ދިރިއުޅުމުގެ ރަހަތައް - 1

އަލިވިލޭން ފެށުމާއެކު، ކޮޅިގަނޑުގެ ވައި މަޑުވާއަތަށް އަޅައިފިއެވެ. އެހެން ރޭރެއަށް ފަތިހަށް ގޮވާ ކާޅާއި ކުކުޅު ހާލުގެ މާބޮޑު އަޑެއް ނެތެވެ. އަދި ފަތިސްނަމާދަށް ތެދުވެގެން ޙަރަކާތްތެރިވާ މީހުން ވެސް އެހައިމެ މަދެވެ. ފަޅުގައި ހުރި މަސްދޯނިފަހަރު ބޯސާގައި ދެއަތަށް ދެއަތަށް ލަކިޖަހައިލަޖަހައިލާ ހުއްޓެވެ. ވިޔަފާރިކަމު ދުއްވާ ދޯނިފަހަރުވެސް ކޮޅިގަނޑަށް ރަށުގައި ޖެއްސި ގޮތަށް ފުރަން ނޫޅެ ފަޅުގައި ހުރީއެވެ. މީހެއްގެ ހިލަމެއް ދިލަމެއް ނުވެއެވެ. ޖެހޭ ފިނިވަޔާއި އަނދިރީގެތެރޭގައި މަސްވެރީންގެ ހޮޅުއަށީގެ ފުރާޅުދޮށުގައި ކޮޅަށް މީހަކު އެބައިނެވެ. އޭނާ އިނީ ދުނިޔެމައްޗަށް އަންނަ ފަތިހުގެ ބަދަލުތައް ބަލާކަށް ނޫނެވެ. އަދި ނަގިލި ކަހާލާފައިވަނީ ކޮން ދޯންޏެއްގެތޯ ބަލާކަށެއް ވެސް ނޫނެވެ. އޭނާ އެ އިނީ، އޭނާގެ އަތުން ރޭވި އޭނާގެ އަމިއްލަ ދިރިއުޅުމުގެ ޅަކަމާމެދު ޚިޔާލުކުރާށެވެ. ޢުމުރުން 27 އަހަރުގައި، 10 އަހަރަށް އަރުވައިލުމަކީ ކުޑަކަމެއް ނޫނެވެ. އެކަމަކު މިކަން ޖެހުމުގެ ކުރީން، މިއީ ބޮޑުކަމަކަށް ވާނެކަމަކަށް އޭނާއަކަށް ނުވިސްނުނެވެ. އޭނާގެ ޚިޔާލުތަކަށް އަރައި ފައިބަމުން ދިޔައީ އޭނާ ހަނދާން ހުންނަން ފެށީއްސުރެ އޭނާއާ މެދު މިހައިތަނަށް ކަންތައްތައް ހިނގައިފައިވާ ގޮތެވެ. އޭނާގެ މުލައްދަނޑިގައި މިހާރަކު ބާރެއް ނެތެވެ. އޭނާގެ ވަށައިގެން ޙަރަކާތްތްތެރިވި ޗާލާކީ ޒުވާނުންތަކެއް މިހާރަކު ނެތެވެ. އޭނާ ދުއްވި ސްޕޯރޓްސް ކާރެއް، އޭނާ ޢިމާރާތްކުރި ތިންބުރި ގެއެއް މިހާރަކު ފެންނާކަށް ނެތެވެ.

