ދެ ހަރަމްފުޅު ފިޔަވައި ހުރިހާ މިސްކިތެއްގައި ޖަމާއަތުގައި ނަމާދުނުކުރަން ސައޫދީ އިލްމުވެރިންގެ ކައުންސިލުން ފަތުވާ ނެރެފި

ސައޫދީ އަަރަބިއްޔާގެ ހުރިހާ މިސްކިތެއް ބަންދުކުރުމަށާއި، ޖަމާއަތުގައި ނަމާދުނުކުރުމަށާއި، ހުކުރު ނަމާދު ނުކުރުމަށް ސައޫދީ އިސް އިލްމުވެރިންގެ ކައުންސިލުން މިއަދު ފަތުވާ ނެރެފިއެވެ. މި ފަތުވާގައި މައްކާގެ މަސްޖިދުލް ޙަރާމާއި، މަދީނާގެ މަސްޖިދުއް ނަބަވީ ވަނީ އިސްތިސްނާކޮށްފައެވެ. އެ ދެ ހަރަމްފުޅު ހުޅުވިފައި ހުންނާނެއެވެ.

ފަތުވާގައި ބުނެފައިވާ ގޮތުގައި ހުކުރު ދުވަހުގެ މެންދުރު ވަގުތުގައި ހުކުރު ނަމާދުގެ ބަދަލުގައި ގޭގައި މެންދުރު ނަމާދުކުރާނީއެވެ.

މިއަދު ރިޔާޟުގައި ބޭއްވި އެ ކައުންސިލްގެ ފަންސަވީސްވަނަ ކުއްލި ބައްދަލުމުވުގައި ކޮރޯނާ ބަލިމަޑުކަމާއި، އެ ވަބާ ފެތުރުން އަވަސްކަމާއި، އެ ބަލީގައި މަރުވާ މީހުންގެ އަދަދު ގިނަ ކަމާމެދު މިއަދު ބަހުސްކޮށް، ހެލްތު މިނިސްޓަރު އެ ބައްދުވުމަށް ހާޒިވެޑައިގެން ހުށަހެޅުއްވި އެ ބައްްޔާ ބެހޭ އިތުބާރުހުރި އިލްމީ ރިޕޯޓުތައް ބެލުމަށް ފަހު، ރައްކާތެރިކަމުގެ ފިޔަވަޅު ނާާޅައިފިނަމަ ބަލި ފެތުރުން އަވަސްވެ ލިބޭ ގެއްލުން ބޮޑުކަމަށް ފެންނާތީ، މި ފަތުވާ ނެރުނީ ކަމަށް ފަތުވާގައި ބަޔާންކޮށްފައި ވެއެވެ.

ކީރިތި ޤުރްއާނުގެ ބަޤަރާ ސޫރަތުގެ 195 އާޔަތުގައި "ތިޔަބައިމީހުންގެ އަތްތަކުން ތިޔަބައިމީހުންގެ ނަފުސުތައް ހަލާކުގެ ތެރެއަށް އެއްލާނުލާށެވެ!" އަދި ނިސާ ސޫރަތުގެ 29 ވަނަ އާޔަތުގައި "ތިޔަަބައިމީހުންގެ ނަފުސުތައް ތިޔަބައިމީހުން ޤަތުލުނުކުރާށެެވެ! އައިސފައިވާކަން ފަތުވާގައި ފާހަގަކޮށްފައި ވެއެވެ.

އަދި ބުޚާރީ އާއި މުސްލިމް ރިވާކުރައްވާފައިވާ ހަދީޘެއްގައި "ބަލި ޖެހިފައިވާ ޖަމަލުތައް، ގަދަވެ ސަލާމަތުން ތިބި ޖަމަލުތަކާއެކު ފެންބޯން ދޫނުކުރާށެވެ."، ބުޚާރީ ރިވާކުރައްވާފައިވާ ޙަދީޘެއްގައި "ތިބާ ސިންގާއަށް ފިލަން ދުވާ ފަދައިން ޖުޒާމްބަލި ޖެހިފައިވާ މީހާއާ ދުރަށް ދާށެވެ." އަދި ހަމަ ބުޚާރީއާއި މުސްލިމް ރިވާކުރައްވާފައިވާ ޙަދީޘެއްގައި "ރަށެއްގައި ޠާޢޫން ފެތުރޭނަމަ ތިބަޔަބައިމީހުން އެރަށަށް ނުވަންނާށެވެ. އަދި ތިޔަބައިމީހުން ރަށެއްގައި ތިއްބާ އެރަށުގައި ޠާޢޫން ފެތުރެން ފަށައިފިނަމަ އެރަށުން ނުނުކުންނާށެވެ." އައިސްފައިވާކަން ވެސް ފަތުވާގައި ފާހަގަކޮށްފައި ވެއެވެ.

މި ދަލީލުތަކަށް ބެލުމަށް ފަހު ފަތުވާގައި ނިންމާފައިވަނީ:

  • ހުރިހާ މިސްކިތެއްގައި ޖަމާއަތުގައި ނަމާދުކުރުމާއި ހުކުރު ނަމާދުކުރުން ހުއްޓާލުން ޝަރުޢީގޮތުން ހުއްދަވެގެން ވެއެވެ. މިކަމުން ދެ ޙަރަމްފުޅު އިސްތިސްނާ ކުރެވޭނެއެވެ. ވަގުތީ ގޮތުން މިސްކިތްތައް ބަންދުކުރެވޭނެއެވެ. އަދި ނަމާދު ވަގުތު ޖެހުމުން، ބަންގި ގޮވިނަމަވެސް އެބަންގީގައި ކިޔާނީ صلّوا في بُيُوتِكم "ތިޔަބައިމީހުން ގޭގައި ނަމާދުކުރާށޭ" އެވެ.
  • ހުކުރު ނަމާދުގެ ބަދަލުގައި އެ ދުވަހުގެ މެންދުރު ވަގުތު ގޭގައި ކުރާނީ މެންދުރު ނަމާދުގެ ހަތަރު ރަކުޢަތެވެ.

ފަތުވާ ނިންމާލަމުން ބުނެފައި ވަނީ، މިހާލަތުގައި ގޭގައި ނަމާދުކުރާ މީހާއަށް ޖަމާއަތުގެ ނަމާދުގެ ސަވާބާއި، ހުކުރު ނަމާދުގެ ސަވާބު ލިބޭނެކަމުގައެވެ. ދަލީލަކަށް ގެންނަވާފައި ވަނީ ބުޚާރީގެ ޙަދީޘެކެވެ. އެ ޙަދީޘުގެ މާނައަކީ: "އަޅާ ބަލިވެއްޖެނަމަ، ނުވަތަ ދަތުރުމަތީގައި ވާނަމަ، އޭނާ ހެެޔޮ ޙާލުގައި، ރަށުގައި ހުރެ ކުރާ އަޅުކަމުގެ ދަރުމަ އޭނާއަށްޓަައި ލިއުއްވާނެއެވެ.

ސައޫދީ އަރަބިއްޔާގައި ކޮވިޑް- 19 ޖެހިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 171 އަށް އަރާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.