ލޯ: ސަތޭކައިގެ ވާހަކަ

ސަތޭކަ މިއީ ވަރަށް އަތްމަތީ ބަހެކެވެ. ސަތޭކަ ރުފިޔާ ، ސައްތައިން ސައްތަ، ސަތޭކައިގެ ވާހަކަ ، ސަތޭކަ ދުވަސް ، މިހިރީ ހައްތަހާ ވެސް ސަތޭކައިގެ ވާހަކަ އެވެ. މިހުރިހާ ސަތޭކަ ތަކެއް އަންނައިރު ވެސް އެކަންކަން އެދުވަސްތައް އާދޭހެއްޔެވެ؟ ފުރިހަމަ ވޭހެއްޔެވެ. މިއީ ދާދި ފަހުން އަޅުގަނޑުގެ ރަހުމަތް ތެރިއަކު އަޅުގަނޑާ ކުރިމަތި ކުރުވި ސުވާލު ތަކެކެވެ.

އެ ރަހުމަތްތެރިޔާ އާއި ދިމާވީ ސައިހޮޓަލަކުނެވެ. އޭނާ އަކީ އެދުވަސް ވަރެއްގައި ހިނގާ ކަންކަމާއި ބެހޭ ގޮތުން އަބަދުވެސް ވާހަކަ ދައްކާ ގޮތް ފާޑު ކިޔާ މީހެކެވެ. އޭނާގެ ވާހަކަ މިއަދުވެސް ފެށީ ސިޔާސީ ވާހަކަ އަކުންނެވެ. އަޅުގަނޑު ބުނެފީމެވެ. ތިޔަ ވާހަކައިގައި ދެމީހުން ޚިޔާލު ތަފާތުވެ ޒުވާބަކަށް ނުދަނީސް ހުއްޓާލަމާބަހީއެވެ. އޭނާ އަށް އެގޮތް ކަމަކު ނުދިޔައެވެ. ހައްތަހާވެސް ބުނަމުން ދަނީ މިވާހަކަ ނުދައްކާ ތިބުމަށް ވުރެ ދެއްކުން މާ އައުލާކަން ބޮޑެވެ. ބޮޑު މަންޒަރު ފެންނާނީ އޭރުންނެވެ.

"ކޮބައިތަ ޝަކުވާ އަކީ؟"

އޭނާ ވާހަކަ ދައްކާން ފެށިއެވެ. ޝަކުވާ އަކީ ސަތޭކައިގެ ވާހަކައެވެ. މިހާރަކަށް އައިސް ސަތޭކަ ދުވަސް ގުނާނެ ގޮތުގެ ވާހަކައެވެ. ކޮންމެ ކަމެއް ގުޅި ލާމެހިފައިވަނީ ސަތޭކައާއެވެ.

މިހާރު ބެންކް ލޯނު ފައިސާވެސް ލިބެނީ ސައްތައިން ސައްތަ ގެރެންޓީ އާއި އެކުގައެވެ. ރަހުނެއް ބެހެއްޓުމެއް ނެތިއެވެ. އެކަމަކު އެއީ މުޅީން އެހެން ވާހަކައެއްކަން މި އެނގެނީ އެތަނަށް ވަދެ ފޯމު ފުރަން ފެށީމައެވެ. އެމީހުން ބުނާ ވަރަކަށް އާމްދަނީ ލިބެން ޖެހެއެވެ. މުޅި މަސް ދުވަހު ހިނގާ ޚަރަދުގެ ތަފްސީލް ހުށަހަޅާން ޖެހެއެވެ. އަދި ލޯނަށް ޒިންމާ ވާނެ މީހަކުވެސް ހޯދާންޖެހެއެވެ.

އިރުކޮޅަކު ހިމޭނުން އިނުމަށް ފަހު ރަހުމަތް ތެރިޔާ އަނެއް ވާހަކަ ފެށިއެވެ.