ތަޤުދީރުގެ ކުޅިގަނޑުގައި އިންސާނަކު ބެހެމުން އަރާ ފައިބަމުން މިދާ ތަފާތު ސްޓޭޖްތަކުގައި، ކުޅެންޖެހޭ ތަފާތު ބައިތަކުގައި ހާދަ އަރާމެއް ވެސް އެކުލެވެއެވެ. ހާދަ ހިތްދަތިކަމަކާއި އެކަނިވެރިކަމެއް ވެސް އެކުލެވެއެވެ. ތަފާތު ސްޓޭޖްތަކުގައި އުޅެނީ އެކި ބައިތައް ކުޅޭ މީހުންނެވެ. ބައެއް މީހުން އަބަދު އުފާވެރި ބައިތައް ކުޅެއެވެ. އަނެއްބައި މީހުން އަބަދު ހިތާމަވެރި ބައިތައް ކުޅެއެވެ. އަދި އަނެއް ބަޔަކު މި ދެބައި އެއްވަރަށް ކުޅެއެވެ. ވިޔަފާރި ދޯނިތަކުން އެއް ދޯނީގެ މީހުން ހޭލައިފިއެވެ. ފުރަން ތައްޔާރުވަނީއެވެ. ކުކުޅު ހާ މަދުމަދުން އަތިރިމައްޗަށް ނިކުންނަން ފަށައިފިއެވެ.

ހޮޅުއަށީގައި އިން ޒުވާނާ މަޑުމަޑުން ތެދުވެއްޖެއެވެ. އަތިރިމައްޗަށް ދާން ހިނގައިގެންފައިމެ އެއްގަމާ ދިމާއަށް އަނބުރައިލައިފިއެވެ. އޭނާ ރެޔަކު ނުނިދައެވެ. އޭނާގެ ނިދި ވަނީ އޭނާއާ ވަކިވެގެން ގޮސްފައެވެ. އޭނާގެ ބަނޑުހައިހޫނުކަން އޭނާއަކަށް އިޙްސާސެއް ނުކުރެވެއެވެ. ތުނބުޅި ދިގުވެ ގަމީސް ދާވާކަމެއް ވެސް އޭނާއަކަށް ނޭނގެއެވެ. ނޫނީ މިހާރަކު އެއީކީ މާބޮޑެތި ކަންތައްތަކެއް ނޫނެވެ. އޭނާއަށް މިހާރު ކުރިމަތިލާން މަޖުބޫރުވި ދުނިޔެއަކީ ހުވަފެނުން ވެސް ނުދެކޭކަހަލަ ދުނިޔެއެކެވެ. އެކަމަކު ޝަކުވާކުރާނީ ކާކުގެ ގާތުގައި ހެއްޔެވެ؟ ކުށަކީ އަމިއްލަ ކުށެވެ. އެހެން މީހަކު މިކަމުގައި އަތްބާރެއް އަޅައިފައެއް ނުވެއެވެ. އެއްގަމަށް އަރަން އޮތް ބޮޑު މަގުގެ އެއްފަރާތެއްގައި، ރާނައި، ފަނުން ހިޔާކޮށްފައި ހުރި ގެއަކަށް އެ ޒުވާނާ ވަދެއްޖެއެވެ. އޭނާ ނިދަން ދެއްކި ފަތްޖެހި އެނދުގައި އަޅައިފައިވާ ފޮތިގަނޑު ރަނގަޅުކޮށްލައިފައި އެ އެނދުގައި އޮށޯވެއްޖެއެވެ. ރޭ ހަތަރުދަމު، ކުޑައަށިގައި އޮވެގެން ކެއްސި މުސްކުޅިޔާ މިހާރަކު ނެތެވެ. އަތިރިއަށް ދިޔައީއެވެ. ނޫނީ ނަމާދަށް ދިޔައީކަންނޭނގެއެވެ. ދިމާއެނދުގައި ދަމާފައިވާ ފޮތިގަނޑު އެއްކޮޅަށް ކެހިގެން ގޮސްފައިވާތީ އެ އެނދުގައި ނިދައިފައި ތިބި ދެމަފިރިން އޭނާއަށް ފެނެއެވެ. އެތަން ނުބަލަން ފާރާދިމާއަށް އެނބުރުނެވެ. މި އެނބުރިލީ އެނބުރިލުމަށް އެނދުން ކީ އަޑަށް އެތެރެގޭ ތެރެއިން މީހަކު ކަރުކެހިލި އަޑު އިވުނެވެ. ހުޅުވިފައި ހުރި ދޮރުން ވަން ވައިރޯޅިއަކުން ފުޅިބައްތީގެ ހުޅުކޮޅު ތެޅިލިއެވެ. ހާލެއް ގޮވައިލައިފިއެވެ. އެ އަޑަށް ޖަވާބުދިނުމަށް ކަންނޭނގެއެވެ. މަތިން އުދުހެމުން ދިޔަ ކާޅެއް ގޮވައިލިއެވެ.

