މުޞްޙަފް - 31

(31 މޭ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

މުސްރަތު ދުވެފައި ކަހަލަ ގޮތަކަށް އައިސް ބަދިގެ ތެރެއަށް ވަދެއްޖެއެވެ. އެކަމަކު ފަވާދް ފެނުމާއެކު ހަމަޖެހިލައިފިއެވެ. "ދަރިފުޅާ... ފަވާދް؟"

"ބޮޑުދައިތާ." ފަވާދް މުސްރަތާ ދިމާއަށް އެނބުރިލިއެވެ. "މިއީ އަހަރެން މަޅިއެއްގައި ޖައްސަން ވެގެން ވަރަށް ބޮޑު މަކަރުވެރި ރޭވުމެއްގެ ދަށުން ހިންގި ކަމެއް. މި ހުރިހައި ކަމެއްގެ އަޑީގައި ހުރީ އެ ނުބައި ނުލަފާ އެސްޕީ. ބޮޑުދައިތަ ބުނެބަލަ. އަހަރެން މެހެމަލާ ދޭތެރޭ އެފަދަ ގޮތަކަށް ކަންތައް ކޮށްފާނެތަ؟ މެހެމަލް..."  ދެން އޭނާ އެނބުރިލީ މެހެމަލާ ދިމާއަށެވެ. "އަހަރެންގެ ކުށެއް ނެތްކަން މެހެމަލަށް ރަނގަޅަށް އެނގޭނެ. އެމީހުން މެހެމަލަށް އިއްވި ފޯނު ރެކޯޑިންގ އަކީ އެމީހުންގެ ކޮންމެވެސް ފަންނާނަކު ލައްވައި ދެއްދި އެއްޗެއް. އެހެން ހެދީ އަހަރެން އެމީހުންނަށް ފައިސާ ދޭން ދެކޮޅު ހެދީމާ. ނިކަން ހަނދާންކޮށްބަލަ. އެތަނަށް ދާށެކޭ އަހަރެން މެހެމަލް ގާތަކު ނުބުނަމެއްނު؟ އެ ވާހަކަ ދެއްކީ އަމިއްލައަކަށްނު؟ އެއީ އަހަރެން ރާވައިގެން ކުރި ކަމެއް ނަމަ މެހެމަލަށް މަޖުބޫރު ކުރުވާނީ އަހަންނެއްނު؟"

މެހެމަލް ދިޔައީ ސިއްސައިގެންނެވެ. އެއީ ތެދެކެވެ. އެކަމަކު...

"އެކަމަކު އަހަންނާ އޭނާޔާ ނަހަމަ ގުޅުމެއް އޮވެޔޭ... ދެމީހުންގެ ކުޅިގަނޑު ތިމަންނާއަށް އެނގުނީއޭ ބުނީ ފަވާދުބޭބެއެއްނު؟"

"އެރޭ އެސްޕީ އަހަންނަށް ގުޅާފައި ބުނީ ތިމަންނާޔާ މެހެމަލާ ދެމެދަށް ވަންނާން ނޫޅޭށޭ. އެހެން ނޫންނަމަ އަހަރެން އެކަހަލަ ވާހަކައެއް ދައްކާނެތަ؟ ފަހުން އަހަންނަށް ޔަގީން ކުރެވިއްޖެ މެހެމަލް ކަހަލަ ރަނގަޅު، އަބުރުވެރި ކުއްޖަކު އެކަހަލަ ކަމެއް ނުކުރާނެކަން. ގޭ އެންމެންގެ ކުރިމަތީގައި އަހަރެން މި ވާހަކަ ހަމަ މި ގޮތަށް ދައްކައިފާނަން. ބޮޑުދައިތާ... ބޮޑުދައިތަ ބޭނުމިއްޔާ އަހަރެން ކަލާނގެ ގަންދީ ހުވައިވެސް ކޮށްފާނަން. އަހަރެންގެ ވާހަކަ ގަބޫލު ކުރޭ."

ފަވާދް އައިސް ކުޑަކޮށް ގުދުވެލައިފައި މުސްރަތުގެ ދެއަތުގައި ހިފަހައްޓައިލިއެވެ.

