ލޯ: ހާލު ކިހިނެއް؟

ހާލު ކިހިނެއް؟ ނުވަތަ ކިހިނެއް؟ މިއީ ދިވެހިން އެކަކު އަނެކާ ދިމާވުމުން އާންމުކޮށް ކުރާ ސުވާލެކެވެ. ބައެއް މީހުން ސަލާމުގެ ކުރިންވެސް އަހާނީ ހަމަ މިސުވާލެވެ.

މިސުވާލު އަޅުގަނޑު ދަންނަ ބައެއް މީހުންނާ އަދި ރަހުމަތްތެރިންނާ މިހާރުކޮށްލަން ފަސް ޖެހެވެއެވެ. އެއީ ކީއްވެގެންތޯއެވެ.؟ ސަބަބަކީ ލިބޭ ޖަވާބު ސުވާލާ ނުގުޅޭ ފަހަރު ގިނަވާތީއެވެ.  މިދާކަށް ދުވަހު އަޅުގަނޑު އެންމެ ކުޑައިރު އެކުގައި ކިޔަވަން އުޅުނު ރައްޓެއްސަކާ ދިމާވީ މިސްކިތުން ފޭބި ތަނުންނެވެ. ސަލާމް ކޮށްލުމަށް ފަހު އަޅުގަނޑު އޭނާއާ ސުވާލު ކޮށްލީ ހާލުގެ ވާހަކަ އިންނެވެ. އޭނާގެ ޖަވާބުއައީ ނޫހުގައި އޮތް ސުރުޚީއެއްގެ ޚަބަރުންނެވެ. އަޅުގަނޑު ބުނީމެވެ. ރަހުމަތް ތެރިޔާއެވެ. އަހަރެން ތިކަމާ ބެހޭ ވާހަކަދައްކާ ހިތެއްނެތެވެ. ދެން އޭނާ ކުރި ސުވާލަކީ ތީ މީޑިއ ގައި އުޅޭ މީހެއް ނޫންހެއްޔެވެ؟ އަޅުގަނޑު ބުނީމެވެ، އެއީ މާޒީއެވެ. މިހާރު އެކަމުގެ ތެރެޔަކު ނޫޅެމެވެ. ދެން ކުރި ސުވާލަކީ ނޫސް ކިޔާ ނަހަދަން ހެއްޔެވެ؟ އަޅުގަނޑު ބުނީމެވެ. މިހާރު ވަރަށް މަދުންނޫނީ ނޫހެއް ވެސް ނުކިޔަމެވެ. ދެން އޭނާ ބުނީ ތިއީ ކިހާ ދެރަ ކަމެއް ހެއްޔެވެ؟ އަޅުގަނޑު ބުނީމެވެ. އަޅުގަނޑަކަށް ލިބޭ ދެރައެއް ނެތެވެ. ދޮގު ތެދަށްވެ ތެދު ދޮގަށް ވީމާ މިހާރު ނޫސް ބަލާހިތް ހަމަ ނުވަނީއެވެ. އަދި މީހުންގެ ޒާތާ ބެހުމާ މިފަދަ ކަންކަމުން ފޫހި ވަނީއެވެ.

އެހެން ދުވަހެކެވެ. އަޅުގަނޑުގެ މައި ފުނަގެ ހުންނަ ހިސާބުގެ  އަވަށްޓެރިން މިހާރު ވެސް ހީނލާ ހާލު އަހާލާ ގޮވާލާ ހެދުން އޮވެއެވެ. ނުފެންނަތާ ގިނަ ދުވަސް ވީ އަވަށްޓެރިއަކު ފެނިގެން ހާލުގެ އަހާލުމުން ލިބުނު ޖަވާބަކީ ހާލު ކިހިނެއްހޭ ވާނީ ގާނޫނެއް ނެތޭ… މިކަހަލަ ހާސަރު ތަކެކެވެ. ތަކުރާރުކޮށް ހާލުގެ ވާހަކަ އެހުމުން ވެސް ދައްކާނީ މުޅީން އެހެން ވާހަކަ އެކެވެ. އަޅުގަނޑު ބުނެފީމެވެ. މި އަހަނީ ތިބާގެ ހާލުގެ ވާހަކަ އެވެ. ސިއްހަތުގެ ވާހަކަ އެވެ. ތަކުރާރުކޮށް މިގޮތަށް ބުނުމުން ހާލު ރަނގަޅު ކަމާއި ގަދަވެ ހެޔޮ ހާލުގައި ހުރި ކަމަށް ބުނެފިއެވެ.

އެހެން ދުވަހެކެވެ. ދުވަސް ވީ ރަހުމަތްތެރިއަކު ދިމާވެގެން ހާލުގެ ވާހަކައިން ސުވާލު ކޮށްލުމުން މިފަހަރު ދައްކަން ފެށީ ސިޔަސީ ވާހަކަ ތަކެކެވެ. އެކަހަލަ ހާސަރުތަކެއް ދަމަން ފެށުމުން އަޅުގަނޑު ބުނެފީމެވެ. ރަހުމަތްތެރިޔާ އެވެ. ތިޔަ ވާހަކަތައް އަހަރެން ދައްކާހިތެއް ނެތެވެ. ރަނގަޅުވާނީ ހާލު އަހުވާލުގެ ވާހަކައާއި ދިރިއުޅުމުގެ ވާހަކަ ދެއްކުމެވެ. މަސްލަހަތު ބޮޑުވާނީ އެގޮތުގައެވެ.

މިއީ މިހާރު ބައެއް މީހުންނަށް ޖެހިފައިވާ ބަލި މަޑުކަމެކެވެ. މިކަމުގެ ސަބަބުން ހާލުގެ ވާހަކަ ވެސް އަހައިލެވޭކަށް ނެތެވެ. ފަށަނީ މުޅީން އެހެން ވާހަކަ އެކެވެ. ބައެއް މީހުން ބުނާ ގޮތުގައި އެއީ ޖަޒުބާތެވެ. އަދި ހަމަ އެމީހަކު ގަބޫލު ކުރާ ގޮތް އެއީ ނޭނގުނަސް ތެދުކަމުގައި އަޑަށް ބާރުލާފައި ދައްކައެވެ. މިކަމުގައި ގަދަރުވެރިން ވެސް އަދި ތަންދޮރު އޮޅުން ފިލާފައި ތިބޭ މީހުން ވެސް ތަފާތެއް ނޫނެވެ.

އަޙްމަދު ޝިޔާމް
އަޙްމަދު ޝިޔާމަކީ ރާއްޖޭގެ މީޑިއާގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވާންދެން ޚިދުމަތް ކުރައްވައިފައިވާ ލިޔުންތެރިއެކެވެ. މަޖައްލާ ނެރުއްވުމުގެ އަމަލީ މަސައްކަތް ކުރައްވައިފައިވާ ހީވާގި ބޭފުޅެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ ފާޑުވެރި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.