ފަތްޖެހިއެނދާ ޖެހިގެން ހުރި ބޮޑުއަށީގައި ނިދަން ތިބި ކުދިންތަކުގެ ތެރެއިން ކޮންމެވެސް ކުއްޖަކު ތަންމައްޗަށް ހީސްލައިފިއެވެ. ނޭފަތުގައި ޖެހުނު ވަހުންނާއި ތަރުފާލުމަތިން ބިންމައްޗަށް ފެންފައިބާއަޑު އިވުމުން އެކަން ޔަޤީންވިއެވެ. އެ ހިސާބުން އެ ޒުވާނާގެ ލޯމެރެން ފެށިއެވެ. އަރާމު ނިންޖެއްގެ ތެރެއަށް ދެވެން އުޅެނިކޮށް، ސިފައިންގެ ބަޔަކު އަންނާތީ ފެނިފައި ސިއްސައިގެން ދިޔައެވެ. އަނެއްކާވެސް ފާރުގެ ގާތަކަށް ބަލަން އޮއްވައި ލޯމެރެން ފަށައިފިއެވެ.

މަދަރުސާގެ ފުރަތަމަ ދުވަހަކީ، ވަރަށް އުފާވެރި ދުވަހެކެވެ. އައު ޔުނީފޯމާއި އައު ފައިވާނުގައި ކުދިންތަކުގެ ތެރެއަށް ދެވޭކަމުގެ ހިތްއަވަސްވުމުގައި ހައިކަލް ހުއްޓެވެ. ބައްޕަގެ ސައިކަލްގެ ފަހަތުގައި ގޮސް ފޭބުމާއެކު، ޙަވާލުވުމަށް ހުރި މީހާ އޭނާ އެތެރެއަށް ވެއްދިއެވެ. ކުލާހުގައި ހުރި ކުޅޭ ސާމާނުތައް އެހާ ގިނައެވެ. އެކުގައި އުޅެން ތިބި ކުދިންތައް އެހާ އެކުވެރިއެވެ. ގޭގައި ވާހެން ދައްތައެއް ނުތޮޅެއެވެ. އެއްޗިއްސެއްވެސް ނުކިޔައެވެ. މަންމަގެ ހަޅޭއްލެވުމާއި ބައްޕައާއި މަންމަގެ ދެބަސްވުމުގެ އަޑެއްވެސް ނީވެއެވެ. ސްކޫލްގެ ގަޑިތައް ހޭދަކުރަނީ އުފަލާއި ހިތްހަމަޖެހުމާއެކުގައެވެ. އެނބުރި ގެއަށް ދަނީ ހިތްދަތިކަމާއެކުގައެވެ. ދައްތަގެ ގާތްކަން ލިބޭނެނަމަ، މަންމަމެން އެއްބައިވާނަމަ، މަދަރުސާހާ މަޖާނުވިޔަސް ގޭގެ މަޖާކަން ވެސް ކުޑައެއް ނުވީހެވެ. އެކަން ހައިކަލަށް އެނގެއެވެ. ސަބަބަކީ އޭނާގެ އަވައްޓެރި ދެ ގެއެއްގެ ތެރެއިން އެއް ގެއެއްގައި ކަންތައްތައް ހިނގާގޮތް އޭނާއަށް ފެނި، އެނގިފައިވާތީއެވެ.

