އިބްރާހީމް ( ހަގީގީ ނަމެއް ނޫން) އަޅުގަނޑާ ދިމާވީ މިދިޔަ ބޮޑު އީދުގެ ދުވަސް ތަކުގެ ތެރެއިން ދުވަހެއް ގައެވެ. އޭނާ އަކީ ސަރުކާރަށް އެތަށް ދުވަހަކު މިޚިދުމަތް ކުރުމަށް ފަހު މިހާރު ވަޒީފާއިން މުސްކުޅި ކުރައްވާފައި ހުރި މީހެކެވެ. މާލޭގައި ގެދޮރު ހުރެއެވެ. އެއް ދުވަހު އަޅުގަނޑާ ދިމާވެގެން ވާހަކަ ދައްކަމުން ގޮސް ބޮޑު އީދު ޗުއްޓީގައި ރަށުން ބޭރަށް ނުދަނީހޭ އަހައިލީމެވެ. އޭނާ ވަރަށް މޮޅި ވެރިކަމާއިއެކު ދިން ޖަވާބަކީ ވަރަށް ގިނަ ކާފަ ދަރިން ޓިއުޝަނަށް ގެންދަން ޖެހޭ ކަމަށެވެ. ވީމާ ރަށުން ބޭރަށް އީދު ބަންދުގައިވެސް ދެވެން ނެތް ކަމަށެވެ.
މިއޮތް ބޮޑު ބަންދުގައިވެސް އިބްރާހީމް އަށް އޮތީ ތިކަންހޭ އަހާލުމުން ހިނިތުން ވުމާއެކު ބުނީ އާނއެކެވެ. ކިތައް ކުދިން ގެންދަން ޖެހޭތޯ އެހުމުން ބުނީ ހަތް ކުދިން ކަމަށެވެ.
އެހެން ވާހަކައެކެވެ. ރާއްޖޭގެ ކުޅިވަރުގެ ދަނޑުގައި ވަރަށް މަޝްހޫރުވި ޝަހުސިއްޔަތެކެވެ. 1980 އާއި 90 ގެ އަހަރު ތަކުގައެވެ. ދާދިފަހުން އޭނާ އާއި ދިމާވެގެން ދެކެވުނު ވާހަކައިގައި ބުނީ ގޭތެރޭގައި ވަރަށް މައްސަލަ ބޮޑު ވެގެން އުޅޭ ކަމަށެވެ. ކީއްތޯ ވީ ސުވާލު ކުރުމުން ބުނީ އޭނާގެ މަންމަ ލައްވާ މާމަ ކުދިން ބެލެހެއްޓުވުމަކީ ދޮށީ ފިރިހެން ދަރިފުޅު އެއްގޮތަކަށް ވެސް ގަބޫލު ކަމަކަށް ނުވާތީ މިކަން އެއްބަޑު އެއްބަފާ ކުދިންނަށް އޭނާ އެންގުމުން ގޭތެރޭގައި ޒުވާބު އުފެދުނީ ކަމަށެވެ. އޭނާގެ ޝަކުވާއަކީ އަހަރެންގެ އަންހެނުން ބަލިވެ އުޅުމާއި ދުވާލު ދާ ހަތަރު ދަމު މާމަ ކުދިން ބަލަހައްޓަން ޖެހުމެވެ. އަދި ވަޒީފާގައި އުޅޭ ކުދިންވެސް އިރު އޮއްސުމުގެ ކުރިން ގެއަށް ނާންނާތީ ހުރިހާ ބުރަ އެއް އަންހެނުން އުފުލަން ޖެހުމެވެ.
