މުޞްޙަފް - 49

(23 ޖޫން 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

މެހެމަލް ގައުވެފައި އިނދެގެން އެ އާޔަތަށް ބަލަނީއެވެ. ފޮތުގައި ހިފަހައްޓައިގެން ހުރި ދެ އަތަކުވެސް ބާރެއް ނެތެވެ. ހަމަ ހަގީގަތުގައިވެސް އެ ހުރިހައި ވާހަކައެއް ޤުރްއާނުގައި އެ އޮތީ ލިޔެވިފައި ހެއްޔެވެ؟ އެކަމަކު... އެކަމަކު އެއީ ކިހިނެއް ވާނޭ ކަމެއް ހެއްޔެވެ؟ ވަޞިއްޔަތް... ދެ މީހަކު ލައްވައި ހުވައި ކުރުވުން... ތިމާގެ މީހުން... މި ހުރިހައި ކަމެއް... މި ހުރިހައި ކަމެއް މި ދިމާވަނީ އޭނާއަށެވެ.

އޭނާއަކަށް އެސްފިޔައެއްވެސް ޖަހައެއް ނުލެވުނެވެ. ހިތް ފުރިގެން ބަންޑުން ވަނީއެވެ. ޖެހިލުންވުމާއި ބިރުގެ ސަބަބުންނެވެ. އަތް ތުރުތުރުލަނީއެވެ. ފިނިދާ ހިއްލަނީއެވެ. އޭނާގެ އަތުގައި އޮތް ފޮތުގެ ބަރުދަން މިހާރު އިހުސާސް ކުރެވޭން ފަށައިފިއެވެ. އެއީ ފަރުބަދައެއްގެ މައްޗަށް ބާވައިލެއްވި ނަމަ އެ ފަރުބަދައެއް ކުނޑިކުނޑިވެގެން ހިނގައިދާފަދަ ފޮތެކެވެ. އޭނާއަށް އެފޮތް އުފުލޭނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ ގައިގައި އެ ހިތްވަރު އެބަހުރި ހެއްޔެވެ؟ އެއީ އާދައިގެ ފޮތެއް ނޫނެވެ. އެއީ ﷲ ގެ ފޮތެވެ. ﷲ އެ ފޮތް ބާވައިލެއްވީ ބޭނުންފުޅަކާ ނުލައެއް ނޫނެވެ. އެ ފޮތުގެ ކޮންމެ ލަފުޒަކީ މެސެޖެކެވެ. ކޮންމެ އަކުރަކީ އިޝާރާތެކެވެ. އޭނާގެ އުމުރުން ފާއިތުވެ ދިޔަތަން ބޭކާރު ވެގެން ދިޔައީއެވެ. ޤުރްއާނުގެ މެސެޖެއް ނުފެނިއެވެ.

"މެހެމަލް... އުމުރު ދުވަސް ބޭކާރު ކޮށްލީ ހެއްޔެވެ؟ މި ފޮތަކީ މަތާރަންފިލާމަތީގައި ބާއްވަން ބާވައިލެއްވި ފޮތެއް ނޫނެވެ. މިއީ ކިޔަވައި ހިދާޔަތު ލިބިގަންނާން އޮތް ފޮތެކެވެ."

އެހެން ހުރިހައި ފަހަރެކޭ އެއްފަދައިން މި ފަހަރުވެސް އެ ފޮތް އޭނާ ޙައިރާން ކޮށްލައިފިއެވެ. ވިސްނުމާއި ފިކުރު ކުރުން ކީއްކުރަން ހެއްޔެވެ؟ އޭނާއަކަށް އެ އާޔަތާ ދިމާއަށް ދެލޯ ބޮޑުކޮށްގެން ބަލަހައްޓައިގެން ހުރުން ނޫން ކަމެއް ނުކުރެވުނެވެ. މިއީ ކިހިނެއްވާ ކަމެއް ހެއްޔެވެ؟ މި ފޮތަށް ހުރިހައި ކަމެއް އެނގެނީ ކިހިނެއް ހެއްޔެވެ؟

"އެއީ މި ފޮތަކީ ﷲ ގެ ފޮތެއް ކަމުގައި ވާތީއެވެ. މޮޔަ ކުއްޖާއެވެ. މިއީ ﷲ ގެ ބަސްފުޅެވެ. ޚާއްސަކޮށް އަހަރެމެންނަށްޓަކައި ބާވައިލެއްވި މެސެޖެވެ. އަހަރެމެން އަޑު އަހާން ބޭނުން ނުވުމަކީ މުޅީން އެހެން ކަމެކެވެ." އޭނާގެ ހިތާ މުޚާޠާބް އެބަ ކުރެވެއެވެ.