މަދަރުސާގެ ދުވަސްތައް ފާއިތުވަމުން ދެއެވެ. އޭނާ އަރާ ފައިވާނުގެ ނަންބަރުތައް ބަދަލުވަމުން ދެއެވެ. އޭނާގެ ކުލާސްތައް މަތިވަމުން ދެއެވެ.

މިހާރުވެސް އިސްކޫލުން ގެއަށް އަންނަކީ ހިތްހަމަނުޖެހި ހުރެއެވެ. ގޭގައި އޭނާ އުޅޭހިތެއް ނުވެއެވެ. އޭނާއަށް ގެއިން ލިބެނި ހިތްހަމަޖެހުމެއް ނޫނެވެ. އޭނާގެ މައިންބަފައިން ހީނއުޅޭތަނެއް ނުފެނެއެވެ. އެއްޗެއް ބުނާނަމަ ބުނަނީ ނުރުހުމުގެ ރާގެއްގައެވެ. އޭނާއާ އެކު ކުޅޭނެ މީހަކު ނުވެއެވެ. އޭނާ ހުންނަންޖެހެނީ އެކަނިވެރިވެ، ފޫހިވެފައެވެ.

ފާރިޝާއަކީ، ވިލާޑިއައިލޭންޑްގައި ގެންގުޅޭ އުތުރުގެ އަތޮޅަކުން ގެނެސްފައިވާ ކުއްޖެކެވެ. އޭނާއަށް ލިޔަންކިޔަން އެނގުނެއްކަމަކު ތަޢުލީމުގެ އާރުން ފުދޭވަރެއްގެ ފެންފޮދެއް ލިބިފައެއް ނުވެއެވެ. މުޅި ދުވާލު އުޅެނީ ގޭގެ މަސައްކަތުގައެވެ. ހަވީރު ފެންވަރާލުމާއެކު، ރޭގަނޑު ކާން ހެދުމަށް ތައްޔާރުތައް ކުރަންޖެހެއެވެ. އެހެންކަމުން އޭނާގެ ރަށުކުއްޖަކު އަޅައިދީފައިވާ އޭ. ބީ. ސީ. ޑީ. ގެ ފޮޅުވަތްތައް ލިޔެލާނެ ވަގުތެއް ނުލިބިއޮތީއެވެ. ކޮންމެ ރެއަކު ވެސް ނިދަން އޮށޯންނަމުން އޭނާއަށް ލިބިފައިވާ ބައެއް ނޫސްމަޖައްލާ ކިޔައިލައިހަދައެވެ. މާބޮޑު އެއްޗެއް ނޭނގުނެއްކަމަކު، އެ އެއްޗިހީގައި ލިޔެފައިވާ ވާހަކަތަކުން ކޮންމެވެސް ވަރަކަށް މަޢުލޫމާތު ލިބެއެވެ. ބައެއް ރޭރޭ ބޮޑުދައިތައަށް ސިޓީއެއް ލިޔެލައެވެ. އެއްވެސް ޙާލެއްގައި އޭނާގެ ދަތިތަކާއި އުނދަގޫތަކުގެ ވާހަކައެއް ނުލިޔެއެވެ. ކޮންމެ ފަހަރަކު ލިޔެލާ ސިޓީއާއެކު، އޭނާއަށް ލިބިފައި ހުންނަނަމަ ހުންނަ ފައިސާކޮޅެއް ފޮނުވައެވެ.

