(17 މޭ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ބައްޕާ! މި އައި އެއަރޕޯރޓުން އައި ގޮތަށް. ބައްޕަމެން ތިބޭ ތަނެއްގައި ތިބޭނީ. ކީއްވެތަ މަންމަ ނުގެނައީ. އެންމެން މިތަނުން ބައްދަލުވެވުނީސް ނޫން!"
"މަންމަ ބަލަހައްޓަންޖެހޭ އެހެން ކުއްޖަކު އެބަހުއްޓޭ."
ހައިކަލްގެ ބައްޕަ ހައިކަލާ ދިމާއަށް ބަލައިލިއެވެ.
"ބައްޕާ! ފާރިޝާއާ ހެދިއެއް ނޫން ދޮގެއްތޯ؟ ގެދޮރު ދޫކޮށް އެންމެން އަންނާކަށެއް ނުވާނެއެއްނު. އަނެއްކާ ބައްޕަ އެ ވިދާޅުވިހެން ފާރިޝާ ވަރަށް އެކަނިވެރިވާނެ."
ހައިކަލްގެ ދޮންތަ ބުންޏެވެ.
"ބައްޕާ! ދެން ކޮންއިރަކުންތޯ ކޮއްކޮގެ ކައިވެނި އޮތީ؟ އެނބުރި ދަމުން ރާއްޖޭގައި މަޑުކޮށްލައިފައި އެކަން ނިންމައިފައި ދެވިދާނެ."
"ބައްޕައަކަށް ނޭނގޭނެ. އެއީ ކޮއްކޮގެ ކަމެއް. ދޯ ހައިކަލް."
"އާދެ! ބައްޕާ. އަޅުގަނޑު އެބަ ވިސްނަން. މިކަމުން ނިމިގެން ނޫންތޯ އެހެން ކަމެއް ކުރެވުނީ."
އެރޭ، ހައިކަލްގެ ބައްޕަ އޭނާގެ އަންހެން ދަރިފުޅާ ވަކިން ބައްދަލުކޮށް، ވަރަށް މުހިންމު ވާހަކައެއް ބުންޏެވެ. އެއީ ހައިކަލް އޮޕަރޭޝަން ތިއޭޓަރަށް ގެންދާ ވަގުތު ނުރޮއި ތިބުން މުހިންމު ކަމުގެ ވާހަކައެވެ. މިގޮތަށް އެންމެން އެއްބަސްވިއެވެ.
އަނެއް ދުވަހު ހެނދުނު 10 ޖެހިއިރު ހައިކަލް އޮޕަރޭޝަން ކުރާ ތިއޭޓަރަށް ވައްދައިފިއެވެ. ބޯބާލައިފައި އޮތްއިރު، ފެންނަނީ އަދި މާ ދޮންކޮށެވެ. ހައިކަލް ގެންދިއުމުން އޭނާގެ ބައްޕަ ދިޔައީ ހެނދުނު ސައިބޯށެވެ. ސައިބޯން ތިބެގެން، ހައިކަލްގެ ދޮންދައްތަ އޭނާގެ ބައްޕަކުރެން ފާރިޝާގެ ވާހަކަ އޮޅުންފިލުވިއެވެ.
"އެއީ ވަރަށް ރަނގަޅު ކުއްޖެއް. ކޮއްކޮ އޭނާއާމާ ބޮޑަށް ޤަބޫލުވީ. ދެން ނެތެއްނު ބައްޕަމެން އެކަމަށް އެއްޗެއް ބުނާނެ ތަނެއް."
"ރަނގަޅުވާނެ."
"ދަރިފުޅާ! ބައްޕައަށް މިހާރު ވިސްނެނީ، އެ މީހެއްގެ ދިރިއުޅުން އުޅެންވާނީ އެމީހަކު ބޭނުންވާ ގޮތަކަށޭ. އެހެން މީހުންގެ ގޮތް ކިޔުމާއި ރަނގަޅު ގޮތް ބުނެދިނުމަކީ، ކޮށްގެން ވާނެ ކަމެއް ނޫން……… އެކަމަކު."