"ޔަގީން ކުރޭ. އަހަރެން އެއްވެސް ކަމެއް ނުކުރަން. މެހެމަލް ބަދުނާމުވީ އަހަންނާ ހެދި ކަމަށް ބޮޑުދައިތަ ދެކޭ ކަމަށް ވަންޏާ އަހަރެން މިހިރީ މެހެމަލާ އިންނާން ތައްޔާރަށް. ބޮޑުދައިތަ ބުނާ ދުވަހަކު ވަރުގަދަ ރަސްމިއްޔާތެއްގައި ބައްޕަ އަހަރެމެން ދެމީހުންގެ ކާވެނި ކުރުވައިދެއްވާނެ. ދެމީހުންގެ ކާވެނި ކުރެވުނީމާ އާއިލާގެ އެކަކަށްވެސް މެހެމަލާ ދިމާއަށް އިނގިލިވެސް ދިއްކޮށްލާކަށް ނުކެރޭނެ. ދިއްކޮށްލާ ކޮންމެ އިނގިއްޔެއް އަހަރެމެން ބުރި ކޮށްލާނަން. ﷲ ގަންދީ މި ބުނަނީ އަހަރެމެން އެހެން ހަދާނަން."

"ފަވާދް... ތިޔަ ބުނަނީ ހަމަ ތެދު ވާހަކައެއްތަ؟" މުސްރަތުގެ ލޮލުން ކަރުނަ ހިލިއްޖެއެވެ.

މެހެމަލް ކުއްލިއަކަށް ދުވެފައި ކަހަލަ ގޮތަކަށް ކޮޓަރިން ބޭރަށް ނުކުމެއްޖެއެވެ.

އޭނާ އެރޭ ނުވެސް ކައެވެ. އެނދުގައި އޮށޯވެގެން އޮތީއެވެ. ބޭރުގައި ހިނގާ ކަންތައްތަކުގެ އަޑު އޭނާއަށް އިވެއެވެ. ހޭނ އަޑާއި މަޖާ ކުރާ އަޑާ އިވެއެވެ. އަންހެންވެރިންގެ އުފާވެރިކަން ވަނީ އިންތިހާއަށް އަރައިފައެވެ. މީރު ކާއެއްޗެހީގެ ވަސް ކޮޓަރިއާ ހަމައަށް ދުވައެވެ. އެކަމަކު އެއިން އެއްވެސް ކަމަކަށް އޭނާގެ ޝައުގުވެރިކަމެއް ނެތެވެ.

އޭނާ ފަންގިފިލާ ފަންކާއާ ދިމާއަށް ބަލަހައްޓައިގެން އޮތެވެ. އެއް ފިޔަ އަނެއް ފިޔައިގެ ފަހަތުން އެނބުރެނީއެވެ. ކޮންމެ ބުރެއް ނިންމައިފައި އަންނަނީ ފެށި ތަނަށެވެ. އޭނާއަށްވެސް އެ އާދެވުނީ ފެށި ތަނަށެވެ.

* * *

ހެނދުނު މެހެމަލް ހުސްފަޔާ ސިޑިން ފައިބަމުން އެދަނީ ކިޔަވާ މާލަމަށް ދާށެވެ. އާދައިގެ މަތީން ހުދު ޕާކިސްތާނު ހެދުމެއް ލައިގެން ފިޔާތޮށި ބުރުގާއެއް އަޅައިގެންނެވެ. ހީވަނީ އެއްވެސް ފިކުރެއް ނެތި ފެނުގައި ހިނގައިފައި އަންނަ ހެންނެވެ.

މާލަމުގެ ދޮރު ހުރީ ލައްޕައިފައެވެ. އޭނާގެ ހިތެއް މިއަދަކުވެސް ހަމައެއް ނުޖެހުނެވެ. މަޑުމަޑުން އައިސް އޭނާގެ ޖަގަހައިގައި އިށީނދެއްޖެއެވެ.

ކޮލެޖްނަމަ މިއަދަކު އޭނައެއް ނާންނާނެއެވެ. ސިކުނޑިއަށް ވެރިވެފައި ވަނީ އެހައިވެސް ބޮޑު ނުތަނަވަސް ކަމެކެވެ. އެކަމަކު މިއީ ކޮލެޖެއް ނޫނެވެ. އޭނާ އައީ ކިޔަވާކަށްވެސް ނޫނެވެ. އަޑު އަހާށެވެ.

