މުޞީބާތް ޖައްސަވައި ހަލާކުކުރެއްވި މީހުންގެ ތެރެއިން: (2) ފިރްޢައުނާއި އޭނާގެ ލަޝްކަރު

ތާރީޚީ ދިރާސާތަކުން އެނގޭ ގޮތުގައި އެވޭލާ މިސްރުގައި ރަސްކަންކުރި ރަސްކަލުންގެ ލަޤަބަކީ ފިރްޢައުނެވެ. ތަފާތު ދަރިކޮޅުތަކުން މި ރަސްކަން 3000 އަހަރަށް ވުރެ ގިނަ ދުވަހަށް ކުރި ކަމަށް ވެއެވެ. އަދި މިރަސްކަލުންގެ ތެރެއިން ބައެއް ރަސްކަލުންނަކީ އެބައިމީހުންނަށް ކަލާނގެވަންތަަަކަމުގެ ސިފަ ލިިބިގެންވާ ކަމަށް ބުނެ ކަލާނގެ ކަމަށް ދަޢުވާކުރި މީހުންނެވެ.

އެ ޒަމާނުގައި މިސްރުގައި ވެރިކަން ކުރި ރަސްކަލުންގެ ތެރެއިން ރަސްކަލެއް ނުވަތަ ފިރްޢައުނެއްގެ ގާތަށް، އޭނާއަށް މާތް ﷲގެ މަގަށް ގޮވައިލެއްވުމަށް މާތް ﷲ ވަނީ ސަލާމްލެއްވި މޫސާގެފާނު ފޮނުއްވާފައެވެ. މޫސާގެފާނުގެ އެދިވަޑައިގަތުމުގެ މަތިން އެކަލޭގެފާނަށް އެހީތެރިވެވަޑައިގަތުމަށް އެކަލޭގެފާނުގެ އަޚު ހާރޫނުވެސް ފޮނުއްވިއެވެ.  

ތާރީޚު ދިރާސާކުރާ ގިނަ ފަރާތްތަކުން ބުރަވާ ގޮތުގައި، އެވޭލާ މިސްރުގައި ދިގު މުއްދަތަކަށް ވެރިކަންކުރި ރަސްރަސްކަލުންގެ ތެރެއިން  މޫސާގެފާނުގެ ފިރްޢައުނަކީ ރަމްސީސް ދެވަނައެވެ. އޭނާވަނީ ބަނީއިސްރާއީލު އަޅުވެތިކޮށް އެބައިމީހުންނަށް ބޮޑެތި އަނިޔާތައް ދީފައެވެ. ފިރިހެން ކުދިން މަރައި އަންހެނުންގެ އިއްފަތްްފޭރުމުގެ ޖަރީމާތައް ހިންގާފައެވެ.

އޭނާގެ ޖައްްބާރުކަމާއި ބޮޑާކަން ހައްދުފަހަނައަޅައި ދިއުުމުން، މާތް ﷲގެ ރިސާލަތާއިގެ މޫސާގެފާނާއި ހާރޫނުގެފާނު އޭނާގެ ގާތަށް ވަޑައިގަތުމުން އޭނާ ވަނީ އެދެބޭފުޅުންގެ ދައުވަތު ގަބޫލުނުކޮށް ޖައްބާރުކަމާއި، ބޮޑާކަން އިތުރުކޮށްފައެވެ.