މުވާސަލާތީ ޚިދުމަތް ދޭ ކުންފުނިތަކުންވެސް ސައްތައިން ސައްތަ މުޅިރާއްޖެއަށް އިންޓަނެޓް ދޭން ފޫގަޅާފައި ތިބިއިރު ޚިދުމަތް ލިބެނީ ފަސްވޯޓް ނިދާ ބޮކީގެ ފަނޑު އަލި ލިބޭހެންނެވެ. އިސްތިހާރު ތަކުގައި  ސަތޭކައިން ސަތޭކަ ހިލޭ ލިބޭ ޚިދުމަތް ލިބެނީ އަތްބައްތީގެ ފަނޑު އަލި ލިބޭ ހެންނެވެ. އެންމެ މުހިންމު ވަގުތު ތަކުގައި ޚިދުމަތް މެދުކެނޑެއެވެ. އަދި މީހަކަށް ފޮނުވާ ފޮޓޯ ގަނޑެއްވެސް އެއްދުވަސް ފަހުންލިބިދާނެއެވެ.

 ވާހަކަދައްކަމުން ދިޔައިރު ރަހުމަތްތެރިޔާގެ މޫނުމަތީގެ ކުލަ ވަރު ދިޔައީ ބަދަލު ވަމުންނެވެ. އެވަގުތު ރަހުމަތް ތެރިޔާ ދަންނަ މީހަކު މޭޒުކައިރިއަށް އައިސް ހުއްޓުމުން ވާހަކަ މެދު ކަނޑާލައިފިއެވެ.

އެމީހަކާއި އެކު ދެތިން ބަހެއް ބުނެލުމަށް ފަހު އެމީހާ ދިއުމުން އަނެއްކާ ވާހަކަ ފެށިއެވެ.

ދެން އޮތީ އަވިން ކަރަންޓް އުފައްދާ ވާހަކައެވެ. ކުރިން ބުނަމުން އައީ  ދުވާލު ބޭނުން ކުރާ ކަރަންޓްގެ 30 އިންސައްތަ އަވިން އުފައްދާ ކަރަންޓަށް ހެދުމުގެ އަމާޒެއް އޮތް ކަމަށެވެ. މަސައްކަތް ކުރަމުން ގޮސް އެމަޝްރޫއުގެ އަމާޒު ނުހިފިގެން އުޅެނިކޮށް މިހާރު ބުނަނީ 70 އިން ސައްތައަށް ބަދަލުކުރާ ވާހަކައެވެ. މިއީ އަޅެ ފަހެ އަރަތެއް ނޫން ހެއްޔެވެ؟

ރަހުމަތްތެރިޔާގެ އަޑު ބާރުވާން ފެށުމުން ޖެހިގެން އިންމޭޒުގައި ސައިބޯން އިންމީހަކު ދެފަހަރު ބަލައިލުމުން ހުއްޓާލައިފިއެވެ. ހެދިކާއެއް ކާލުމަށް ފަހު ސައި ފޮދެއް ބޯލިއެވެ.

އަނެއްކާ ވާހަކަ ފެށިއެވެ. މާދަމާ ބުނާނެ ކަމަށް ބެލެވެނީ އެއްކަލަ 100 ގެ ވާހަކައެވެ. އެއްވެސް ކަމެއްގައި އަދަދަކަށް ސަތޭކަ ނެގުމީ ފަސޭހަ ކަމެއް ހެއްޔެވެ. އެއަށް ވެރެ ދަށުގެ މިންގަނޑު ހާސިލް ނުވާއިރު ސަތޭކަ އަށް އުފުލާ ވާހަކަ މިދައްކަނީ ކީއްވެ ބާވައެވެ؟

