މުޞީބާތުގެ ވަގުތު މުއުމިނުންގެ ސުލޫކު: (4) ދުޢާކުރުން

ކީރިތި ރަސޫލުﷲ صلى الله عليه وسلم ޙަދީޘުކުރައްވާފައިވާ ގޮތުގައި ދުޢާއަކީ މުއުމިނާގެ ހަތިޔާރެވެ. عن علي رضي الله عنه قال: قال رسول الله صلى الله عليه وسلم: "الدعاء سلاح المؤمن، وعماد الدين، ونور السماوات والأرض" (މާތް ﷲ ރުއްސުންލެއްވި ޢަލީގެފާނުގެ އަރިހުން ރިވާވެގެން ވެއެެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘުކުރެއްވިއެެވެ. "ދުޢާއަކީ މުއުމިނާގެ ހަތިޔާރެވެ. އަދި ދީނުގެ ތަނބެވެ. އަދި އުޑުތަކާއި ބިމުގެ ނޫރެވެ. (އަލްމުސްތަދްރަކް ޢަލައްޞަޙީޙައިން، ޙަދީޘު: 1855)

ދުޢާއަކީ ހެޔޮ ޙާލުގައި ހުންނަ އިރުވެސް މުއުމިނާ ގިނަގިނައިން ކުރަންޖެހޭ އަޅުކަމެކެވެ. އޭނާގެ ހުރިހާ ކަމެއްގައި ދަންނަވަން ޖެހެނީ ﷲއަށެވެ. އޭނާގެ ވެރިރަސްކަލާނގެ އަބަދުވެސް އެންމެ ކައިރީގައި ވޮޑިގެންވާތީއެވެ. މާތް ﷲވަޙީކުރައްވާފައި ވެއެވެ. ﴿وَإِذَا سَأَلَكَ عِبَادِى عَنِّى فَإِنِّى قَرِيبٌ ۖ أُجِيبُ دَعْوَةَ ٱلدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا۟ لِى وَلْيُؤْمِنُوا۟ بِى لَعَلَّهُمْ يَرْشُدُونَ﴾ (އަދި ތިމަންރަސްކަލާނގެއާމެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ سؤال ކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ حضرة އަށް دعاء ކޮށްފިނަމަ دعاء ކުރި މީހާގެ دعاء ތިމަންރަސްކަލާނގެ އިޖާބަ ކުރައްވަމެވެ. ފަހެ، އެއުރެން (އެބަހީ: ތިމަންރަސްކަލާނގެ އަޅުން) ތިމަންރަސްކަލާނގެއަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަން ރަސްކަލާނގެއަށް إيمان ވާހުށިކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ.) (އަލްބަޤަރާ: 186)

އެހެންކަމުން، މުޞީބާތުގެ ވަގުތު އެކަމުން ނަޖާކުރެއްވުން އެދި ދަންނަވަން ޖެހެނީވެސް ޢާލަމްތައް ހައްދަވައި، އެންމެ ފުރިހަމަ ގޮތުގައި ތަދްބީރުކުރައްވަމުން ގެންދަވާ، އެެއްކައުވަންތަ މާތް ﷲއަށެވެ. މުޞީބާތް ޖެހުމުން، އެ މުޞީބާތަކީ ކައުނުގައި މާތް ﷲ ކަން ހިންގަވާ އުޞޫލުގެ ތެރެއިން ޖެހުނު ކަމެއްކަން ހިތުގެ އަޑިން ޤަބޫލުކޮށް، އެކަމުގެ މައްޗަށް ހެޔޮ ހިތުން ކެތްކޮށް، އެކަމުން މިންޖުކޮށްދެއްވުމުގައި މާތް ﷲއަށް ވަކީލުކުުރުމަށްފަހު މުއުމިނާ ދެން ކުރަން އޮތް ކަމަކީ މާތް ﷲގެ ޙަޟްރަތުގައި ދުޢާ ދެންނެވުމެވެ.

މިފަދަ ވަގުތުގައި ދުޢާގެ ބާރު ބަޔާންކުރައްވަމުން ކީރިތި ރަސޫލާ صلى الله عليه وسلم  ޙަދީޘުކުރައްވާފައި ވެއެވެ. "لَا يَرُدُّ الْقَضَاءَ إِلَّا الدُّعَاءُ" (މާތް ﷲ ކަނޑައަޅުއްވައި ނިންމަވާފައިވާ ކަމެއް ރައްދުކުުރެވޭނޭ އެއްޗެއް ދުޢާ މެނުވީ ނުވެެއެވެ.) (ސަލްމާން އަލްފާރިސީގެ އަރިހުން އައްތިރްމިޛީ ރިވާކުރައްވާފައިވާ ޙަދީޘެއް، ޖާމިޢއް ތިރްމިޛީ، ޙަދީޘު: 2139)

