(18 މޭ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ފާރިޝާ: "ރަނގަޅު. އަޅުގަނޑުގެ ވަކީލު ވެއްޖެ ޖަރުމަނީގައި. އޭނާ އުޅެނީ ބޮޑު އޮޕަރޭޝަނެއް ކޮށްގެން."
ޚާލިދު ދީދީ: "ކޮއްކޮގެ ޚާއްޞަ ރަޙުމަތްތެރިޔާ ދޯ."
މިހެން ބުނެފައި ޚާލިދު ދީދީ ހީނލިއެވެ. ހުނުންގަނޑުގެ ތެރެއިން ކެއްސައިގެންފިއެވެ. ދެން ފޯނު ކަނޑައިލަން ޖެހިއްޖެއެވެ.
ހައިކަލް ކުޑަކޮށް ރަނގަޅުވުމާއެކު، މާލެދާ ވާހަކަ އޭނާ ދައްކަން ފަށައިފިއެވެ. ދެބަފައިން ދަތުރުކުރީ ފުރަތަމަ ކުލާހުގައެވެ.
އެއަރޕޯރޓަށް އައިސް ތިބީ ފާރިޝާ އާއި ޝަކީލާ އާއި ހައިކަލްގެ އޮފީހުގައި މަސައްކަތްކުރާ އެންމެންނެވެ.
މީހެއްގެ ސަޚުޞިއްޔަތު އަންގައިދެނީ ބުނެކިޔައިގެން ފުރުވަން ދިޔައިމައެއް ނޫނެވެ. ހިތުގައިވާ ލޯބިން، ދެކިލަން ބޭނުންވެގެން އަމިއްލައަށް އެދިގެން އައުމުންނެވެ. އެހެންކަމުން މަރުޙަބާކިޔާ ޕާރޓީ ކިތަންމެ ކުޑަޔަސް އައިސް ތިބި ގްރޫޕްގެ ގޮތުން ހައިކަލަކީ ކޮންކަހަލަ ސަޚުޞިއްޔަތެއްގެ، ކާކުކަން އަންގައިދެއެވެ. ހައިކަލް ބޯޓުން ފޭބީ ފުރޮޅުލީ ގޮނޑީގައެވެ. މީހާ އިނީ ދިގުމުއްދަތަކަށްފަހު، ވަރުބަލިވެ ވަޅޯވެފައެވެ. އައިސް ތިބި މީހުންނާއި ވަކިވަކީން ސަލާންކުރިއެވެ. ފާރިޝާ ހުރީ ޙައިރާންކަމެއްގެ ތެރޭގައެވެ. ފަހަރެއްގައި ވެސް ފުރޮޅުލީ ގޮނޑީގައި އިންނާނެ ކަމަކަށް ހިއެއް ނުކުރެއެވެ. މީހުންތައް ތިއްބައިވެސް ދެމީހުން ކަރާއި ކަރުޖައްސައި ސަލާންކޮށްލިއެވެ.
ގެއަށް އައިސް އިރުކޮޅަކު ވާހަކަދައްކައިލަން ތިބެފައި އޮފީހުގެ މީހުން ދިޔައީއެވެ. ޝަކީލާގެ އެދުމުގެ މަތީން ހައިކަލް ގެންދިޔައީ އޭނާގެ ކޮޓަރިއަށެވެ. އަތުގައި އޮތް ދަބަހަކުން ވަރަށް ރީތި ރަނުގެ ހާރަކާއި ކަންފަތުގައި ލާ އެއްޗެއް ނަގައި ފާރިޝާއަށް ދިނެވެ.
ހައިކަލް: "މިއީ ހަދިޔާއެއް."
ފާރިޝާ ދެލޯ ބޮޑިވެގެން ދިޔައެވެ.
ފާރިޝާ: "ދެން އެކަމަކު."
ހައިކަލް: "ދެން އެކަމަކުއޭ ނުކިޔާ، ތިއީ ބައްޕަ ދެއްވި ހަދިޔާއެއް."
ވަގުތުން ހާރު އަޅައިލައި ކަންފަތުގައިލާ އެތި ލިޔެވެ. އިރުކޮޅަކުން ހައިކަލްގެ ބައްޕަ ދުރުވެއްޖެއެވެ. އަދި ބުނުއްވިއެވެ.
