މުޞްޙަފް - 66

(16 ޖުލައި 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ހުމާޔޫން މިހާރު ޖީބުދަބަހުން ފައިސާ ނަގަމުން ކޮންމެވެސް ވާހަކައެއް ދައްކަނީއެވެ. އަދި ކުޑަކޮށް ބޯ ހޫރައިލީތަންވެސް ފެނުނެވެ. ދެމީހުންގެ ގާތްކަން ވަރަށް ބޮޑުކަން ސާފުކޮށް އެނގޭވަރު ވެއެވެ.

"ހޫނ... ސަބަބަކީ މިއީތާއެވެ. ހުމާޔޫން ދާވޫދެވެ. އަހަރެން އެއްލައިލަނީ އާރްޒޫ ލިބިގެންތާއެވެ؟"

އޭނާގެ ހިތަށް ހިތާމައިގެ ރާޅެއް ބިންދައިލިއެވެ. ފަރިޝްތޭ ދެއްކީ ރަނގަޅު ވާހަކައެކެވެ. ކޮންމެވެސް ސަބަބެއް އޮންނާން ވާނެއެވެ. މެހެމަލްގެ ނުކުޅެދުންތެރި ބައްޔަކީ ބަހަނާއެކެވެ. އަސްލު ސަބަބަކީ އެ ކުޅަދާނަ އަދި ޒަމާނީ އަންހެން ކުއްޖާއެވެ. މިހާރުވެސް އެހެރީ އޭނާގެ ފިރިމީހާޔާއެކު އެންމެންގެ ކުރިމަތީގައި ކާށެވެ.

އޭނާގެ އަތުން ހުމާޔޫން ޖަހައިގަންނާނަމޭ އާރްޒޫ އޮތީ ބުނެފައެވެ. އެއީ ތެދު ވާހަކައެކެވެ.

ބިލްގީސް އޭނާ ގޮވައިގެން ގެއަށް އަތުވެއްޖެއެވެ. ގެއަށް ވަންއިރުވެސް އޭނާގެ ސިކުނޑީގައި އޮތީ އެއް މަންޒަރެކެވެ. ހީނހީނފައި ވާހަކަދައްކާން ތިބި ދެމީހުންނެވެ. ދެމީހުންނަކީވެސް އޭނާގެ ދެމީހުންނެވެ.

އޭނާ ގޮނޑީގައި އިށީނދެގެން ހިމޭން ވެފައި އިނީއެވެ. ބިލްގީސް އޭނާ ކޮޓަރިއަށް ލާފައި ދިޔައީ ކޮން އިރަކު ކަމެއްވެސް ނޭނގެއެވެ.

ކޮންމެވެސް މީހަކު އޭނާގެ ކޮނޑުމަތީގައި އަތް ބާއްވައިލީމާ ސިއްސައިގެން ގޮސްފައި އިސް އުފުލައި ބަލައިލިއެވެ. ކުރިމަތީގައި ހައިރާން ވެފައި ހުރީ ފަރިޝްތޭއެވެ. ޕާކިސްތާނު ހެދުމެއް ލައިގެންނެވެ. ދޯޕައްޓާ އޮތީ ކޮނޑުމަތީގައެވެ. އިސްތަށިގަނޑު އޮތީ ތެތާއެވެ. ހީވާގޮތުގައި އޭނާ ފެންވައިގެން އެ އައީ ދެންމެއެވެ.

"މެހެމަލް. ކޮން ދުނިޔެއަކަށް ގެއްލިފައި؟ އަހަރެން ގޮވާތާ ކޮން އިރެއް؟" އޭނާ އާދައިގެ މަތީން ބިންމަތީގައި އިށީނދެ މެހެމަލްގެ އަތުގައި ހިފައިލިއެވެ.

"ދައްތަ ބުނީ ހެޔޮ ވާހަކައެއް." އޭނާ ބަލި ގަބޫލުކޮށްފިއެވެ. ފަރިޝްތޭ ހީކުރީ އޭނާ ރޮނީ ކަމުގައެވެ. އެކަމަކު ލޮލުން ކަރުނައެއް ނުފައިބައެވެ. އެތެރެއިން ރޮނީއެވެ.

"އަހަރެން މިއަދު އެ ދެމީހުން ދެކެފިން."

"ކޮން ދެމީހުންނެއް؟" ފަރިޝްތޭ ދިޔައީ ސިއްސައިގެންނެވެ.

"ހުމާޔޫނާއި... އާރްޒޫއާ ދެމީހުން."