ފާރިޝާގެ ހުރިހައިވެސް އެދުމަކީ ކިޔެވުމެވެ. ކީއްކުރަން ކަމެއް ނޭނގެއެވެ. މޮޅުމީހަކަށް ވާން މީހުން ބޭނުންވާ ސަބަބެއް އޭނާއަކަށް ނުވިސްނެއެވެ. އޭނާގެ ރަށުގައި ވެސް އަންހެނުންނަކީ، މާމޮޅު ކަންތައްތަކެއް ކުރާ ބައެއް ނޫނެވެ. އެމީހުންގެ ކަމަކީ، ކެއްކުމާއި ކުނިކެހުމާއި ދަރަށް ދިއުމާއި އެއްޗެތި ދޮވުމާއި ގޭގެ މީހުންނަށް ކައްކައިފައި ކާންދިނުމެވެ. އެންމެ އަންހެންކުއްޖަކު ރަށުއޮފީހުގައި އުޅެއެވެ. އޭނާއާމެދުވެސް މީހުން އާދަޔާޚިލާފު ގޮތަކަށް ނުބަލައެވެ. މިހެން ކަންތައްތައް ހުރިނަމަވެސް ފާރިޝާގެ ހިތުގައި، ކިޔެވުމަށް ކަނޑައަޅައިފައިވާ ޢަޒުމް ބަދަލުކުރާހިތެއް ނުވެއެވެ. ރަށު މަކުތަބުގައި ވެސް މައްޗަށް ދެވެން އޮތްނަމަ އެކަން ކުރީހެވެ. އެހެންނަމަވެސް އެހީވާނެ ބައްޕައެއް މަންމައެއް ނެތުމުން ކަންތައްތައް ދަތިކަމުން އެހެން ވާން ނެތީއެވެ. މާލޭގައި އޭނާ ހުންނަ ގެއަކީ، މެދުފަންތީގެ ވިޔަފާރިއެއް ކޮށްއުޅޭ ފުދޭވަރެއްގެ ރަނގަޅު ގެއެކެވެ. ކެއިން ބުއިން ހުންނަ ގޮތަށްވުރެ ގޭތެރޭގެ ކަންތައްތައް ބޭރުން އަންނަ މީހުންނަށް ފެންނަ ގޮތް ރަނގަޅު ގެއެކެވެ.

ޙައްވާމަނިކެ އަކީ އަބަދު ބަލިވެއުޅޭ މީހެކެވެ. އެހެންކަމުން ގޭތެރެ ސާފުކުރުމާއި ކެއްކުމާއި ކާންހެދުމުގެ ކަންތައްތަކަކީ، ފާރިޝާގެ ކަމަކަށް އޮންނަނީ ވެފައެވެ. ޢުމުރުން ޅަނަމަވެސް، މީހުން ބުނާގޮތަށް ކަންތައްތައް ކުރަން އެނގޭތީ ޙައްވާމަނިކެގެ ފަރާތުން ރިހައެއްޗެހި ކައްކާނެ ގޮތް ދަސްކޮށް، ބަތްތަވާ ހިންދާނެ ގޮތް ދެނެގަތެވެ. ފިހާރައިގެ ދެމީހަކާއި ޙައްވާމަނިކެގެ ތިމާގެ ދެމީހަކާއި ޙައްވާމަނިކެގެ ފިރި ޢަލީއަކީ އާދަވެގެން ގެއިން ކައިބޮއިއުޅޭ މީހުންނެވެ.

ޢަލީގެ ދިރިއުޅުން ހުންނަ ގޮތުން ކާން ނޫނީ ގެއަކަށް ނުވަދެއެވެ. އޭނާގެ އަންހެނުންގެ ބައްޔަކީ ނޫންބާވައޭ ހިތަށް އަރާހާ ވަރުވެއެވެ. ޢަލީއަކީ ލަގޮނޑީގައި ނާށިލާފައިވާ މީހެކެވެ. ޙައްވާމަނިކެއަކީ، އަތުގެ އިނގިލިތަކުގެ ދޭތެރެ ރަނގަޅަށް ނުޖެހޭ ހިފެހެއްޓުން ނެތް މީހެކެވެ. މިއީވެސް މި ދެމަފިރިންގެ ދިރިއުޅުން ހަމަނުޖެހޭން ދިމާވެފައިވާ ކަމަކަށް ދުރުތިބީންނަށް ފެނިދާނެ ކަމެކެވެ.

