(16 މޭ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ހައިކަލް ފާރިޝާގެ އަތުގައި ހިފައިލިއެވެ. އަދި ބުންޏެވެ.
ހައިކަލް: "އަހަރެންގެ ދިރިއުޅުން ފެށޭނީ ފާރިޝާއާ އެކުގައި. އެކަމަކު… ދޯ… މި ދިމާވި ކަމެއް."
ފާރިޝާ: "ތަޤުދީރުގެ ރޭވުން."
ހައިކަލް: "އާން! ތަޤުދީރުގެ ރޭވުން. އެ ރޭވުމަށް ފިލަން ދާނެ ތަނެއް ނޯންނާނެ. ފާއިތުވި ދުވަސްތައް އަނބުރާ ގެނެވޭނެނަމަ، އަހަރެން ބޭނުންވަނީ ވަރަށް ރީތި ދިރިއުޅުމެއް އުޅެން."
ފާރިޝާ: "މާޒީ އަލަކުން ނާންނާނެ. އެހެންވީމާ އަބަދުވެސް ރަނގަޅަށް އުޅެންވީ. އަހަރެންގެ މަންމަގެ ޅެންތަކުގައި އެ ހުރީ އެ ފިލޯސަފީ. ވެދިޔަ ތަނާމެދު ކަރުނަ ނާޅާށޭ. އަބަދުވެސް ކުރިޔަށް ބަލާށޭ."
ހައިކަލަށް، ފާރިޝާ ނުފެންނަންޏާ ވަރަށް ފަޅުވާނެ. މިހާރު އަހަންނަން ޖެހޭ ކޮންމެ ބޮޑުކަމެއްގައި ފާރިޝާ ބައިވެރިކުރަން ބޭނުން. އަހަރެންގެ ހުރިހައި ހިތްވަރަކީ ތިޔައީ."
ފާރިޝާ: "އަސްތާ ލަސްވަނީ. ހައިކަލް ޖެހޭނެ ފުރިހަމަ ނިދި ހޯދަން. އަވަހަށް ހިނގާ."
ދެމީހުން އަތުގައި ހިފައިލައިގެން ހިނގައިފައި ގޮސް، އެ ދެމީހުންނަށް ކަނޑައަޅައިފައިވާ މޫދުކޮޓަރިތަކަށް ވަނެވެ.
އަނެއް ދުވަހު ހެނދުނު ސައިބޯން ތިބެފައި ހައިކަލް ބުންޏެވެ.
ހައިކަލް: "މަންމާ! ފާރިޝާގެ ޙާލު ބަލައިދޭތި. ފާރިޝާ ވެސް ގިނައިން މަންމަ ގާތަށް ގޮސް އުޅޭތީ."
ޝަކީލާ: "ދަރިފުޅާ! ފާރިޝާއާމެދު ނުވިސްނާ. އަހަރެން އޭނާ ބަލަހައްޓާނަން."
ހައިކަލް: "އާން! ބަލަހައްޓައިދޭތި. އަހަރެން އަންނަންވާއިރަށް، އަހަރެންގެ ކޮޓަރި ބޮޑުކޮށްލައިދޭތި. ފާޚާނާ ވެސް އިނގޭ މަންމާ! ދެމީހަކަށް ދިރިއުޅެވޭވަރުގެ ޖާގަ އޮންނަ ގޮތަށް."
ވާހަކަ އެހައި ހިސާބަށް ދިޔަތަނާ ހައިކަލްގެ ބައްޕަ އަތުވެއްޖެއެވެ. ހައިކަލް ބައްޕަ ބުނުއްވިއެވެ.
"ސައިބޮއިގެން ފުރަންވީ. ފުރަތަމަ ދާންޖެހޭނީ ލަންކާއަށް. އެތަނުން ވިސާ ހޯދައިގެން ޖަރުމަނީއަށް ފުރަންޖެހޭނީ. ޝަކީލާ ހުރިހައި ކަމަކާ ޙަވާލުވާންވާނެ. ރިޒޯޓަށް ދޭތެރެ ދޭތެރެއިން ދާންވާނެ."