"އާރްޒޫ؟ އަސަދްބޭބެގެ ދަރި އާރްޒޫތަ؟"

"އާނ. އޭނާ. އަސަދްބޭބެ ނިޔާވެއްޖެތަ؟"

"އޭނާ ފެނުނީ ކޮން ތަނަކުން؟" ފަރިޝްތޭ މެހެމަލްގެ ސުވާލަށް ސަމާލުކަމެއް ނުދީ ސުވާލު ކޮށްލިއެވެ.

"މަރުކަޒުގައި ހުރި ރެސްޓޯރަންޓަކުން. ދެމީހުން ތިބީ ކާން... ސައިބޯން... ދައްތާ. ހުމާޔޫން ހުރީ ހޭން. އަހަރެން ހީކުރީ އޭނާ މިހާރު ހޭން ނުދަންނަކަމަށް."

"އެކަމަކު ވެދާނެއެއްނު... ނޭނގޭ... އެކަމަކު..." ފަރިޝްތޭ ބުނަން އުޅުނު ވާހަކަ ނުބުނެ ހުއްޓައިލިއެވެ.

"އަހަންނަށް އެނގޭ. އަހަންނަށް މި މެދުވެރިވާ ހާލަތަކީ އާރްޒޫގެ ސަބަބުން މެދުވެރިވާ ހާލަތެއް. ހުމާޔޫން އަހަރެންގެ އަތުން ފިރުކައިގަންނާނަމޭ އޭނާ އޮތީ ބުނެފައި. އޭނާ އެހެރީ އެކަން ފިސާރި ރަނގަޅަށް ކޮށްގެން. އޭނާ މިގެއަށް އާދޭތަ؟"

"އާނ... ވަރަށް ގިނައިން އާދޭ. އެކަމަކު މެހެމަލް ގެއަށް ބަދަލުކުރި ފަހަކުން ނާދޭ."

"އެހެންތަ؟" އޭނާ ހައިރާންވިއެވެ. އަދި ރުޅިވެސް އަތުވެއްޖެއެވެ. އޭނާ މިގެއަށް އަންނަނީ ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟

"ދައްތަ އޭނާ ގެއިން ނެރެނުލީ ކީއްވެގެން؟ ވަނަދިނީ ކީއްވެގެން؟"

"މެހެމަލް. މިއީ އަހަރެންގެ ގެއެއް ނޫން. އަހަންނަކަށް އެ ހައްގެއް ނޯންނާނެ."

މެހެމަލް ހިމޭން ވެއްޖެއެވެ. ދައްކާނޭ ވާހަކައެއް މިހާރަކު ނެތެވެ.

"ހުމާޔޫންގެ މެހުމާނުންގެ ބަޔަކު މިރޭ އެބަ އާދޭ. މިހާރު އުޅޭނީ އަންނާން. އަހަރެން ބަދިގޭގެ ކަންތައް ބަލާފައި އަންނާނަން." ފަރިޝްތޭ އޭނާގެ އަތުން ދޫކޮށްލުމަށް ފަހު ކޮޅަށް ތެދުވެއްޖެއެވެ.

"ދައްތާ... ދައްތަ ވަރަށް ރަނގަޅު." މެހެމަލަކަށް ނުބުނެއެއް ނުހުރެވުނެވެ.

"ތިޔަކަން އަހަރެން ދެނަހުރިން." ފަރިޝްތޭ ހިނިތުންވެލިއެވެ. "ދެން އަރާމުކޮށްލާ."

ފަރިޝްތޭ ނުކުމެގެން ދިޔައީމާވެސް އޭނާ އެތައް އިރެއް ވާންދެން އެހެން އިނެވެ.

ބޭރުން މީހުން ހެލިފެލިވާ އަޑު ކުޑަކޮށް އިވެއެވެ. މާ ގިނަ އިރުތަކެއް ނުވެ އޭނާއަށް ކުޑަދޮރުން ފެނުނީ ހުމާޔޫންގެ ކާރު އެތެރެއަށް ވަން ތަނެވެ. އޭނާޔާއެކު ތިން ފިރިހެނަކު އައެވެ. ހުމާޔޫން ހުރީ މިރޭ އޭނާއަށް ފެނުނުއިރު ލައިގެން ހުރި ހެދުމުގައެވެ. އެހެންވީމާ އެއީ އޭނާއަށް ހީވީ ގޮތެއް ނޫންކަން ޔަގީން ވެއްޖެއެވެ.