ޙައްވާމަނިކެއަކީ ގަދަވެ ހުންނަކަމަށް ފެނުނުނަމަވެސް އާދަވެގެން ޑޮކްޓަރު ގާތަށް ގޮސްއުޅޭ އަންހެނެކެވެ. އެއީ ކީއްވެބާވައެވެ. ކުއްޖަކު ނުލިބުމަކީވެސް ދެމަފިރިންގެ ދެމެދުގައި އޮތް މައްސަލައަކަށް ވެދާނެއެވެ. އެކަކު ކުއްޖަކު ބޭނުންވެފައި އަނެކަކު އެހާ އަވަހަށް ކުއްޖަކު ހޯދަން ބޭނުން ނުވުމަކީވެސް ހަމަނުޖެހުމެއް އުފެދިދާނެ ކަމެކެވެ.

ފާރިޝާއަކީ، އޭނާގެ ސާހިބުންކަމުގައިވާ ގޭގެ ވެރިންގެ ޙަޔާތާމެދު މާބޮޑަށް ފިކުރުކުރާ މީހެއް ނޫންކަމުން ޖެހިގެން ހުންނަ ގޭގޭގައި ގެންގުޅޭ މީހުން އައިސްއުޅޭ ވަގުތުތަކުގައި އެމީހުން ފަށަންއުޅޭ ވާހަކަތަކަކަށް ސަމާލުކަމެއް ނުދެއެވެ. ސަބަބަކީ އެހެން ބައެއްގެ ދިރިއުޅުމަކީ އޭނާއާ ބެހޭކަމަކަށް ނުވާ ކަމެވެ.

އެއްރޭގެ މެންދަމުގެ ވަގުތެއްގައި ޢަލީ އައިސް ފާރިޝާއަށް ގޮވައިފައި ސައިތައްޓެއް ހަދައިގެން ގެންނާށޭ ބުންޏެވެ. ފާރިޝާ ވެސް އަވަސް އަވަހަށް ގޮސް ސައިތައްޓެއް ހަދައިގެން ގެންގޮސް އެ ދެމަފިރިން ނިދާ ކޮޓަރީގެ ދޮރުކައިރިއަށް ހުއްޓުނުއިރު ޙައްވާމަނިކެ ރޯއަޑު އިވެއެވެ. ޢަލީ ބުނާއަޑު އިވެނީ، ސިލޯނަށް ދެވިދާނެއޭ ނުރޯށޭއެވެ. ޙައްވާ މަނިކެ ގިސްލަމުން ބުނާއަޑު އިވެނީ އޭނާގެ ބަލިޙާލުގެ ވާހަކަ ބުނާތާ އެތައް ދުވަހެއް ވީއިރުވެސް ޢަލީ އަޅައިނުލާ ވާހަކައެވެ. ޑޮކްޓަރުން ދޭ ބޭހުން ރަނގަޅުނުވާތީ ބޭރަށްދެވޭތޯ ބުނާތާވެސް އެހާ ގިނަދުވަސްވީ ވާހަކައެވެ.