ބައެއް ކަންތައްތަކަކީ ހައިރާންވާލެއް ބޮޑުކަމުން އިންސާނާ ހައިރާންވުންވެސް ހުއްޓައިލާފަދަ ކަންކަމެވެ. މި މުއުޖިޒާތީ ފޮތަކީވެސް އެފަދަ އެއްޗެކެވެ. މިއީ މީހަކު އާޖިޒުކޮށް މަޑުމައިތިރި ކޮށްލުވާ ފޮތެކެވެ. އޭނާ ވިސްނާ ކޮންމެ ކަމެއްގެ ވާހަކަ އެ ފޮތުން އެބަ ފެނެއެވެ. އެހެންވީމާ މިހާރު މެހެމަލް ހައިރާންވުން ހުއްޓާލައިފިއެވެ. އޭނާއަށް ގަބޫލު ކުރެވޭ ގޮތުގައި ހައިރާން ވުމަކީ މީގެ ފަހުން އޭނާއަކަށް ކުރެވޭނޭ ކަމެއްވެސް ނޫނެވެ. އެކަމަކު މިއަދުގެ އާޔަތް އަޑުއިވުނީމާ އޭނާ އަނެއްކާވެސް އަޖައިބު ވެއްޖެއެވެ.

"ދުނިޔަވީ ހަޔާތާމެދު އެމީހަކު ބުނާ ބަހުން ކަލޭގެފާނުގެ ހިތްޕުޅު ރުއްސާލައި، އަދި އޭނާގެ ހިތުގައިވާ ގޮތުގެ މައްޗަށް اللَّه ހެކިކޮށް ބުނާ މީހުން މީސްތަކުންގެ ތެރެއިން ވެއެވެ. އެހިނދު އެމީހާ ވަނީ، ދެކޮޅުވެރިކަން އެންމެ ބޮޑު މީހާ ކަމުގައެވެ." (ބަޤަރާ ސޫރަތުގެ 204 ވަނަ އާޔަތް)

އޭނާ އިސް އުފުލައި ވަށައިގެން ތިބި ކުދިންނާ ދިމާއަށް ބަލައިލިއެވެ. ހުރިހައި ކުދިން އިސް ޖަހައިގެން ތިބެ ލިޔަމުން ގެންދަނީއެވެ. އޭނާގެ ހިތުގައި އޮތީ ކީކޭ ކަމެއް ސިކުނޑީގައި ހިނގަނީ ކޮން ކަހަލަ ހައިޖާނެއް ކަމެއް އެތަނުން އެއްވެސް ކުއްޖަކަށް ނޭނގެއެވެ. އޭނާ އިހުސާސް ކުރާ ކަންތައްތަކެއް އެހެން ކުއްޖަކަށް ނުވެސް ވިސްނޭނެއެވެ.

އެ ހުރިހައި ކަމެއް އެނގެނީ ހަމައެކަނި އޭނާއަށެވެ. އެ ފޮތް ބާވައިލެއްވީ އޭނާއަށްޓަކައެވެ. ބައެއް ފަހަރަށް އޭނާއަށް ހީވާ ގޮތުގައި އެ ފޮތަކީ އެއީ ސީދާ އޭނާގެ ވާހަކައެވެ. އެހެން މީހަކަށް އެ ވާހަކައެއް ނޭނގޭނެއެވެ.

"މީސްތަކުންގެ ތެރެއިން ވެއެވެ."

އޭނާ ނިތްކުރީގައި ފިރުމައިލިއެވެ.

"ބުނާ ބަހުން ކަލޭގެފާނުގެ ހިތްޕުޅު ރުއްސާލައި..."

އޭނާ މަޑުމަޑުން ތެދުވެއްޖެއެވެ. އަދި ފޮތް ލައްޕައިލުމަށް ފަހު ހުރިހައި އެއްޗެއް ހުރި ގޮތަށް ބަހައްޓައިފައި ސިޑިއާ ދިމާއަށް ހިނގަގެންފިއެވެ.

"އެމީހަކު ބުނާ ބަހުން..."

އޭނާ ސިޑިން މައްޗަށް އަރާން ފަށައިފިއެވެ.

"ދުނިޔަވީ ޙަޔާތާމެދު..."

އޭނާ މައްޗަށް އަރައި ފެންޑާއާ ދިމާއަށް ހިނގަގެންފިއެވެ.

"އޭނާގެ ހިތުގައިވާ ގޮތުގެ މައްޗަށް اللَّه ހެކިކޮށް ބުނާ މީހުން މީސްތަކުންގެ ތެރެއިން ވެއެވެ. އެހިނދު އެމީހާ ވަނީ، ދެކޮޅުވެރިކަން އެންމެ ބޮޑު މީހާ ކަމުގައެވެ."

