ކޮވިޑް- 19: މައްކާގެ ބައެއް އަވަށްތައް ކަރަންޓީނުކޮށްފި

ކޮވިޑްް- 19 އަށް ހިލޭ ފަރުވާ ދޭން ސައޫދީ ރަސްގެފާނު ވަނީ ނިންމަވާފައި

މައްކާގެ ޙަރަމްފުޅަށް ދާމަަގެއް: އާއްމުކޮށް ބާރުބޮޑު މިމަގު މިހާރު ފެންނަނީ މުޅިން ފަޅުކޮށް

މިއަދު ސައޫދީ އަރަބިއްޔާއިން ނޮވެލް ކޮރޯނާ ވައިރަސް (ކޮވިޑް- 19) އަށް ޕޮޒިޓިވްވި 154 މީހުންގެ ތެރެއިން، 40 މީހުންނަކީ މައްކާއިން ފެނުނު މީހުން ކަމަށް ވާއިރު، މައްކާގެ ބައެއް އަވަށްތަކަށް ވަދެ ނުކުމެ ނުއުޅޭވޭ ގޮތަށް ކަރަންޓީނުކުރަން ސައޫދީ އަރަބިއްޔާއިން ނިންމައިފިއެވެ. މި އަވަށްތަކުގައި 24 ގަޑިއިރުގެ ކާފިއުއެއް ހިންގަންވެސް ވަނީ ނިންމާފައެވެ.

މިއަދު ކަރަންޓީނުކޮށް ކާފިއު ހިންގި 6 އަވަށަކީ ހަރަމްފުޅުގެ ކައިރީގައިވާ ފަސް އަވަށެއް ކަމުގައިވާ، އަޖްޔާދު، މަޞާފީ، މަސްފަލާ، ހުޖޫން އަދި ނަކާސާއާއި، ހަރަމްފުޅާއި ތަންކޮޅެއް ދުރުގައި އޮންނަ ޙައުޝް ބަކްރު އެެވެ. މައްކާގެ ސަލާމަތީ ބާރުތަކުން މިއަދު މެންދުރު ފަހު 2 ޖެހިއިރު ތަންފީޒުކުރަން ފެށި ކަރަންޓީނު، އެހެން ގޮތަކަށް އަންގަންދެން، ނުވަަތަ އެ ސަރަހައްދުގައި ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ހާލަތެއް ނެތްކަން ޔަގީންވުމުންނެވެ.

މައްކާގެ ބައެއް އަވަށްތައް މިއަދު ކަރަންޓީނުކޮށްފައި ވާއިރު، މައްކާއަށް ވައިގެ މަގުން އެތެރެވެވޭ ދޮރާށި ކަމަށްވާ ޖިއްދާއަށް ވަދެ ނުކުމެ އުޅުންވެސް މިއަދު މެންދުރު ފަހު ދޭކުން ފެށިގެން ވަނީ މަަނާކޮށްފައެެވެ.

އަނެއްކޮޅުން، ސައޫދީ ރަސްގެފާނު ސަލްމާނު ބިން ޢަބްދުލްޢަޒީޒު ވަނީ އެ ގައުމުގައި ދިިރިއުޅޭ އެންމެންނަށް ކޮވިޑް- 19 އަށް ހިލޭ ފަރުވާކޮށްދިނުމަށް ޝާހީ އަމުރުފުޅެއް ނެރުއްވާފައެވެ. މިއަމުރުފުޅުގައި ވާގޮތުން ސައޫދީ ރައްޔިތުންގެ އިތުރަށް، އެ ގައުމުގައި ދިރިއުޅޭ މުސްލިމުންނާއި، ޣައިރުމުސްލިމުން އަދި ގަވާއިދާއި ޚިލާފަށް އެގައުމުގައި ތިބި މީހުންނަށް ވެސް މި ބައްޔަށް ހިލޭ ފަރުވާކޮށްދެވޭނެއެވެ.

ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވުމަށް ސައޫދީ ސަރުކާރުން އަޅާ ފިޔަވަޅުތައް ވަރުގަަދަކުރަމުން ދާއިރު، އެ ގައުމަކީ ކޮރޯނާ ވައިރަސް ޖެހިފައި ތިބި މީހުން އެންމެ ގިނަ އަރަބި ގައުމެވެ. އެގައުމުގައި މި ބަލި ޖެހިފައިވާ 1453 މީހުން މިހާރު ތިބި އިރު މި ބަލީގައި 8 މީހަކު ވަނީ މަރުވެފައެވެ. ސައޫދީ ވެރިރަށް ރިޔާޟު ފިޔަވައި މި ވައިރަސްއަށް ޕޮޒިޓިވް މީހުން އެންމެ ގިނައީ މައްކާގައެެވެ. މައްކާއިން 238 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަަސް މިހާރު ވަނީ 7 ލައްކަ 60 ހާހަށްވުރެ ގިނަ މީހުންނަށް ޖެހިފައެވެ. އަދި މި ވައިރަސް ޖެހިގެން 36 ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.