އެއީ ކާކުގެ އަޑެއް ހެއްޔެވެ؟ އޭނާގެ ހިތާ ވާހަކަ ދައްކަނީ ކާކު ކަމެއް އޭނާއަކަށް ނޭނގެއެވެ.

އޭނާ ދޮރު ހުޅުވައިލީ އަޑަށް އެންމެން ސިހިފައި ބަލައިލިއެވެ. އޭނާ މަޑުމަޑުން އެމީހުންނާ ދިމާއަށް ހިނގައިގެންފިއެވެ. މޫނުގެ ކުލަވަރު ހުރީ ކުޑަކޮށް ފަނޑުވެފައެވެ. އެމީހުން ސިހުނީ އެހެން ސަބަބަކާ ހުރެ ކަމުގައިވެސް ވެދާނެއެވެ. އޭނާ އައިސް އެމީހުންގެ ކުރިމައްޗަށް ހުއްޓިއްޖެއެވެ.

"އާޣާޖާން."

އާޣާ ކަރީމް އޭނާގެ ލޮލަށް ބަލައިލިއެވެ. މިހާރު އެ ލޮލުން ފެންނަނީ ބީރައްޓެހިކަމުގެ އަސަރެވެ.

"އާނ... ކީކޭ؟"

"އަސުރު ނަމާދުން ފައިބައިގެން ﷲ ގަންދީ ހުވައިކޮށްފައި މަންމަގެ ވަޞިއްޔަތުގެ އަޑު އެހީމޭ ބުނަން ކެރޭނީ އަޅުގަނޑުގެ މަންމަ ވަޞިއްޔަތްކުރި ވަގުތު އެތާގައި ތިބި މީހުންގެ ތެރެއިން ކޮންކޮން ބަޔަކަށްތޯ؟"

މުޅި ތަނަށް ހިމޭންކަން ވެރިވެއްޖެއެވެ. ފަރިޝްތޭ އިސްޖަހައިލުމަށް ފަހު ހިނިތުންވެލިއެވެ.

އާޣާ ކަރީމް ހައިރާން ވެފައި ތެދުވެއްޖެއެވެ. "ތިޔަ ކިޔަނީ ކީކޭ؟"

"މާއިދަތު ސޫރަތުގައި އޮތީ ކީކޭކަން އާޣާޖާނަށް އެނގިލައްވައެއް ނޫންތޯ؟ އަޑު އެހި ދެމީހަކު އަޑުއެހި ކަމަށް ﷲ ގަންދީ ހުވައި ކޮށްފައި ބުނަން ވާނެ."

"ތިޔައީ ކޮން ހާސަރެއް؟" އާޣާ ކަރީމް އާދައިގެ މަތީން ރުޅި އައިސްފައި ފުފިގެންފިއެވެ. "މެހެމަލް އަހަރެމެންނަށް އިތުބާރު ނުކުރަނީތަ؟"

"ނުކުރަން."

"ކަލޭ..." އޭނާ މުށްކަވައިލިއެވެ. އެ ވަގުތު ފަރިޝްތޭގެ މައްޗަށް އޭނާގެ ނަޒަރު ހުއްޓުނެވެ.

ފަރިޝްތޭ ކޮނޑު އަރުލައިލިއެވެ. "އަޅުގަނޑު އެއްވެސް ކަމެއް ނުކުރަމެއް ނޫންތޯ؟"

"ކަލޭގެ ކަންތައް އަހަރެން ފަހުން ހަމަޖައްސާނަން..."