މުޞީބާތުގައި ޖެހިފައިވާ އަޅާ އޭނާގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ދުޢާ ދެންނެވުމުން އެކަލާނގެ ޢަމަލުުކުރައްވާ ގޮތްވެސް އިތުރު ރަސޫލާ صلى الله عليه وسلم ވަނީ ބަޔާންކޮށްދެއްވާފައެވެ. عَنْ سَلْمَانَ الْفَارِسِيِّ عَنْ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - قَالَ: "إِنَّ اللَّهَ حَيِيٌّ كَرِيمٌ، يَسْتَحْيِي إِذَا رَفَعَ الرَّجُلُ إِلَيْهِ يَدَيْهِ، أَنْ يَرُدَّهُمَا صِفْرًا خَائِبَتَيْنِ" (ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އަރިހުން ސަލްމާން އަލްފާރިސީ ރިވާކުރެއްްވިއެވެ. އިތުރު އެކަލޭގެފާނު ޙަދީޘުކުރެއްވިއެެވެ. "ހަމަކަށަވަރުން މާތް ﷲއީ ލަދުވެތިވަންތަ، މާތްވަންތަ ރަސްކަލާނގެއެެވެ. އެކަލާނގެ އަޅާ އެކަލާނގެ ޙަޟްރަތަށް އޭނާގެ ދެ އަތް އުފުލައިފިނަމަ، ހުހަށް، އުއްމީދު ފުރިހަމަކޮށް ނުދެއްވައި އެ ދެ އަތް ރައްދުކުރެއްވުމަށް އެކަލާނގެ ލަދުވެތިވެވޮޑިގަންނަވައެވެ." (އަޙްމަދު، އައްތިރްމިޛީ، އަބޫދާވޫދު، އިބްނުމާޖާ އަދި އަލްޙާކިމު ރިވާކުރައްވާފައިވާ ޙަދީޘެއް)

މާތް ﷲގެ ޙަޞްރަތަށް ދުޢާ ދެންނެވުމުން އެ ދުޢާ އިޖާބަކުރެއްވުމަށް، ދުޢާގައި ހުންނަން ޖެހޭ ޝަރުޠުތަކެއް ވެއެެވެ. ފުރަތަމަ ކަމަކީ އިޚްލާޞްތެރިކަމާ، ދުޢާ އިޖާބަކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަމާއެކު ދުޢާކުރުމެވެ. ދެވަނަ ކަމަކީ އޭނާގެ ނިކަމެތިކަމާއި، ދިމާވެފައިވާ މުޞީބާތް ނުވަދަ ދަތިކަމުގެ ކުރިމަތީގައި އޭނާގެ ނުކުޅެދުންތެރިކަން އިޙްސާސުކޮށް، އޭނާއީ ހުރިހާ ޙާލެއްގައިވެސް މާތް ﷲއަށް ބޭނުންޖެހިފައިވާ މީހެެއްކަމާއި، މާތް ﷲއީ އޭނާ ފިޔަވައި ފުދިވޮޑިގެންވާ ރަސްކަލާނގެކަން ހިތަށް ގެނެސްގަތުމެވެ. ތިންވަނަ ކަމަކީ ޙަރާމް ތަކެތި ކެއުމުން ދުރުހެލިވުމެވެ. އެހެނީ ޙަރާމް ތަކެތި ކައިގެން ހުރި މީހެއްގެ ދުޢާ މާތް ﷲ ޤަބޫލުނުކުރައްވާނެއެވެ. ހަތަރުވަނަ ކަމަކީ އަތް އުފުލައި ދުޢާާކުރުމެވެ. އިސްވެ ދިޔަ ޙަދީޘުގައި އައިސްފައިވާ ފަދައިންނެވެ. ފަސްވަނަ ކަމަކީ  "އަޅުގެެވެރިރަސްކަލާނކޮ! އަޅުގެ ވެރިރަސްކަލާނކޮ!" މިފަދަ ޢިބާރާތަކުން މާތް ﷲއަށް މުޚާޠަބުކުރުމެވެ. ކީރިތި ޤުރްއާނުގައި އައިސްފައިވާ ގިނަ ދުޢާތަކެއްގައި މިފަދައިން އައިސްފައި ވާތީއެވެ.

މުއުމިިނަކު މަތީގައި ބަޔާންވެ ދިޔަ ފަދައިން މާތް ﷲއަށް ދުޢާ ދަންނަވައިފިނަމަ، މާތް ﷲ އޭނާގެ ދުޢާ އިޖާބަކުރައްވާނެއެވެ. އަޭނާ އެދުނު ކަންތައް ވަގުތުން އޭނާއަށް ޙާޞިލުނުވުމީ ދުޢާ އިޖާބަނުކުރެއްވުމެއް ނޫނެވެ. އެހެނީ، މާތް ﷲ ތިން ގޮތަކަށް މުއުމިން އަޅާގެ ދުޢާ އިޖާބަކުރައްވައެެވެ. ފުރަތަމަ ގޮތަކީ އޭނާ އެދޭ ކަމެއް ވަގުތުން އޭނާއަށް ފުރިހަމަ ކޮށްދެއްވުމެވެ. ދެވަނަ ގޮތަކީ ތަންކޮޅެެއް ފަހުން، އޭނާއަށް އެކަން ފުރިހަމަކޮށްދެއްވުމެވެ. ނުވަތަ އޭނާ އެދުނު ކަމަކީ އޭނާއަށް އެންމެ ރަނގަޅު ކަމެއް ކަމުގައި ނުވާނަމަ، އެކަމުގެ ބަދަލުގައި އެހެން ކަމެއް އޭނާއަށް ފުރިހަމަ ކޮށްދެއްވުމެެވެ. ތިންވަނަ ގޮތަކީ އޭނާގެ ދުޢާގެ ބަދަލުގައި އޭނާގެ ހެޔޮކަމުގެ ފަތަށް އިތުރުކޮށްދެއްވައި، ޤިޔާމަތް ދުވަހު އޭނާއަށް ހެޔޮ ބަދަލުދެއްވުމެެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.