ފާރިޝާ ހިތަށްއެރިއެވެ. އަހަރެން ބޭނުންވާ ޒާތުގެ ވިސްނުމަކީ، އެހެރީއެވެ. އަންހެނުން ބާރުވެރި ނުކުރުވައި ދިރިއުޅޭނީ ކިހިނެއްހެއްޔެވެ؟ މި ޢާއިލާއަށް ވިސްނައިލިޔަސް ނިކަން ދެކިބަލާށެވެ. ހައިކަލްގެ ބައްޕަ ޖަރުމަނުވިލާތަށް ދަމުން އޭނާގެ ރިޒޯޓް ވިޔަފާރި ބަލަހައްޓާނީ ކިހިނެއްހެއްޔެވެ؟
ޝަކީލާ ބުންޏެވެ.
ޝަކީލާ: "މިހާރު ވިސްނަންވީ ހައިކަލާމެދު. މިކޮޅު އަހަރެން ބަލަހައްޓާނަން. އެންމެ ފެންވަރު ރަނގަޅު ޑޮކްޓަރުންނަށް ނޫނީ އޭނާ ނުދައްކާތި. ކޮންމެ ދުވަހަކު ވެސް ވާނުވާ އަންގާތި."
ޖެހިގެން އައި އާދީއްތަ ދުވަހު ސިލޯނުމަގުން ޖަރުމަނީއަށް ދާ މީހުން މާލޭން ފުރައިފިއެވެ. އެ ދުވަހަކީ، ހައިކަލާމެދު އޭނާގެ އޮފީހުގައި މަސައްކަތްކުރާ އެކުވެރީންގެ ހުރި ތެދުވެރިކަމާއި ގާތްކަން ފެނިގެން ދިޔަ ދުވަހެކެވެ. މާބޮނޑިތަކާއި ހެޔޮދުޢާގެ ކާޑުތަކާއި ހަދިޔާތައް ހިފައިގެން އެންމެންމެ އެއަރޕޯޓަށް ގޮސް ތިއްބެވެ. އެކަކު ވެސް ސީރިއަސް ކަމެއް ދިމާވެގެން އުޅޭކަމުގެ އަސަރެއް ވެސް ނުދައްކައި، މަޖާކޮށް ހެދިއެވެ. އެންމެ ހިތި އަސަރެއް ކޮށްފައި ހުރީ ފާރިޝާއަށެވެ. ފާރިޝާއަށް ރޮވުނެވެ. ހައިކަލް ފާރިޝާއާ ބައްދައިލައި ސަލާމްކޮށްލުމާއެކު ލޮލުން ކަރުނަތައް ފައިބައިގަތެވެ. އެއީ ޢަލީގެ މަރުގެ ހިތާމަތައް ކުރިމަތިވުމުން އަޅަންޖެހޭ ކަރުނައާ ވެސް އެކުގައި ތޯއްޗެކެވެ. ފާރިޝާ ހަމަޖައްސައިދިނީ ޝަކީލާއެވެ. ޝަކީލާގެ ވިސްނުން ރަނގަޅެވެ. ފާރިޝާއަށް ރޮވެން ފެށުމުން ފާރިޝާ ގޮވައިގެން ޝަކީލާ ދިޔައީ ފާޚާނާއަށެވެ. އިރުގަނޑެއް ކޮށްފައި ދެމީހުން ނިކުތްއިރު ފާރިޝާ ހުރީ ހަމަޖެހިލައިފައި ކަމަށް ފެނެއެވެ.
އެރޭ ފާރިޝާ އޮތީ ހައިކަލްމެން ގޭގައެވެ. ކޮޅުނބުން ހައިކަލް ފޯނުކުރިއެވެ. ހުރިހައި ކަމެއް ވެސް ރަނގަޅުކަމަށް ބުންޏެވެ.
އާދައިގެ ގޮތެއްގައި ދުވަސްތައް ވަރަށް ލަސްލަހުން ފާއިތުވަމުން ދެއެވެ. ޝަކީލާ އާއި ފާރިޝާއަކީ، އެކަނިވެރިންކަމުގައި ވެއްޖެއެވެ. ޤުރުއާންކިޔެވުމުގައި ދެމީހުން ވެސް ގިނަވަގުތު ހޭދަކުރަމުން ގެންދިޔައެވެ. ފާރިޝާ ކުޑައިރުކޮޅަކަށް ގެއަށް ގޮސްލައި އުޅުނު ނަމަވެސް ގިނަވަގުތު ހޭދަކުރަނީ ހައިކަލް މަންމަ ގާތުގައެވެ.