ރާއްޖޭގެ ވެރިކަންތަކާއި ދައުރުތައް ހިނގަމުން އެބަދެއެވެ. ފެނާ ފާޚާނާ ގެ ޚިދުމަތް ހުރިހާ ރަށަކަށް ދިނުމުގެ އަމާޒު ކޮންމެ ސަރުކާރަކުންވެސް ފަށައެވެ. މިފަހުން އިވުނު ޚަބަރެއްގައި ކިޔަމުން ދަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ފެނާ ނަރުދަމާގެ ޚިދުމަތް ދޭނެ ކަމަށް ސަރުކާރުގެ އިސް ބޭފުޅަކު ވިދާޅުވި ވާހަކައެވެ. ކުރީގެ ސަރުކާރު ތަކުން ޚިދުމަތް ދީފާވާ އަދަދު ނުބުނެ ހުރިހާ ރަށަކަށް ދޭނަމޭ މިބުނީ ބާކީ ދޭން ޖެހޭ ރަށްތަކުގެ އަދަދު ވެސް ނުބުނެއެވެ. އަނެއްކާވެސް  ސަތޭކައިގެ މެޑެލް ޖެހުމަށެވެ.

ދެން އޮތީ މިރާއްޖެ 100 އަހަރު ފަހަތުގައި އޮތް ކަމަށް ދެކެވޭ ވާހަކައެވެ. އަޅުގަނޑު ބުނެފީމެވެ. މިއަދު ތިޔައީ ވޭތުވެދިޔަ 100 ދުވަހުގެ ދިރާސާއެއް ކޮށްގެން ހެއްޔެވެ؟

އޭނާ ޗޮކެއް ކަނޑާލާފައި ބުނެލިއެވެ. ވާހަކަ ނިމެންދެން މަޑުން އިނދެބަލާށެވެ.

އަޅުގަނޑުމެން މިއަދު މިތިބީ 19 ވަނަ ގަރުނުގައިގައިތޯއެވެ؟ ނުވަތަ ވިހި ވަނަ ގަރުނުގައިތޯއެވެ؟ އަޅުގަނޑާ ސުވާލު ކޮށްލިއެވެ. އަޅުގަނޑު ނޫނެކޭ ބުނެފީމެވެ. މިއީ 21 ވަނަ ގަރުނެވެ. އދ ގެ މިންގަނޑުން ބަލާނަމަ ދިވެހި ރާއްޖެއަށް މުޅި މިސަރަހައްދުން ވެސް ނުވަދިހައަށް ވުރެ މަތިން މާކްސް ލިބެއެވެ. އަސާސީ ޚިދުމަތް ތަކަށް ބަލާ ނަމަވެސް ސާކްގެ 8 ގައުމުގެ ތެރެއިން އެންމެ ކުރީ ގައި އޮތީ ދިވެހިރާއްޖެއެވެ. ވީއިރު ދައުލަތުގެ އިސް މަގާމްތައް ފުރުއްވާ ބޭފުޅުން މިފަދަ ދެއުޅިއެއްނުވާ ވާހަކަފުޅު ދައްކަވަނީ ކީއްވެގެންތޯއެވެ؟ އެ ވާހަކަތައް އަޅުގަނޑުމެން ތަކުރާރުކޮށް ފަތުރަމުންވެސް އެބަގެންދަމުއެވެ.

ސްރީލަންކާ އިންޑިޔާއަކީ ދިވެހިން އަބަދު ދަތުރުކުރާ ދެގައުމަށް ވާހިނދު އެގައުމުތަކުގައި ސާފު ބޯފެން ނުލިބޭ ކިތައް މިލިއަން މީހުން އުޅޭ ހެއްޔެވެ؟ ފާޚާނާ ތަށި ލޮލުން ނުދެކޭ ކިތައް މިލިއަން މީހުން އުޅޭ ހެއްޔެވެ؟ ކަރަންޓްގެ ޚިދުމަތް ނުލިބޭ ކިތައް މިލިއަން މީހުން އެބަތިބި ހެއްޔެވެ؟ މަގުމަތީގައި ނިދައިގެން ޑަސްބިނުން ކަނީ ކިތައް މީހުން ހެއްޔެވެ؟ ދުވާލު އެއް އިރު ކައިގެން އުޅެނީ ކިތައް އާއިލާ ހެއްޔެވެ؟ އަހަރެމެންގެ މިގައުމުގައި މިކަން އޮތި މިހެން ހެއްޔެވެ؟  