އެ ހިސާބަށް ބުނެފައި ހައިކަލްގެ ބައްޕަގެ ވާހަލަ ހުއްޓައިލުމުން އޭނާގެ އަންހެން ދަރިފުޅު ސުވާލުކުރިއެވެ.
"އެކަމަކުއޭ ވިދާޅުވެފައި ތިޔަ ހުއްޓައިލެއްވީ"
"އާން! އެކަމު ދަރީންނަށް މައިންބަފައިން މަގުދައްކައިދޭންވާނެ. ހައިކަލް ކޮއްކޮ މަގުން ކަސިޔާރުވީ ބައްޕަމެންނަށް އެކަން ނުކުރެވިގެން."
"ބައްޕާ! ދަންވަންތޯ ވާހަކައެއް. ކޮއްކޮއަށް އެ ދިމާވި ކަންތައްތަކާމެދު ބައްޕަގެ އިސްތަށިފުޅުގައި ކުށެއް އެޅިފައި އޮތްކަމަށް ނުވިސްނަވާ. އެ ވިސްނެވުން ދޫކޮށްލައްވާ."
"އެކަމަކު ދަރިފުޅާ!"
އެ ހިސާބަށް ބުނެފައި ހައިކަލްގެ ބައްޕައަށް ރޮވިއްޖެއެވެ. އަންހެން ދަރިފުޅޫގެ ފިރިމީހާ އެތަނުން ދުރަށް ޖެހިލައިފިއެވެ. ހައިކަލްގެ ދޮންތަ ގޮސް އޭނާގެ ބައްޕަގެ ގައިގައި ބައްދައިލައި ފިރުމައލައިދިނެވެ. އޭރު އޭނާގެ ދެލޮލުން ވެސް ވަނީ ކަރުނަ ނީރައިލައިފައެވެ.
ޙަޔާތުގެ ކޮޅިގަނޑުތަކުން ސަލާމަތްވެގެން މޫސުން ރީތިވެލާއިރު، މި ފެންނަ މަންޒަރުތަކުގެ ސަބަބުން އުދާސްތަކެއް އުފައްދައެވެ. ހައިކަލް މިހާރު އެވަނީ މަރާ ފުރާނައާ ހަނގުރާމަކުރުމުގެ މައިދާނެއްގައެވެ. ހައިކަލްގެ ބައްޕަ ހިތްބުރަވެފައިވަނީ އޭނާގެ ފިރިހެން ދަރިފުޅަށް ދެރަގޮތެއް ވެދާނެތީ އެކަމާއެވެ.
ހައިކަލާ ގުޅިފައިވާ ދެއަންހެނުން ހައިކަލް އޮތް ހޮސްޕިޓަލާ އެތައް ހާސް މޭލެއްގެ ދުރުގައި ތިބެގެން އޭނާއަށް ޝިފާދެއްވާތޯ ދުޢާކުރަނީއެވެ. ފާއިތުވެދިޔަ ދެތިން ހަތަރު ދުވަހެއްގެ ތެރޭގައި، އެ ދެމީހުންގެ ހަށިގަނޑުން ވެސް އެތައް ތަނެއް ލުއިވެއްޖެ ކަހަލައެވެ.
ޝަކީލާ އާއި ފާރިޝާ އެކަކު އަނެކަކާ ބައްދަކުވެ، ފިކުރުތަކާއި ކަންބޮޑުވުންތައް ޙިއްޞާކުރަމުން ގެންދެއެވެ. ދެމީހުންނަށް ވެސް އެކަކު އަނެކަކާ ބެހޭގޮތުން އިތުރު އެތައް ކަމެއް އެނގިގެން ހިނގައްޖެއެވެ.