މި ދެއަންހެނުންގެ ޙަޔާތުގެ ވާހަކަ އެކަކު އަނެކަކަކަށް ކިޔައިދީފިއެވެ. އެވާހަކަތަކުގެ ސަބަބުން ދެމީހުންގެ ދެމެދުގައި އޮތް ގުޅުން ކުރިޔަށްވުރެ ބަދަހިވިއެވެ.
މި ގޮތަށް އެއްދުވަހަކު ދެމީހުން ވާހަކަ ދައްކަމުން ގެނދިޔަ ގެންދިއުމުގައި، ފާރިޝާ އަހައިލިއެވެ.
ފާރިޝާ: "ހައިކަލް ޑްރަގުގެ ތެރެއަށް ވަންނަން މެދުވެރިވި ސަބަބެއް އެނގޭތަ؟"
ޝަކީލާ: "ކުށަކީ އަހަރެމެން ދެމީހުންގެ ކުށް. އަޅައިލުން ކުޑަވީ. އުޅޭނޫޅޭ ގޮތް ރަނގަޅަށް ނުބެލުނީ. ތަނަވަސްކަން ހުރީމައި ބުނާވަރަށް ލާރި ވެސް ދެވުނީ. ހައިކަލް ބައްޕައަކީ، ކުދީން ވަރަށް އަބުއިކޮށް ގެންގުޅުނު މީހެއް. ތެދަށް ބުނަންޏާ އަހަރެމެން ދެމީހުންނަށް ވެސް ވާންފެށި ގޮތަކީ، އެކަކު ޒިންމާ އުފުލާނެކަމަށް ބަލައިފައި އަނެކަކު އަޅައިނުލައި ހުރީ. ދެމީހުން ކަންކަމާ މަޝްވަރާކުރުން މާ ކުޑައީ. އެކަމަކު ވަރަށް ލޯބިވެސް ވާނެ. އޭނާ ލޯބިވާނީ އޭނާގެ ގޮތަށް. ދެމީހުން ކަންކަމާ ޚިޔާލު ބަދަލުކުރުމެއް ނޯންނާނެ. އުޅެވެނީ ލާރިއާހެދި. މުއްސަނދި ވެވޭތޯ މިބަލަނީ. އެކަމަކު، ދަރީން ހަލާކުވެ ދިޔައީމައި ތަނަވަސްކަމުގެ ބޭނުމަކީ ކޮބާ؟
އޭރު އޭނާ އުޅުނީ ރިޒޯޓް ހެދުމުގައި ވަރަށް އަވަދިނެތި. ތިބީ ދެކުދީން. އެ ދެބެން ބޮޑުވަމުން އައިއިރު ކޯޅުން އެހައި ބޮޑުވާނެ. އެހެންވެކަން ނޭނގެ އެމަންޖެ ކިޔަވައިގެން އެނބުރި ނައީވެސް."
ފާރިޝާ: "ކަންތައްތައް ގޯސްވަންޏާ އެކަކު އަނެކަކު ގާތު ބުނަންވާނެތާ."
ޝަކީލާ: "އާން! އެކަމެއް ނުކުރެވުނު."
ފާރިޝާ: "ހައިކަލް ހިތަށް އަރަނީ ވެސް އޭނާއަށް މިހާރު ކުރިމަތިވެފައި މިވާ ކަންތައް ވެސް ކުރިމަތިވީ ޑުރަގުގެ ސަބަބުން ކަމަށް."
ޝަކީލާ: "އެހެން ވެދާނެތަ."
ފާރިޝާ: "ނޭނގެ ދޯ؟ އެއީ ވެސް އެކަށީގެންވާ ކަމެއް. އަދި ބުނި އެ ދުވަސްވަރު މަސްތުވުމަށްޓަކައި ލިބުނު ކޮންމެ އެއްޗެއް ބޭނުންކޮށްލީއޭ."
ޝަކީލާ: "ސުބުޙާﷲ.! އެހެންވީމާ މައިންބަފައިން ޒިންމާއެއް ނެތްކަމަށް ބުނަން ހެޔޮވެސް ނުވާނެ."
ފާރިޝާ: "ދެން އެ ވާހަކަ ހުއްޓައިލާ. ހިނގާ އަޅުގަނޑު އުޅޭ ދިރިއުޅުން ދެކިލަން އެ ގެއަށް. އަދި އެ ގެއަށް ނުވަންނަމެއްނު."