އޭނާ އިނީ ހުމާޔޫން ވަދެގެން އައިތަން ބަލާށެވެ. ބޭރުގައި ހުންނަ މީހަކަށް ކޮޓަރީގެ އެތެރެއެއް ނުފެންނާނެއެވެ. އޭނާގެ ހިތަށް އެރިއެވެ. މީގެ ފަހުން ބޭރުގައި ހުރި މީހާއަކަށް ދުވަހަކުވެސް އޭނާއެއް ނުފެންނާނެއެވެ. އެ މީހާ މިހާރު އެހެރީ މާ ރަނގަޅު މީހަކު ޚިޔާރުކޮށްގެންނެވެ. އެއީ މާ ޒަމާނީ ކުއްޖެކެވެ. މެހެމަލްހައި ރީތި ނުވީނަމަވެސް ގޮތްގޮތަށް ހެދިލީމާ މެހެމަލަށްވުރެ ރީތިކަމުގައި ފެންނަނީތާއެވެ.

ހާލާތު ދުވަހަކުވެސް ބަދަލުވާނެ ހެއްޔެވެ؟ ހުމާޔޫން އެނބުރި އަންނާނެ ހެއްޔެވެ؟ އޭނާގެ ހިތާމަތަކަށް ނިމުމެއް އަންނާނެ ހެއްޔެވެ؟ ތައިމޫރް އޭނާގެ ގާތަށް އަންނާނެ ހެއްޔެވެ؟ މިގެ އޭނާގެ ގެއެއްގެ ގޮތުގައި ދެމި ހުންނާނެ ހެއްޔެވެ؟ ނުވަތަ އޭނާ ގެއިން ނެރެލާނީ ހެއްޔެވެ؟ އެއްވެސް އެހީތެރިއަކާ ނުލައި އެކަނިމާއެކަނި ދިރިއުޅެން ދޫކޮށްލާނީ ހެއްޔެވެ؟

ހިތުގައި ހިނގާ ބިރުވެރި ޚިޔާލުތައް ކަރުނައަށް ވެގެން މަޑުމަޑުން ފައިބާން ފަށައިފިއެވެ. ކުރިމަގު އޭނާއަށް ފެންނަނީ ބިރުވެރި ސިފައަކަށެވެ. އޭނާ ލޯ މަރައިލިއެވެ.

"ތިޔަބައިމީހުން ބިރުގަންނަ ހުރިހައި އެއްޗަކަށްވުރެ ﷲ މާ މަތިވެރިއެވެ."

އޭނާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ދުޢާފުޅެއްގެ ޖުމުލައެއް މަޑުމަޑުން ކިޔަމުން ދިޔައެވެ. ހިތަށް ކުޑަކުޑަ ހަމަޖެހުމެއް ލިބި ގަރާރުވީމާ އޭނާ ދުޢާ ކުރުމަށްޓަކައި ދެއަތް އުފުލައިލިއެވެ.

"އޭ މިއަޅާވެ ވެރި ﷲއެވެ. މިބައިމީހުން މިއަޅާ ނިކަމެތިކޮށް މަގުމަތިކޮށްލީ ނަމަވެސް މިއަޅާގެ ގަދަރާއި އަބުރު ހިފަހައްޓާނޭ މީހަކާ ނޫނީ މި އަޅާ މަތި ނުކުރައްވާނދޭވެ. މިއަޅާއަށް ކޮންމެވެސް އުއްމީދެއް، ކޮންމެވެސް އަލިކަމެއް ދައްކަވައިފާނދޭވެ." އޭނާ ތުންފަތް ހަރަކާތް ކުރުމަކާ ނުލައި ދެ އަތަށް ބަލަހައްޓައިގެން އިނދެ ހިތުގެ އަޑީން ދުޢާ ކުރަމުން ދިޔައެވެ. ލޮލުން ކަރުނަ ފައިބަނީއެވެ.

ވަރަށް ގިނަ އިރުވާންދެން ރޮއިފައި ކަރުނަ ފޮހެލުމަށް ފަހު އޭނާ މޭޒުމަތީގައި އޮތް މުޞަޙަފް ނަގައިފިއެވެ. އެ ފޮތުގެ ބޭރުގައި ބޮޑު އަކުރުން "މީމު" ޖަހައިފައި އޮތެވެ.