ފާރިޝާއަށް ރޭގައި ފެނުނީ ބިރުވެރި ހުވަފެނެކެވެ. ހައިކަލާއި ފާރިޝާ ކަނޑުވެގެން އުޅެނިކޮށެވެ. ހައިކަލް މަރަށް ފުރާނައަށް ކުރި މަސައްކަތުން ފާރިޝާ ސަލާމަތްވާ ތަނެވެ. ފަހުން ހައިކަލެއް ނުފެނުނެވެ. އޭނާއަށް ގޮވާ އަޑު އަމިއްލައަށް އިވިގެން ފާރިޝާއަށް ހޭލެވުނީއެވެ.
ހެނދުނު ހެނދުނާ ހައިކަލްގެ ގެއަށް ގޮސް އުޅުމުގެ ތެރޭގައި ވެސް ހުވަފެނުގެ ވާހަކައެއް ޝަކީލާއަކަށް ކިޔައެއް ނުދެއެވެ. އެހެން އުޅެފައި ފާރިޝާ ސުވާލުކޮށްލިއެވެ.
ފާރިޝާ: "އަދި ޚަބަރެއް ނުވޭތަ؟"
ޝަކީލާ: "ރޭގައި އޮޕަރޭޝަން ކުރަން ވެއްދި ވާހަކަ އެންގިފަހުން އަދި ޚަބަރެއް ނުވޭ. މިއީ އެތަނަށް ދަންވަރު. ލަހެއް ނުވެ ގުޅާނެކަން ނޭނގެ."
ފާރިޝާ: "ފޯނުކޮށްލައްވަ ބައްލަވާ."
ޝަކީލާއަށް ފާރިޝާގެ ހިތްނުތަނަވަސްވާނެކަން އެނގެއެވެ. އެހެންނަމަވެސް ހައިކަލްގެ ބައްޕަމެން ނިދީ ކިހައި އިރެއްގައި ކަމެއް ވެސް ނޭނގޭތީ މަޑުކޮށްލީއެވެ.
ހައިކަލް ހޭއަރަން ފެށީ ޖަރުމަނުގެ ގަޑިން ހަތަރެއް ޖަހަނިކޮށެވެ. ފުރަތަމަވެސް ގޮވައިލީ މަންމައަށެވެ. ދެން ބައްޕައަށެވެ. ދެން ފާރިޝާއަށެވެ.
ލަހެއް ނުވެ ނިދޭގޮތް ވެއްޖެއެވެ. ހައިކަލްގެ ބައްޕަ ފަތިސްނަމާދަށް ތެދުވިގޮތަށް ނުނިދައެވެ. ހޮސްޕިޓަލަށް ގުޅައިފައި ހައިކަލްގެ ޙާލު ބެއްޔެވެ. ހައިކަލް ހޭއެރި ވާހަކަ އާއި މިހާރު އޮތީ ނިދިފައި ކަމަށް ބުންޏެވެ. ހައިކަލް ބައްޕަ ވަރަށް ހިތްހަމަޖެހުނެވެ.
ފޯނުކޮށްލައިފައި މާލެއަށް އެ ޚަބަރު ދިނެވެ. ފާރިޝާ އެއިރުވެސް އިނީ މުސައްލައިގެ މަތީގައެވެ.
ތިމާއަށް ކަމެއް ދަމެއް ބޮޑުވާ ވަގުތު ދެއަތް އުފުލައިލެވެނީ، ﷲ ގެ ޙަޟުރަތަށެވެ. އެއީ ހުރިހައި ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ވާހައި ކަންތައްތަކާއި ވާނޭހައި ކަންތައް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެއެވެ.
