ރާއްޖޭން ބޭރަށް ދިއުމަށް ޑޮލަރު ހޯދުމަށް ދިވެހިން ބޭންކު ތަކަށް ގޮސް ދިގު ކިއުތަކުގައި މަޑުކޮށް ގެން ތިބޭ މަންޒަރު ފެނުމުން ވަރަށް ގިނަ ސުވާލުތައް ހިތަށް އަރައެވެ. މިކަމަށް މިނޫން ހައްލެއް ނެތީ ތޯ ވެސް އަމިއްލައަށް ސުވާލު ކުރެވެއެވެ. ނަމަވެސް އެގޮތަށް ދިގު ކިއު އޮންނަނީ ބައެއް މޫސުން ތަކުގައެވެ.
2016 ނޮވެންބަރު 18 ވަނަ ދުވަހު ދިވެހި ރާއްޖޭގެ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ގެ ގަވަރުނަރު އިއުލާނު ކުރެއްވީ ނޮވެންބަރު 20 ވަނަ ދުވަހުން ފެށިގެން ރާއްޖެއިން ބޭރަށް ފުރާމީހުނަން ޑޮލަރު ވިއްކާނީ ހަމަ އެކަނި މަނިޓަރީ އޮތޯރިޓީން ކަމުގައެވެ. ދިގު ކިއުތަކުގައި ތިބެން ޖެހޭ ޖެހުން ނިމުމަކަށް ގެނައުމާއި ޒިންމާދާރު ކަމާއެކު އެޚިދުމަތް ދިނުމަށް ބުނެއެވެ.
ކަންދިމާ ކުރި ގޮތުން އަޅުގަނޑުވެސް އާއިލާއާއެކު ރާއްޖޭންބޭރަށް ދާން ޖެހިފައި އޮތުމުން ޑޮލަރު ގަންނަން އޮތީ ޖެހިފައެވެ. މަނިޓަރީ އޮތޯރިޓީން މި ޚިދުމަތް ދޭން ފެށުމުން ހެނދުނު ފަތިހާ ކިއުޖެހޭ ތަނެއް ނުފެނެއެވެ. ޓީވީ ޚަބަރުން ފެންނަނީ ވަރަށް ތަރުތީބުކަމާއެކު ގޮޑިތަކުގައި އިށީނދެގެން ތިބޭ މީހުންނެވެ. ޑޮލަރު ލިބެނީ ފުރަން ހަފުތާއަކަށް ވީމާ އެވެ.
އަޅުގަނޑު ޑޮލަރު ގަންނަން ދިޔައީ ނޮވެންބަރު 28 ވީ ހޯމަ ދުވަހުއެވެ. އެދުވަހު ހެނދުނު 10.15 ހާއިރު މަނިޓަރީ އޮތޯރިޓީ ގެ މައިދޮރުން އެތެރެއަށް ވަނީ އަޅުގަނޑުގެ އަންހެނުންނާއެކުގައެވެ. ފުރަތަމަވެސް ޚިދުމަތްދޭ ކޮށިގަނޑާއި ގާތް ވުމުގެ ކުރިން ދޮރުމަތިން ބައްދަލު ކުރި މުވައްޒަފަކު ނުހަނު އިހުތިރާމާއެކު ”އައްސަލާމު އަލައިކުމް” އޭ ބުނެލިއެވެ. އެއަށް ފަހު ބޭނުން ވަނީ ކޮންކަމެއްތޯ އެހިއެވެ. ޑޮލަރު ގަންނަންކަމަށް ބުނުމުން ޓިކެޓާއި ޕާސްޕޯޓު އަތުލުމަށް ފަހު ޚިދުމަތް ދޭ ކޮށިގަނޑުން އެތަކެތި ބެލުމަށްފަހު ލިފްޓް ހުރިތަން ދެއްކިއެވެ. އަދި މަޑުކޮށްލުމަށް އެދުނެވެ. އަދި ”އަޅުގަނޑު މެންގެ މުވައްޒަފަކު އެހީ ތެރިވާނެ” ކަމަށް ވެސް ބުންޏެވެ. ލިފްޓު ކައިރިއަށް ދިއުމުން ފާހަގަ ވީ ކަމަކީ އަމިއްލަ އަށް އެލިފްޓަށް ނޭރޭނެ ކަމެވެ. ބޭރުގައި ހުރި ސުއިޗުން މަސައްކަތް ނުކުރާ ކަމެވެ. ދެން ވިސްނުނީ މިއީ ދައުލަތުގެ ޚަޒާނާގެ ހުންނަ މަރުކަޒު ކަމުން ސަލާމަތީ ޚިދުމަތްތައް ވަރުގަދަ ކޮށްފައި ހުރި ކަމެވެ. 30 ސިކުންތުވެސް ނުވަނީސް ލިފްޓުގެ ދޮރު ހުޅުވިއްޖެއެވެ. ލިފްޓުގެ އެތެރޭގައި ހުރި މުވައްޒަފަކު އަތުގެ އިޝާރާތުން ލިފްޓަށް ވަނުމަށް އެދުނެވެ. އަޅުގަނޑުމެން ދެމަފިރިންނާއި އިތުރު މީހަކު ލިފްޓަށް އެރުމާ އެކު ދެވަނަ ފަންގިފިލައަށް ދިއުމަށް މިސްރާބު ޖަހައިފިއެވެ.