"ހުވައި ކުރައްވާނަންތޯ ނުވަތަ ނޫންތޯ؟" މެހެމަލް އާޣާ ކަރީމްގެ ވާހަކަ މެދުކަނޑައިލުމަށް ފަހު ވަރަށް ބާރަށް އަހައިލިއެވެ. އެއަށްފަހު އޭނާ ބަލައިލީ ސޯފާގައި އިށީނދެގެން ތިބި އެހެން މީހުންނާ ދިމާއަށެވެ. "އެވަގުތު މަންމަ ގާތުގައި ތިބީ ކޮން ބައެއް؟ ހުވައި ކުރާނީ ކާކު؟ ﷲ ގަންދީ ހުވައިކޮށް ހެކިބަސް ދޭން ކެރޭނީ ކާކަށް؟ ޖަވާބެއްދީ."

އެމީހުން ހިމޭނުން ތިބެގެން އެކަކު އަނެކަކާ ދިމާއަށް ބަލާން ފަށައިފިއެވެ. އޭނާގެ ސުވާލުގެ ޖަވާބު ލިބިއްޖެއެވެ. މީގެ ކުރީން އެ އާޔަތް ބަލައިލެވުނު ނަމައެވެ. އެހެން ހެދުނު ނަމަ މިއަދު މި ހިނގާ ކަންތައްތަކެއް ނުހިނގީހެވެ. އޭނާއަކަށް ނުބައި ފިޔަވަޅެއް ނޭޅުނީހެވެ. ﷲ ތަޢާލާ ވަޙީ ކުރައްވަނީ ރަނގަޅަށެވެ. އަހަރެމެންނަށް ކުރިމަތިވާ ގިނަ މުސީބާތަކީ އަމިއްލައަށް ހޯދައިގަންނަ މުސީބާތެވެ.

"މިހާރު އެނގިއްޖެ. އެންމެން ވެގެން އަހަންނަށް ދޮގު ހެދީ. އެންމެ ރަނގަޅު... އަހަރެން މި ކާވެންޏެއް ނުކުރާނަން. ވަސީމަކާ ނީންނާނަން. އެކަކާވެސް ނީންނާނަން." އޭނާ ބޮލުގައި އަޅައިފައި ހުރި ގަހަނާ ނަގައި އެއްލައިލިއެވެ.

"އަހަރެންގެ ފައިސަލާވެސް އަޑު އަހާ." އާޣާ ކަރީމް ފުން ނޭވައެއް ލުމަށް ފަހު ބުނެލިއެވެ. "ފުރަތަމަ ކަލޭ..." އޭނާ ރުޅިވެރިކަމާއެކު ފަރިޝްތޭއާ ދިމާއަށް ބަލައިލިއެވެ. "ކަލޭ ހަމަ މިހާރު މިގެއިން ނުކުމެގެން ދޭ."

"މިއީ އަޅުގަނޑުގެ ބައްޕަގެ ގެ. އަޅުގަނޑު އެއްވެސް ތަނަކަށް ނުދާނަން."

"އެންމެ ރަނގަޅު... ފަވާދް." އޭނާ ފަވާދަށް އިޝާރާތް ކޮށްލިއެވެ. ފަވާދް ބޯ ޖަހައިލުމަށް ފަހު ގޮސް ފަރިޝްތޭގެ މުލައްދަނޑީގައި ހިފައި ދަމައިގެންފިއެވެ.

"އަހަރެންގެ އަތުން ދޫކޮށްލާ." ފަރިޝްތޭ އިނީ ކުއްލިއަކަށް އެކަހަލަ ކަމެއް ދިމާވެދާނޭ ކަމަށް ތައްޔާރު ވެގެންނެއް ނޫނެވެ. އޭނާ ވީއްލިގަނެވޭތޯ މަސައްކަތް ކުރިއެވެ. އެކަމަކު ފަވާދްގެ ބާރު އެޔަށްވުރެ މާ ގަދައެވެ. ފަވާދް އޭނާ ދަމައިފައި ދޮރާށްޓާ ދިމާއަށް ގެންދާން ފަށައިފިއެވެ.

އާޣާ ކަރީމް މެހެމަލާ ދިމާއަށް އެނބުރިލިއެވެ. "ކަލޭ ވަސީމާ އިންނާނަންތަ؟"

"ނީންނާނަން. އަހަރެންގެ ދައްތަ ދޫކޮށްލާ." މެހެމަލް ފަވާދާ ދިމާއަށް ހިނގައިގަތުމާއެކު އާޣާ ކަރީމް އޭނާގެ އިސްތަށިގަނޑުގައި ހިފައި ދަމައިގަތެވެ.