ފާރިޝާ ދުޢާއަށް އަތްނަގައިގެން އިންދައި ހައިކަލް ގޮވައިލިއެވެ. އެ ވަގުތަކީ، ހައިކަލް ހޭއެރި ވަގުތެވެ. ގަޑީގެ ތަފާތު ބޮޑުކަމުން ޖަރުމަނަށް ފަތިސްވަގުތަކީ، ރާއްޖެއަށް ހެނދުނު ނުވައެއްޖަހާ އެހައިކަންހާއިރުއެވެ. ފާރިޝާ މުސައްލައިގެ މަތިން ތެދުވުމުން ޝަކީލާ އައިސް އޭނާގެ ގައިގައި އޮޅުލައިގަތެވެ. ހައިކަލް ހޭއެރި ވާހަކަ ބުންޏެވެ. ދެމީހުންގެ ލޮލުން ވެސް ރުއިމާ ނުލައި ކަރުނަ ފައިބައިގެން ދިޔައެވެ.
ފާރިޝާ ގެއަށް ގޮސް، ފިހާރައަކުން މީހަކު ގެނެސް ޞަދަޤާތަށް ބެހުމަށް ލާރިދިނެވެ.
އޮޕަރޭޝަން ކުރި ޑޮކްޓަރުންގެ ޓީމް، ހެނދުނު ހެނދުނާ ހައިކަލްގެ ބައްޕައާ ބައްދަލުކޮށް ކަންތައްތައް ކިޔައިދިނެވެ. ޕިންޕޮންގެ ބޯޅައެއް ވަރުގެ ސިސްޓެއް ނެގި ވާހަކަ ބުންޏެވެ. އާދައިގެ ޙާލަތަށް ބަދަލުވާން ދުވަސްކޮޅެއް ވާނެކަމަށް ބުންޏެވެ. ވާހަކަދެއްކުމުގައި ދަތިތަކެއް ހުރެދާނެ ކަމަށާއި ބައެއް ޙަރަކާތްތައް ކުރިއާ ތަފާތުވެދާނެ ކަމަށް ބުންޏެވެ. މި ހުރިހައި އުނދަގުލެއް ވެސް ބޭހާއި ކަސްރަތުން ރަނގަޅުވާނެ ކަމަށް ބުންޏެވެ.
ހައިކަލްގެ ބައްޕަ ﷲ އަށް ޙަމްދުކުރިއެވެ. ސީރިއަސް މައްސަލައެއް އެހައި ސީރިއަސް ނުވެ ހައިކަލަށް ފަހިވާ ގޮތަށް ހިންމަވައިދެއްވީތީ ހަމްދުކޮށް ދުޢާކުރިއެވެ.
ހައިކަލް އޮތީ އައި.ސީ.ޔޫ. ގައެވެ. އެހެންކަމުން އެތަނަކަށް ނުވަދެވެއެވެ. ފެންނަނީ ޓީވީއަކުންނެވެ. ހޮޅިތައް ހުރީ ގުޅައިފައެވެ. އޮކްސިޖަން މޫނުމައްޗެއް ވަނީ އަޅުވައިފައެވެ. އެކިކަހަލަ މެޝިންތައް ހުއްޓެވެ.
ހައިކަލް އައި.ސީ.ޔޫ. އިން ނެރުނީ ދެވަނަ ދުވަހުއެވެ. އޭނާއަކަށް ނުހިނގެއެވެ. ކޮޓަރިއަށް ގެންދިޔައީ ފުރޮޅުލީ ގޮނޑިއެއްގައެވެ. ހައިކަލް އޭނާ ބައްޕަ ފެނުމުން މަންމަމެން ކިހިނެއްތޯ ސުވާލުކުރިއެވެ. ހައިކަލްގެ ދޮންދައްތަގެ ދެމަފިރިން ދުވާލުގެ ގިނަވަގުތު ހޭދަކުރަނީ ހައިކަލްގެ ގާތުގައެވެ. އެ ދެމީހުން ފުރަންޖެހެނީއެވެ.