ދެވަނަ ފަންގިފިލައަށް ފޭބުމާއެކު އެފަންގިފިލާގެ ފެންޑާގައި ހުރި މީހަކު އެތެރެއަށް ވަނުމަށް އިޝާރާތް ކޮށްލިއެވެ. އެއީ ބޮޑު ކޮޓަރި އެކެވެ. ނުވަތަ މާލަމެކެވެ. އެތަނަށް ވަދެވުމާއެކު ބަރިބަރިއަށް ހުރި ގޮނޑިތަކުގައި އިށީނުމުގެ ކުރިން ނަންބަރު ނެގުމުގެ ޚިދުމަތް ލިބިއްޖެއެވެ. އޭރުވެސް އެތާނގައި ފަންސާހަކަށް މީހުން ތިބޭނެއެވެ. 10 ކައުންޓަރ ހުއްޓެވެ. ކޮންމެ ކައުންޓަރަކުން ވެސް ޚިދުމަތް ދެއެވެ. ކައުންޓަރު ތަކުން ދޭ ޚިދުމަތް ވަޒަން ކުރަން ކައުންޓަރު ތަކުގެ ފުރަގަހުގައި ވެސް ދެ މުވައްޒަފަކު ތިއްބެވެ. އަދި އަޅުގަނޑުމެން ތިބި ތަނުގައި ވެސް ދެ މުވައްޒަފަކު ތިއްބެވެ. މި މާލަމަކީ އެއިދާރާއަށް ރަސްމީ ހައިސިއްޔަތުން ކަމެއް ގައި އަޅުނޑު ދިޔަ ދުވަހެއްގައި ބައްދަލު ވުންތައް ބާއްވަން އޮންނަ މާލަމެއްކަން އިހުސާސް ކުރެވުނެވެ. މިހާރު އެތަން ވަނީ މިމަސައްކަތަށް މުޅީން ބަދަލު ކޮށްލައިފައެވެ.
ނަންބަރު އަރުވާފައި ހުންނަ ކައުންޓަރަށް މީހުން ދިއުން ލަސްވާނަމަ އެތަނުން މުވައްޒަފަކު ނަންބަރަށް ގޮވައި ހަނދާން އާ ކޮށްދެއެވެ. އަދި ދުވަސް ވީ ރަށް ވެހިންނާއި އެދުވަހު ފުރާމީހުންނަށް އަވަހަށް ޚިދުމަތް ދެއެވެ. ދިހަ މިނެޓް ވެސް ނުވަނީސް އަޅުގަނޑުމެން ގެ ނަންބަރާ ޖެހިއްޖެއެވެ. ދެމަފިރިންގެ ނަންބަރު ވެސް ޖެހުނީ އެކުއެކީ ގައެވެ. އެ ޚިދުމަތައް ހޭދަވީ 3 މިނެޓެވެ. އެތަނުން ލިބުނު ނަންބަރު ޖެހި ކަރުދާސް ކޮޅު ހިފައިގެން ދެން ދާންޖެހުނީ ފުރަތަމަ ފަންގިފިލާ އަށެވެ. ކުރި އެކޭ އެއްގޮތައް އެތަނަށް ދިއުމުގެ ޚިދުމަތް ވެސް މުވައްޒަފުން ގެ އެހީ ތެރިކަމާއެކު ލިބުނެވެ.
މިފަހަރު ވަދެވުނު ކޮޓަރި ކުޑައެވެ. އެތާނގައި 6 ކައުންޓަރަކުން ޚިދުމަތް ލިބެއެވެ. އެތަނުގައި ހޭދަވީ 10 ވަރަކަށް މިނެޓެވެ. ޑޮލަރު ދިނީ ސަތޭކައިގެ ނޫޓުން ނެވެ. ވަރަށް ފުރިހަމަ ޚިދުމަތެކެވެ. އެހައިމެ އެހީތެރި މުވައްޒަފުންނެވެ.
އަޅުނޑުގެ ހިތުގައި އުފާވެރިކަމުގެ ޝުއޫރު އުފެދުނެވެ. ހިތަށް އެރިއެވެ. މިގޮތަށް ދައުލަތުގެ ހުރިހާ ތަނަކުން ޚިދުމަތް ދޭނަމަ ހާދަހާ ރަނގަޅު ވީހެވެ. މިއީ މިރާއްޖެއިން އަޅުގަނޑުގެ ހަޔާތުގައި އެންމެ އޯގާވެރިކަމާއި ރޭވުންތެރި ކަމާއެކު އަވަސް ޚިދުމަތެއް މަތީ ފެންވަރުގައި ލިބުނު ފުރަތަމަ ދުވަހެވެ. ރޭވުންތެރިކަމާއި މުވައްޒަފުންނަށް މައުލޫމާތު ލިބިފައި ހުރި މިންވަރާ ހުރިހާ ކަމަކަށް ބަލާއިރު ފާހަގަ ކުރެވުނީ، ކޮންމެ މުވައްޒަފަކީ ޚިދުމަތް ހޯދާފަރާތްތަކަށް އެހީތެރިވުމުގެ ތަމްރީން ހަދައިގެން ތިބި ބައެއްގެ ގޮތުގައެވެ.