"ނީންނާނަމޭ؟" އާޣާ ކަރީމް އޭނާގެ ކަންކަށި މަތީގައި ޖަހައިފިއެވެ. އެޔާއެކު އޭނާ ބިންމައްޗަށް ވެއްޓިއްޖެއެވެ. "އަހަރެމެން ކަލޭގެ ފަހަތުން އާދޭސް ކުރަމުން ދުވާނޭ ކަމަށް ހީކުރީތަ؟ ކަލެއަށް ޖެހޭނީ ވަސީމާ އިންނަން. ކާވެނި ކުރާނީ ހަމަ މި ވަގުތު... އަސަދް. ކާވެނި ކުރާ މީހުން ހަމަ މިހާރު ގެނޭ. ކާވެނި ނުކޮށް ހުރެވޭތޯ އަހަރެން ބަލާނަން."

"އަހަރެންގެ ކޮއްކޮ ދޫކޮށްލާ." މެހެމަލަށް އަނިޔާ ކުރާތަން ފެނުނީމާ ފަރިޝްތޭ ފަވާދް ކޮށްޕާލައިފައި ވީއްލިގަނެވޭތޯ މަސައްކަތް ކުރިއެވެ. އެކަމަކު ކާމިޔާބެއް ނުވިއެވެ. ފަވާދް އޭނާ ދަމައިފައި ދޮރާށްޓާ ހަމައަށް ގެންގޮސްފިއެވެ.

"ފަވާދްބޭބޭ. އޭނާ ދޫކޮށްލާ." ކުއްލިއަކަށް ޙަސަން ނުކުމެ ލެވުނުހައި ބާރެއް ލާފައި ފަވާދްގެ އަތުގައި ހިފައި ފަހަތަށް ދަމައިގެންފިއެވެ. ފަވާދް ހުރީ އެ ހަމަލާއަށް ތައްޔާރު ވެގެން ކަމުގައި ނުވާތީ އަރިއަޅާލައިގެން ވެއްޓޭން އުޅެފައިމެ ސަމާލު ވެގެންފިއެވެ. ފަވާދްގެ އަތްދަށުން ސަލާމަތްވީމާ ފަރިޝްތޭ ދުވެފައި މެހެމަލާ ދިމާއަށް އަތުވެއްޖެއެވެ. އާޣާ ކަރީމް އޭރުވެސް މެހެމަލްގެ ގައިގައި ތަޅަނީއެވެ. ފަވާދް ރުޅި އައިސްފައި ޙަސަނާ ދިމާއަށް ބަލައިލިއެވެ. އެކަމަކު އޭނާ ޙަސަނަށް ހަމަލާ ދިނުމުގެ ކުރިން ފިޒާ ހަސަނުގެ އަތުގައި ހިފައި ދަމާ ގެނެސްފިއެވެ.

"އަހަރެންގެ ކޮއްކޮ ދޫކޮށްލާ." ފަރިޝްތޭ އާޣާ ކަރީމްގެ އަތުގައި ހިފަހައްޓާން އުޅުނެވެ. އެވަގުތު އޭނާ ފަރިޝްތޭގެ ކަންކަށިމަތީގައި އެތިފަހަރެއް ޖަހައިފިއެވެ. ފަރިޝްތޭ އަރި އަޅާލައިގެން ވެއްޓިއްޖެއެވެ. ވެއްޓިގެން ދިޔައިރު ކައިރީގައި ހުރީ މޭޒުގެ ދާރައިގައި އަނގަމަތި ޖެހި ތުންފަތް ފަޅައިގެން ހިނގައްޖެއެވެ. ބޮލަށް އެނބުރުންއަރާގޮތްވެސް ވިއެވެ. އެކަމަކު ދެވަނަ ސިކުންތުގެ ތެރޭގައި ތެދުވެ ހުސިޔާރު ވެގެންފިއެވެ.