"ދަރިފުޅާ! ކަސްރަތުތައް ކުރާގޮތް ފާރިޝާއަށް ކިޔައިދީ. އޭނާގެ އެހީއާއެކު، ކުރިޔަށް ގެންދޭ އިނގޭ."
ފާރިޝާ: "ޝުކުރިއްޔާ މި ހަދިޔާއަށް."
ހައިކަލް: "އަޅުގަނޑަށް ކުރެވެން ހުރި ކަސްރަތުތައް ކުރާނަން. ނުކުރެވޭވަރުގެ ކަސްރަތުތަކުގައި ފާރިޝާގެ އެހީތެރިކަން ހޯދާނަން."
އަދިވެސް ހައިކަލްގެ ބައްޕަ ވިދާޅުވިއެވެ.
"ޤަވާޢިދުން ބޭސް ބޭނުންކުރަންވާނެ."
"އާދެ! ބޭނުންކުރާނަން. ދެން އަޅުގަނޑު ނުކުޅެދޭ މީހަކަށް ވީތޯ؟"
"ތިޔަ ވިސްނުން ރަނގަޅެއް ނޫން އިނގޭ. ޕޮޒިޓިވް ތިންކިންގ. އެއީ ޝިފާ ލިބުމުގެ ބާރަކީ. ވިސްނިއްޖެ ދޯ."
"އާދެ!"
ހައިކަލްގެ ބައްޕަ ހިނގައްޖެއެވެ. ހައިކަލްގެ ބޭސްތައް ނަގައި ފާރިޝާއަށް ދައްކަން ފެށިއެވެ. ފާރިޝާ ބޭސްތައް ތަރުތީބުން އަތުރައި، ކާންވީގޮތް ލޭބަލްކުރިއެވެ.
ހައިކަލް ބުންޏެވެ.
"ފާރިޝާ އާދެބަލަ! އެހީވެދޭން. ފާޚާނާއަށް ދާން މިއުޅެނީ."
ފާރިޝާ ގޮސް އެހީވެދިނެވެ. ފާޚާނާއިން ފުރޮޅުލީ ގޮނޑީގައި ހައިކަލް ނިކުތެވެ.
ފާރިޝާ އިށީނދެބަލަ. ވަރަށް ސީރިއަސް ވާހަކައެއް ދައްކަން މި އުޅެނީ."
ފާރިޝާ ގޮސް އެނދުގައި އިށީނދެލިއެވެ.
"އަހަންނާ އިންނާނަންތަ."
"ޢާން! އިންނާނަން."
"ކޮންއިރަކުން."
"ބުނިއިރަކުން."
މި ޙާލުގައި އަހަރެން ހުއްޓަސް ފަރުވާލެއް ނެއްތަ؟"
"ފަރުވާލެއް ނެތް. ހައިކަލަށް މިހާރު އެނގެންވާނެ."
"ކޮން ކަމެއް؟"
"އަހަރެން މިއީ ކާކުކަން."
"ނޭނގޭތީއެއް ނޫނޭ. ހަމަ އަހައިލީ. އަހަރެންގެ ހިތަށް އަރަނީ ފާރިޝާ ޤަބޫލިއްޔާ އަވަހަށް ކައިވެނިކުރަންވިއްޔޭ. އެހެން ނޫނީ."
"އެހެން ނޫނީ."
"ނުބައެއް ހިނގައިފާނެ."
"ނުހިނގާނެ."
"ގައިމުތަ؟"
"ގައިމު."
ހައިކަލް ފާރިޝާގެ ގައިގައި އޮޅުލައިގަތެވެ. ދޮރުގައި މީހަކު ޓަކިޖަހައިފިއެވެ. ފާރިޝާ ފުންމައިގެން ތެދުވެގެން ގޮސް، ދޮރުހުޅުވައިލިއެވެ. ބޭރުގައި ތިބީ ހައިކަލްގެ އޮފީހުގެ މީހުންނެވެ. އެކި މީހުން އެކި ކަންކަމާ ލަފާ ހޯދައިލަން އައީއެވެ.
އެމީހުން ދިއުމުން ފާރިޝާ ބުންޏެވެ.
"ތިޔަ ބުނީ ހަމަ ތެދެއް."
"ކޮބާ؟"
"ގޯހެއް ހިނގައިފާނެ."
އިރުކޮޅަކު ވިސްނައިލަން އޮވެފައި ހައިކަލް ބުންޏެވެ.
"މިހާރު ބޯޅަ ވާނީ ތިޔަ ކޯޓްގަ."