ކޮޓަރިއަށް އައުމަށްފަހު، ހައިކަލް އޭނާގެ މަންމަ އާއި ފާރިޝާއާ ވާހަކަދެއްކި ފުރަތަމަ ދުވަހަކީ، ކޮޓަރިއަށް ގެންދިޔަތާ ދެވަނައަށް ވީ ދުވަހެވެ. ފާރިޝާ ވެސް އަދި ޝަކީލާ ވެސް މާގިނަ ވާހަކަތަކެއް ނުދައްކައެވެ. ހިތްވަރުލައިދިނެވެ. ފާރިޝާއާ ރޭގަނޑު ގުޅާނަމޭ ބުންޏެވެ.
އެކިކަހަލަ ކަސްރަތުކުރުވާ މީހުން އައިސްގެން އުޅޭތީ، ވަގުތު އޮންނަނީ މަދުވެފައެވެ. ހިންގުވާ މީހުންނެވެ. ވާހަކަދެއްކުމުގެ ތަމްރީންދޭ މީހުންނެވެ. އަތުގެ ޙަރަކާތްތަކާބެހޭ މީހުންނެވެ. ހައިކަލްގެ ބައްޕަ ހުރީ ވަރަށްހަމަޖެހިފައެވެ. އެއީ އޭނާއަށް ޖަރުމަނީން އެހީވާން ތިބި މީހުންގެ ރަނގަޅުކަމުންނެވެ. ޝުކުރުގެ ކޮޅެއްވެސް ނެތެވެ.
އެރޭ 12 ޖަހަން އުޅެނިކޮށް ފާރިޝާގެ ކޮޓަރީގައި ހުރި ފޯނު ރަނގަބީލުވާން ފެށިއެވެ. ފޯނު ނެގިއެވެ.
ފާރިޝާ: "ހަލޯ! ހައިކަލްތަ."
ހައިކަލް: "މިއީ މަށޭ. ކިހިނެއް؟ ހުރިހައި ކަމެއް ރަނގަޅުތަ؟"
ފާރިޝާ: "އާން! ރަނގަޅު. ވަރަށް ގިނަ ވަގުތު މަންމައާއެކު ހޭދަކުރަން."
ފާރިޝާއަށް ފާހަގަކުރެވުނީ ހައިކަލްގެ ވާހަކަދެއްކުމުގައި ހުރި ތަތްކަމެކެވެ.
ފާރިޝާ: "ހައިކަލްގެ ޙާލު ކިހިނެއް؟
ހައިކަލް: "ރަނގަޅު. ދެން މަޑުމަޑުން ރަނގަޅުވަމުން އަންނާނީ. ދޯ."
ފާރިޝާ: "ހިއްވަރުކުރައްޗޭ. ނޭދެވޭ ފިކުރުތަކާއި ޚިޔާލުތައް ދޫކޮށްލާ. އިރާދަކުރެއްވިއްޔާ ހުރިހައި ކަމެއް ވެސް ރަނގަޅުވާނެ ކަމަށް ވިސްނާ."
ހައިކަލް: "އާން! ދެން ބާއްވަނީ އިނގޭ. ފާރިޝާ ހުރިނަމައޭ ހިތަށް އަރަނީ."
ފޯނު ކެނޑިއްޖެއެވެ. ފާރިޝާ ރުޔެވެ. އުފަލުން ކަމެއް، ދެރަވީ ކޮން ސަބަބަކާ ހުރެކަމެއް ނޭނގެއެވެ. އޭނާގެ ކަމަކީ، ޤުރުއާން ކިޔެވުމާއި ނަމާދުކޮށްގެން ދުޢާކުރުމެވެ. ރޭގަނޑުގެ ގިނަ ވަގުތު އެކަމުގައި ހޭދަކުރުމެވެ.
ދުޢާއަކީ، ވަރަށްބާރުގަދަ އެއްޗެކެވެ. އިރާދަކުރެއްވިއްޔާ ހައިކަލްގެ ޙާލު އަންނަނީ ރަނގަޅުވަމުންނެވެ. އޭނާއާ އެކުގައި މަސައްކަތްކުރާ މީހުންނާ ވެސް ގުޅައިލިއެވެ.