މެހެމަލް މޫނުމަތީގައި އަތް އަޅައިގެން ސަލާމަތްވާން މަސައްކަތް ކުރަމުން ރޮމުން ގެންދަނީއެވެ. މި ފަހަރު އާޣާ ކަރީމްގެ އަތުގައި ހިފަހައްޓާކަށް ފަރިޝްތޭ މަސައްކަތެއް ނުކުރެއެވެ. މެހެމަލްގެ މެދުހަށީގައި ހިފައިފައި ފަހަތަށް ދަމައިގަތީއެވެ. ދެތިން ފޫޓު ފަހަތަށް ދަމައި ގެނެސްފިއެވެ. އޭނާގެ ބޮލުގައި އޮތް ދޯޕައްޓާ ވެއްޓިއްޖެއެވެ. އިސްތަށިގަނޑު އޮތީ މޫނުމައްޗަށް ވެއްޓިފައެވެ.

އާޣާ ކަރީމް ކުރިއަށް ޖެހިލައި މެހެމަލަށް ހަމަލާ ދޭން އުޅުނެވެ. އެކަމަކު މި ފަހަރު އެ ދެމެދަށް ފަރިޝްތޭ ވަދެއްޖެއެވެ. ދެމީހުންގެ މެދުގައި ހުރަހަކަށް ވެގެން ހުއްޓި ހުރެއްޖެއެވެ.

"އަހަރެންގެ ކޮއްކޮގެ ގައިގައި އަތް ނުލާތި." ދެ އަތް ފުޅާކޮށްފައި އޭނާ ހަޅޭއް ލަވައިގަތެވެ. "ކަލޭމެން ތިޔަހައި ހަޔާތްކުޑަ ވެދާނެއެކޭ އަހަރެންގެ ހިތަކަށްވެސް ނާރާ. މެހެމަލް ކަލޭމެނަށް ކީއްކުރީތަ؟"

"ދުރަށް ދޭ. އެހެން ނޫނީ މިއަދު އަހަރެންގެ އަތުން ކަލޭ މަރުވާނެ." އާޣާ ކަރީމް ރުޅި އައިސްގެން ކުރިއަށް ޖެހިލާން އުޅުނީމާ ފަވާދް އޭނާގެ އަތުގައި ހިފަހައްޓައިފިއެވެ.

"ބައްޕާ. ހަމަޖެހިލައްވާ." ފަވާދް މަޑުމަޑުން ބުނެލިއެވެ.

މެހެމަލް އަދިވެސް ރޮނީއެވެ. ފަރިޝްތޭ ހުރީ އޭނާގެ ކުރިމަތީގައި ހުއްޓިގެންނެވެ. ފާރަކަށް ވެގެންނެވެ. ލޮލުން ފާޅުވަނީ ރުޅިވެރިކަމެވެ. ފަވާދް ބޭނުން ނަމަ އަނެއްކާވެސް ފަރިޝްތޭއަށް ހަމަލާ ދެވުނީހެވެ. އެކަމަކު އޭނާ އެހެންނެއް ނުހެދިއެވެ. އާޣާ ކަރީމް ގެންގޮސް ގޮނޑިއެއްގައި ބައިންދައިފިއެވެ.

"އަހަރެން މިގޭގައި މެހެމަލް އެންމެ މިނިޓަކަށްވެސް ނުބަހައްޓާނަން... މެހެމަލް ތެދުވޭ. ބޭނުންވާ އެއްޗެއް މި ގޭގައި ހުރިއްޔާ އެ އެއްޗެއް ހިފައިގެން އަހަންނާއެކު ހިނގާ." މެހެމަލް އޭރު ހުރީ އުޑަފައިން އިށީނދެގެންނެވެ. އޭނާ މެހެމަލް ކޮޅަށް ނެގޭތޯ އުޅުނެވެ.

"ފަރިޝްތޭ. ކަލޭ މެހެމަލް ގޮވައިގެން ދިޔައީމާ އަހަރެމެން އާއިލާގެ މީހުން ގާތު ބުނާނީ ކީކޭ؟ އޭނާގެ ދައްތަ އައިސް ގޮވައިގެން ހިނގައްޖެއޭ ބުނާނެހެން ހީވޭތަ؟"

ފަރިޝްތޭ އެނބުރި ފަވާދާ ދިމާއަށް ބަލައިލިއެވެ. އެކިޔަނީ ކީކޭކަން ނޭނގޭ ކަހަލަ ގޮތަކަށެވެ.