އެންމެ ފަހުން ކިޔަވައި ނިންމި ހިސާބެއް އޭނާގެ ހަނދާނަކަށް ނައެވެ. ފާހަގައެއް ލެވުނުކަމެއް ނުވަތަ ނޫން ކަމެއްވެސް ހަނދާނެއް ނެތެވެ. އެހެންވީމާ ފޮތް ހުޅުވުނު ތަނުން ކިޔަވާން ފަށައިފިއެވެ. އޭނާ މިހާރު ބޭނުން ވަނީ ﷲ ތަޢާލާ ދައްކަވާ އަލި މަގެކެވެ.

"ﷲގެ ޙަޟްރަތަށް (އައުމަށް) ގޮވާލައި، އަދި ޞާލިޙް ޢަމަލުކޮށް، އަދި ހަމަކަށަވަރުން، ތިމަންނާވަނީ (ﷲއަށް) ކިޔަމަންވާމީހުންގެ ތެރެއިންނޭ ބުނާމީހަކަށްވުރެ ރަނގަޅު ބަސްބުނާ މީހަކީ ކާކުހެއްޔެވެ؟" (ފުއްޞިލަތު ސޫރަތުގެ 33 ވަނަ އާޔަތް)

އޭނާ ވިދިގެން އޮތް އާޔަތް ކިޔައިލިއެވެ.

"ރަނގަޅު ކަންތަކާއި، ނުބައިކަންތައް ހަމަހަމަވެގެނެއް ނުވެތެވެ. އެންމެހެޔޮ، ރިވެތިގޮތުން ތިބާ (ނުބައިކަންތައް) ދުރުކުރާށެވެ. ފަހެ، އެހާރުން ތިބާއާ އޭނާއާ ދެމެދުގައި ޢަދާވަތްތެރިކަމެއްވާ މީހާ، ގާތް ރަޙްމަތްތެރިޔަކު ފަދައިން ވެދާނެތެވެ." (ފުއްޞިލަތު ސޫރަތުގެ 34 ވަނަ އާޔަތް)

އޭނާ ހައިރާންވެފައި އެ އާޔަތާ ދިމާއަށް ބަލައިލިއެވެ. އަދިވެސް އުއްމީދެއް އެބައޮތް ހެއްޔެވެ؟ އެމީހާ އޭނާގެ ގާތް ރަޙްމަތްތެރިއަކަށް ވެދާނެ ހެއްޔެވެ؟ މިހާރަކު ބީނުވާ އެއްވެސް އެއްޗެއް ނެތެވެ. ހުރިހައި ކަމެއް ނިމިއްޖެއެވެ. އޭނާ އެ އާޔަތް ދެވަނަ ފަހަރަށް ކިޔައިލިއެވެ.

މިއީ ކޮންފަދަ ބޮޑު އަޖައިބެއް ހެއްޔެވެ؟ މިރޭ އޭނާ އެހެރީ އޭނާގެ ފިރިމީހާ ހިލޭ އަންހެނަކާއެކު މަޖާކުރަން އުޅެނިކޮށް ދެކެފައެވެ. އޭނާގެ ފިރިމީހާ ވަނީ އޭނާޔާ ވަކިވާނޭ ވާހަކަ ބުނެފައެވެ. އޭނާގެ ދަރިފުޅު އޭނާއަށް ނަފުރަތު ކުރެއެވެ. އޭނާގެ ދައްތައަކީ އުއްމީދުން ފުރިފައިވާ މީހެކެވެ. މިއަދު އޭނާވެސް އުއްމީދެއް ނުދެއެވެ. ހިމޭނުން ހުރީއެވެ. ސަބަބަކީ ހުމާޔޫންގެ ރަވައްޔާ އޭނާއަށްވެސް ސާފުކޮށް އެނގި ފެނިފައިވުމެވެ.

އޭނާ އަނެއްކާވެސް ކިޔައިލިއެވެ.

"ފަހެ، އެހާރުން ތިބާއާ އޭނާއާ ދެމެދުގައި ޢަދާވަތްތެރިކަމެއްވާ މީހާ، ގާތް ރަޙްމަތްތެރިޔަކު ފަދައިން ވެދާނެތެވެ. އަދި ކެތްތެރިވި މީހުންނަށްމެނުވީ، އެ މާތްސިފަ ލިބިއެއް ނުގަނެވޭނެތެވެ. އަދި ބޮޑުވެގެންވާ ނަސީބުވެރިޔަކަށްމެނުވީ، އެ މާތްސިފަ ލިބިއެއް ނުގަނެވޭނެތެވެ." (ފުއްޞިލަތު ސޫރަތުގެ 34 ވަނަ އާޔަތުން ބަޔަކާއި 35 ވަނަ އާޔަތް)

