައަށް ނިކަމެތިކަމާއި ބަލިކަށިކަމުގެ އިހުސާސް ކުރުން ހުއްޓައިލާ."

"ތިޔަ ދައްކަނީ ކޮން ކަހަލަ ވާހަކައެއް؟" މެހެމަލް އާދަޔާ ޚިލާފު ގޮތަކަށް ފަރިޝްތޭއާ ދިމާއަށް ބަލައިލިއެވެ. އަދި އިތުރު ވާހަކައެއް ދެއްކުމަކާ ނުލައި ނުކުންނާން ހިނގައިގެންފިއެވެ. ފަރިޝްތޭ ދެއްކި ވާހަކަ އޭނާއަކަށް ކަމަކު ނުދިޔައެވެ.

"ބަސްފޮތާއި ލުޣަވީ މާނަ ކޮންމެ ގޮތަކަށް އޮތަސް އަހަންނަށް ވަރިހަމައެވެ. އަހަންނަކީ ޔަތީމަކީމެވެ." އޭނާ ގޯޅިތެރެއިން ހިނގާފައި ގޮސް ފެންޑާއަށް ނުކުމެއްޖެއެވެ. ފެންޑާއިން ގޮސް ދެތިން ފިޔަވަޅު އެޅިތަނާ އެއްކަލަ މޭޒުދޮށުގައި އިންނަ ކުއްޖާ އޭނާއަށް ގޮވައިލިއެވެ.

"އައްސަލާމް ޢަލައިކުމް. މިއޮތީ ކުލާހަށް ވަންނާން އެދޭ ފޯމު. ފަރިޝްތޭދައްތަ ވިދާޅުވީ މެހެމަލަށް މި ފޯމު ބޭނުން ވާނެއޭ."

"ހޫނ..." އޭނާ މާނޭވައެއް ލައިފައި މޭޒު ކައިރިއަށް ޖެހިލިއެވެ. "ދައްކަބަލަ."

"ފޯމު ބަލައިފައި އަނބުރައި ދޭނީއެވެ. މަވްލަވީއަކަށް ވާކަށް އަހަރެން ބޭނުމެއް ނޫނެވެ." އޭނާގެ ހިތަށް އެރިއެވެ.

"އައު ބެޗަކީ ކޮބާ؟" އޭނާ ފޯމު ބަލާން ފަށައިފިއެވެ.

"ޢިލްމުލްކިތާބް. މާދަމާ ނޫން އަނެއް ދުވަހު ފުރަތަމަ ކުލާސް އޮންނާނެ."

"އަހަރެން ކުލާހަށް އަންނާކަށް ބޭނުމެއް ނޫނޭ ފަރިޝްތޭ ގާތު ބުނާނީއެވެ. އޭނާ ރުޅި އަޔަސް އެންމެ ރަނގަޅެވެ." އޭނާ ވިސްނަމުން ދިޔައެވެ.

"މި ފޯމު ފުރައިފައި ދޭން ޖެހެނީ ކޮން ތަނަކަށް؟"

"މި މޭޒަށް."

"ފީ އަކީ ކޮބާ؟"

"ޢިލްމަކަށް ފީއެއް ނޯންނާނެ."

"އެކަމަކުވެސް ކޮންމެވެސް މިންވަރެއް ނަގާނެތާ."

"ޤުރްއާން ކިޔަވައި ދޭކަށް އެއްވެސް އަގެއް މި ތަނަކުން ނުނަގާ."

"އެންމެ ރަނގަޅެވެ. އަގު ނުނަގާށެވެ. އަހަރެން މިތަނަށް ވަންނާން އެބަ އުޅެން ހެއްޔެވެ؟ ދުވާލު ހަތަރުދަމު ބުރުގާ އަޅައިގެން މިތާގައި އުޅުމަކީ އަހަންނަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. ފަރިޝްތޭއެވެ. އަހަންނަށް މައާފު ކުރާށެވެ. އަހަންނަކަށް މި ކަމެއް ނުވާނެއެވެ." އޭނާ ހިތާހިތާ ކިޔައިލިއެވެ.

އެކަމަކު އޭގެ ދިހަ މިނިޓު ފަހުން އޭނާ އިނީ އެ ފޯމު ފުރާށެވެ.

* * *

ދަބަހުގެ ވާ ފަށުގައި ހިފަހައްޓައި އެލުވައިގެން އޭނާ ވަރުބަލިވެފައިވާ ގޮތަކަށް ހިނގަމުން ދިޔައެވެ. ދަބަސް އޮތީ ކިރިޔާ ބިންމަތީގައި ނުޖެހިއެވެ. އޭނާ ގޮސް އެއްކަލަ ހުހަށް ހުރި ދިގުގޮނޑީގައި އިށީނދެއްޖެއެވެ. ފޯމު ފުރުމަށް ފަހު މަރުކަޒުން އޭނާ ނުކުތީ ފަރިޝްތޭއާ ބައްދަލުވެސް ނުކޮށެވެ.

ކޮންމެވެސް މީހަކު ބާރަށް ދުވެފައި އައިސް އޭނާގެ ގާތަށް ހުއްޓިއްޖެއެވެ. "ކިހިނެއް؟"

އޭނާ އިސް އުފުލައި ބަލައިލިއެވެ. އޭނާގެ ކުރިމަތީގައި ހުރީ ހުމާޔޫނެވެ. ލައިގެން ހުރީ ހުދުކުލައިގެ ގަންޖުފަރާހަކާއި ނޫކުލައިގެ ހަރުވާޅެކެވެ. ހުރީ ދާހިއްލާ ފޯވެފައެވެ. ބޯވެސް ހުރީ ތެމިފައެވެ. އޭނާ ކަސްރަތަށް ދުވާން ނުކުމެފައި އެނބުރި އައީއެވެ.

"އަހަރެންގެ ހާލު ކޮންމެ ގޮތަކަށް ހުއްޓަސް ހުމާޔޫނަކާ ބެހޭ ކަމެއް ނޫން."

"ބެހެން އެބަޖެހޭ އަދި. މިތާގައި ހުއްޓާ ފެނުނީމާ އަހަންނަށް އެއް ކަމެއް ޔަގީން ވެއްޖެ. ތިޔަހަރީ އަހަންނާ ދެކޮޅަށް ހެކިބަސް ދޭން ރަނގަޅަށް ތައްޔާރު ވެގެން."

"ތައްޔާރުވާން ޖެހޭނެތާ. ދެން ހަދާނީ ކިހިނެއް؟"

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.