މިހާރު އޭނާގެ ބަލިޙާލަށްވުރެ ބޮޑަށް ފިކުރުކުރެވުނީ ހޮސްޕިޓަލުން ނުނިކުމެވިގެންނެވެ. އެހެންނަމަވެސް ޑޮކްޓަރުންގެ ރުހުމާއެކުގައި ނޫނީ އެކަމެއް ނުވާނެކަން އެނގެއެވެ. ބޮލުގައި އަޅައިފައިވާ ބޭސްގަނޑު ކުޑަވާން ފަށައިފިއެވެ.
ހައިކަލް ހިތަށް އަރައެވެ. މިފަހަރު މި ސަލާމަތްވީ ހަމަ މަރުއެތިފަހަރަކުންނެވެ. ﷲ އަށް ޙަމަދު ހުއްޓެވެ.
ހައިކަލްގެ ދޮންދައްތަ ޖާރމަނީން ފުރައިފިއެވެ. ލަހެއް ނުވެ މާލެއިން ބައްދަލުވާނެ ކަމަށް ބުނެފައެވެ. މި ދެބެންގެ ދެމެދުގައި ކުޑައިރު އެއްވެސް ހަމަޖެހުމެއް އޮތްނަމަ، މިހާރު އެކަން ވަނީ ދުރު ހަނދާނެއްގެ ގޮތުގައެވެ. ދެބެން ވެސް އެކަކު އަނެކަކާ ވަރަށް ގާތެވެ. އެކަކު އަނެކަކު ދެކެ އެހައި ލޯބިވެއެވެ. ލަހެއް ނުވެ މާލެއިން ބައްދަލުވުމަށް އުންމީދުކުރާ ވާހަކަ އެ ބުނީ ވެސް ހައިކަލްގެ ކައިވެންޏަށް އިޝާރާތްކޮށްފައެވެ. ވިސްނައިލުމުން ހައިކަލަށް ސުވާލު އުފެދެނީ ޖޯންކަހަލަ މަޑުމަތިރި މަޢުޞޫމް މީހަކު، ދޮންދައްތަ އަތުލައިގަތް ގޮތަކާމެދުގައެވެ. ދޮންދައްތައަށް ރަނގަޅުވާނީ ވެސް، ކިޔަމަންތެރި ޚާދިމެއްގެ ގޮތުގައި ހުންނާނެ މީހެކެވެ. އޭނާ އެ ހުންނަނީ ދޮންދައްތަ ބުނާ ކޮންމެ ކަމެއް ކޮށްދޭހިތުންނެވެ. އެހައި ތަނަވަހެވެ. ޖައްސައިލަންވީމައި ޖަރުމަނަށް ވެސް އެ ޖައްސައިލީއެވެ. ވަރަށް ރަނގަޅެވެ.
ހައެއްކަ ދުވަސް ފަހުން، ހައިކަލް ހޮޓަލަށް ދޫކޮށްލައިފިއެވެ. ކަސްރަތަށް ހޮސްޕިޓަލަށް އަންނަ ގޮތަށެވެ. މިހާރުވެސް އިންނަނީ ފުރޮޅުލީ ގޮނޑިއެއްގައެވެ.
ފާރިޝާ ހިތަށްއެރިއެވެ. ޚާލިދު ދީދީބެ ކޮބައިބާވައެވެ؟ އެހެން ހިތަށް އަރައި ދީފައިވާ ނަމްބަރާ ގުޅައިލިއެވެ.
ފާރިޝާ: "އައްސަލާމް ޢަލައިކުމް. ބޭބެގެ ޙާލުކޮޅު ކިހިނެއްތޯ؟"
ޚާލިދު ދީދީ: "ކޮއްކޯ ބުނަންތަ. ގޭދަނޑިމަތީ އޮންނަ ރުމާ ހޭހުރުމާ ނުހުރުމާ. މި އުޅެނީ ކެއްސާތީ. ކޮއްކޮ ކިހިނެއްތޯ؟"
(ނުނިމޭ)