އައްޑޫ އަތޮޅުގެ ގިނަ ބަޔަކު ޓޫރިސްޓް ރިޒޯޓް ތަކުގައި ވަޒީފާ އަދާ ކުރެއެވެ. ޒުވާނުންނެކޭ އެއްފަދައިން ހަރުމީހުންނާއި އިސްރަށްވެހިންވެސް ފަތުރުވެރިކަމުގެ ވަޒީފާ ތަކުގައި އުޅެއެވެ. މިހާރު ކޮންމެ ދުވަހަކުހެން މަގުމަތިން ފެންނަ މީހެކެވެ. އޭނާ އަކީ ފެނިދެނިވެ އުޅޭ ރައްޓެއްސެކެވެ. ފެނުނީމާ ހީނލާ ހަދައެވެ. ކިޔާ ނަމެއް ނޭނގެއެވެ. މީނާ ވެސް ވަޒީފާ އަދާ އަދާ ކުރީ ޓޫރިސްޓް ރިސޯޓެއްގައެވެ. އުމުރުން ދުވަސްވެ ގައިބާރު ދެރަވުމުން މިހާރު ހުރީ ވަޒީފާއިން ވަކިވެ ގޭގައެވެ. އޭނާގެ ކާފަ ދެކުދިން ގޮވައިގެން މިސްކިތައް ވެސް އާދަކޮށް ގޮސް އުޅެއެވެ.
މިދެންނެވި މީހާ ހެނދުނު 7 ޖަހާއިރު ކާފަކުދިން ގޮވައިގެން ފަތަން ދަސްކުރާ ތަނަށް ދެއެވެ. މެންދުރު ކުރީގައި ޓިއުޝަނަށް ގެންދެއެވެ. މެންދުރު ފަހު އިސްކޫލަށް އެކުދިން ގެންދަނީ ވެސް މިދެންނެވި ކާފައެވެ. މިކާފަ ގެ ހަތަރުދަމުގެ ވަޒީފާ އަކީ އެއީ ހެން ހީވެއެވެ. ހުރިހާ ތަނަކަށް ދަނީ ވެސް ހިނގާފައެވެ. އެކުދިން ގެ ބައްޕަ އާއިއެކުގައި އުޅެނިކޮށް އަޅުގަނޑު ނުދެކެމެވެ. އެހާ ސާފުކޮށް މިވާހަކަ ކިޔައިދޭން އެނގެނީ އަޅުގަނޑު ދިރިއުޅޭ ގެއާއި މާދުރު ނޫން ހިސާބެއްގައި އެމީހުން ދިރި އުޅޭގެ ހުންނާތީއެވެ.
މާމައިންގެ ވާހަކަ އަކީވެސް ވަރަށް އަސަރު ހުރި ވާހަކަ އެކެވެ. ބައެއް މާމައިން ކުދިން ބެލުމުގެ އިތުރުން ކެއްކުމާއި ގެ ސާފުކުރުމުގައި އުޅެއެވެ. އަދި އެއަށްވުރެ ބުރަ މަސައްކަތް ވެސް ކުރާތަން ފެނެއެވެ. ބޯން ބޭނުން ކުރާ ފަސް ލީޓަރުގެ ފެންފުޅިވެސް އުފުލާ ތަން ފެނެއެވެ.
އެއްދުވަހަކު އަޅުގަނޑު ފިހާރައެއްގެ ތެރޭގައި އެއްޗެއް ގަންނަން ހުއްޓާ އައި އުމުރުން ދުވަސްވީ އަންހެނެކެވެ. ގައިބާރު ދެރަކަން އޭނާގެ ހަރަކާތުން އެނގެއެވެ. ފަސްލީޓަރު ގެ ދެފުޅި ފެން ގަނެގެން އޭނާ ނުކުންނަން ހިނގައި ގަތުމުން އަޅުގަނޑު އޭނާ އަށް އެހީތެރިވެދިނީމެވެ. އޭނާ އެހާ ބަރުކޮށް ފެން އުފުލާތީ ފިހާރައިގެ ސޭޓާ ސުވާލު ކުރުމުން ބުނީ ތީ ވަރަށް ހިތާމަ ހުރި ވާހަކައެކެވެ. އޭނާގެ ބޮޑެތި މާމަ ދަރިން ވެސް ތިބޭ ކަމަށާއި އެވަރު ކޮށްލަ ދޭނެ ކުއްޖަކު ނުވާކަމަށެވެ. ބައެއް ފަހަރަށް ފިހާރައިގައި އުޅޭ މީހުން ލައްވާ އެގެއަށް ފެން ގެންގޮސް ދޭކަމަށް ވެސް ސޭޓް ބުންޏެވެ. އަދި އެފެން އުފުލާން ޖެހެނީ ހަތަރުވަނަ ފަންގިފިލާ އަށް ކަމަށެވެ. އަރަން ޖެހެނީ ސިޑިން ކަމުގައި ވެސް ބުންޏެވެ. އަބަދުވެސް އެގެއަށް ކާބޯތަކެތި ގަންނަން އަންނަނީ އެ މާމަ ކަމަށް ވެއެވެ.