އޭނާ ވަރުބަލިކަމާއެކު މަޑުމަޑުން ގޮސް ފެންޑާގެ ހަރުފަތްމަތީގައި އިށީނދެއްޖެއެވެ. ކަކުލުގައި ދަތްދޮޅި ޖައްސައިގެން ހުސް ނަޒަރަކުން ބަގީޗާއާ ދިމާއަށް ބަލަހައްޓައިގެން އިނީއެވެ.

ފަވާދްގެ ވާހަކަ ރަނގަޅު ކަމަކަށް އޭނާގެ ހިތަކުންވެސް ނުބުނެއެވެ. އެއީ ހިތްހަމަވެސް ޖެހޭފަދަ ވާހަކައެކެވެ. އެކަމަކު މިއިން އެއްވެސް ކަމަކަށް އިގުރާރުވާން ޖެހިލުންވެއެވެ. ނަޒަރުގެ މަކަރުވެރިކަމަކީ އޭނާއަށް ފާހަގަ ކުރާން ނޭނގޭ ކަމަކީއެއް ނޫނެވެ. އެކަން އެނގި ފާހަގަ ކުރެވުނު ނަމަވެސް އޭނާ ފަވާދާ ދިމާއަކަށް އެއްވެސް އެއްޗެކޭ ނުބުނެއެވެ. އޭނާގެ އަގު ވައްޓައިލާކަށް މަސައްކަތެއް ނުކުރެއެވެ. އެއީ އާއްމުކޮށް މީހުން ކަންތައް ކުރާ ގޮތެވެ. އާއިލާގެ އެހެން މީހުން ހަދާހެން އޭނާ ބޮޑު ހައިޖާނެއް އުފައްދާކަށް ނޫޅެއެވެ. ނާދިޔާ ހަދާހެން ވާހަކަތައް އަޑު އިވޭ ނީވޭފަދަ ގޮތަކަށް ހުރީއެވެ. ނުބަވައެވެ. ލާނެތް ދިނުމެއް ނެތެވެ. އޭނާ ޤުރްއާން އަޑު އަހާން އައީ އެ މަޑުމައިތިރި ހިތްހެޔޮ މިޒާޖަށް އެދުންވެރިވާލެއް ބޮޑުކަމުންނެވެ.

އެ ވަގުތު އޭނާގެ ކައިރީގައި އެހެން ކުއްޖަކު އައިސް އިށީނދެއްޖެއެވެ. ކުލާހުން ކުޑަ ހުސް ވަގުތުކޮޅެއް ދިނީހެން ހީވެއެވެ. މިގޮތަށް ލިބޭ ހުސް ވަގުތުކޮޅުގައިވެސް ގިނަ ކުދިން ބޭރުގައި ތިބެގެން ތަޖުވީދު ފިލާވަޅު ފަރިތަ ކުރެއެވެ.

މެހެމަލް އެ ކުއްޖާއާ ދިމާއަށް ބަލަހައްޓައިގެން އިނީއެވެ.

އެ ކުއްޖާ އުނގުމަތީގައި ޚަތިމު ބާއްވައިގެން ކަނާތުން ގަނޑުތައް އުކަނީއެވެ. ވައަތް އޮތީ ވެއްޓިފައެވެ. ބޭނުންވާ ސަފުހާ ފެނުނީމާ ކަނާތުން ހިފައި ނަގައި ވައަތް އުނގަށް ލައިފިއެވެ. އެޔަށް ފަހު ކަނާތުން ފޮތުގައި ހިފަހައްޓައިގެން އިނދެ ކިޔަވާން ފަށައިފިއެވެ.

{ان المسلمين والمسلمات...}

އެ ކުއްޖާ ކިޔަވަމުން ދިޔައީ އަޅައަޅައިގެންފައި އާގަންނަމުންނެވެ. އިރުއިރުކޮޅާ އަޑު ފަޅައިގެންދެއެވެ. އެހެންވީމާ އަނެއްކާވެސް އަލުން ފަށްޓަނީއެވެ. ދެވަނަ ފަހަރުވެސް އާގަތުމާހުރެ ކުރިއަށް ގެންދާން އުނދަގޫ ވަނީއެވެ. އަކުރުތައް މަޚުރަޖުން ކިޔާން އުނދަގޫވަނީއެވެ. ގިނަ ލަފުޒުތައް ފަރިތަކޮށް އެއްފަހަރާ ކިޔާން އުޅުނީމާ "ގާން... ގާން..." ކަހަލަ އަޑެއް ލެއްވޭ ގޮތް ވަނީއެވެ.