"އޭ ﷲ. މިއަޅާއަކީ އެހައި ކެތްތެރި އަދި އެހައި ބޮޑު ނަސީބުވެރިއަކަށް ވާނީ ކިހިނަކުންތޯއެވެ؟" އޭނާގެ ހިތަށް އެރިއެވެ. އެ ދެކޮޅުވެރިކަން ނައްތައިލުމަކީ އޭނާއަށް ދުވަހަކުވެސް ކުރެވޭނޭ ކަމެއް ނޫނީ ބާވައެވެ؟ އޭނާ މާޔޫސް ވާންވީ ހެއްޔެވެ؟

ބޭރުން އަދިވެސް ހެލިފެލިވެ އުޅޭ އަޑު އެބައިވެއެވެ. ގޭގެ ބޮޑުކޮޓަރިއާއި ކާގެ ހުންނަނީ މެހެމަލްގެ ކޮޓަރީގެ ކުރިމަތީގައެވެ.

އޭނާ މުޞްޙަފް މޭޒުމަތީގައި ބޭއްވުމަށް ފަހު ގޮނޑި ދުއްވައިފައި ކުޑަދޮރާ ދިމާއަށް ހިނގައްޖެއެވެ. ބޭރުގެ މަންޒަރު ވަރަށް ރީތިކޮށް ފެންނާން ހުއްޓެވެ. ފަޅިހަނދެއް ވިލާތަކުގެ ތެރެއިން ނުކުންނަނީއެވެ. އެ ހަނދުގެ އަލި ވަނީ ކުޑަދޮރުގެ ބިއްލޫރިގަނޑަށް އެޅިފައެވެ. އޭނާ އަނިދިރި ވެފައިވާ ކޮޓަރި ތެރޭގައި އިނދެގެން ހަނދާ ދިމާއަށް ބަލަނީއެވެ.

"إدفع بالتى هى احسن (އެންމެހެޔޮ، ރިވެތިގޮތުން ތިބާ (ނުބައިކަންތައް) ދުރުކުރާށެވެ.)

ރިވެތިގޮތުން...

ރިވެތިގޮތުން...

އޭނާގެ ސިކުނޑިން އިރުއިރުކޮޅާ މި އަޑު އިވެމުން ދިޔައެވެ.

އޭނާ ހިމޭނުން ހަނދާ ދިމާއަށް ބަލަހައްޓައިގެން އިނދެ ވިސްނަމުން ދިޔައެވެ.

* * *

މެހެމަލް  ފާރުގައި އޮތް ގަޑިއާ ދިމާއަށް ބަލައިލިއެވެ. އެކެއް ޖަހަން ފަސް މިނިޓަށް ވެއްޖެއެވެ. ހުމާޔޫން މިހާރު އެއްގަޑި ބައިގައި ގެއަށް އާދެއެވެ.

އޭނާ ގޮނޑި ދުއްވައިފައި ރީތިވާ މޭޒުދޮށަށް އަތުވެއްޖެއެވެ. އަދި ލޯގަނޑު އަމިއްލަ ސިފައަށް ބަލައިލިއެވެ. ފެންނަނީ ފުރޮޅުލީ ގޮނޑިއެއްގައި އިށީނދެގެން އިން ބަލިކަށި އަންހެން ކުއްޖެކެވެ. އިސްތަށިގަނޑު އޮތީ ވިހުރުވިފައެވެ. މޫނު ވަނީ މިލައިފައެވެ. ލޮލުގެ ތިރީ ބޮނޑިއާއި ކައިރި ވަނީ ކަޅުވެފައެވެ.

އޭނާ ބުރުސް ނަގައިގެން ބޯ އޮމާންކުރަން ފަށައިފިއެވެ. މިއަދު އޭނާ ލައިގެން އެހެރީ އޭނާގެ ދައްތަ ފަރިޝްތޭ ގެނެސްދިން ހެދުމެކެވެ. ދައްތަގެ ހަދިޔާއަކަށް ވާތީ އެ ހެދުން ލުމަކީ އޭނާއަށް ޚާއްސަ އުފަލެއް ލިބޭ ކަމެކެވެ.