"ކީކޭ؟"

"އަހަރެން މި ބުނަނީ ތިޔަ މަންޖެ މީގެ ކުރިންވެސް އެއް ރޭ ގެއިން ބޭރުގައި ހޭދަކޮށްފި. އެހެންވީމާ ކާވެނީގެ ކުރިން އެހެން ފިރިހެނަކާއެކު ފިލައިގެން ހިނގައްޖެއޭ ބުނީމާ އެންމެން ގަބޫލު ކުރާނެ."

ފަވާދްގެ މޫނުމަތީން މަކަރުވެރިކަމާއި ލުއްޗާކަން ފާޅުވޭވެ ހުއްޓެވެ.

"ނޫން..." މެހެމަލަށް ބުނެލެވުނެވެ.

"އަހަރެންގެ ކޮއްކޯ. ކަލޭ ނޫނެކޭ ބުނީމާ ބަދުނާމުން ސަލާމަތް ވާނެތަ؟ ދައްތަޔާއެކު ދޭ. އަހަރެމެން ނުހުއްޓުވާނަން. އެކަމަކު އާއިލާގެ ތެރޭގައި ކަލޭ ބަދުނާމު ކުރާނަންކަން ޔަގީން. ލޯބިވާ ދައްތައަށް ކަލޭ ބެލެހެއްޓޭނީ ކިހައި ދުވަހެއް ވާންދެން؟ ކަލޭ ދާނީ ކޮން ތަނަކަށް؟"

މެހެމަލް ދެލޯ ބޮޑުކޮށްގެން ފަވާދާ ދިމާއަށް ބަލަނީއެވެ. ފަރިޝްތޭއަކަށްވެސް ބުނާނޭ އެއްޗެއް ނޭނގުނެވެ.

"ކަލޭ މި ގެއިން ބޭރަށް އެންމެ ފިޔަވަޅެއް އެޅިޔަސް ބަދުނާމު ވާނެ. އާއިލާގެ މީހުން ކަލޭ ފީކުދާނަކަށް ހަދައިލާނެ. އަމާ މަރުވުމާއެކު ނުކުމެ..."

"ނޫން... ނޫން... އަހަރެން ނުދާނަން." ގަތް ބިރެއްގެ ސަބަބުން މެހެމަލްގެ އަޑު ނުކުތީވެސް އުނދަގުލާއެކީގައެވެ.

"މާނައަކީ ވަސީމާ އިންނަން ތައްޔާރޭ... ވަރަށް ރަނގަޅު ކޮއްކޯ." ފަވާދް މަކަރުވެރި ރާގަކަށް ބުނެލިއެވެ. "އަސަދްބޭބެ މިހާރު ގާޒީ ގޮވައިގެން އަންނާނެ... ވަސީމް ކޮބާ؟ ކޮންމެވެސް މީހަކު އޭނާއަށް ގޮވާބަލަ."

"ނޫން." ފަރިޝްތޭ ރުޅި އައިސް ރަތްވެފައި ފަވާދާ ދިމާއަށް ކަޅި އަޅައިލިއެވެ. "އަހަރެން ކަލޭގެ ކޮއްކޮއާ މެހެމަލާ ކާވެނި ކުރިޔަ ނުދޭނަން. ކަލޭމެން ހުރިހައި ކަމެއް ތިޔަ ކުރަނީ މެހެމަލްގެ މުދާގަނޑު ދަމައިގަންނާން ވެގެން. ކާވެންޏަށް ފަހު ހުރިހައި މުދަލެއް ކަލޭމެންގެ ނަންމައްޗަށް ބަދަލުކޮށްފައި މެހެމަލް ނެރެ އެއްލައިލާނޭކަން އަހަންނަށް އެނގޭ."

"އާނ. ތިޔައީ އަހަރެމެން ހަދާނެ ގޮތް." ފަވާދް ވަރަށް ހަމަޖެހިލައިގެން ހުރެ ބުނެލިއެވެ. ފަވާދް އެހައި އަވަހަށް އިއުތިރާފު ވެދާނޭ ކަމަކަށް ފަރިޝްތޭ ހިއެއް ނުކުރެއެވެ.

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.