ދިވެހިންގެ އެންމެން ފެންވަރާ ތާހިރު ވަނީ ނަޖިސް ފެނުން ހެއްޔެވެ؟ ބޮނީ ފުޅީ ގައި ބަންދުކުރި ފެނެވެ. ހޫނު މޫސުމުގައި ވާރޭފެން ހުސްވާ ރަށްތަކަށް ސަރުކާރުތަކުން ފެން ފޯރުކޮށް ނުދޭ ހެއްޔެވެ؟ ވަޅުޖަހައިގެން ދިވެހިން ފާޚާނާ ކުރި ޒަމާން މާޒީ ވެއްޖެއެވެ. ވަލަށާއި ގޮނޑު ދޮށަށް ފާޚާނާ ކުރި ޒަމާން ހަދާންވެސް ނެތިއްޖެއެވެ. ކަރަންޓް ނެތި ފުޅި ބައްތީގައި އުޅު ދުވަސްތައް މާޒީ ވެއްޖެއެވެ. އެކަމަކު ދިވެހި ދައުލަތުގެ އިއްޒަތްތެރި ވެރިން ދިވެހިން ތިބީ މުޅި ދުނިޔޭގައި ވެސް އަސާސީ ޚިދުމަތް ވެސް ނުލިބި 100 އަހަރު ފަހަތުގައޭ ބުނުމީ ގައުމަށް ވެވޭ އަދި ރައްޔިތުނަށް ވެވޭ ޚިޔާނާތެކެވެ. ފަހުން ތާރީޚު ބަލާ ހާވާ މީހުންނަށް ހަގީގަތް އޮޅުވާލަނީއެވެ.

ރަހުމަތް ތެރިޔާގެ ލޭ ހޫނު ވާތީ ފިނި ކުރެވޭތޯ އުޅުނީމެވެ. އޭނާ ބުނެއެވެ. މިވަރަށް ވެރިން ރައްޔިތުންނަށް އޮޅުވާލަނީ ކީއްވެހެއްޔެވެ؟ އިންސާފު ހޯދުމުގެ ވައުދުތައް ވާއިރު އެމީހުން ބޭނުންވާ މީހުންނަށް އިންސާފު ހޯދަދެނީ ކީއްވެ ހެއްޔެވެ؟ އަބަދު ސަތޭކައިގެ ވާހަކަ ދައްކަނީ ކީއްވެ ހެއްޔެވެ؟ ސަތޭކަ ނޫން އަދަދެއް ނެތީ ހެއްޔެވެ؟

އަޅުގަނޑު ބުނެފީމެވެ. ރަހުމަތް ތެރިޔާއެވެ. މިއަދު ތިޔަވާހަކަ ތައް ކުރުކޮށްލާން އެބަޖެހެވެ. މުޅީންވެސް ތިޔަ ދެއްކީ ހެޔޮ ވާހަކަ އެވެ. ދެން ހުރި ވާހަކަތައް އެހެން ދުވަހަކަށް ފަސްކޮށްލަމާހެއްޔެވެ. މިހެން ބުނުމާއި އެކު އަޅުގަނޑު ސައިމޭޒު ދޮށުން ތެދުވެއްޖައިމެވެ.

އަޙްމަދު ޝިޔާމް
އަޙްމަދު ޝިޔާމަކީ ރާއްޖޭގެ މީޑިއާގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވާންދެން ޚިދުމަތް ކުރައްވައިފައިވާ ލިޔުންތެރިއެކެވެ. މަޖައްލާ ނެރުއްވުމުގެ އަމަލީ މަސައްކަތް ކުރައްވައިފައިވާ ހީވާގި ބޭފުޅެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ ފާޑުވެރި ލިޔުންތެރިއެކެވެ.

3 ޚިޔާލު

  1. guess we can't compare Maldives to any other country in this region. What's the per capita for the rest of the countries? I think for Maldives it's around 1000usd per head. So the reason we have to say we are 100years back is cause the development we see doesn't fit with the amount of money the country produce

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.