ދޮރުގައި ޓަކިޖެހުމާއެކު ޢަލީ އައިސް ދޮރުހުޅުވައިލައިފައި ސައިތަށީގައި ހިފައިފިއެވެ. ދެން ނިދަންދާށޭ ބުނެލިއެވެ. ފާރިޝާ އޭނާ އޮންނަ ތަނަށް ގޮސް ކުރިން ކިޔަން އޮތް ފޮތް ނެގިއެވެ. އެކަމަކު ފޮތްކިޔާހިތް ކެނޑިއްޖެއެވެ. އޭނާގެ ހިތުގައި ވަނީ ޙައްވާމަނިކެއާމެދު ހަމްދަރުދީއެވެ. އޭނާގެ އެ ރުއިމާއި އޭނާގެ އެ ވާހަކަކޮޅުގައި ހުރި އަސަރަކީ، ވަރަށްބޮޑު ވޭނެއް އަޅާ މީހެއްގެ ކެތްނުކުރެވޭ އާދޭހެއްކަން ފާރިޝާއަށް އިޙްސާސްކުރެވެއެވެ. އެއީ އަންހެނަކަށްވާތީ ކުރެވުނު އިޙްސާސެއް ނޫނެވެ. އެ ވާހަކަކޮޅުގެ ރާގުގައި ހުރި މާޔޫސްކަމުން ކުރެވުނު އިޙްސާސެކެވެ. އެރޭ ފާރިޝާއަށް ވިސްނުނީ އަންހެނުންގެ އެކަނިވެރިކަމާއި ނިކަމެތިކަން ވަކި ރަށަކުން، ވަކި ހިސާބަކުން ނުހުއްޓޭކަމެވެ. ޙައްވާމަނިކެގެ ކެކުޅުންތަކާއި ފާރިޝާގެ މަންމަގެ އެކަނިވެރި ޙަޔާތް ނިމިދިޔަގޮތް އަޅައިކިޔާކަށް އޭނާ ބޭނުމެއް ނޫނެވެ. އޭނާގެ ޢުމުރުން މިވީ 15 އަހަރުގެތެރޭގައި އަންހެނުންގެ ބާރެއް ނެތްކަމާއި އެމީހުންގެ ބަލިކަށިކަން ލޮލަށް ފެނިގެން ދިޔަ އެތައް ކަމެއް ހިނގައިފައިވެއެވެ. ފިރިން އަނބިންނަށް އަނިޔާކުރާތަނެވެ. ފިރިންގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ނަމުގައެވެ. އެފަދަ އަނިޔާތަކުން އަންހެނުން ޙިމާޔަތްކުރާނެ ބަޔަކު ނުތިބޭކަމެވެ. ނުވެސް ތިބޭނެކަން ކަށަވަރެވެ. އެތައް ކުދީންނެއް ލިބޭފަހުން ވަރިކޮށްލައިފައި އެކުދީންނާ އަޅައިނުލައި އަންހެންމީހާގެ އުނގަށް ކުދީންކޮޅު ޖަހައިފައި ދާ ފިރިހެނުންގެ ސަބަބުން ލިބޭ ހިތިކަމާއި ނިކަމެތިކަމެވެ. މިފަދަ އަންހެނުންގެ ޙައްޤުތައް ރައްކާތެރިކޮށްދޭނީ ކޮންފަރާތަކުންހެއްޔެވެ؟ އިސްލާމީ ޝަރީޢަތް އަންހެނުންގެ ހައްޤުތައް ރައްކާރެރިކޮށްދިނުމަށް ތައްޔާރޭ ބުނާއަޑު އިވެއެވެ. އެކަމަށް އަންހެންމީހާ ކުރިމަތިލާން ޤުރުބާންކުރަންޖެހެނީ ކޮންކޮން ކަންތައްތަކެއްބާވައެވެ؟

(ނުނިމޭ)

މުޙައްމަދު ވަޙީދު - މަޑުލު
މަޑުލު މުޙައްމަދު ވަޙީދަކީ ދިވެހި ލިޔުންތެރިކަމުގެ ދުނިޔޭގައި އެންމެ ވިދާ އެއް ނަމެވެ. ކުރުވާހަކަ ލިޔުއްވުމުގައި އެއްވަނައެވެ. ފާޑުކިޔުމާއި، ސިފަކުރުމުގެ ލިޔުންތަކުގެ މައިދާނުގައި އެންމެ ކުރީގައި އުޅުއްވާ ލިޔުންތެރިއަކީ ވަޙީދެވެ. ކުރު އިބާރާތް ބޭނުން ކުރައްވައިގެން ސާފުކޮށް، ރީތިކޮށް ލިޔުއްވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.