ދިރިއުޅުމުގެ ކަންކަން ހަމަ ޖެހިފައި ހުންނަ ގޮތުން އިތުރަށް އާމްދަނީ ހޯދުމަށް ވަޒީފާ އަދާކުރުމީ ކުރަންޖެހޭ މަޖްބޫރު ކަމަކަށް ވާހިނދު ތިމާ ބަލާ ބޮޑު ކުރި މަންމަގެ ހައްޓަށް ވެސް ބަލާން ޖެހެވެ. އޯގާތެރި ހިތަކުން މައިމީހާ އާއި މެދު ދެކެން ޖެހެވެ. އެމީހުން އުމުރުން ދުވަސްވެ ގައިބާރު ނެތުމުން އެމީހުންނަށް ފެންކައްކާ ބޮލީގެ ދަރަޖަ ދީގެން ނުވާނެއެވެ. އަދި ގޭގައި ގެންގުޅޭ ނޯކަރަކަށް ވެސް ހަދާކަށް ނުވާނެއެވެ.
ބުރަކޮށް ވަޒީފާ އަދާ ކުރަމުން ވެސް މައިމީހާ އަށް ނުވަތަ މާމަ އާއި ކާފައަށް ބުރަނުވާނޭ ގޮތަށް ކަންކަން ރޭވެން ވާނެއެވެ.
ވަޒީފާ އަދާ ކުރާ ދެމަފިރިންގެ ދުވަހުގެ ތާވަލަށް ބަލާނަމަ ހެނދުނު ގިނަ ޒުވާނުން އޮފީހަށް އަންނަނީ ސައި ނުބޮއެވެ. ދެން ޖެހެނީ ތަކެތި ގަނެގެން ސައިބޯށެވެ. އެއީ ހެނދުނެވެ. ދެން އޮތީ މެންދުރެވެ. ތަނަކުން އޯޑަރު ކޮންގެން ނުވަތަ ރެސްޓޯރަންޓަކަށް ގޮސް ކަނީއެވެ. އޮފީސް ނިމިގެންވެސް ކޮފީ ތަކުންނާއި ކެއުން ތަކުންނާއި ރަށްޓެހިންނާއި އެކު މަޖާ ކުރަން އުޅެފައި ގެއަށް އަންނަނީ އިރު އޮއްސޭ ފަހުންނެވެ. މިއީ ދިރި އުޅުމެކޭ ނުބުނެވޭނެއެވެ. ބޭކާރު ޚަރަދު ކުރުމާއި ވަގުތު ނަގާލުމުގައި މުޅި ދުވަސް ހޭދަ ކުރެވެނީއެވެ. މިކަމުގެ ބުރަ އުފުލާ މީހުންނަކީ ގޭގައި ތިބޭ، ތިމާގެ ދަރިންގެ މާމަ އާއި ކާފައެވެ. ގެއަށް މަސްގަނެ ބާޒާރު ކުރަނީ ކާފައެވެ. ކައްކާ ކުދިން ބަލަނީ މާމައެވެ. އަދި ގިނަ ގޭގޭގައި ކެއިންބުއިމުގެ ޚަރަދު ބަލަހައްޓަނީ ވެސް ކާފަ އާއި މާމައެވެ.
އަދި މުޅިން އެހެން ވާހަކަ އެކެވެ. ޒުވާން ދެމަފިރިންނެވެ. މާލޭގައި ގެދޮރު ހުރި ދެމަފިރިންނެވެ. އައްޑު އަތޮޅުގައި އޮތް ކައިވެނި ހަފްލާ އަކަށް ދިއުމަށް ދައުވަތު ލިބުމުން އެދެމަފިރިންގެ ކުޑަ ދެކުދިން ދެފަރާތުގެ ކާފައާއި މާމައާއި ހަވާލު ކޮށްފައި ފުރައިގެން ދިޔައީ އެވެ. އެންމެ ދުވަހަކަށް ނޫނެވެ. ހަތަރު ފަސް ދުވަހަށެވެ. ހަގު ދަރިފުޅުގެ އުމުރަކީ 2 އަހަރެވެ. ދޮށީ ދަރި ފުޅު 5 އަހަރެވެ. އެންމެ ކުޑަމީހާ ބަލިވެ އަދި މާމަ ވެސް ބަލިވީއެވެ. އެހާލުގައި ވެސް އެމާމަ ލޮލުފިޔަ ނުޖަހާ އެކުއްޖާ ބެލިއެވެ. ޚިޔާލެއް ފިކުރެއް ނެތިއެވެ. އެ ދެމަފިރިން އުފާ ކުރީއެވެ.