ފިރްޢައުނުގެ ވާހަކަ ބަޔާންކުރައްވަމުން މާތް ﷲ ވަޙީކުރައްވާފައި ވެއެެވެ. إِنَّ فِرْعَوْنَ عَلَا فِى ٱلْأَرْضِ وَجَعَلَ أَهْلَهَا شِيَعًا يَسْتَضْعِفُ طَآئِفَةً مِّنْهُمْ يُذَبِّحُ أَبْنَآءَهُمْ وَيَسْتَحْىِۦ نِسَآءَهُمْ ۚ إِنَّهُۥ كَانَ مِنَ ٱلْمُفْسِدِينَ (ހަމަކަށަވަރުން، فرعون، ބިމުގައި ބޮޑާވެގެންފިއެވެ. އަދި އެ ބިމުގެ أهل ވެރިން ބައިތަކަކަށް ބަހައިލިއެވެ. އޭގެތެރެއިން އެއްބަޔަކު ނިކަމެތިކުރަމުން ގެންދިޔައެވެ. އެއުރެންގެ ފިރިހެން ދަރިން قتل ކޮށް، އެއުރެންގެ އަންހެންދަރިން ދޫކޮށްލިއެވެ. ހަމަކަށަވަރުން، އޭނާއަކީ، فساد ކުރާ މީހުންގެ ތެރެއިންވީ މީހެކެވެ.) (އަލްޤަޞަޞު: 4)

އޭނާގެ މި ޖައްބާރުކަން ހުއްޓުވައި އޭނާގެ އަސްލު މަގާމު އޭނާއަށް ހަނދާންކޮށްދެއްވުމަށް މާތް ﷲ އޭނާގެ ގާތަށް މޫސާގެފާނާއި ހާރޫނުގެފާނު ފޮނުއްވަމުން ވަޙީކުރައްވާފައި ވަނީ މިފަދައިންނެވެ. ﴿ٱذْهَبَآ إِلَىٰ فِرْعَوْنَ إِنَّهُۥ طَغَىٰ * فَقُولَا لَهُۥ قَوْلًا لَّيِّنًا لَّعَلَّهُۥ يَتَذَكَّرُ أَوْ يَخْشَىٰ﴾ (فرعون ގެ ގާތަށް ތިޔަ ދެބޭކަލުން ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އޭނާ އަނިޔާވެރިވެ ހައްދުފަހަނަޅައި ހިނގައްޖެއެވެ. * ފަހެ، މަޑުމައިތިރި ބަހުން ތިޔަދެބޭކަލުން އޭނާއަށް ބަސް ވިދާޅުވާށެވެ! (އެއީ) އޭނާ ހަނދުމަކޮށް، ނުވަތަ ބިރުވެތިވޭތޯ އެކަމުގެ އުންމީދުގައެވެ.) (ޠާހާ: 43-44) އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ. ﴿فَأْتِيَاهُ فَقُولَآ إِنَّا رَسُولَا رَبِّكَ فَأَرْسِلْ مَعَنَا بَنِىٓ إِسْرَ‌ٰٓءِيلَ وَلَا تُعَذِّبْهُمْ ۖ قَدْ جِئْنَـٰكَ بِـَٔايَةٍ مِّن رَّبِّكَ ۖ وَٱلسَّلَـٰمُ عَلَىٰ مَنِ ٱتَّبَعَ ٱلْهُدَىٰٓ﴾ (ފަހެ، ތިޔަ ދެބޭކަލުން އޭނާގެ ގާތަށް ވަޑައިގެން ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންމެންނީ ކަލޭގެ ވެރިރަސްކަލާނގެ ފޮނުއްވި ދެ رسول ންނެވެ. ފަހެ، ތިމަންމެންނާ އެކުގައި إسـرآءيـل ގެދަރިން ފޮނުވާށެވެ! އަދި އެއުރެންނަށް ކަލޭ عذاب ނުދޭށެވެ! ހަމަކަށަވަރުން، ކަލޭގެގާތަށް ތިމަންމެން މިއައީ، ކަލޭގެ ވެރިރަސްކަލާނގެ حضرة ންވާ، معجزة އަކާއިގެންނެވެ. ތެދުމަގަށް تبع ވެއްޖެ މީހަކަށް ސަލާމަތްކަން ހުށްޓެވެ.) (ޠާހާ: 47)