"ވިސްނިއްޖެ. އަހަރެން އެއްވެސް އިޢުތިރާޒެއް ނެތް. ބުނަންވީ މާދަމާރޭ ވިއްޔާ މާދަމާރޭ."
"ކޮބާ ވަލީ؟"
"ވަލީގެ ކަންތައް. ރަށުއޮފީހަށް މެސެޖެއް ޖަހަނިކޮށް މި ކޮޅުގެ ޤާޟީއާ ޙަވާލުކޮށްފާނެ."
"އެހައިފަސޭހަތަ؟"
"ސަމާސާއަކަށް ނޫން. އަހަރެން މިއީ ކުރިން ވެސް މީހަކާ އިނދެފައި ހުރި މީހެއް. އަހަރެންގެ ތަޖުރިބާއާ އެއްގޮތަށް ކަންތައްކުރޭ."
ހައިކަލާއި ފާރިޝާގެ ކައިވެނީގެ ޙަފުލާ ވަރަށް އާދައިގެ ގޮތަކަށް ބާއްވައި ނިމިއްޖެއެވެ. ހައިކަލަށްޓަކައި މަންމަ ބޮޑުކޮށްދިން ކޮޓަރި ރެއަށްޓަކައި ޒީނަތްތެރިކޮށްފައިވަނީ ވަރަށް ރީއްޗަށެވެ.
ތުނިތުނި ފަރުދާތަކެކެވެ. ބޮކި ނުފެންނަ ގޮތަށް ލައިފައިވާ މަޑު އަލިތަކެވެ. އެ ކޮޓަރި ހީވަނީ ޕަރީންގެ ގަނޑުވަރެއް ހެންނެވެ. މިކަންކަމުގައި އުޅުނީ ހައިކަލްގެ އެކުވެރީންނެވެ. ކައިވެނީގެ މޭޒުދޮށަށް ހައިކަލް ދިޔައީ ފާރިޝާގެ އެހީގައި ހިނގައިފައެވެ. މިހާރު ބޮލުގެ އިސްތަށިތައް އެކުލަވައިލައިފިއެވެ.
ރެއަށްޓަކައި ހައިކަލް ލައިގެން ހުރީ މަޑު ކުކުޅުބިސް ކުލައިގެ ގަމީހަކާއު ކަޅު ފަޓުލޫނެވެ. ފާރިޝާ ލައިގެން ހުރީ މަޑު ކުކުޅުބިސް ކުލައިގެ ތުނިތުނި ހެދުމެކެވެ. އެތެރެއިން ލައިފައިވާ އެއްޗެއްގެ ސަބަބުން ހަމުގެ ކުލަ ވަތްކެއް ނުވެއެވެ. އަރައިގެން ހުރީ ކުޑަކޮށް ފުންނާބު އުސް ފައިވާނަކަށެވެ.
ކައިވެނި އޮތީ ހައިކަލްމެންގެ ގޭގައެވެ. ވަރަށް ޒާތީ ކުޑަކުޑަ ގްރޫޕެއްގެ ބައްދަލުވުމެކެވެ. ކައިވެނިކޮށް ނިމުނީއެވެ. ހައިކަލްގެ މަންމަ ހީވަނީ އުފަލުން ކެކިއަރާހެންނެވެ.
އަނެއް ދުވަހުގެ ހެނދުނަކީ، ވަރަށް ޚާއްޞަ ބައްދަލުވުމެއް އޮތް ވަގުތެކެވެ. ފާރިޝާގެ ފިހާރަތަކުގެ ސޭޓުން ތިބީ ގެނެސްފައެވެ. އެމީހުން މަޑުކުރަނީ ފާރިޝާއަށާއި ހައިކަލަށެވެ. އެ ދެމީހުން އެކަކު އަނެކެއްގެ އެހީ ހޯދަމުން ބައްދަލުވުން އޮތް ކޮޓަރިއަށް އައިސް ވަންނަނީއެވެ. ކޮންމެ ފިހާރައަކުން ވެސް މި ދެކަނބަލުންނަށް މަރުޙަބާ ކިޔެވެ. އަދި މުވައްޒަފުންގެ ނަމުގައި ހަދިޔާތައް ދިނެވެ.
ފުރަތަމަ ވާހަކަދެއްކީ ފާރިޝާއެވެ.