ހިތްހަމަ ޖެހޭ ވަރަށް ރީތިވެލުމަށް ފަހު އޭނާ ގަހަނާ ފޮށި ހުޅުވައިލިއެވެ. ފޮށިން ރީތި ޔާގޫތު ޖެހި ރަން ހާރެއް ނަގައިފިއެވެ. ހާރު އެޅުމަށް ފަހު ގުޅޭ ކަންފަތު މުންޖެއް ލިއެވެ. އެޔަށް ފަހު ލޯގަނޑުން ރަނގަޅަށް ބަލައިލިއެވެ. މިހާރު ހީވަނީ ޙޫރެއް ހެންނެވެ.

ދެން އޭނާ ޔާގޫތުޖެހި އަނގޮޓިއެއް އަޅައިލިއެވެ.

މިހާރު އެ އުޅެނީ އެއްގަޑިބައި ވާށެވެ. ގަޔަށް މީރުވަސް ދުވާ ސެންޓެއް ބުރުވައިލުމަށް ފަހު އޭނާ ގޮނޑި ދުއްވާފައި ބޭރަށް ނުކުމެއްޖެއެވެ.

ހުމާޔޫން އަދިވެސް ނާދެއެވެ. އޭނާ ހިތް އަވަސް ވެފައި ފެންޑާގައި އިށީނދެގެން އިނީއެވެ. ބައެއް ފަހަރު ހެދުން ރަނގަޅު ކޮށްލައެވެ. އަނެއްބައި ފަހަރު ހާރު އޮތީ ހެޔޮކޮށްތޯ ބަލައިލައެވެ. ދެން ބަލަނީ ދޮރާ ދިމާއަށެވެ.

ކާރުގެ އަޑު އޭނާއަށް އިވުނުއިރު ދޭއް ޖަހަނީއެވެ. އޭނާގެ ހިތް ބާރަށް ތެޅޭން ފަށައިފިއެވެ.

އޭނާއަށް ވިސްނުނު ރިވެތި ގޮތަކީ މިއީއެވެ. ރިވެތިގޮތުން...

ފިޔަވަޅުގެ އަޑު އިވޭން ފަށައިފިއެވެ. އޭނާ އަމިއްލަ އަތަށް ބަލައިލިއެވެ. މި ހުރެވެނީ ހާސްވެފައިކަން ޚުދު އޭނާއަށްވެސް އިހުސާސް ކުރެވެއެވެ.

ދޮރު ހުޅުވިއްޖެއެވެ. ބަރު ބޫޓުގެ އަޑު އިވޭން ފަށައިފިއެވެ. އެޔާއެކު އެހެން ފިޔަވަޅެއްގެ އަޑުވެސް އެބައިވެއެވެ.

އޭނާ ހައިރާންވެފައި އިސް އުފުލައި ބަލައިލިއެވެ. އެޔާއެކު އޭނާގެ ހުވަފެން ވިއްސިވިހާލި ވެއްޖެއެވެ.

ހުމާޔޫނާއެކު ވަދެގެން އެ އަންނަނީ އާރްޒޫއެވެ.

ހުމާޔޫން ހުރީ ޔުނިފޯމުގައެވެ. އަތުގައި މުށިކުލައިގެ ސިޓީއުރައެއް އޮތެވެ. އޭނާޔާއެކު އައި އާރްޒޫ ކިޔާ އެއްޗަކަށް ސަމާލުކަމެއް ނުދެއެވެ.

ކުރިމަތީގައި މެހެމަލް އިންދާ ފެނުނީމާ ދެމީހުންގެ ހިނގުމަށް ކުޑަ ހުއްޓުމެއް އައެވެ.

މެހެމަލް ކުޑަ އިރުކޮޅެއް ވާންދެން ގަނޑުވެފައި ކަހަލަ ގޮތަކަށް އިނުމަށް ފަހު ސަމާލު ވެގެންފިއެވެ. ހަމަޖެހިލުމަށް ފަހު ސަލާން ގޮވައިލިއެވެ.

"އައްސަލާމް ޢަލައިކުމް."

"ވަޢަލައިކުމުއްސަލާމް." ހުމާޔޫން ސަލާމުގެ ޖަވާބު ދިނުމަށް ފަހު މެހެމަލާ ދިމާއަށް ފުންކޮށް ބަލައިލިއެވެ.

"އަހަރެން މިއިނީ ހުމާޔޫންގެ އިންތިޒާރުގައި. ވާހަކައެއް ދައްކައިލާން ވެގެން." އާރްޒޫ ހުރިކަން ނުވެސް ދެނަހުރީމޭ ބުނާ ކަހަލަ ގޮތަކަށް އޭނާ ބުނެލިއެވެ.