މެހެމަލް ފުންކޮށް ބަލައިލިއެވެ. މިހާރު އެ ކުއްޖާ ރޮނީއެވެ. ވާގި ނެތިފައިވާ ވައަތް އިރުއިރުކޮޅާ އުނގުމަތީން ސޮއްސާލައިގެން ވެއްޓެއެވެ. ވެއްޓުމާއެކު ކަނާތުން ނަގައި އުނގަށް ލައެވެ. ދެން ކިޔަވަން ފަށައެވެ. ދެ ލޯ ރަތް ވެއްޖެއެވެ.  ލޮލުން ހޯސްލާފައި ކަރުނަ ފައިބަނީއެވެ. ކަނާތުން ކަރުނަ ފޮހެލުމަށް ފަހު އަނެއްކާވެސް ކިޔެވޭތޯ މަސައްކަތް ކުރެއެވެ.

މެހެމަލް އަނގައިންވެސް ނުބުނެ ބަލަހައްޓައިގެން އިނީއެވެ. އެ ނުކުޅެދޭ ކުއްޖާ އޭނާގެ ﷲ އާ ވާހަކަ ދައްކަނީއެވެ. އެ ކުއްޖާގެ ހަމްދަރުދަކީ ﷲ އެވެ. މެހެމަލްގެ ހަމްދަރްދީއަކީ އެ ކުއްޖާއަށް މި ވަގުތަކު ބޭނުންވާ އެއްޗެއް ނޫނެވެ. މެހެމަލްގެ ހިތަކު އެ ކުއްޖާގެ މައްޗަކަށް ކުޑަވެސް ހަމަދްރުދީއެއް ނުއުފެދެއެވެ. އެކަމަކު ކޮންމެވެސް ވަރެއްގެ ހަސަދަވެރިކަމެއް ހިތުގައި ހިނގިއެވެ. އެ ކުއްޖާ އެ ކިޔަވާ ގޮތަށް ރޮއިރޮއިފައި އެއްވެސް މީހަކު ޤުރްއާން ކިޔަވާ ހެއްޔެވެ؟ އެއީ އޭނާއަށް ކުރެވިދާނޭ ކަމެއް ހެއްޔެވެ؟ "އަހަރެމެން މި ކުރަނީ ކޮން ކަމެއް ހެއްޔެވެ؟ ޚަތިމެއްގައި ބަގުޑި ބައްދައިގެން އުޅޭތާ އެތައް އަހަރެއް ވެއްޖެއެވެ. ގޭގެ އެންމެ ސާފު ތާހިރު ކަމަށް ފެންނަ ތަނެއްގައި އުރައަކަށް ލައިފައި ޚަތިމު ބާއެްވައިގެން ތިބޭތާ އެތައް އަހަރެއް ވެއްޖެއެވެ." އޭނާ ކަޅިވެސް ޖަހައިނުލައި އެ ކުއްޖާއާ ދިމާއަށް ބަލަހައްޓައިގެން އެތައް އިރެއް ވާންދެން އިނެވެ.

އެ ކުއްޖާ އަނެއްކާވެސް އާގަންނަމުން ކިޔެވޭތޯ މަސައްކަތް ކުރާން ފަށައިފިއެވެ. އެކަމަކު ރަނގަޅަށް ކިޔެވޭ ގޮތެއް ނުވެއެވެ. ލޮލުން ކަރުނަ ފައިބަނީއެވެ. ގިސްލުމުގެ ތެރޭގައި أستغفر الله އޭ ކިޔާ އަޑު އިވެއެވެ. ކުއްލިއަކަށް މެހެމަލްގެ ހަނދާނަށް އައީ އެއްކަލަ ކަޅު އަންހެންކުއްޖާއެވެ. އެ ކުއްޖާ ކޮރުޖަހަމުން ހިނގާފައި ދިޔަ މަންޒަރެވެ.

"އެކަލާނގެއަކީ ހާދަހައި ގިނަ ބައެއްގެ އެހީތެރިއެކެވެ. ޤުރްއާނުގެ އަޑު އިވުނީމާ ކަންފަތް ބަންދުކޮށްގެން ތިބޭ މީހުންނަނީ ހާދަހާ ބަދުނަސީބު ބައެކެވެ. އަހަންނަކީވެސް އެ ބަދުނަސީބު މީހުންގެ ތެރޭގައި ހިމެނޭ މީހަކީމެވެ."