"މިހާރުވެސް މާ ލަސްވެއްޖެ. އެހެންނަމަވެސް އެއްގޮތަކަށް ނުބޭއްވުމަށްވުރެ މިހާރުވެސް ރަނގަޅު. މި އިންނެވީ އަޅުގަނޑުގެ ފިރިމީހާ އަދި އަޅުގަނޑުގެ ވަކީލް ހައިކަލް. ތިޔަ ބޭފުޅުންނާ ޚިޔާލު ބަދަލުކޮށްލައްވާނީ އޭނާ."
"އައްސަލާމް ޢަލައިކުމް. އަހަރެންގެ ހިތުގެ ތަޢުރީފު ތިޔަ އެންމެ ބޭފުޅުންނަށް ދަންނަވަން. އަޅުގަނޑު އެދެނީ ވިޔަފާރި މިހާރުގެ ފިކުރާ ގުޅޭގޮތަށް ބަދަލުކުރަން. އަޅުގަނޑަށް އެނގިފައިވަނީ މިހާރުވެސް އެއްވައްތަރެއްގެ އެއްޗިހި އެއްފިހާރައަށްވުރެ ގިނަ ފިހާރައިން އެތެރެކުރާކަން. މިއީ، މިޒަމާނާގުޅޭ ހަމައެއް ނޫން. ހަމަ އެގޮތަށް މިހާރު ތެލުގެ ވިޔަފާރި ދެ ފިހާރައަކުން ކުރާތީ އެކަމުގެ ޝަކުވާތައް އެބަލިބޭ. އެއީ މައްސަލައެއް. ވިޔަފާރިތަކަށް އަޅުގަނޑު ހުށަހަޅަނީ، ފިހާރަތަކުގެ ސޭޓުން ވަކިން ބައްދަލުވެ، ވިޔަފާރި ގެންދާނެ ގޮތް ރާވައިލުން. މިހާރު ހާޑުވެއަރެއް އަޅުގަނޑުމެން ނުގެންގުޅެން. އެހެންނަމަވެސް އެއީ ރަނގަޅު ރޮނގެއް."
ބައްދަލުވުނން ނިމިގެން ހިނގައްޖެއެވެ. މިޒަމާނުގެ ސްޓައިލަކަށް ވިޔަފާރި އަތުރައިލުމުގެ މަސައްކަތުގައި ފިހާރަތަކުގެ ވެރިން އިރުގަނޑަކު މަސައްކަތް ކުރިއެވެ.
އެރޭ ފާރިޝާ އާއި ހައިކަލް ނިދަން ކޮޓަރިއަށް ވަދެފައި ހައިކަލް ބުންޏެވެ.
ހައިކަލް: "ކޮބާތަ؟ އަހަރެންގެ އެހީތެރިޔާ. އޭނާ ނެތި އަހަންނަށް އެއްވެސް ކަމެއް ނުކުރެވޭނެ."
ފާރިޝާ އޭނާގެ ފިރިމީހާގެ ގާތަށް ޖެހިލިއެވެ.
ފާރިޝާ: "އަހަރެން މިހުރީ."
ހައިކަލް: "ފާރިޝާ ވިސްނައިލިންތަ؟ ދެން އަބަދުވެސް އުޅެންޖެހޭނީ ވަރަށް ދަތި ޙާލެއްގަ. އަހަރެން ރީތިކޮށްދީ ހަދަންޖެހޭނެ. ދަތްތައް އުނގުޅުވައިދޭންޖެހޭނެ."
ފާރިޝާ: "ހިތުން ރުހުމުން! އަހަރެންގެ އުފަލަކީ އެއީއެއް ނޫންތަ؟" އަހަރެންގެ ފިރިމީހާގެ ޚިދުމަތުގައި ދެމިހުރުން."
ހައިކަލް: "ހަމަ ތެދެއްތަ؟"
ފާރިޝާ: "ހަމަ ތެދެއް. މި ވިސްނުމަކަށް، މި ފިކުރަކަށް ބަދަލެއް ނާންނާނެ."
އެގޮތުގައި ހައިކަލާއި ފާރިޝާގެ ޙަރަކާތުގެ ދުވަސްތައް ގުނަމުން ގެންދިޔައެވެ. ހައިކަލްގެ މަންމަ އުންމީދުކުރި ކަންތައް މިހާރު ފުރިހަމަވެއްޖެއެވެ.
ފާރިޝާ ހައްޔަރުގައި އިނދެއްޖެއެވެ.
(ނިމުނީ)