"އަހަރެންވެސް މި އައީ ވާހަކައެއް ދައްކައިލާން ވެގެން." ހުމާޔޫން ސޯފާގައި އިށީނދެއްޖެއެވެ. އަތުގައި އަދިވެސް ސިޓީއުރަ އެބައޮތެވެ.

"އެހެންތަ؟ ފުރަތަމަ ހުމާޔޫން ބުނޭ."

ދެމީހުން ތިބީ އެކަކު އަނެކަކަށް ކުރިމަތިލައިގެންނެވެ. އާރްޒޫ ހަށަން ބަނދެލައިގެން ތަންކޮޅެއް ދުރުގައި ހުއްޓެވެ. ކުޑައިރުކޮޅަކަށް ހިމޭންކަން ވެރިވެފައި އޮތެވެ. ހުމާޔޫން އޭނާގެ އަތުގައި އޮތް ސިޓީއުރައަށް ބަލައިލިއެވެ. ވާހަކަދައްކަން ފަށައިގަންނާނޭ ގޮތަކާ މެދު ވިސްނަނީ ކަހަލައެވެ. ކުޑައިރުކޮޅަކު އެހެން ހުރުމަށް ފަހު އިސް އުފުލައި މެހެމަލާ ދިމާއަށް ބަލައިލިއެވެ.

"އަހަރެން މި އުޅެނީ މީހަކާ އިންނަން."

އަނެއްކާވެސް ހިމޭން ވެއްޖެއެވެ. އުޑެއް ނުވެއްޓެއެވެ. ބިންގަނޑު ފަޅައިގެންނެއް ނުދެއެވެ. ޠޫފާނެއްވެސް ނާދެއެވެ. އޭނާ ވަރަށް ކެތްތެރިކަމާއެކު ސުވާލުގެ ނަޒަރަކުން ހުމާޔޫނާ ދިމާއަށް ބަލައިލިއެވެ.

"އެހެންވީމާ؟"

"އެހެންވީމާ އަހަރެމެން ދެމީހުން ވަކިވާން އެބަޖެހޭ. އަން..." ސިޓީއުރަ މެހެމަލަށް ފޯރުކޮށްލަމުން ހުމާޔޫން ވަރަށް ހަމަޖެހިލައިގެން ހުރެ ބުނެލިއެވެ. އޭނާ ސިޓީއުރަ އަތުލައިފިއެވެ.

"މިއީ ކޮން އެއްޗެއް... ހުމާޔޫން ސާހިބް؟ އަހަރެންގެ ވަރީގެ ލިޔުންތަ؟" ސިޓީ އުރައިގައި އޮތް ކަރުދާސްގަނޑު ނަގަމުން މެހެމަލްވެސް ހަމަޖެހިލައިގެން އިނދެ އަހައިލިއެވެ.

އެއީ ހަމަ ހަގީގަތުގައިވެސް ވަރީގެ ލިޔުމެވެ. ލިޔެފައި އޮތީ މެހެމަލްގެ ނަމުގައެވެ. އޮތީ ހުމާޔޫންގެ ނަމާއި ސޮޔެވެ.

އޭނާގެ އަތަކުން ކަރުދާސްގަނޑު ނުވެއްޓެއެވެ. އަނބުރައެއްވެސް ނުގަތެވެ. އެ ލިޔުން އެކީގައި ކިޔައިލުމަށް ފަހު ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކަންކުރަންވާ ގޮތް އޭނާ ނިންމައިލިއެވެ.

"ފުރަތަމަ ވަރިއަށްޓަކައި ވަރަށް ބޮޑަށް ޝުކުރިއްޔާ ހުމާޔޫން ދާވޫދް. ތިންފަށްވަރިން ކުރުމަކީ ރަނގަޅު ކަމެއް ނޫނޭ ކޮންމެވެސް މީހަކު ހުމާޔޫން ގާތު ބުނީކަން ނޭނގޭ. ޢިއްދައިގެ ދުވަސްވަރު އަހަރެން އިންނާނީ މި ގޭގައޭވެސް އެމީހަކު ބުނާނެ. ނުބުނޭތަ؟"

"އަހަންނަށް އެކަން އެނގޭ. މެހެމަލަށް މިގޭގައި ތިން މަސް ދުވަހު އުޅެވޭނެ. އަހަރެން މީހަކާ އިންނާނީ އޭގެ ފަހުން." ހުމާޔޫން ތެދުވެއްޖެއެވެ. މެހެމަލް އިސްއުފުލައި ހުމާޔޫނާ ދިމާއަށް ބަލައިލިއެވެ. އޭނާގެ ބޭވަފާތެރި މޫނުމަތީން ދެރަވުމުގެ އަސަރެއް ނުފެނެއެވެ.