ދެމީހުން ޓެކްސީއެއްގައި ފާރިޝާގެ ގެއަށް ދިޔައެވެ. ފާރިޝާގެ ގޭގެ ތަންތަން ހައިކަލްގެ މަންމައަށް ދެއްކިއެވެ. އަދި މެންދުރު ކާންވާނީ އެ ގެއިންނޭ ބުންޏެވެ.
ފާރިޝާ ލަކްޝަމީއަށް ގޮވައިގެން ގެނެސް ތައްޔާރުކުރަންވީ އެއްޗިހި ބުނެދިނެވެ.
ދެމީހުން ކައި ނިމިގެން ފާރިޝާގެ ކޮޓަރީގައި ހުރި ބޮޑު އުނދޯލީގައި ޖައްސައިލިއެވެ. ފޯނުވާން ފެށިއެވެ. ފާރިޝާ ގޮސް ފޯނު ނަގައިފައި، ދެ އެއްޗެއް ބުނެލިއެވެ. ދެން ޝަކީލާއަށް ގޮވިއެވެ. ޝަކީލާ ފޯނުން ވާހަކަދައްކަން ފެށުމުން، ފާރިޝާ ދުރަށް ޖެހިލިއެވެ.
ފޯނު ނިމިގެން ޝަކީލާ އައިސް އެއީ ކާކުކަން އެނގުނުތޯ ފާރިޝާ ކުރެން އެއްސެވެ.
ފާރިޝާ: "ނޭނގޭ. އަނެއްކާ އަޅުގަނޑު ދަންނަ މީހެއްތަ؟"
ޝަކީލާ: "އެއީ ހައިކަލްގެ ބައްޕަ. މާދަމާ އޮޕަރޭޝަންކުރާ ވާހަކަ އެ ވިދާޅުވީ."
ފާރިޝާ: "އެހެންތަ؟ ހައިކަލް ޙާލު ކިހިނެއް؟"
ޝަކީލާ: "ހައިކަލް ރަނގަޅު. ގެއަށް ވަރަށް ގިނަފަހަރު ގުޅައިގެން، އަހަރުމެން ދެމީހުން އެކީގައި ބޭރަށް ދިޔަ ވާހަކަ، ގޭގައި ގެންގުޅޭ މީހާ ބުނެގެން މި ގެއަށް އެ ގުޅީ."
ފާރިޝާ: "ނަސީބުތާ ގުޅުނުކަން. ހާދަ އަވަހަށޭ އޮޕަރޭޝަން އެ ކުރަނީ."
ޝަކީލާ: "ލަސްކުރުން ރަނގަޅު ނޫންވީމައި އަވަސްކުރަނީ. މިހާރު ހައިކަލް އެ އޮތީ ދުނިޔޭގައި ބޭސްވެރިކަމުގެ ގޮތުން އެންމެ ކުޅަދާނަ މީހުންގެ އަތްމަތީގައި."
ފާރިޝާ: "އިރާދަކުރެއްވިއްޔާ ހުރިހައި ކަމެއް ވެސް ރަނގަޅަށް ދާނީ. ޔާ ﷲ."
ޝަކީލާ: "ދެން ދަނީ އިނގޭ. ނަމާދުކޮށްގެން ޤުރުއާން ކިޔަވަން އިނދެލަން. މިރޭ އަންނާތި އިނގޭ."
ފާރިޝާ: "މިރޭ ދާނަން. މި އުޅެނީ ފަޤީރުންނަށް ޞަދަޤާތެއް ކޮށްލަން ކަމަށް."
ޝަކީލާ: "ޞަދަޤާތްކުރުން އެއީ ރަނގަޅު ކަމެއް. ނަމާދުކޮށްގެން، ދުޢާކޮށް، ޤުރުއާންކިޔެވުން ގިނަކުރޭ."
ފާރިޝާ: "އެހެން ހަދާނަން."