މިއީ މިހާރު އަށަގަންނަމުން ދާ ވަރަށް ގޯސް އާދައެކެވެ. މިކަމުގެ އަނެއް ކޮޅަށް ބަލައިލާއިރު ރަނގަޅު ފަޅިއެއް ވެސް އޮވެއެވެ. އެއީ ވަޒީފާ އަށް ދާ މުރާލި މައިންނާއި ބަފައިން ވެސް އުޅެއެވެ. ފަތިހާ ތެދުވެ ހެނދުނާއި މެންދުރުގެ ކެއުން ތައްޔާރު ކުރެއެވެ. އަދި ވަޒީފާއިން ނިމިގެން އަވަހަށް ގެއަށް އައިސް ރޭ ގަނޑަށް ކެއްކުމާއި އަނެއް ދުވަހަށް ބާޒާރު ކުރެއެވެ. ވަގުތުތައް ރާވައިގެން ދިރި އުޅެން ދަސް ކުރެއެވެ.
ވަޒީފާއަށް ނުގޮސް މާމަ އާއި ކާފަގެ ޚިދުމަތުގައި ތިބޭ މީހުން ވެސް މަދެއް ނޫނެވެ. އެމީހުން ގޭގައި ތިބެގެން އާމްދަނީ ލިބޭ މަސައްކަތް ކުރެއެވެ. މިދާކަށް ދުވަހު ޓީވީ އަށް އިންޓަވިއު އެއް ދިން މަންމަ އަކު ބުނީ ކުދިން ލިބި ގޭގައި އިންނަން ޖެހުމުން އޭނާ އާމްދަނީ ހޯދުމަށް މިހާރު ކުރާ މަސައްކަތަކީ އޯޑަރަށް ކާތަކެތި ތައްޔާރު ކޮއްދިނުން ކަމުގައެވެ. އޭނާ ހެނދުނުގެ ނާސްތާ ތައްޔާރު ކޮށްދެއެވެ. އަދި ކެއުން ވެސް ތައްޔާރު ކޮށްދެއެވެ. އެއީ ޕާރުސަލް ކެއުމެވެ. ދުވާލެއްގެ މައްޗަށް 2000 ރުފިޔާގެ ވިޔަފާރި ވެއެވެ. ފައިދާގެ ގޮތުގައި ޚަރަދު ކަނޑާ ދުވާލަކު ތޭރަ ސަތޭކައެއްހާ ރުފިޔާ ލިބޭ ކަމަށް ބުންޏެވެ. ވަޒީފާ އަށް ނުގޮސް ގޭގައި އިނދެގެން ޚާއްސަ ކޮށް އަންހެނުންނަށް ކުރެވިދާނެ މަސައްކަތް މިހިރީ ފެންނާށެވެ. ހަމަ އެގޮތަށް ލުއިކާނާ ތައްޔާރު ކުރާ މީހުން ވެސް އުޅެއެވެ. އަސާރަ އާއި ހަވާދު ތައްޔާރު ކުރާ މީހުން ވެސް އުޅުއެވެ. އަދި ކިއްލި ތަޅާ މީހުން ވެސް އުޅެއެވެ.
މާމައާއި ކާފައަށް ދަރިން ބެލުމުގެ ބުރަ ނުޖައްސާށެވެ. ލޯބިން ކާފައާއި މާމަ ކޮށްދޭ ކަންތަކުގެ ނާޖާއިޒު ފައިދާ ނުނަގާށެވެ. ޒުވާން ޖޯޑު ތައް މިކަމާއި ފުންކޮށް ވިސްނާން ޖެހެވެ.