"ހުމާޔޫން އިންނާނީ ކާކާ؟"

ހުމާޔޫން އާރްޒޫއާ ދިމާއަށް އެއް ފަހަރު ބަލައިލިއެވެ.

"އެއީ އަހަރެން ބުނަން ޖެހޭ ވާހަކައެއް ނޫން... އެބަ އަންނަން ހެދުން ބަދަލުކޮށްގެން." ދެވަނަ ޖުމުލަ އޭނާ މުޚާތަބު ކުރީ އާރްޒޫއަށެވެ. މިހެން ބުނުމަށް ފަހު ސިޑިން އަރައިގެން ހިނގައްޖެއެވެ.

ހުމާޔޫން އަރައިގެން ތިޔަތަން ބަލަހައްޓައިގެން އޭނާ އިރުކޮޅަކު އިނެވެ. ހުމާޔޫން ދާވޫދަށް އޭނާގެ ހިތުގައި ނަފުރަތު އުފެދުނު ފުރަތަމަ ފަހަރަކީ މިއީއެވެ. އުފެދުނީވެސް ވަރުގަދަ ނަފުރަތެކެވެ.

"ނުކުޅެދޭ މީހަކަށް ވީމާވެސް ނަލަހެދިގެން ތިޔަ ހުންނަނީ ހާދަހާ ވަރަކަށޭ." އާރްޒޫގެ މަލާމާތުގެ ބަސްތައް އިވުނީމާ އޭނާ އެ ދިމާއަށް ބަލައިލިއެވެ.

"ސިފަ ރީތިއްޔާ ނުކުޅެދުނަސް ފެންނާނީ ރީތިކޮށް. އާރްޒޫ. ބައެއް މީހުން އެތައް ގަޑިއިރަކު ލޯގަނޑުދޮށުގައި ހުރެގެން ނަލަވީމާވެސް ފެންނަނީ ގޮނޑެއްހެން." ދައްތައޭ ކިޔާކަށްވެސް މިއަދަކު އޭނާ ބޭނުމެއް ނުވިއެވެ.

"އާޗާ... ހެލިލެވޭ ވަރު ނުވީމާވެސް އަދިވެސް ވަރެއް ދެރައެއް ނުވޭ ދޯ؟" އާރްޒޫ އޭނާގެ ކުރިމަތީގައި ހުރި ސޯފާގައި އިށީނދެއްޖެއެވެ. އަދި ސޯފާގައި އޮތް ހުމާޔޫންގެ ފޯނު ނަގައިފިއެވެ.

މެހެމަލް އަނގަޔަކުން ނުބުނެއެވެ.

"މެހެމަލް. އަހަރެން ބުނީމެއްނު އަހަންނަށް ހުމާޔޫން ދެކެ ލޯބި ވެވިއްޖެއޭ. އަހަރެން ލޯބިވާ މީހަކު ހޯދާފައި ނޫނީ ނޭވައެއް ނުލާނަމޭ. ހަނދާން އެބަހުރިތަ؟"

"އަހަރެން އެ ދުވަހުވެސް ބުނިން... ކަލޭ ބޭނުންހައި ގޮތަކަށް ކަންތައް ވާން ކަލެޔަކީ ކަލާނގެއެއް ނޫނޭ. މިއަދު ކަލެއަށްޓަކައި އޭނާ އަހަރެން ދޫކޮށްލީ. މާދަމާ އެހެން އަންހެނަކަށްޓަކައި ކަލޭ ދޫކޮށްލާނެ. އެ ދުވަހަކުން ރޯން އޮންނަތަން ބަލަން އަހަރެން އަންނާނަން."

އާރްޒޫ ހީނގެންފިއެވެ.

"ހިތުގައި ހަސަދަވެރިކަން ހިނގައިގެންފި ދޯ؟"

"އަހަރެން ހަސަދަވެރިވާ ކަހަލަ އެއްވެސް އެއްޗެއް ކަލޭގެ އަތަކު ނެތް. ތިޔަ ދައްކަނީ ހުމާޔޫންގެ ވާހަކައެއްނު؟ އޭނާ ގެންދޭ. ވަފާތެރިކަމެއް ނެތް ރީތި ބުދަކުން އަހަރެން ކުރާނޭ ކަމެއް ނެތް."

(ނުނިމޭ)

4 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.