މެހެމަލް ތެދުވެގެން މަޑުމަޑުން ހިނގައިގެންފިއެވެ.

ހަރުފަތްމަތީގައި އިށީނދެގެން އިން ކުއްޖާ އަދިވެސް ރޮނީއެވެ.

* * *

މެހެމަލް ދޮރާށި ހުޅުވައިފައި އެތެރެއަށް ވަންއިރު އޭނާޔާ ދެބެއިންގެ ދެދަރި އެންމެން ކަހަލަ ގޮތަކަށް ބަގީޗާގެ ގޮނޑިގޮނޑީގައި އިށީނދެގެން ތިއްބެވެ. ފަވާދްވެސް އިނެވެ. ކޮންމެވެސް ވާހަކައެއް ދައްކައިފައި ހެނީއެވެ. އަތުކުރީގައި އޮތީ އަގުބޮޑު ގަޑިއެކެވެ. ވަށައިގެން ހުރި ސެންޓުގެ ވަސް ދޮރާށްޓާ ހަމައަށް ދުވައެވެ.

އެމީހުން ތިބީ ވަށް ބުރަކަށް ވާގޮތަށް ގޮނޑި އަތުރައިގެންނެވެ. ފަވާދްގެ ވާހަކަ ކަނުލައި އަޑުއަހާން އިނީ ނިދާއެވެ. އާރްޒޫއާއި ފާއިގާ އެ ވާހަކައަކަށް މާ ބޮޑު ސަމާލު ކަމެއް ނުދެއެވެ. ފާއިގާއަކީ ރަޒިއްޔާދައްތަގެ ދަރިއެވެ. މިހާރު އޭނާވެސް ފަވާދަށް މާ ބޮޑު ސަމާލުކަމެއް ދޭހެންނެއް ހިޔެއް ނުވެއެވެ. ޖަލަށް ގެންދިޔަ ފަހުން މެހެތާބްގެ ފޮނި ވާހަކަތަކާއެކުވެސް ފަވާދްގެ ކުރީގެ އަގެއް މިހާރަކު ނެތެވެ.

މެހެމަލް ފޮތްތައް މެޔާލާ ބޮނޑިކޮށްގެން އެތެރެއަށް ވަންނާން ހިނގައިގެންފިއެވެ.

"މެހެމަލް." ފަވާދް ގޮވައިލީ އޭނާ ފެންޑާއަށް އަރަން ފުރަތަމަ ހަރުފަތުގައި ފައި އެޅިތަނާއެވެ. އޭނާ ހުއްޓިފައި އެނބުރި ބަލައިލިއެވެ. ފަވާދް ހިނިތުންވެފައި ބުނެލިއެވެ. "މިތަނަށް އައިސް އިށީނދެބަލަ."

"އަހަރެން ކުރަން ހުރި މަސައްކަތް އެބަހުރި." އޭނާ ކުރިއަށް ހިނގައިގެންފިއެވެ.

"އެންމެންގެ ކުރިމަތީގައި އެގޮތަށް އަހަންނަށް ގޮވަން ލަދެއް ނުގަނޭ ހެއްޔެވެ؟ ލަދުހަޔާތްކުޑަ މީހެކެވެ." ފެންޑާއަށް އެރުމާއެކު އޭނާއަށް ފެނުނީ ޙަސަނެވެ. އޭނާ އަނގައިންވެސް ނުބުނެ މަޑުމަޑުން ކޮޓަރިއާ ދިމާއަށް ހިނގައިގެންފިއެވެ.

"މެހެމަލް."

މެހެމަލް ހުއްޓިއްޖެއެވެ. އެކަމަކު އެނބުރި ބަލައެއް ނުލައެވެ.

"ފަވާދް އެ ދައްކާ ހުރިހައި ވާހަކައެއް މެހެމަލް ގަބޫލު ކުރަންތަ؟"

"އަހަރެން ޙަސަން ދައްކާ ވާހަކައެއްވެސް ގަބޫލެއް ނުކުރަން." މިހެން ބުނެފައި އޭނާ އެ ދިޔަ ގޮތަށް ގޮސް ކޮޓަރިއަށް ވަދެ ހެސް ކިޔައިފައި ދޮރު ލައްޕައިފިއެވެ.

ޙަސަން ދޮރާ ދިމާއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށް ފަހު ސިޑިން އަރާން ފަށައިފިއެވެ.

(ނުނިމޭ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.