މޫސާގެފާނު ފިރްޢައުނަށް ތެދުމަގަށް އެނބުރި އައުމަށް ދަޢުަވަތު ދެއްވުމުން އޭނާގެ ބޮޑާކަން އިތުރުކޮށް ކަލާނގެވަންތަކަމަށް ކުރާ ދަޢުވާ އިތުރުކުރިއެވެ. އޭނާގެ ވާހަކަ ބަޔާންކުރައްވަމުން މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿وَقَالَ فِرْعَوْنُ يَـٰٓأَيُّهَا ٱلْمَلَأُ مَا عَلِمْتُ لَكُم مِّنْ إِلَـٰهٍ غَيْرِى فَأَوْقِدْ لِى يَـٰهَـٰمَـٰنُ عَلَى ٱلطِّينِ فَٱجْعَل لِّى صَرْحًا لَّعَلِّىٓ أَطَّلِعُ إِلَىٰٓ إِلَـٰهِ مُوسَىٰ وَإِنِّى لَأَظُنُّهُۥ مِنَ ٱلْكَـٰذِبِينَ * وَٱسْتَكْبَرَ هُوَ وَجُنُودُهُۥ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ وَظَنُّوٓا۟ أَنَّهُمْ إِلَيْنَا لَا يُرْجَعُونَ﴾ (فرعون ބުންޏެވެ. އޭ (އަހުރެންގެ قوم ގެ) ބޮޑުންނޭވެ! އަހުރެން ފިޔަވައި އެހެން إله އަކު ތިޔަބައިމީހުންނަށް ވާކަމެއް އަހުރެންނަށް އެނގިފައެއް ނުވެތެވެ. އޭ هامان އެވެ! އަހުރެންނަށް މަށިން އީޓު ހަދައިދޭށެވެ! އަދި އަހުރެންނަށް އުސްގަނޑުވަރެއް ތައްޔާރުކޮށްދޭށެވެ! (އެއީ) موسى ގެފާނުންގެ إله އަހުރެންނަށް ފެނޭތޯއެވެ. އަދި ހަމަކަށަވަރުން، އަހުރެންނަށް ހީވަނީ، އެކަލޭގެފާނުވަނީ ދޮގުވެރިންގެ ތެރެއިން ކަމަށެވެ. (38) އަދި އޭނާއާއި، އޭނާގެ لشكر حق އަކާ ނުލައި ބިމުގައި ބޮޑާވެގަތެވެ. އަދި ތިމަންރަސްކަލާނގެ حضرة އަށް އެއުރެން އަނބުރާ رجوع ނުކުރައްވާނެކަމަށް އެއުރެން ހީކުރޫއެވެ.) (އަލްޤަޞަޞު: 38-39)

މާތް ﷲގެ ރަސޫލާ، ސަލާމްލެއްވި މޫސާގެފާނުގެ ގޮވައިލެއްވުމަށް ބީރު ކަންފަތެއްދީ، ބިންމަތީގައި އޭނާގެ ޖައްބާރުކަން އިތުރުކުރުމުން މާތް ﷲ ފިރްޢައުނާއި އޭނާގެ ލަޝްކަރަށް ކުރިމަތިކުރެއްވި މުޞީބާތަކީ، ފަހުން އަންނަން ތިބިހާ ބަޔަކަށް ބޮޑު އިބުރަތެކެވެ. މާތް ﷲ ވަނީ އޭނާއާއި އޭނާގެ ލަޝްކަރު ޣަރަގުކުރައްވާފައެވެ. އަދި އޭނާގެ އަނިޔާވެރިކަމުން މޫސާގެފާނާއި ބަނީއިސްރާއީލު ސަލަމާތްކުރައްވާފައެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿فَأَخَذْنَـٰهُ وَجُنُودَهُۥ فَنَبَذْنَـٰهُمْ فِى ٱلْيَمِّ ۖ فَٱنظُرْ كَيْفَ كَانَ عَـٰقِبَةُ ٱلظَّـٰلِمِينَ﴾ (ފަހެ، ތިމަންރަސްކަލާނގެ އޭނާއާއި، އޭނާގެ لشكر ހިއްޕަވައި، ދެން ތިމަންރަސްކަލާނގެ އެއުރެން ކަނޑު ލެއްވީމެވެ. ފަހެ، އަނިޔާވެރިންގެ ނިމުންވަނީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ!) (އަލްޤަޞަޞު: 40)

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.