ޝަކީލާ ހިނގައްޖެއެވެ. ފާރިޝާ އޭނާގެ ކޮޓަރިއަށް ވަދެ އެނދުކައިރީގައި އިށީނދެ އިނދެ ރުޔެވެ. އޮޕަރޭޝަންގެ ސީރިއަސްކަން ރަނގަޅަށް އޭނާއަށް ނޭނގުނެއް ކަމަކު، ރާއްޖެއާ އެހައި ދުރުގައި ކުރާ ސިކުނޑީގެ އޮޕަރޭޝަނަކީ، ކުޑަކަމެއް ނޫންކަން އިޙްސާސްކުރެވެއެވެ.
ފާރިޝާ ފެންވަރައި ނަމާދުކޮށްގެން ޤުރުއާން ކިޔަވަން ވަރަށް ގިނައިރު އިނެވެ. ކޮޓަރިން ނިކުތީ ކިޔަވައިދޭން އަންނަ މީހާ އައުމުންނެވެ.
ފާރިޝާ: "ސޮރީ! އަހަރެން ބުނަން އުޅުނީ ދެދުވަހަކަށް ކިޔެވުން ނުބާއްވަން ވިސްނާ ވާހަކަ."
ޓީޗަރ: "ކަމެއް ވީތޯ؟"
ފާރިޝާ: "ހައިކަލް އޮޕަރޭޝަން ކުރަނީ. އަހަރެން ބޭނުން އަޅުކަމުގައި ގިނަވަގުތު އިންނަން."
ޓީޗަރ: "ލައްބަ! އެންމެ ރަނގަޅު. ދަނީ. އޮޕަރޭޝަން ކާމިޔާބުވޭތޯ އަޅުގަނޑު ވެސް ދުޢާކުރާނަން."
މުޅި ދުވަހު ނުކައި ނުބޮއި ފާރިޝާ އުޅުނީ އަޅުކަމުގެ ކަންތައްތަކުގެ ތެރޭގައެވެ. ފިހާރައިގައި އުޅޭ މީހަކު ގެނެސްގެން ފަޤީރުންނަށް ބަހަން ލާރި ފޮނުވިއެވެ.
ފާރިޝާ ގެއިން ނިކުތީ، ހައިކަލްމެންގެ ގެއަށް ދިއުމަށް އެރޭ އިރާކޮޅުއެވެ.
ޖަރުމަނުވިލާތުގެ ޑުސިލްޑޯފްގެ އެންމެ ބޮޑު ހޮސްޕިޓަލްގައި މަޝްވަރާއެއް ކުރެވެމުން ދަނީއެވެ. މި މަޝްވަރާގައި ބައިވެރިވަނީ ހައިކަލްގެ ދެބަފައިންނާއި ހޮސްޕިޓަލްގެ ނާރުތަކާބެހޭ ޑޮކްޓަރުތަކުގެ އޮޕަރޭޝަނާބެހޭ ޓީމާ ދެމެދުގައެވެ. ސިކުނޑި އާއި ނާރުތައް ގުޅޭ ތަނުގެ އަޑިގައި ހުރި ސިސްޓް ނެގުމަށްޓަކައި ކުރާ މަސައްކަތުގައި ކަންތައްތައް ވެދާނެ ގޮތް ކިޔައިދެނީއެވެ. ބައެއް އިޙްސާސްތައް މަސައްކަތް ނުކޮށްފާނެ ކަމަށާއި ބައެއް ޙާލަތުގައި އެއްފަޅި ފާގިނެތުމަކީ ވެސް އެކަށީގެންވާ ކަމެއްކަމަށް ބުނެދިނެވެ.
ހައިކަލްގެ ބައްޕަ ބޭނުންވަނީ، މި ބަލީގައި ހައިކަލް މަރުވާކަށް ނޫނެވެ. ކުރެވެން އޮތް އެންމެ ރަނގަޅެއް ކުރެވޭތޯ ބަލާށެވެ.
ހައިކަލްގެ ބައްޕަ ސާފުކޮށްލަން ބޭނުންވަނީ، އޮޕަރޭޝަންގެ ތެރޭގައި ލިބޭ އުނިކަމެއް ބޭސްފަރުވާއިން ރަނގަޅުކުރެވޭނެތޯއެވެ. އެއީ އެކަށީގެންވާ ކަމެއްކަމުގައި ބުނެދިނެވެ. އެހެންކަމުން ހައިކަލްގެ ވެސް ރުހުމާއެކު އޮޕަރޭޝަން ކުރުމައިގެން ކުރިޔަށް ދާން ނިންމިއެވެ.
އެ ބައްދަލުވުން ނިމުމުން، ހައިކަލާއި އޭނާގެ ބައްޕަ ވަރަށް ގިނަ ވާހަކަ ދެއްކިއެވެ. ހައިކަލް އެދުނީ، ކޮންމެ ގޮތެއް ވިޔަސް ފާރިޝާއަށް ބައްޕަ އާއި މަންމަ އަޅައިލުން ބެލެހެއްޓުމަށެވެ. އެ ނޫން އެހެން ކަމެއް ނެތެވެ.
ހައިކަލްގެ ބައްޕަ ބުންޏެވެ.
"ދަރިފުޅާ! މާތް ﷲ ގެ ހެޔޮ ދަރުމައިން އުންމީދު ކަނޑައިނުލާތީ، ދަރިފުޅުދެކެ ބައްޕަ ވަރަށް ލޯބިވޭ. ކުރީގައި ބައްޕަމެންނަށް ކަންތައްތައް ކުރެވުނު ގޮތުން ދަރިފުޅަށް ދިމާވި ދަތިތަކާއި އުނދަގޫތަކަށް މަޢާފަށް ވެސް އެދެން."
ހައިކަލް: "ބައްޕާ! ތިޔަހެން ވިދާޅުނުވޭ. ބައްޕަމެން ކުށެއް ނުކުރައްވާ. ކުށްކުރީ އަޅުގަނޑު."
"ދަރިފުޅު ކުށުގެ ތެރެއަށް ވަނީ، ބައްޕަމެންގެ އަޅައިލުން ދަރިފުޅާމެދު ކުޑަވެގެން. އެއީ ބައްޕަގެ އަމިއްލަ ނަފުސުގެ މައްޗަށް ދުވަހަކު ވެސް މަޢާފުނުކުރެވޭނެ ކަމެއް."
ހައިކަލް ކުއްލިއަކަށް ސިއްސައިގެން ގޮސް، ދުރު ބަލައިލިއެވެ.
"ބައްޕާ! ދޮންތަ."
ބައްޕަ ފަހަތަށް އެނބުރިލިއިރު، އޭނާގެ އަންހެން ދަރިފުޅާއި އެ ދަރިފުޅުގެ ފިރިމީހާ އެ ދިމާއަށް އަންނަތަން ފެނުނެވެ.
އެންމެން ބައްދަލުވެ، ވަރަށް ރުޔެވެ. ހައިކަލްގެ ދޮންދައްތަ އޭނާގެ ފިރިމީހާ ގޮވައިގެން އެހައި ދުރުން އެ އައީ ހައިކަލްގެ އޮޕަރޭޝަންގެ ވާހަކަ އެނގިގެންނެވެ.
ހައިކަލް ދެލޯ ފުހެލައިފައި ކޮއްކޮމެން ކޮބައިތޯ ސުވާލުކުރިއެވެ. އެ ދެބެއިން މިހާރު ވީ ޔުނިވަރސިޓީގައޭ ބުންޏެވެ.
ހައިކަލްގެ ދޮންދައްތަ ހައިކަލަށް ރަނގަޅަށް ބަލައިލައިފައި ބުންޏެވެ.
"ހަމަ ގަދަފަދަ! އިރާދަކުރެއްވިޔާ ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ. ބަލަ ފަހަރިދައިތައާ ފޯނުން ބައްދަލުވި."
ބުނި އެއްޗެއް ސާފުނުވެގެން ހައިކަލް ދެލޯ ކުޑަކޮށްލިއެވެ.
"ސާބަސް. މި ބުނީ ފާރިޝާގެ ވާހަކަ."
ހައިކަލް ބުންޏެވެ.
"އެހެންތަ؟ ކިހިނެއް ފެންނަނީ…"
"މޮޔައާ! އަޑު އެކަންޏޭ އިވުނީ. ނުވެއް ފެނޭ. ވާހަލަ ދައްކައިލި ގޮތުން ހީވަނީ ހައިކަލާ ވަރަށް މެޗްވޭހެން."
ދުރުގައި ވާހަކަ ދައްކަން ތިބި ހައިކަލްގެ ބައްޕަ އާއި ދަނބިދަރިފުޅު އަތުވެއްޖެއެވެ. އަދި ތިބޭނީ ކޮން ހޮޓަލެއްގައިތޯ އަހައިލިއެވެ.
(ނުނިމޭ)